އައިޝަތު މާހާ

ރާއްޖެ މިފަހުގެ ޒަމާނުގައި ދުށް އެންމެ ނުރައްކާތެރި, ބިރުވެރި ދުވަހުގެ ނުބައި ރޭވުމުގެ ފަހަތުގެ ހުރި އެއް މޭސްތިރި އަކީ ބާޣީ އަބްދުالله ލުތުފީއެވެ. ދިވެހިންތަކެއް ޝަހީދުވެ, މުޅި ގައުމުގެ މިނިވަންކަމަށް ބުރޫއަރައި, އާންމުން ބިރުވެރި ހާލަތަކަށް ވައްޓާލުމުގެ ފަހަތުގައި ހުރީ, އުމުރު ދުވަހުގެ ޖަލު ހުކުމް (25 އަހަރު) ތަންފީޒުކޮށް ނިންމާ މިނިވަންވި ލުތުފީއެވެ.

އަބްދުالله ލުތުފީ

އަބްދުالله ލުތުފީއަކީ އައްޑު އަތޮޅު ހިތަދޫ އައްޝައިހް އިބްރާހިމް ލުތުފީ (އައްޑޫ ތުއްތީދީ)ގެ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ އާއި ހެންވޭރު ހާޖަރާގެ އާއިޝަތު ފަރީދާ (ހާޖަރާގޭ ސިއްތި)ގެ ދޮށީ ފިރިހެން ދަރިފުޅެވެ.

ލުތުފީގެ އުމުރުގެ ވަރަށް ކުރީކޮޅުން ފެށިގެން ވެސް އޭނާއަކީ އެކި އެކި މައްސަލަތަކުގައި ކުށްވެރިވެ އަދަބު ލިބިފައިވާ މީހެކެވެ. ކިޔަވަން އުޅުނު ދުވަސްވަރުވެސްމެއެވެ.

އޭނާ ދަންނަ މީހުން ދެކޭ ގޮތުގައި ލުތުފީއަކީ މުއްސަނދި ކަމަށާއި ނުފޫޒު ފެތުރުމަށް އެދޭ މީހެކެވެ. އިޖުތިމާއީ ހަރުގަނޑުގެ މަތީ ހަރުފަތްތަކުގައި ފައި ހަރުކުރުމަށް އުއްމީދުކުރި މީހެކެވެ. އާދައިގެ ހަމަހިމޭން އޮމާން ދިރިއުޅުމަށްވުރެ ހަލަބޮލި އަވަސް ދިރިއުޅުމަށް ބޭނުންވާ މީހެކެވެ. އޭނާ އާރާސްތު ކުރަން ބޭނުންވާ ހަޔާތަކީ އެބައެއްގެ ތެރޭގައި އުޅުމުން މި ދިވެހި މުޖުތަމައު ގަބޫލު ނުކުރާ އުސޫލުތަކުގެ މައްޗަށް ބިނާވާ ހަޔާތެކެވެ.

އޭނާ ދެކޭ ގޮތުގައި ބޭނުންވާ އެދުންތައް ހާސިލްކުރުމަށް ލަހެއް ފަހެއް ހަމައެއްވެގެންނުވާނެވެ. އަމިއްލަ އެދުން މިންގަނޑުން ކައްސާލާފައިވާ ކޮންމެ މީހެއްގެ ފަހަތުގައިވާ ބާރަކީ މިއީއެވެ.

ފުރަތަމަ ބަޣާވަތް، ޖަލަށްލުމާއި މާފުދީ ދޫކޮށްލުން

ލުތުފީގެ އަމާޒަކަށް ހެދީ ދިވެހި ގައުމުގެ އެންމެ އިސް ބާރުވެރިކަމެވެ. އޭނާގެ އަމާޒަކަށް ހެދީ ދިވެހި ވެރިކަމެވެ. 1968 ވަނަ އަހަރު ތެރޭގައި އޭރު އޮތް ސަރުކާރު ބަދަލުކޮށްލުމަށް ރޭވުނު ރޭވުމެއްގައި އަމަލީ ގޮތުން ލުތުފީ ބައިވެރިވިއެވެ. އޭރު އޭނާއަކީ އުމުރުން އަދި ވިހި އަހަރު ނުފުރޭ ޒުވާނެކެވެ.

