1978 ވަނަ އަހަރު، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ރައީސް މައުމޫން އަބްދުއްގައްޔޫމް ހުވާކުރެއްވިއެވެ. އެ ދުވަހު ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު ކުރުވެފައި ސާދާއެވެ. ނަމަވެސް، އޭގެ އެއް އަހަރު ފަހުން އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރު ފުރުނު، ރާއްޖޭގެ 12 ވަނަ ޖުމްހޫރީ ދުވަހު ވަރަށް ދިގު ތަގުރީރެއް ރައީސް މައުމޫން ދެއްވިއެވެ.
އެ ދިގު ތަގުރީރުގައި އެމަނިކުފާނު އަލިއަޅުވާނުލައްވާ ދާއިރާއެއް ނެތެވެ. ނަމަވެސް، އޭގެން އެންމެ ބޮޑަށް މިއަދު ފާހަގަކުރެވެން އޮތް ކަމަކީ، ރައްޔިތުންނާ އަމާޒު ކުރެއްވި ގިނަ ސުވާލުތަކަކުން ރައީސް މައުމޫން ދޭން ބޭނުންފުޅުވި މެސެޖެވެ. ރައީސް މައުމޫން އެ ސުވާލުތަކުން އިރުޝާދު ދެއްވީ އެއް އަހަރު ނިމި، އާ އަހަރެއް ފެށޭއިރު ހޯދަންވީ ފިލާވަޅުތަކެވެ.
"އެއްއަހަރު ފާއިތުވެ އަނެއް އަހަރަކާ ކުރިމަތިލާ ވަގުތަކީ ވޭތުވެދިޔަ އަހަރުގައި ހިނގައިދިޔަ ކަންތައްތަކާއި ކުރެވުނު މަސައްކަތްތަކާއި އެޅުނު ފިޔަވަޅުތަކަށް ކުރިމަތިވި ހުރަސްތަކަށް، މިހުރިހާ ކަމަކާ ދޭތެރޭގައި ވިސްނުމުގެ ނަޒަރު ހިންގައި ހިސާބުކޮށްލުމަށް އެކަށީގެންވާ ވަގުތެއްކަން ކަށަވަރު. މިގޮތުން މިވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރެވުނު ކަންތަކާއި ނުކުރެވިހުރި ކަންތަކާއި، ކުރެވުނު ކަންތައްތައް ކުރެވުނު ފެންވަރާއި، މިކަންކަމާމެދު ވިސްނައި ހިސާބު ނެގުމަކީ ހަމައެކަނި އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ކުރަންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި އެފަދަ ހިސާބެއް ނެގުމަކީ ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑު ދެކެން،" ރައީސް މައުމޫން ވިދާޅުވިއެވެ.
"ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ހިތާ ސުވާލުކުރަންވެއްޖެ." ރައީސް މައުމޫންގެ ސުވާލުތައް ފެއްޓެވިއެވެ.
ރައީސް މައުނޫންގެ ފުރަތަމަ ސުވާލަކީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި ފާއިތުވި 366 ދުވަހުގެ ތެރޭގައި ތިމާއަށް ކުރެވުނީ ކޮންކަމެއްތޯ؟ ތިމާގެ ވާޖިބު އަދާކުރެވުނީ ކިހާ މިންވަރަކަށްތޯ ބެލުމެވެ.

އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުން، ފުރަތަމަ ދަރުބާރު 11 ނޮވެމްބަރ 1978
އެއަށްފަހު، ތިމާގެ ޤައުމަށްޓަކައި ތިމާ ދިރިއުޅޭ ޖަމާޢަތަށްޓަކައި ކުރެވުނީ ކޮންކަމެއްތޯ؟ އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީގޮތުން ޤައުމު ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއްގައި ތިމާއަށް ބައިވެރިވެވުނުތޯ؟
ތިމާއަކީ، ސަރުކާރުގެ މުވައްޒަފަކު ކަމުގައިވާނަމަ، ތިމާއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރެވުނީ ކޮން ފެންވަރެއްގައިތޯ؟ ތިމާގެ ދާއިރާގައި ޢާންމުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް މަސައްކަތް ކުރެވުނުތޯ؟ ތިމާއަށް ނޭދެވޭ ގޮތަކަށް އެއްވެސް ކަމެއް ކުރެވިފައިވޭތޯ؟
ތިމާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ބޭނުމެއް ފުއްދިފައިވޭތޯ؟ އެއްވެސްކަހަލަ ޚިޔާނަތެއް ވެވިފައިވޭތޯ؟
ތިމާއަކީ، ވިޔާފަރިވެރިއެއްނަމަ، ޢާންމު ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ވިޔަފާރި ހިންގިފައިވޭތޯ؟ ޚާއްޞަކޮށް ކާބޯތަކެތި، ސަރުކާރުން ކަނޑައަޅާ އަގުގައި ޢާންމުންނަށް ދައްޗެއް ނެތި ލިބޭ ގޮތަށް ވިޔަފާރި ކުރެވިފައިވޭތޯ؟
ތިމާއަކީ، މަސްވެރިއެއް ކަމުގައިވާނަމަ، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ކިތައް ދުވަހު މަހަށް ދެވިފައިވޭތޯ؟
ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެ މޭރުމުން ކޮންމެ މީހަކުވެސް އެމީހެއްގެ ހިތާ މި ސުވާލުކުރުން އެއީ ވަރަށް ބޭނުންތެރިކަމެކެވެ. އެއީ ތިމާއަށް ކުރެވިފައިވާ މަސައްކަތް ވަޒަންކުރުމަށްޓަކައި އަދި އެ މަސައްކަތް ކުރެވުނީ ކިހާ ފެންވަރަކަށްތޯ ބެލުމަށްޓަކައެވެ. މަސައްކަތް ނުކުރެވުނުނަމަ ނުކުރެވުނީ ކީއްވެތޯ ބެލުމަށްޓަކައި އަދި ތިމާގެ މަސައްކަތަށް ހުރަސްއެޅީ ކޮންކޮން ކަންކަމެއްތޯ ދެނެގަތުމަށްޓަކައެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތިމާއަށް އިތުރު މަސައްކަތެއް ޤައުމަށްޓަކައި، ޖަމާޢަތަށްޓަކައި ކުރެވެން އެބައޮތްތޯ ބެލުމަށްޓަކައި ކަމަށް ރައީސް މައުމޫން ތަގުރީރުގައި ވިދާޅުވިއެވެ.
"މި ސުވާލުތައް އަޅުގަނޑުމެންގެ ތެރެއިން، މިރޭ ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަހިތާ ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ މިދެންނެވި ސަބަބަށްޓަކައި." ރައީސް މައުމޫން ވިދާޅުވިއެވެ.
"އެއްއަހަރު ފާއިތުވެގެން އަނެއް އަހަރަކަށް ކުރިމަތިލާ ވަގުތަކީ ކުރީ އަހަރުގެ ހިސާބު ނެގުމުގެ ވަގުތެކޭ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވިފައިވާ ކަންތައްތައް ބަލައި، އެކަމުގެ ހިސާބެއް ނަގަންވާނެއޭ."
އޭގެފަހުން ރައީސް މައުމޫން ވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭ އެކި ދާއިރާތަކުން ކުރެވުނު މަސައްކަތްތަކާއި ގެނެވުނު ކުރިއެރުންތަކާއި ހިންގުނު މަޝްރޫއުތަކުގެ ތަފްސީލަށް ވަޑައިގެންފައެވެ.
"އެވާހަކަތައް އަޅުގަނޑު މިދަންނަވަނީ ފަހަރެއްގައިވެސް މާރަނގަޅު ކަންތައްތަކެއް ކުރެވިފައި ހުރެގެނެއްނޫން. މާމޮޅު ކަންތައްތަކެއް ކުރެވިއްޖެ ކަމަށް އަޅުގަނޑުގެ ހިތަށް ވަދެގެނެއް ނޫން. އެހެންނަމަވެސް ކުރެވުނުނަމަ ކުރެވިފައިވާ ކަމަކީ ރައްޔިތުންނަށް އޭގެ މަޢުލޫމާތު ސާފުކޮށް އެނގެންޖެހޭނެ ކަމަކަށް ވާނެކަމަށް އަޅުގަނޑަށް ފެންނާތީ،" އެ ވާހަކަ ފައްޓަވަމުން، ރައީސް މައުމޫން ވިދާޅުވިއެވެ.
"މިކަހަލަ ކަންތައްތަކާ ދޭތެރޭގައި ރާއްޖޭގެ ރައްޔިތުން ވިސްނެވުމަށްޓަކައި އަޅުގަނޑު މި ވާހަކަކޮޅު މިދަންނަވައިލަނީ."
