މުހައްމަދު އަސްލަމް

13 ނޮވެމްބަރު 2023 - ފެށިގެން

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް, ވިހި ވަނަ ރައީސްގެ މަގާމަށް ރޭ އިންތިހާބު ކުރި މުހައްމަދު އަސްލަމަކީ މި ވަގުތު ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އޭނާ މިހާރު މަޖިލީހުގައި ހޭދަކުރައްވަމުން އަންނަނީ ހަތަރު ވަނަ ދައުރެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރަކަށް މިދިޔަ 20 އަހަރު ވެސް ރައްޔިތުންގެ މަޖިލިހުގައި ހުންނެވި މުހައްމަދު އަސްލަމް ކިޔަވައި ވިދާޅުވީ، ތައުލީމީ އަދި މެނޭޖްމެންޓްގެ ދާއިރާއިންނެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ އަސްލަމަކީ އެ ޕާޓީގެ އިސް ބޭފުޅުން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ.

މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަސްލަމަކީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި ހިސާބުން ފެށިގެން ވަރަށް ގާތް ދެބޭފުޅުންނެވެ. 19 ވަނަ މަޖިލީހުގައި އެންމެ ފުރަތަމަ ރައީސް ކަމަށް ގެންނަން ނަޝީދު މަސައްކަތް ކުރެއްވީ ވެސް އަސްލަމެވެ. ނަމަވެސް, އެންމެ ފަހު ވަގުތު އަމިއްލަ އަށް ރައީސް ކަމާ ހަވާލުވެވަޑައިގެންނެވީ އެވެ.

އޭގެ ހަތަރު އަހަރު ފަހުން މިއަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވިއިރު ސިޔާސީ ގޮތުން އަސްލަމް ވަނީ ނަޝީދަށް ފެޔަށްޖެހިވަޑައިގެންފަ އެވެ. މިހާރު އަސްލަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން އެންމެ އަރިސް ބޭފުޅާ އެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ނުކުންނެވިއިރު ރަނިންމޭޓަކަށް ވެސް އިހްތިޔާރު ކުރެއްވީ އަސްލަމެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ރައީސްގެ ގޮތުން އަސްލަމް ތާރީހުގައި ލިޔެވިގެން ދާނީ ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ 20 ވަނަ ބޭފުޅާގެ ގޮތުގަ އެވެ.

މުހައްމަދު ނަޝީދު

28 މެއި 2019 - 13 ނޮވެމްބަރު 2023

މާލޭގެ މެންބަރުކަން ކުޑަ ދުވަސްކޮޅަކު އަދާކުރެއްވުމަށްފަހު, އެނބުރި ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވީ 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ. މިއީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު މެންބަރެއްގެ ގޮތުގައި ވަޑައިގެންނެވި ފުރަތަމަ ވެސް ފަހަރުމެވެ.

އެމަނިކުފާނު, މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވީ އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު އެމްޑީޕީގެ ތެރޭގައި ވަަރަށް ބޮޑަށް ހިޔާލު ތަފާތުވެ މަސްލަހަތު ގޯސްވި ހިސާބުންނެެވެ. ރައީސް ނަޝީދު އޭރު ނިންމެވީ, އެމަނިކުފާނު ރައީސް ކަމަށް ގެންނަން މަސައްކަތް ކުރެއްވި މެންބަރު މުހައްމަދު އަސްލަމްގެ ބަދަލުގައި ހުދު އަމިއްލަފުޅަށް މަގާމަށް ވަޑައިގަންނަވާށެވެ. އެއީ ޕާޓީގެ ހުރިހާ އެންމެން ވެސް އެމަނިކުފާނު އެ މަގާމަށް އަންނަން ދެކޮޅު ނަހަދާނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް, ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ނަޝީދު ވަނީ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދަވާފަ އެވެ. އެއާއެކު އެމަނިކުފާނު އެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފެށި އެވެ. ނަމަވެސް, ނަޝީދު އެހާ ފަސޭހައިން ދޫނުދެއްވުމުން އެކަން ދިގުލައިގެންދިޔަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނެގިއެވެ. އިންތިހާބަށްފަހު އަލުން މައްސަލަ ހުށަހަޅައިގެން ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އެއާއެކު, އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ވެއްދިއެވެ. އެ މައްސަލާގެ ހުކުމާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން މަޖުބޫރުވިއެވެ. މިފަހަރު އަމީންއާންމު ވެސް އެކަމުގައި ދޫނުދެއްވުމުން, އެންމެ ފަހުން މަޖިލީހުގެ މަސްލަހަތު ވަރަަށް ބޮޑަށް ގޯސްވެ, ޑިމޮކްރެޓްސް މެންބަރުންނަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވުމުން ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.

ގާސިމް އިބްރާހިމް

1 ނޮވެމްބަރު 2018 - 27 މޭ 2019

ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވަނީ ވަރަށް މަދު ދުވަސްކޮޅަކު އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ އެކު, އޭރުގެ މަޖިލީހުގެ ރައީސް އަބްދުالله މަސީހު އިސްތިއުފާ ދެއްވުމުންނެވެ. ގާސިމް ރައީސް ކަމުގައި އިންނެވީ ނޮވެމްބަރު މަހު ފެށިގެން އޭޕްރީލް މަހު އޮތް މަޖިލީހުގެ އިންތިހާބާ ހަމައަށެވެ. ނަމަވެސް, އޭނާ އަކީ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި, މަޖިލީހުގައި ވަރަށް ގިނަ ދުވަސްވީ މެންބަރެކެވެ.