ދައުލަތާއި ވަޒީރުލްއައްޡަމާ ދެކޮޅަށް ރޭވުނު ރޭވުމެއްގައި ދެ ފިސްތޯލަ އާއި ވަޒަން ރާއްޖެ އަށް އެތެރެކޮށް ދިނެވެ. އަދި ފިސްތޯލަ ބޭނުން ކުރާ މީހަކުގައި އިސްނެގިއެވެ.

މި ބަޣާވާތް ނާކާމިޔާބުވެ ކުށަށް އިއުތިރާފް ވެސްވިއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރ 1ގެ 33 އާއި 34 އާއި 36 އާއި 38 އާއި 39 ވަނަ މާއްދާ އާއި ޗެޕްޓަރ1 ގެ 22 ވަނަ މާއްދާގެ ހ. ށ. ނ އާއި ޗެޕްޓަރ 1ގެ 15 ވަނަ މާއްދާ އާއި ޗެޕްޓަރ 3 ގެ 62 އއި 63 ވަނަ މާއްދާގެ މައްޗަށް ލިހާޡު ކުޅައުމާ އެކު 39 އެތި ފަހަރުން ތައުޒީރުކުރެވި 6 އަހަރު ދުވަހުގެ ބުރަ މަސައްކަތާ އެކު 18 އަހަރު ދުވަހުގެ މުއްދަތަށް ލުތުފީ ޖަލަށްލާން ހުކުމްކުރިއެވެ. އެގޮތުގެ މަތިން ޖަލުގައި ހައްޔަރު ވެސްކުރިއެވެ.

އެއީ 23 މާރޗް 1968 ވަަނަ ދުވަހު އެވެ. އޭރު ލުތުފީއަށް 19 އަހަރެވެ. ޖަލުގައި 4 އަހަރާއި 4 މަހާއި 13 ދުވަސް ވުމަށްފަހު ރައިސުލްޖުމްހޫރިއްޔާ ދެއްވެވި މާއަފެއްގައި 1972 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ގައި ޖަލުން ދޫކޮށްލިއެވެ.

އުލިގަމަށް އަރުވާލުން

އެއަށްފަހު ދެން އައި ހައެއްކަ އަހަރު ވެސް ލުތުފީ ހޭދަކުރީ ކުށުން ސަލާމަތްވެފައިވާ މީހެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ އަމަލުރައް ހުންނަ ގޮތުން ދޫކޮށްލާފައި ބަހައްޓަން ސަރުކާރަށް ފެނިވަޑައިނުގަތުމުގެ ސަބަބުން 1975 ވަަނަ އަހަރުގެ އޯގަސްޓް މަހު 17ގައި ޖަލުގައި ހައްޔަރުކުރިއެވެ. އަދި އަހަރެއް ގައި ދުވަހު ޖަލުގައި ބަހައްޓައި 18 ނޮވެމްބަރު 1976 ގައި ހއ. އުލިގަމަށް އަރުވާލިއެވެ.

އެހެން ހުއްޓާ މާލެ ގެނެސް އަނެއްކާ ޖަލަށްލެވުނެވެ.

ދެން ހަމަ އެ އަހަރުގެ އޯގަސްޓް 6 ގައި ޖަލުން ގެއަށް ގެންގޮސް ގޭގައި ބަންދުގައި 1978 ވަނަ އަހަރުގެ ޖޫން މަހުގެ 17 އާ ހަމައަށް ބެހެއްޓިއެވެ. އޭރު ލުތުފީގެ އުމުރުން 29 އަހަރެވެ.

ވަގު ވިޔަފާރީގެ ތެރެއަށް، އަނެއްކާ ގޭބަންދު

1978 ން ފެށިގެން 1986 ވަނަ އަހަރާ ދޭތެރޭ ލުތުފީ ހަރަކާތްތެރި ވަމުން ދިޔައީ ވިޔަފާރި އާއި އެ ނޫން ވެސް ތަފާތު މަސައްކަތްތަކުގެ ރޮނގުގައި ރާއްޖެގަ އާއި ރާއްޖޭން ބޭރުގައިއެވެ. ފައިސާ ހޯދުމަށް އެކި ފަހަރު އެކި ކަންތައް ކުރެވޭތޯ ބެލިއެވެ. އެއްވެސް ކަމަކުން ލުތުފީ ބޭނުންވާ ވަރަށް ތަރައްގީއެއް އަންނަކަމަކަށް ނުވިއެވެ.

