ޔަހޫދީންނަށް "ބިމެއް ހައްގުވާ" ކަމަށް ބުނެ ފެށި ޒައިނިސްޓް މުވްމަންޓުގެ ތެރެއިން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އިޒްރޭލުން އަމިއްލަ ދައުލަތެއް ގާއިމް ކުރީ 1948 ވަނަ އަހަރު އެވެ. އާންމުކޮށް މި ވާހަކަ ނުދެއްކި ނަމަވެސް ރާއްޖެއަކީ އިޒްރޭލުގެ އެ ދައުލަތް އެންމެ ފުރަތަމަ ބަލައިގަތް މުސްލިމް ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.
އެއީ 29 އޮކްޓޯބަރު 1965 ވަނަ އަހަރެވެ. ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އިބްރާހިމް ނާސިރު އިޒްރޭލާއެކު ހާރިޖީ ގުޅުން ގާއިމް ކުރެއްވިއެވެ. އެ ނިންމެވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސަބަބަކީ އެ އަހަރު އިނގިރޭސީންގެ އަތްދަށުން ރާއްޖެ އަށް މިނިވަންކަން ލިބުމުން ރާއްޖެ ބަލައިގަތް ތިން ވަނަ ގައުމަކަށް އިޒްރޭލްވުމެވެ.
ރާއްޖެއަށް ފުރިހަމަ ސިޔާސީ ބާރުވެރިކަން ލިބުމާއެކު ރާއްޖެ ޒިޔާރަތް ކުރެއްވި ބޭރުގެ ފުރަތަމަ ސަފީރެއް ގޮތުގައި 27 ޑިސެމްބަރު 1965 ގައި އިސްރާއީލްގެ ސަފީރު އަބްރަހަމް ޑަރޯމް ރާއްޖެ ވަޑައިގަތެވެ. އަދި އޭގެ ދެ ދުވަސް ފަހުން އޭނާއަށް ސަފީރުގެ ފަތްކޮޅު އެރުވިއެވެ.
އެއީ މީގެ ބައި ގަރުނު ފަސް ވިޔަސް ނާސިރުގެ މި ނިންމެވުން ވެގެން ދިޔައީ ދިވެހީންގެ ލޭ ހޫނުވި ނިންމުމަކަށެވެ. އަދި އޭގެ ދެ އަހަރު ފަހުން 1967 ގައި ކުރި ހަނގުރާމާގައި ހަ ދުވަސް ތެރޭ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ގާޒާގެ އިތުރުން ސީރިއާގެ ގޯލަން ހައިޓްސް އާއި މިސްރުގެ ސައިނާ ޕެނިންސުލާ ހިފިއެވެ. އެކަމާ ގުޅިގެން މުސްލިމުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބި ރާއްޖެއަށް ޕްރެޝަރ ބޮޑުވެ ވަކި ހިސާބަކުން އެ ގުޅުން ސަސްޕެންޑް ކުރަން ނާސިރަށް މަޖުބޫރުވިއެވެ. އަދި 1974 ގައި އިޒްރޭލާއެކު އޮތް ގުޅުން ކަނޑާލިއެވެ.
މައުމޫން – ފުރަތަމަ 'ބޮއިކޮޓް މޫވްމަންޓް'
މުސްލިމުންގެ މުގައްދަސް ބިމެއް ކަމުގައިވާ ގުދުސް މިނިވަން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވެ ވަރުގަދަ ސްޓޭންޑެއް ނެގީ 1978 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެ އަހަރު ފަހުން އެމަނިކުފާނު ވަނީ އިޒްރޭލުގައި އުފެދޭ ނުވަތަ އުފައްދާ ތަކެތި ރާއްޖެ އަށް އެތެރެކޮށް ރާއްޖޭގައި އެތަކެތީގެ ވިޔަފާރި ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެތަކެތި ބޮއިކޮޓް ކުރަން ނިންމާފައެވެ. ޑިސެމްބަރު 15، 1980 ގައި ނިންމި އެ ނިންމުމާއެކު ރާއްޖޭގައި އިޒްރޭލްގެ އެއްވެސް އުފެއްދުމެއް ބޭނުން ކުރުމަކީ މަނާކަމެކެވެ.


