ވެރިކަން ބަދަލުވެ, ގައުމަށް އާ ރައީސަކު ލިބޭ ކޮންމެ ދަނޑިވަޅަކީ ވެސް އުންމީދުން ފުރިގެންވާ އީދެއް ގެނެސްދޭ ބޮޑު ހަފުލާއެކެވެ. އޭރަކު އޮންނަ އެންމެ ކުލަގަދަ އެންމެ ބޮޑު ހަފުލާއެވެ. އެތައް ރައްޔިތުންނެއްގެ ނަޒަރު ހުއްޓޭ އެ ވަރުގަދަ ހަފުލާއެވެ. މިއިން ކޮންމެ ހަފުލާއަކީ ވެސް އޭގެ ޒާތުގައި ތަފާތު ހަފުލާއެކެވެ. އެގޮތުން މި ބަލާލަނީ ރާއްޖޭގެ ރައީސުން ހުވާ ކުރެއްވި ރަސްމިއްޔާތުތަކަށެވެ.
ރައީސް އަމީން
1953 ގެ ޖަނަވަރީ 1
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އާއި އެމަނިކުފާނުގެ ނައިބު ރައީސް އިބްރާހީމް މުޙައްމަދު ދީދީގެ ހުވާ ކުރެއްވުން އޮތީ ދާރުލްއުލޫމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ހެނދުނު 10:00 ގައި އޮތް ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ޖަލާލުއްދީނެވެ.
ރައީސް ނާސިރު
1968 ގެ ނޮވެމްބަރު 11
ރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަށް ބަދަލުކޮށް ވެރިކަމަށް ވަޑައިގެންނެވި, އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު, ރައީސް ކަމުގެ ހުވާ ކުރެއްވީ 11 ނޮވެމްބަރު 1968 ވަނަ ދުވަހުގެ 00:00 ގައެވެ. އެ ރަސްމިއްޔާތު އޮތީ ނާދީ ތަމައްދުން, އޭރުގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
އެމަނިކުފާނު ދެވަނަ ދައުރަކަށް ހުވާ ކުރެއްވީ ވެސް ނާދީ ތަމައްދުންގައި 11 ނޮވްމެބަރު 1973 ވަނަ ދުވަހުގެ 00:00ގައެވެ.
ރައީސް މައުމޫން
1978 ގެ ނޮވެމްބަރު 11
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް, ރައީސް މައުމޫން އަބްދުއްގައްޔޫމް އެންމެ ފުރަތަމަ ދައުރުގެ ރައަީސް ކަމުގެ ހުވާ ކުރެއްވީ ނާދީ ތަމައްދުންގައެވެ. އެ ރަސްމިއްޔާތު އޮތީ 11 ނޮވެމްބަރު 1978 ވަނަ ދުވަހުގެ 00:00ގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެކެވެ.
ރައީސް މައުމޫންގެ އަނެއް ފަސް ދައުރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވީ ކޮންމެ ދައުރެއް ފެށޭ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.
1983 ވަނަ އަހަރު ޖަލްސާ ބޭއްވީ މާލޭ ހިއްކި ބިމުގައެވެ. 1988 ވަނަ އަހަރު ޖަލްސާ ބޭއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. 1993 ވަނަ އަހަރު ހުވާ ކުރުމުގެ ޖަލްސާ ބޭއްވީ ދަރުބާރުގޭގައެވެ. 1998 އަދި 2003 ވަނަ އަހަރު ހުވާ ކުރުމުގެ ޖަލްސާ ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
ރައީސް ނަޝީދު
2008 ގެ ނޮވެމްބަރު 11
މަލްޓި ޕާޓީގެ ނިޒާމެއް ގެނެސް ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ދަރުބާރުގޭގައެވެ. އެ ރަސްމިއްޔާތު އޮތީ 11 ނޮވެމްބަރު 2008 ވަނަ ދުވަހުގެ ހެނދުނެވެ.
މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ރާއްޖޭގައި އާ ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސްއަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ރައީސްއާ އެކު ނައިބު ރައީސް ވެސް ހުވާ ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދުގެ ނައިބަކީ ޑރ. މުހައްމަދު ވަހީދެވެ.
ރައީސް ވަހީދު
2012 ގެ ފެބުރުއަރީ 7
ދައުރުގެ މެދު ތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަން އޭރުގެ ނައިބު ރައީސް, ރައީސް ވަހީދަށް ފުރޮޅުނެވެ. އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވީ ވަރަށް ކުޑަ ހަފުލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ވަރަށް ކުއްލި ގޮތަށް ބޭއްވި އެ ހުވާ ކުރެއްވުމުގެ ހަފުލާއަކީ މަޖިލީހުގެ ޖަލްސާއެއް ނޫނެވެ. ނަމަވެސް ހުވާ ކުރެއްވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުالله ޝާހިދުގެ ކުރިމަތީގައެވެ.
ރައީސް ޔާމީން
2013 ގެ ނޮވެމްބަރު 17
ވާދަވެރި ރިޔާސީ އިންތިހާބަކަށްފަހު, އަދި ވެރިކަން ފަށަން ޖެހޭ ދުވަހަށް އިންތިހާބު ނިންމާނުލެވި އޮތް ދަނޑިވަޅެއްގައި ރައީސް ކަމުގެ ހުވާ, ރައީސް އަބްދުالله ޔާމީން ކުރެއްވީ 17 ނޮވެމްބަރު 2013 ގައެވެ.
އެ ރަސްމިއްޔާތު އޮތީ ދަރުބާރުގޭގައި އެ ދުވަހު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައެވެ.
ރައީސް ސޯލިހު
2018 ގެ ނޮވެމްބަރު 17
މިހާތަނަށް އެންމެ ތަފާތު ހަފުލާއެއްގައި ރައީސް ކަމުގެ ހުވާ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއީ ހަވީރުގެ ވަގުތުގައި ރައީސް ކަމުގެ ހުވާ ކުރެއްވި ފުރަތަމަ ރައީސް އެވެ.
ރަސްމިއްޔާތު އޮތީ 17 ނޮވެމްބަރު 2018 ވަނަ ދުވަހުގެ ހަވީރު 4:30 ގައި ގަލޮޅު ބޯޅަދަނޑުގައެވެ. އާންމުންނަށް ވެސް ހުޅުވާލައިގެން އަދި ގިނަ އަދަދެއްގެ އިއްޒަތްތެރިންނާ އެކު ބޭއްވި މި ހަފުލާ އަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށް ދަނޑު ތައްޔާރު ކުރުމަށް ބޮޑު ހަރަދެއް ވެސް މަޖިލީހުން ކޮށްފައިވެއެވެ.
ރައީސް މުއިއްޒު
2023 ގެ ނޮވެމްބަރު 17
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ހަވީރުގެ ވަގުތުގައެވެ. ނަމަވެސް އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މީގެކުރިން އެއްވެސް ރައީސްއަކު ހުވާ ކުރައްވާފައި ނުވާ, ޖުމްހޫރީ މައިދާނުގައެވެ.
ތާރީހީ ގިނަ ހާދިސާތަކާ ވެސް ގުޅިފައިވާ ޖުމްހޫރީ މައިދާނުގައި ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ 17 ނޮވެމްބަރު 2023 ވަނަ ދުވަހު ހަވީރު 4:00 ގައި ފަށާ މަޖިލީހުގެ ޖަލްސާގައެވެ.
މި ޖަލްސާގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް 22 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.