ލިބޭ މަންފާ ކުޑައީއެވެ. އޭނާ ދެކޭ ގޮތުގައި މަންފާ ބޮޑު ކޮންމެ ކަމަކަށް ގާނޫނާއި ގަވައިދާ އެ ނޫންވެސް ރޮނގު ރޮނގުން ހުރަސްތަކެއް ހުންނަނީއެވެ.

އަވަށްޓެރި ގައުމުތަކާއި ދެމެދު ކުރެވޭ ވަގު ވިޔަފާރީގެ މަންފާ ބޮޑެވެ. އެކަމަކީ ލުތުފީއަށް މުޅިން އާކަމެއް ވެސް ނޫނެވެ. ދުވަސްކޮޅެއް ފަހުން ލުތުފީއަށް ދިއުން މަނާ ގައުމުތައް ވެސް އޮންނަން ފަށައިފިއެވެ. ޕާސްޕޯޓް އަތުލެވި ބަންދުވާން ފަށައިފިއެވެ.

ބޭރުން އެޅޭ ކޮންމެ ޅައެއްޗަކަށްފަހު މާލޭގައި އާކަމެއް ފެނޭތޯބަލަ އެވެ. މިހެން އުޅެމުން ދަނިކޮށް ދިރޭމަސް ބޭރުކުރުމަކީ މާ ފައިދާ ބޮޑު ކަމެއް ކަމުގައި ފެނިއްޖެއެވެ. އެކަމުގައި ވެސް ފައިދާ އެންމެ ބޮޑީ ބޭރުކުރުން މަނާ ބާވަތްތަކުގައިކަން އެނގި މިންހަމަނުލާ ކަހަނބު ގަވައިދާ ހިލާފަށް އެކްސްޕޯޓް ކުރުމަށް ނިންމިއެވެ.

މިކަމަށް ތައްޔާރުވެ ލުތުފީ އެކްސްޕޯޓް ކުރާ ކަހަނބު ގަންނާށޭ ފަރާތެއް ހަމަޖައްސައި ރާވަމުންދާކަން ސަރުކާރަށް އެނގިވަޑައިގަތުމާ އެކު އެކަން ބައްލަވައި އޭނާ ގަވައިދާ ހިލާފުވެފައިވާތީ އަނެއްކާވެސް ގޭގައި ބަންދުކުރިއެވެ.

އެ ދުވަސްވަރަކީ 1986 ވަނަ އަހަރުގެ މެދުތެރެއެވެ. ލުތުފީ ބަންދުވެފައި ހުރީ މ. ވިލުދޮޅީގައެވެ. އުމުރުން 38 އަހަރުވާން އުޅެނީއެވެ. މި ހިސާބަށް ދިޔައިރު ވެސް ހިތަށް އެރިހާ ގޮތަކަށް އުޅެވޭނެ ވަރަކަށް ދިރިއުޅުމެއް ނުގެންދެވުނެވެ.

ސަރުކާރު ބަދަލުކުރަން މަޝްވަރާ

ތަފާތު ރަށްޓެހިން ލުތުފީއާ ބައްދަލުކުރަން ވިލުދޮޅިއަށް އައިސް އުޅުނެވެ. އެމީހުންގެ ތެރޭގައި އައްޑު އަތިޅުގެ ހިތަދޫ ޒަމާނީގޭ އަބްދުالله ޝާހިދާއި މައްޗަންގޮޅި ތިނަދޫގެ އުމަރު ޖަލާލާ ދެމީހުން ހިމެނެއެވެ. އެ ގޭގައި ޝާހިދު އާއި ލުތުފީ ކޮށް އުޅުނު ކަމަކީ ބަނގުރާ ބުއިމެވެ. މާފަންނު ދީފުރަމްއާގޭ ސިއްކަ އަހުމަދު އިސްމާއިލް މަނިކު ވެސް ލުތިފީއާ އެކު ރާބޯން އިންދާ ޝާހިދަށް ފެނުނު ކަމަށްވެއެވެ.