އޭގެ އިތުރުން މުޅި ދުނިޔެއަށް ރާއްޖޭގެ ސްޓޭންޑް ސާފުވެގެން ދިޔަ އަނެއްކަމަކި އިޒްރޭލްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ނިންމިތާ ދެ އަހަރު ފަހުން 1984 ގައި ރައީސް މައުމޫނުގެ ދައުވަތަކަށް ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ޗެއާމަން ޔާސިރު އަރަފާތު ރާއްޖެ ވަޑައިގަތުމެވެ. ޔާސިރު އަރަފާތުގެ އެ ދަތުރުފުޅު ވެގެންދިޔައީ ރާއްޖެއިން އިޒްރޭލް އާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމުން މުސްލިމް އަރަބި ގައުމުތަކުގެ މެދުގައި ރާއްޖެއާ މެދު އުފެދިފައި އޮތް ނުތަނަވަސްކަން ނިމި ރާއްޖޭގެ ސިޔާސަތު ސާފުވެގެން ދިޔަ ދަތުރަކަށެވެ.
އެ ދަތުރުފުޅަށް ފަހު ރާއްޖެއިން ވަނީ ޕީއެލްއޯ އާ ގުޅިގެން އެއާލައިނެއް ރާއްޖޭގައި އޮޕަރޭޓްކޮށްފައެވެ. އަދި ގުދުސް މިނިވަން ކުރުމުގެ މަސައްކަތަށް ފަންޑު ހޯދަން އެހީވުމުގެ ގޮތުން ރާއްޖޭގައި ރިސޯޓެއް ހިންގުމުގެ ހުއްދަ ދިނެވެ. މިއީ ރާއްޖެއިން ދުނިޔެއަށް ދިން ވަރުގަދަ މެސެޖެކެވެ. އަދި މުސްލިމް ގައުމުތަކަށް ދެއްކި ނަމޫނާއެކެވެ.
ނަޝީދު – ރާއްޖެ އިޒްރޭލާ ދިމާލަށް
ރާއްޖޭގެ ސްޓޭންޑް ޒަމާނުއްސުރެ ވަރަށް ސާފުކޮށް ފަލަސްތީނާއެކު އޮތުމަށް ފަހު އެ މަންޒަރު ބަދަލުވީ 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހުއެވެ. އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުމަކަށްވީ ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ގޮތުން ރާއްޖޭގެ ވެސް ހާރިޖީ ސިޔާސަތު ބަދަލުކުރުމެވެ. އަދި ދުނިޔޭގެ ބައެއް މުސްލިމް ގައުމުތަކުން ވެސް އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމުގެ ވާހަކަތައް ދައްކާތީ ރާއްޖެއިން ވެސް އެ މަގުން ހިނގުމަށެވެ.
"މިހެން މިދަންނަވީ ފަލަސްތީނުން ގުޅުންތަކެއް ގެންގުޅޭ އިޒްރޭލާ އެކު. ދެން އެހެންމެ އަރަބި ދުނިޔެ އިން ބަލާ އެއް ގައުމަކީ މިސްރު. މިސްރަކީ ވެސް އިޒްރޭލާ އެކު ގުޅުންތަކެއް ގާއިމުކޮށް ބަދަހިކުރަމުން ގެންދާ ގައުމެއް. ދެން އަޅުގަނޑުމެންނާ ގާތް އެހެން ގައުމުތަކަށް ބަލައިފި ނަމަ، އަޅުގަނޑުމެންނަށް އިޝާރާތް ލިބިފައިވޭ އަޅުގަނޑުމެންނަށް އެހީ ދޭ އެކުވެރި ގައުމުތަކަށް މައްސަލައެއް އޮތް ކަމެއް ނޫން ކަމާ އެ ގައުމުތަކަކީ ވެސް އިޒްރޭލާ ގުޅުން ބަދަހިކުރާ ގައުމުތަކެއް ކަން. އޭގެ ތެރޭގައި ޔޫއޭއީ ގަތަރު ފަދަ ގައުމުތައް ހިމެނޭ،" އޭރު ފޮރިން މިނިސްޓަރުގެ މަގާމް އަދާ ކުރެއްވި އަދި މިހާރު ޣައްޒާގައި ހިނގަމުންދާ ގަތުލު އާންމުގައި އިޒްރޭލާ އެއްކޮޅަށް ވާހަކަ ދެއްކެވި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވިއެވެ.