"ބަޣާވާތުން" ރައީސް މައުމޫނަށް ކުރެވުނު ތަޖުރިބާ
ރައީސް މައުމޫންގެ ދިގު ތަގުރީރުގައި އަމިއްލައަށް ކުރެއްވި ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރެއްވިއެވެ. އެންމެ މުހިންމު އަދި އެންމެ ވަރުގަދަ ތަޖުރިބާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ފުރަތަމަ އަހަރު ތެރޭ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ހިންގަން އުޅުނު ބަޣާވާތޭ ބުނާ ހާދިސާއަށެވެ.
އޭރު ތުހުމަތު ކުރި ގޮތުގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުކޮށް އަލުން ވެރިކަން ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރު މަސައްކަތެއް ކުރެއްވީއެވެ. ރައީސް ނާސިރުގެ ވެރިކަމުގައި މިނިސްޓަރުކަން ވެސް ކުރެއްވި ރައީސް މައުމޫން އާއި ރައީސް ނާސިރުއާ ދެމެދު ގުޅުން ގޯސްވި ހިސާބަކީ އެއީއެވެ.
ރައީސްކަން ލިބިވަޑައިގެން ފުރަތަމަ ދެއްވި ތަގުރީރުގައި ރައީސް ނަސީރަށް ރައީސް މައުމޫން ޝުކުރު އަދާކުރެއްވި ނަމަވެސް، އެއް އަހަރު ތެރޭ އެކަން މުޅިން ބަދަލުވެ، ފުރަތަމަ ޖުމްހޫރީ ދުވަހުގެ ތަގުރީރުގައި ރައީސް ނާސީރުގެ ނަންފުޅު ވެސް ގެންނަވާފައިނުވެއެވެ.
"ސިޔާސީގޮތުން މިވޭތުވެދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހުނު އެންމެ ވަރުގަދަ ތަޖުރިބާއަކީ، ބަޣާވާތުގެ ނަމުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު މަޝްހޫރުވެފައިމިވާ ކަންތައް. އެކަމުގެ ރޭވުންތައް ކިތަންމެ ނުރައްކަލަސް اللّهގެ ދަރުމަވަންތަކަމުން އެކަންތައްގަނޑު ނިމިގެންދިޔައީ އޮމާންކަމާއި އަދި އަމާންކަމާއެކު،" ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެއްވެސް ދިވެއްސެއްގެ އެންމެ ލޭތިއްކެއްވެސް އޮހޮރުމަކާ ނުލައި، އަޅުގަނޑުމެންގެ ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމަށް ކުޑަވެސް އުނިކަމެއް ނުލިބި."
ރައީސް މައުމޫން ވަނީ ދައުލަތުގެ ނަމުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެއަޑިން ޝުކުރު ދަންނަވާފައެވެ. ސަބަބަކީ ރައީސް މައުމޫން ވިދާޅުވީ ނުބައި ރޭވުންތައް ނާކާމިޔާބުވެގެން ދިޔައީ ރައްޔިތުންގެ ހޭލުންތެރިކަން ހުރި މިންވަރުންނާއި އަދި ރައްޔިތުން ސަރުކާރަށް ދެއްވި މަތިވެރި ތަރްޙީބާއި ތާއީދުގެ ސަބަބުން ކަމަށްވާތީ ކަމަށެވެ.
ރައްޔިތުން މިކަންތަކުގައި އެ ދެއްކެވި މިސާލުތަކަކީ، އަދި އެފާޅުކުރެއްވި މަތިވެރި ޤައުމީ ޝުޢޫރުތަކަކީ، ތާރީޚުގައި އަބަދުގެ އަބަދަށް ރަންއަކުރުން ލިޔެވިގެންދާނެ އެއްޗެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"މި ނުރައްކާތެރި ރޭވުމުން އަޅުގަނޑުމެންނަށް ލިބެންވީ ފިލާވަޅުތަކެއް އެބައޮތް. އެންމެބޮޑު ފިލާވަޅަކީ އަޅުގަނޑުމެން އަބަދުވެސް ހޭލައި ތިބެންޖެހޭނެކަން. އެއްވެސް ޙާލެއްގައި ހުރިހާކަމެއް ހަމަޖެހިގެން އޮމާންކަމާ އެކުގައި ހިނގަމުންދާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތުގައި ބާއްވައިގެން ނުވާނެކަން. ކިތަންމެ ފުރިހަމަ އިތުބާރެއް ރައްޔިތުން ސަރުކާރަށް ދެއްވި ކަމުގައިވިޔަސް، އެ ނުބައި ރޭވުން ރާވާ މީހުންގެ ރޭވުންތައް އަދިވެސް ކުރިއަށް ހިނގައިދާނެކަމުގެ ފުރްޞަތު އޮންނާނެ." ރައީސް މައުނޫން ވިދާޅުވިއެވެ.
"އެހެންވުމާއެކުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަންކަމަށް ރަނގަޅަށް ވިސްނަވައިގެން ތިއްބެވުން."
ރައީސް މައުމޫން ވިދާޅުވީ ހުރިހާ ރޮނގުރޮނގަށް، އެކަށީގެންވާ ވަރަށް ވިސްނަންޖެހޭ ކަމަށް
ސިޔާސީ ހަލަބޮލިކަމާ އެކު ވެސް ރައީސް މައުމޫން ވިދާޅުވީ އެ އަހަރު ތެރޭގައި ޤައުމުގެ ކުރިއެރުމަށް ތަފާތު މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި ތަފާތު މަސައްކަތްތައް ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުން ގެންދިޔަ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އުފާވެރި މުޖްތަމަޢެއް އޭގެމައްޗަށް ބިނާވާންޖެހޭ މުހިންމު ރޮނގުރޮނގުގެ މައްޗަށް އެކަށީގެންވާ ވަރަށް ވިސްނަންޖެހޭނެ. އެ ހުރިހާ ރޮނގުރޮނގަށް، އެކަށީގެންވާ ވަރަށް ވިސްނުން ނުބެހެއްޓިއްޖެނަމަ، ވަރަށް ހިތި ނަތީޖާތަކަކާ ކުރިމަތިލާންވެސް ޖެހިދާނެ." ރައީސް މައުނޫން ވިދާޅުވިއެވެ.
"މިސާލަކަށް ހުރިހާ ކުރިއެރުމަކީ، އިޤްތިޞާދީ ކުރިއެރުން ކަމުގައި ބެލިއްޖެނަމަ، ހުރިހާ ތަރައްޤީއަކީ، ފައިސާއާއި މުދަލުގެ ތަނަވަސްކަން ކަމުގައި ބެލިއްޖެނަމަ، ރޫޙާނީ ކަންތައްތަކާއި ޤައުމީ ކަންތައްތައް އިހުމާލު ކޮށްލެވިދާނެ."
ރައީސް މައުމޫން ވިދާޅުވީ އިޤްތިޞާދީ ކުރިއެރުމަކީ، ޤައުމެއްގެ ތަރައްޤީގެ އެންމެ ވަރުގަދަ ބިންގާ އަދި އިޤްތިޞާދީ ގޮތުން ނިކަމެތި ދަތި ޙާލެއްގައި ތިބެގެން އެހެން ކަންތައްތައްވެސް އިޞްލާޙެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ޙަޤީޤަތުގައި މަދަނިއްޔަތާއި ތަހުޒީބުގެ މަގުގައި ތަނެއް ކުރިއަރަމުންދާކަމަށް ބެލޭނީ، އެތަނެއްގައި އިންސާނީވަންތަކަމުގެ އުސޫލުތަކަށްވެސް ސަމާލުކަން ދެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރޫޙާނީ ސިފަތަކަށް އިސްކަންދީގެން އަދި ޢިލްމުތަކާއި ފަންނުތައް، ވީހާ ފުޅާ ދާއިރާއެއްގައި ފެތުރުމަށް މަސައްކަތް ކުރެވިގެން ކަމަށް ވިދާޅުވިއެވެ. އަދި ތަނުގެ ޤައުމިއްޔަތާއި ތަޤާފަތް ދިރުވައި އާލާކުރުމަށް ބާރުއެޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ނިންމާލެއްވީ ރައްޔިތުންގެ ނަސްރާއި ނަސީބަށް އެދިވަޑައިގަންނަވަމުން
ދިގު ތަގުރީރު ނިންމާލައްވަމުން ރައީސް މައުމޫން މުހިންމު ކަންތައްތަކަށް ދުއާ ކުރެއްވިއެވެ. ރާއްޖޭގެ މި ރީތި ރަށްތަކަކީ އަބަދުވެސް އޭގެ ރީތިކަމަށާއި ސާފުކަމަށް މީހުން ތަޢުރީފުކުރާ ރަށްތަކެއް ކަމުގައި ލެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުތަކަކީ އަބަދުވެސް ރޯދި ބަރަކާތުގެ ގޮތުން މުއްސަނދި ކަނޑުތަކެއް ކަމުގައި ވުމަށްއެދި ދުޢާކުރެއްވިއެވެ.
"ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ނަޞްރާއި ނަޞީބަށް އެދެމުން." ރައީސް މައުމޫން ތަގުރީރު ނިންމަވާލެއްވިއެވެ.