ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވަކީލުންގެ ފަރާތުން އިންނެވި މެންބަރު އަބްދުއް މާނިއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކޮށްފިއެވެ. މިކަން ހިނގައިދިޔަ ގޮތާއި މުއްދަތުތަކަށް ބަލާއިރު, މިއީ އަދާޔާ ހިލާފަށް, އަވަސް އުސޫލަކުން ކޮށް ނިންމާލި ކަމެއް ދޭހަވެއެވެ. މިއީ އޭގެ ޓައިމްލައިނެވެ.
ފަނޑިޔާރު ޝަކީލް ރިޓަޔާކުރައްވަން ނިންމުން
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވަރަށް ފަހުން އައްޔަންކުރި އަހުމަދު ޝަކީލް, ފަނޑިޔާރު ކަމަށް ރިޓަޔަކުރައްވަން އަމިއްލަ އަށް ހުށަހެޅުމުން އެ ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ 1 ނޮވެމްބަރުގަ އެވެ. އެއާ އެކު, ޝަކީލް ރިޓަޔަކުރެއްވުމާ އެކު ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވި އެވެ. ޝަކީލް ރިޓަޔަ ކުރެއްވީ 15 ނޮވެމްބަރުގަ އެވެ.
ފަނޑިޔާރު ކަމަށް ހުޅުވާލުން
ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވާތީ އެ މަގާމަށް ހުޅުވާލީ 5 ނޮވެމްބަރުގަ އެވެ. ކުރިމަތިލުމުގެ ސުންގަނޑިއަކީ 12 ނޮވެމްބަރެވެ. ރަސްމީ ހަ ދުވަހެވެ. ހަފުތާއެކެވެ.
ޖޭއެސްސީގެ މެންބަރު ކަމުން މާނިއު އިސްތިއުފާ ދެއްވުން
ޖޭއެސްސީގެ މެންބަރުގެ ގޮތުގައި އިންނެވި މާނިއު އެ މަގާމުން އިސްތިއުފާ ދެއްވީ 12 ނޮވެމްބަރުގަ އެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތް ދުވަހު, ސުންގަނޑި ޖެހުމުގެ ކުރިންނެވެ.
ފަނޑިޔާރުކަން މާނިއު ދޭން ނިންމުން
މާނިއު އަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ދޭން އޭނާ އިންނެވި, ޖޭއެސްސީން ނިންމީ 15 ނޮވެމްބަރުގަ އެވެ. އެއީ ޝަކީލް އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ. މަގާމު ހުސްވީ އެ ދުވަހު އެވެ. މި ނިންމުން ޖޭއެސްސީން ނިންމީ 12 ވަނަ ދުވަހު މުއްދަތު ހަމަވުމާ އެކު އެންމެ ތިން ދުވަސް ތެރޭގަ އެވެ. ޖޭއެސްސީން މި ނިންމުން ނިންމީ އިންޓަވިއުކޮށް މަރުހަލާތައް ނިންމައިގެންނެވެ. މާނިއުގެ އިތުރުން ފަސް ބޭފުޅަކު ކުރިމަތިލެއްވިއެވެ.
ފަނޑިޔާރު ކަމަށް އައްޔަންކުރުން
ޖޭއެސްސީން ނިންމުން ނިންމިތާ 24 ގަޑިއިރު ތެރޭ މާނިއު ވަނީ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައެވެ. އެއީ 16 ނޮވެމްބަރުގަ އެވެ. އެއީ ސަރުކާރު ބަދަލުވާން އެއް ދުވަހަށްވެފައިވަނިކޮށެވެ.
އާދަޔާ ހިލާފު މުއްދަތުތަކެއް
އެންމެ ދެ ހަފުތާގެ ތެރޭގައި މާނިއު އަށް ފަނޑިޔާރު ކަން ދޭން ޖޭއެސްސީން ނިންމި ނިންމުމަކީ އާދަޔާ ހިލާފަށް ކުރި ކަމެއްކަން ސާފު ވަނީ މިފަދަ ކަންކަމުގައި ޖޭއެސްސީން މީގެކުރިން އަމަލުކޮށްފައިވާ މުއްދަތުތަކަށް ބަލާލީމަ އެވެ.