ޝާހިދާއި އުމަރު ޖަމާލު ވިލުދޮޅި އަށް ގިސް އުޅުނު ދުވަސްވަރު ސަރުކާރާ ދެކޮޅުވާ ވާހަކަތައް ލުތުފީ ދައްކާ އުޅުނެވެ. މިހާރު އޮތް ސަރުކާރު ނޫން ކަމަށް ބުނެ އުޅުނެވެ. ގާނޫނީ ސަރުކާރު ބަދަލުކޮށްލަންވީ ކަމަށް ބުނެ އުޅުނެވެ. އެއަށްފަހު ސަރުކާރު ބަދަލު ކުރެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަން ފެށިއެވެ. އަދި ހަތިޔާރު ހޯދޭނެ ގޮތްތައް ވެސް ބަލަން ފެށިއެވެ.

ރާއްޖޭގެ ސިފައިންގެ ތެރެއިން އެކަން ކުރުން ފަސޭހަ ނުވާނެކަން އެނގުމުން ލުތުފީ ބުނީ އޭނާއަށް ރާއްޖެ އިން ބޭރަށް ދެވޭނެ ގޮތް ހެދުމަށެވެ. އޭރަށް ހަތިޔާރު ލިބޭނެ ކަމަށް ބުންޏެވެ. މި މަޝްވަރާ ކުރަނިކޮށް ލުތުފީ ބަންދުން ވީއްލިއްޖެއެވެ. ވީއްލުމާއެކު ލުތުފީ ބޭނުންވީ ސްރީލަންކާއަށް ފުރުމަށެވެ. އެގޮތުގެ މަތިން ކޮޅުނބަށް އޭނާ ފުރިއެވެ. އެއީ 29 އޮކްޓޯބަރ 1986 އެކެވެ.

ސިލޯނަށް ދިޔުމާއި ހަމަލާ ރޭވުން

ކޮޅުނބަށް ގޮސް ސިލޯނު މީހަކާ ގުޅިގެން އަސްދޫނި ގެންގުޅުމުގެ މަސައްކަތްތަކާއި ހިކި ކަނޑު މަސް ތައްޔާރުކުރުމުގެ މަސައްކަތެއް ފަށަން އުޅެނިކޮށް ސިއްކަ އަހުމަދު އިސްމާއިލް މަނިކު ތިމަންނާ ތިކަމަށް އިންވެސްޓްކޮށްދީދާނެ ކަމަށް ބުނެ އެއްލައްކަ ސިލޯނު ރުފިޔާ ދިނެވެ. އަދި އެ މަސައްކަތުގެ ހިއްސާދާރަކަށްވިއެވެ.

ލުތުފީ މި އުޅުނު އުޅުމުގައި ބަނބުވަޕެޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ގޮސް އުޅުނެވެ. 1986 ވަނަ އަހަރުގެ ފަހުކޮޅު އެތަނުން ރުޑުލާ ކިޔާ ތަމަޅައަކާ އޮތީ ރައްޓެހިވެފައެވެ. މިކަން މިގޮތަށް ވެފައިވަނިކޮށް ރުޑުލާ މެދުވެރިކޮށް މައުންޓް ލެވެނިއާގައި ހުންނަ ޕްލޯޓްގެ ލީޑަރއާ ބައްދަލުކޮށްފިއެވެ. ޕޯލޯޓަކީ ސްރީލަންކާގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ.

ލުތުފީ އެތަނަށް ގޮސް ވަސަންތީ ކިޔާ މީހަކާ ބައްދަލުކުރިއެވެ. އެއީ ރާއްޖެއަށް ހަތިޔާރު ހިފައިގެން އެރި ހަނގުރާމަވެރިއެކެވެ. ލުތުފީއާ އެމީހުން ބައްދަލުކުރީ އޭނާއަކީ ސަރުކާރާ ދެކޮޅު ބަޣާވާތެއްގައި ބައިވެރިވެފައިވާ މީހަކަށްވާތީއެވެ. ލުތުފީއަށް މިއީ ލިބުނު ޝަރަފެކެވެ. އޭގެފަހުން ވަސަންތީ އާއި ލުތުފީ ދިޔައީ ގުޅުން ބާއްވަމުންނެވެ. އަދި ޕްލޯޓްގެ އިސްވެރިއެއް ކަމަށްވާ މަހޭޝްވަރަމްއާ ވެސް ގުޅުން އުފެއްދިއެވެ. އަދި ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ މަޝްވަރާތައް ހިނގަން ފެށިއެވެ.