އަބްދުالله މަސީހު

27 މޭ 2014 - 1 ނޮވެމްބަރު 2018

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުالله މަސީހަކީ, ވަރަށް ހަލަބޮލި މަޖިލީހެއްގައި ރިޔާސަތު ބެލެހެއްޓެވި ބޭފުޅެކެވެ. އޭރުގެ ސަރުކާރުގެ ދިފާއުގައި މަޖިލީހުގައި ވަރަށް ގިނަ ކަންކަން ކޮންޓްރޯލް ކުރެއްވިއެވެ. މަޖިލީހަށް ސިފައިން ވަދެ, މެންބަރުން ނެރުމާއި, މަޖިލީހުގައި ތަޅު އަޅުވައި މެންބަރުންނަށް ނުވަދެވޭ ގޮތް ހެދުމާއި މަޖިލިސް ފާރުމަތިން މެންބަރުން ނެރުނު ފަދަ ކަންކަން މަސީހުގެ ރިޔާސަތުގައި ހިނގާފައިވެ އެވެ. މަޖިލީހުގެ ރިޔާސަތު ވަށައިގެން ބޮޑު ފާރެއް ނެގީ ވެސް މަސީހުގެ ރިޔާސަތުގައެވެ.

އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ ކުރިއަށް ނުގެންގޮސް ވެސް ވަރަށް ގިނަ ދުވަހު ހިފެހެއްޓިއެވެ. އޭގެ ސޮއިކޮށް, އިސްކޮށް އުޅުނު ބައެއް އެކި ތުހުމަތުގައި ހައްޔަރު ވެސް ކުރިއެވެ. އެންމެފަހުން މަސީހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުالله ޔާމީން ނާކާމިޔާބުވުމާ އެކު އެވެ. އޭނާ އަކީ މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރެއް ނަމަވެސް, ރައީސްކަން ދޫކޮށްލެއްވުމަށްފަހު މަޖިލީހަށް ވަޑައިނުގަންނަވަ އެވެ. އަދި އެއާ ޖެހިގެން އައި މަޖިލިސް އިންތިހާބުގައި ވާދައެއް ވެސް ނުކުރައްވަ އެވެ.

އަބްދުالله ޝާހިދު

28 މޭ 2009 - 28 މޭ 2014

17 ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުالله ޝާހިދު އެ މަގާމަށް ވަޑައިގެންނެވީ ޑީއާރްޕީންނެވެ. އޭނާ އަކީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދުގެ ހުވާ ކުރެއްވުމުގެ ކަންކަން ކުރެއްވި މަޖިލީހުގެ ރައީސް އެވެ. އަދި އެއަށްފަހު އައި ހަލަބޮލި ދުވަސްތަކުގައި ވެސް ރިޔާސަތު ބެލެހެއްޓެވި އެވެ. ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވަން މަޖިލީހަށް ވަޑައިގެންނެވި ކޮންމެ ފަހަރަކީ ވެސް މަޖިލީހުގެ ނިޒާމް ވަރަށް ބޮޑަށް ގެއްލުނު ދުވަހެކެވެ. އެ ދުވަސްތަކުގައި ރިޔާސަތުގައި އިންނެވީ ޝާހިދެވެ.

އޭގެފަހުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ޝާހިދު 18 ވަނަ މަޖިލީހުގައި އިންނެވި އެވެ. އެ ފަހުން މަޖިލިސް މެންބަރުކަން ދޫކޮށްލައްވައި މިހާރު ހުންނެވި ފޮރިން މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވިއެވެ.

މުޙަންމަދު ޝިހާބު

12 އޯގަސްޓު 2008 - 28 މޭ 2009

އަޙްމަދު ޒާހިރު

13 ސެޕްޓެމްބަރު 2004 - 6 އޯގަސްޓު 2008

ޢަބްދުﷲ ޙަމީދު

11 ނޮވެމްބަރު 1993 - 13 ސެޕްޓެމްބަރު 2004

އަޙްމަދު ޒަކީ

22 ފެބްރުއަރީ 1990 - 11 ނޮވެމްބަރު 1993

ޢަބްދުﷲ ޙަމީދު

14 ފެބްރުއަރީ 1988 - 22 ފެބްރުއަރީ 1990

އިބްރާހީމް ޝިހާބު

11 ނޮވެމްބަރު 1982 - 15 ޖެނުއަރީ 1988

އަޙްމަދު ޝާޠިރު

1 އޯގަސްޓު 1972 - 11 ނޮވެމްބަރު 1982

އަޙްމަދު ޒަކީ

3 އޮކްޓޯބަރު 1959 - 1 އޯގަސްޓު 1972

އިބްރާހީމް ފަރީދު ދީދީ

1 މާރިޗު 1954 - 3 އޮކްޓޯބަރު 1959

މަލިން މޫސާ މާފަތްކަލޭގެފާނު

13 އޭޕްރީލު 1952 - 21 އޮކްޓޯބަރު 1953

މުޙަންމަދު ނަސީރު މަނިކު

12 އޭޕްރީލު 1948 - 12 އޭޕްރީލު 1952

ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު

8 ނޮވެމްބަރު 1945 - 3 މާރިޗު 1948

އިބްރާހީމް ޢަލީ ދީދީ

30 އޮކްޓޯބަރު 1944 - 7 ނޮވެމްބަރު 1945

އަޙްމަދު ކާމިލް ދީދީ

27 ޖޫން 1942 - 29 އޮކްޓޯބަރު 1944

އަލްއަމީރު މުޙަންމަދު ފަރީދު ދީދީ

21 އޮކްޓޯބަރު 1933 - 25 ޖޫން 1942