މީގެ ހެއްކަކަށް ފަނޑިޔާރު ހާތިފް ހިލްމީ އާއި ޝުއައިބު ހުސެއިން ޒަކަރިއްޔާ ރިޓަޔަ ކުރެއްވުމުން ޖޭއެސްސީން އަމަލުކުރި މުއްދަތުތަކަށް ބަލާލާނަމެވެ.
މި ދެ މަގާމުން ހުސްވުމުން ކުރިމަތިލާން ހުޅުވާލީ ވަކިވަކިންނެވެ. އެގޮތުން ހާތިފް ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެ މަގާމަށް ހަމަ އެ ދުވަހު ކުރިމަތިލާން ހުޅުވާލިއެވެ. އެއީ އެ މަގާމު ހުސްވުމާ އެކު އެވެ. އޭގެ ކުރިން އިއުލާން ނުރެ އެވެ. ޝުއައިބު ރިޓަޔާ ކުރެއްވީ 22 ވަނަ ދުވަހު އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އޭގެ އެތައް ދުވަހެއް ފަހުން 16 ޖުނުއަރީ 2023 ގައެވެ. ސުންގަނޑި އަކީ 30 ޖުނުއަރީ އެވެ. އެންމެ ފަސް ދުވަހެއް ނޫނެވެ.
ހާތިފްގެ މަގާމު ހުސްވުމުން ކުރި އިއުލާންގެ ސުންގަނޑިއަކީ 30 ނޮވެމްބަރެވެ. އެއީ ވެސް އެންމެ ފަސް ދުވަހުގެ ސުންގަނޑިއެއް ނޫނެވެ. އަދި ޖޭއެސްސީގެ ޓްވިޓާ އިން ފެންނަން ހުރި ގޮތުގައި އިއުލާންގެ މުއްދަތު ހަމަވާކަން ވެސް އަންގައި ވަކިން ޓްވީޓްކޮށްފައިވެއެވެ.

16 ޖުނުއަރީ 2023 ގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު ވެސް ވަނީ ހާމަކޮށްފައެވެ. އެއީ މުއްދަތު ހަމަވި ދުވަހުއެވެ. މި އިއުލާންގެ ދަށުން ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް ފަނޑިޔާރު ކަމަށް އަހުމަދު ޝަކީލް އައްޔަން ކުރަން ނިންމީ 6 މާޗް 2023 ގަ އެވެ. މުއްދަތު ހަމަވިތާ ދޮޅު މަހެއްހާ ދުވަސް ފަހުންނެވެ.
މި ނިންމުމާ އެއްގޮތަށް ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތު އޮތީ 14 މާޗް 2023 ގަ އެވެ. ޖޭއެސްސީން ގޮތް ނިންމިތާ އެއް ދުވަސް ތެރޭގައެއް ނޫނެވެ.
ހައިކޯޓަށް ދެން ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ 14 މާޗް 2023ގަ އެވެ. ސުންގަނޑި އަކީ 28 މާޗް 2023 އެވެ. ސުންގަނޑި ހަމަވި ދުވަހު ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު ހާމަކުރިއެވެ. މި އިއުލާންގެ ދަށުން މުޙައްމަދު ޝަނީޒް ޢަބްދުﷲ އަށް ފަނޑިޔާރުކަން ދޭން ނިންމީ 24 މޭ 2023ގަ އެވެ. ފަނޑިޔާރު ކަމުގެ ފަތްކޮޅު އެރުވީ 8 ޖޫން 2023ގަ އެވެ.
މިއިން ކޮންމެ ފަހަރަކު ވެސް މި މަރުހަލާތައް ނިންމާލާފައިވަނީ އެތައް މަހެއްގެ ތެރޭގައެވެ. ނަމަވެސް, މާނިއު އަށް ފަނޑިޔާރު ކަން ދިނުމުގައި ޖޭއެސްސީން އަމަލުކޮށްފައިވާ މުއްދަތުތަކަށް ބެލުމުން އާދަޔާހިލާފުކަން އެނގެ އެވެ. އަދި އާންމުކޮށް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާކަން ކޮމިޝަނުން ހާމަކުރާއިރު އެކަން ވެސް ނުކުރެއެވެ.
މީގެ ނެރެވޭ ދޭހައަކީ, ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ޖޭއެސްސީގައި އިންނެވި މެންބަރަކު ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން އަމަލުކޮށްފައިވަނީ އަވަސް އަރުވާލައިގެން ކަމެވެ.