ލުތުފީ އެމީހުންގެ ގާތު އެދުނީ ރާއްޖޭގެ ވެރިކަން އޭނާގެ އަތް މައްޗަށް އަނބުރާ ދިނުމަށެވެ. އެއަށްފަހު އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގައި ހަތިޔާރު އުފެއްދުމާއި އެތެރެކުރުމާއި މީހުން ތަމްރީނު ކުރުމުގެ ފުރުސަތު ދިނުމަށެވެ. މި ސައްލާ އެތައް ފަހަރެއްގެ މަތިން ކުރިއެވެ. އެމީހުން އެއްބަސްވީ ސަރުކާރު ވައްޓާލާށެވެ. އަދި މަހޭޝްވަރަމް އެކަމަށް ބޭނުންވާ ހަތިޔާރު ހަމަޖައްސައިދިނެވެ. ތިން ޝަރުތެއް ވެސް ކަނޑައެޅިއެވެ.

  1. ޕްލޯޓް ޖަމާއަތުގެ ޓްރެއިނިން ކޭމްޕެއް އަޅާނެ ފަޅު ރަށެއް ރާއްޖެއިން އެ ޖަމާއަތަށް ދިނުން
  2. ހަތިޔާރު ހޯދަން ލުތުފީގެ ސަރުކާރުން އެހީވެ އެ ތަކެތި ސިލޯނަށް އެތެރެކުރަން އެހީވުން
  3. ޖަމާއަތުގެ ހަޒާނާ މުއްސަނދި ކުރުމަށްޓަކައި ޓޫރިސްޓް ރިސޯޓެއް އެ ޖަމާއަތަށް ދިނުން

މި ކަންކަމަށް ލުތުފީ އެއްބަސްވިއެވެ. އަދި ސަރުކާރު ބަދަލު ކުރުމުގެ ތައްޔާރީތައްވާން ފެށިއެވެ. ހަމަލާ ދޭނެ ގޮތާމެދު ބައެއް މީހުންނާ މަޝްވަރާކޮށް ހަމަލާ ރާވަމުން އޭނާ ދިޔައެވެ. އޭރު އެކަމަށް ހަނގުރާމަވެރިން ތައްޔާރުކުރަމުން ވެސް ދިޔައެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ވަސަންތީ މާލެ ވެސް އައެވެ. އޭނާ އެނބުރި ގޮސް އެންގީ ސިފައިންގޭގައި މާބޮޑު ކަމެއް ނެތް ކަމެވެ. ދެވަނަ ފަހަރަކަށް ވެސް އޭނާ މާލެ އައެވެ. ސިފައިންގޭގައި ހުރި ހަތިޔާރަކީ ކޮބައިތޯ ބެލުމަށެވެ.

އޭގެފަހުން ލުތުފީ ވަނީ ހަމަލާދޭން ދާން މާލެއިން ބޯޓެއް ހޯދާފައެވެ. އޭނާގެ އަމާޒަކަށްވެފައި އޮތީ ޖުލައި 26 ވަނަ ދުވަހު މާލެ ހިފުމަށެވެ. ނަމަވެސް އެ ތާރީހަށް ހުރިހާ ކަމެއް ނުނިމި ހަމަލާ ލަސްކޮށްލިއެވެ. އަދި އެހެން މަޝްވަރާތައް ވެސް މީހުންނާ އެކު ކުރަން ފެށިއެވެ. އޭގެ ތެރޭގައި ސަގަރު ނާސިރު ހިމެނެއެވެ.