އެ ވިސްނުމާއެކު 2009 ވަނަ އަހަރު ސިއްހީ ދާއިރާ ތައުލީމީ ދާއިރާ އާއި ޓޫރިޒަމް ދާއިރާ އިން އިޒްރޭލާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދި 2010 ވަނަ އަހަރު ދިވެހި ޑޮކްޓަރުން ތަމްރީން ކުރުމަށް އިޒްރޭލުން ރާއްޖެއަށް ލޮލުގެ ސްޕެޝަލިސްޓު ޑޮކްޓަރުންތަކެއް ފޮނުވިއެވެ.
އޭގެ އިތުރުން 2011 ވަނަ އަހަރު ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. އަ އެ ދަތުރުގެ ތެރޭގައި އިޒްރޭލްގެ އިސްވެރިންނާ ބައްދަލު ކުރައްވައި (ހިފާފައި އޮތް ފަލަސްތީނުގެ) ބައެއް ސައިޓް ވިޒިޓިން އަށް ވެސް ވަޑައިގަތެވެ.


މި ގުޅުންތައް ވަރުގަދަވަމުން ދިޔަ ވަރަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރަށް އަންނަ ޕްރެޝަރުތައް ވެސް ދިޔައީ ބޮޑުވަމުންނެވެ. އޭރު އޮތް އިދިކޮޅު ހުރިހާ ޕާޓީއަކުން ވެސް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެންދެވީ ފާޑުވިދާޅުވަމުންނެވެ. އޭގެ ނަތީޖާއެއް ގޮތުން ރާއްޖެއިން ނަޝީދުގެ ދައުރުގައި ވެސް އިޒްރޭލާއެކު ފުރިހަމަ އަށް ސިޔާސީ ގުޅުން ގާއިމް ކޮށްފައެއް ނުވެއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އިޒްރޭލުގެ ހުރިހާ އަމަލަކަށް ދިވެހިރާއްޖެއިން ތަރުހީބެއް ނުދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ދައުރުގެ ބާކީ ހުރި ދުވަސްތަކުގައި ވެރިކަން ކުރެއްވި ރައީސް ޑރ. މުހައްމަދު ވަހީދު އިޒްރޭލާ އެކު އިތުރަށް އެއްވެސް ގުޅުމެއް ނުބާއްވަވާ ފަލަސްތީނާއެކު ތިއްބެވިކަން ގެންދެވީ ހާމަކުރައްވަމުންނެވެ.
ޔާމީން – ބާކީ އޮތް ގުޅުންތައް ކަނޑާލުން
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ފެށިގެން އައިއިރު ރައީސް ނަޝީދުގެ ދައުރުގައި ހަދާފައި ހުރި ބައެއް އެއްބަސްވުންތައް އެގޮތަށް ހުއްޓެވެ. އަދި 2014 ވަނަ އަހަރުގެ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން ސަރުކާރުން އެކަން ވަރަށް ހަރުކަށިކޮށް ނަގައި ބާކީ ހުރި އެ އެގްރީމަންޓުތައް ވެސް ބާތިލް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް އާއި ސިއްހީ އަދި ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށް ހަދާފައިވާ އެއްބަސްވުންތަކެކެވެ.