ހަމަލާގެ ދުވަސް

ހަމަލާއަށް ތައްޔާރުވެ ހުރިހާ ކަމެއް ހަމަޖައްސައިފިއެވެ. ގެންދަން ހަމަޖެއްސީ އޭކޭ 47ގެ ރައިފަލް, ޖީ3ރައިފަލް, ޓީ56ގެ ރައިފަލް, އާރްޕީޖީ7 މޯޓާޒް, ޑައިނަމައިޓް, އެލްއެމްޖީ މެޝިން ބަޑި އަދި ފިސްތޯލަ އާއި ވަޅިއެވެ. މާލެ އަންނަން ހަމަޖެހުނީ ދެ މަސް ދޯނީގައެވެ. އެތަނުން އެއް ދޯންޏަކީ ކަނޑުމަތިން ފޭރިގަތް ބޯޓެކެވެ. ލުތުފީ އާއި ނާސިރާއެކު މާލެ އައީ ޖަމާއަތުގެ 80 މީހުންނެވެ.

ރާވާފައި އޮތީ ލުތުފީ ހަމަލާގެ ތެރެއަށް ނުވަދެ, ސިފައިންގެ ތެރެއަށް ގޮސް މުޅި ތަން ކޮންޓްރޯލް ކުރުމަށެވެ. އަދި ވަގުތީ ގޮތުން ސޯސަންގެ ސިފައިންގެ ހެޑްކްއާޓާސްއަށް ހަދާށެވެ. އަދި ދައުލަތުގެ ވެރިން މަގާމުތަކުން ވަކިކޮށް ކާފިއު ހިންގާށެވެ. އެމީހުން ރާއްޖެއަށް ފުރީ 29 އޮކްޓޯބަރު 1988 ދުވަހުގެ އިރާކޮޅު 8:30ގައިއެވެ.

3 ނޮވެމްބަރު 1988 ވަނަ ދުވަހުގެ ފަތިހު އެމީހުން މާލެ ފަޅަށް ވަނެވެ. އަދި ހަމަހިމޭންކޮށް އޮތް މާލެއަށް ބަޑީގެ އަޑުފަޑުގަނޑު ގުގުމާލިއެވެ. ފުރަތަމަ ވެސް ހަމަލާ އަމާޒުކުރީ ސިފައިންގެއަށެވެ. ތައްޔާރީ ހާލަތުގައި ނެތް ސިފައިން ގެއިން, ދުޝްމަނުންގެ ހަމަލާތައް ކުއްލި ރައްދު ދޭން ފެށުމުން އެމީހުން ސިހުނެވެ.

ޝަހީދު ހުސެއިން އާދަމް ވަނީ އަތުން ވަޒަން ހުސްވެ, ފުރާނަ ދާންދެން ސިފައިންގެ މައި ގޭޓް ބަލައްޓައި, ދުޝްމަނުންގެ ހަމަލާތަކަށް ރައްދުދީފައެވެ. އެއިން ހަމަ އެއްވެސް ދުޝްމަނަކު ސިފައިންގެއާ ގާތްވިޔަ ވެސް ނުދިނެވެ. މި ހަމަލާތަކުގައި ހުސެއިން އާދަމްގެ އިތުރުން އެހެން ވެސް ސިފައިންގެ ބޭކަލުން ޝަހީދުވިއެވެ.

އޭރު ބައެއް ދުޝްމަނުން ވަނީ މާލެ ތެރެއަށް އަރާފައެވެ. އަދި ދައުލަތުގެ ވެރިން ހޯދުމަށް ރަށު ތެރޭ ދުވަމުންދިޔައެވެ. އެ ދުވުމުގެ ތެރެއިން ބައެއް އާންމުންނަށް ހަމަލާ ވެސް ދިނެވެ. ނަމަވެސް, އާންމުންގެ ހިތްވަރާއި ސިފައިންގެ ހަމަލާތަކުގެ ކުރިމަތީގައި ދުޝްމަނުންނަށް ޖެހުނީ ފިލާށެވެ. އޭރު ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

ލުތުފީ އަތުލައިގަތުން

ބައެއް ދިވެހިން ރަހީނުކޮށް ޕްރޮގްރެސްލައިޓްގައި އެ ރޭ 11:30 ހާއިރު އެމީހުން ފިލަން ދުއްވައިގަނެފިއެވެ. އޭރު ބައެއް މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ވަސަންތީ ވެސް ހިމެނެއެވެ. ޕްރޮގްރެސްލައިޓްއަށް ލުތުފީ އެންގީ ގާދޫކޮޅުން ނުކުމެ ޖާވާއާ ދިމާއަށް ދާށެވެ. އަދި ކެޕްޓަން ގާތުގައި ލުތުފީ ބުނި ކަމަށްވަނީ ރާއްހޭން ބޭރަށް ނުކުމެ ކޮންމެ ެވސް ތާކަށް ވައްޓާލާދޭށެވެ. ބޯޓުގެ ދަތުރު ފެށުމާއެކު ތަމަޅައިގެ ގިނަ މީހުން އޮށޯތީ ނިދާށެވެ.

ނޮވެމްބަރު 5 ދުވަހުގެ ހެނދުނު އިންޑިއާގެ ހެލިކަޕްޓަރެއް އެ ބޯޓުގެ ވަށައިގެން ދުއްވަންފެށިއެވެ. އަދި ފަހަތުން މަނަވަރެއް ދައްކާލިއެވެ. މަނަވަރު ކައިރި ކުރަން ފެށުމުން ރަހީނުކޮށްފައި ތިބި މީހުންގެ ފަހަރަކު މީހަކު މަރާ ކަނޑަށް އެއްލާލަމުންދިޔައެވެ. އޭރު ލުތުފީ އެތަނުގައި ހުއްޓެވެ.

ލުތުފީ: އެމްވީ ޕްރޮގްރެސް ލައިޓްގައި ފިލައިގެން ދަނިކޮށް, ހައްޔަރުކޮށްގެން ގެނެސް މާލެއަށް ބާލަނީ

އެ ދުވަހުގެ ރޭވިއިރު އިންޑިއާ ސިފައިންގެ މަނަވަރުން ވެސް ބަޑި ޖަހަން ފަށައިފިއެވެ. ބަޑި ޖަހަން ފެށުމުން ލުތުފީ ގުޅާފައި އެންގީ ރަހީނުން ތިބި ކަމާއި އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުން ވެސް ހިމެނޭ ކަމާއި ސިލޯނަށް އެތެރެވުމާއެކު ރަހީނުން ދޫކޮށްލާނެ ކަމަށެވެ.

އަނެއް ދުވަހު ހެނދުނުވީއިރު މަނަވަރުގެ ހަމަލާތައް ވަރުގަދަކުރިއެވެ. އެއީ ސްރީލަންކާގެ ސިޔާސީ ސަރަހައްދަށް އެ ބޯޓު ވަންނަމުންދާތީ އެ ހުއްޓުވުން ކޮންމެހެން މަޖުބޫރުވުމާއެކުއެވެ. ދިވެހި ސަރުކާރުން ވެސް އެދިފައިއޮތީ ބޯޓަށް ހަމަލާ ނުދޭން ކަމުގައިވީ ނަމަވެސް އެކަން އެގޮތަށް ކުރަން މަޖުބޫރުވިއެވެ. އިރުކޮޅަކުން ތަމަޅައިން އަމާންދީ ތަންތަނުން މައްޗަށް ނުކުންނަން ފަށައިފިއެވެ. ބައެއް މީހުން އަމިއްލަ ގަޔަށް ބަޑި ޖަހާ މަރުވެސްވިއެވެ.

އޭގެފަހުން ލުތުފީއަށް އެންގީ ބޯޓުން ފުންމާލުމަށެވެ. އަޑުގަދަކުރާއިން އޭނާ އަށް އެންގީ ޑިންގީއަށް އަރައިގެން މަނަވަރަށް އައުމަށެވެ. ލުތުފީ މަނަވަރަށް ގެންގޮސް ހައްޔަރުކުރިއެވެ. އަދި ދެން ބޯޓްގައި ތިބި އެހެން މީހުން ވެސް ޑިންގީގައި މަނަވަރަށް އެރުވިއެވެ. އިންޑިއާ މަނަވަރު ރާއްޖެ ގެނެވުނީ 8 ނޮވެމްބަރުގައެވެ. ޕްރޮގްރެސްލައިޓް, އޭގައި ހުރި މުދަލާއެކު ކަނޑަށް ފެތުނީއެވެ.

ޝަރީއަތް ހިންގައި މަރަން ހުކުމްކުރުން

3 ނޮވެމްބަރުގެ ހަމަލާއާ ގުޅިގެން 75 މީހެއްގެ މައްޗަށް ޝަރީއަތް ހިންގުނެވެ. އޭގެ ތެރޭގައި ލުތުފީ ހިމެނެއެވެ. ލުތުފީގެ މައްޗަށް ދައުވާ ކުރެވުނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ބަދަލުކޮށްލައި ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގެ ވެރިކަން އަތުލުމަށް ގަސްދުކޮށް ޕްލޯޓް ޖަމާއަތުގެ 80 މީހުންގެ ލަޝްކަރެއް ގޮވައިގެން ހަތިޔާރާއެކު ސިފައިންގެ ހިފުމަށް ހިންގި ހަނގުރާމައަކީ ރާއްޖޭގެ ވެރިކަމާއި މިނިވަންކަމަށް އުނިކަން އަންނަ ފަދަ ހަނގުރާމައެއް ކަމަށްވާތީ ގާނޫނުލްއުގޫބާތުގެ 37 ވަނަ މާއްދާގެ ދަށުންނެވެ.

އަބްދުالله ލުތުފީ ތަހުގީގަށް ގެންދެވެނީ --

މީގެއިތުރުން ވެސް 10 ކުށެއް ލުތުފީގެ މައްޗަށް ސާބިތުވިއެވެ. މި ހުރިހާ ކުށެއްގެ އަދަބެއްގެ ގޮތުން ލުތުފީ މަރަން އޭރުގެ އެންމެ މަތީ ހައިކޯޓުން ހުކުމްކުރިއެވެ.

ނަމަވެސް, ރައީސް މައުމޫން އަބްދުއްގައްޔޫމް ވަނީ މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެ އަދަބު, އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވާފައެވެ. އެއީ 25 އަހަރުގެ ޖަލު ހުކުމެވެ.

ޖަލުން ފިލުމާއި އަނބުރާ ގެނައުން އަދި މިނިވަންވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސްފަރުވާއަކަށް އެދުމުން ލުތުފީ ލަންކާއަށް ދިޔުމުގެ ހުއްދަ ދިނެވެ. އެ ހުއްދައާ އެކު ލަންކާއަށް ގޮސް ލުތުފީ ރާއްޖެ އެނބުރި ނައިސް ފިލިއެވެ.

އޭނާ އެގޮތަށް ފިލައިގެން ލަންކާގައި ނުވަ އަހަރު އުޅުނެވެ. އޭނާ 2010 ވަނަ އަހަރު ފިލީ 2014 ވަނަ އަހަރު އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމެން އޮއްވައެވެ.

ލުތުފީ ރާއްޖެއަށް އަނބުރާ ގެނެވޭ ގޮތްވީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު, އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއެކުއެވެ. އަދި ގަަވައިދާ ހިލާފަށް އުޅޭ މީހުންނާ ދެކޮޅަށް ފެށި ވަރުގަދަ އޮޕަރޭޝަނަށް ދެން އިތުރަށް ފިލައިގެން ނޫޅެވޭނެތީއެވެ. އޭނާ އަނބުރާ ރާއްޖެ ގެނައީ 2019 ވަނަ އަހަރުގެ ތެެރޭގައެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ އަމިއްލައަށް ހަވާލުވީ 1 މޭ 2019ގައިއެވެ.

ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭ އެއާޕޯޓަށް ގެނެސް ޕޮލިސް ވެހިކަލަށް އަރުވަން ގެންދަނީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސަރުކާރުން އޭނާ އަނބުރާ ރާއްޖެ ގެނެސް ފިލައިގެން ދިޔަ މައްސަލާގައި ދައުވާކުރުމުން ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ހުކުމް ތަންފީޒުކޮށް މިއަދަށް ނިމޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. 25 އަހަރުގެ ޖަލު ހުކުމް މިހާރު ވަނީ ތަންފީޒުކޮށް ނިންމިފައެވެ.

އެހެންކަމުން މިއަދު ފެށިގެން ބާޣީ ލުތުފީއަކީ މިނިވަނެކެވެ.

މި ލިޔުމުގައި ހިމަނާފައިމިވަނީ ރައީސްއޮފީހުން ނެރެފައިވާ "ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ" މި ފޮތުގައި ހުރި މައުލޫމާތެވެ.