"ކުރީގެ ރައީސް މައުމޫން ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުން ވެސް ގަބޫލެއް ނުކުރަން އިޒްރޭލާއެކު ހަދާފައިވާ އެއްވެސް އެއްބަސްވުމެއްގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރާނެ ކަމަކަށް." އެ ދުވަހު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މައުމޫންގެ ދަރިކަލުން ދުންޔާ މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން އިޒްރޭލާއެކު ވިޔަފާރީގެ ގުޅުން ވެސް ކަނޑާލަން ސަރުކާރުން ރަސްމީކޮށް ނިންމިއެވެ. އަދި އިޒްރޭލުގެ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުން މަނާ ކުރަން ކަސްޓަމްސް އާ މަޝްވަރާކުރަމުންދާ ކަމަށް ސަރުކާރުން ބުންޏެވެ.
އދ ގައި ރާއްޖެއިން އަބަދުވެސް ކުރަމުން އައި ގޮތަށް ފަލަސްތީންގެ ސްޓޭންޑް ހިފަހައްޓާނެ ކަމަށް ސަރުކާރުން ޔަގީންކަން ދިނެވެ.
ސޯލިހު – ފަލަސްތީނާއެކު އެކަމަކު ބޮޑެތި ތުހުމަތު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު ދުނިޔޭގައި އިޒްރޭލުން ދިޔައީ އެމެރިކާ އާއި ބައެއް އެހެން ބާރުގަދަ ގައުމުތަކުގެ އެހީތެރިކަމާއެކު އަރަބި އަދި މުސްލިމް ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ޔޫއޭއީ އާއި ބަހްރެއިން އިން އިޒްރޭލްގެ ދައުލަތް ބަލައިގަންނަން ނިންމިއެވެ. އަދި ސައުދީ އަރަބިއްޔާ އާއެކު ވެސް އެ ގުޅުން ގާއިމް ކުރުމަށް އެ ގައުމުން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.


ރާއްޖެއިން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ފަލަސްތީނާ އެއްކޮޅު ސްޓޭންޑެއް ދެގޮތެއް ނުވެ ނަގަމުންދިޔަ ނަމަވެސް ރާއްޖެއިން އަލުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރިއެވެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރިއެވެ.
ސަރުކާރުން ދޮގު ކޮށްފައި ވަނިކޮށް 2021 ވަނަ އަހަރު އަނެއްކާވެސް އެ ގައުމުގެ ބޮޑު މީޑިއާއަކުން ވަނީ ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތައް ވަރަށް އަވަހަށް އަޅާނެ ކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް އެ މަސައްކަތެއް ކުރިއަކަށް ނުދެއެވެ. އަދި ސަރުކާރުން އެކަން ވެސް އިންކާރު ކުރިއެވެ.

މުއިއްޒު – ފަލަސްތީނުގެ ހައްގުގައި ނުކުތީ ރައްޔިތުން
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން 7 އޮކްޓޯބަރު 2023 ގެ ހަމަލާ އަށް ފަހު އިލްޒޭލުން ފަލަސްތީން "ފޮހެލަން" ބޮޑު ހަނގުރާމަ އިއުލާންކޮށް ގަތުލްއާމެއް ހިންގަން ވަނީ ފަށައިފައެވެ. އިންތިގާލި ރައީސްގެ މަގާމުގައި ހުންނަވައިގެން މުއިއްޒު ވަނީ ފަލަސްތީނާއެކު ހުންނެވިކަން ހާމަ ކުރައްވައިފައެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އިޒްރޭލުން ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހެއެވެ. އަދި އިޒްރޭލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ރާއްޖެއިން ފެންނަނީ މީގެ ކުރިން ނުފެންނަ ފަދަ މަންޒަރެކެވެ. ފަލަސްތީން ރައްޔިތުންގެ ހައްގުގައި މީގެ ކުރިން ދުވަހަކު ވެސް ނުހިނގާ ވަރަށް ދިވެހި ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ. އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރަން ދިވެހިން ދަނީ ގޮވާލަމުންނެވެ. ޕާސްޕޯޓް މަނާ ކުރުމަށާއި އިޒްރޭލްގެ އަދި އިޒްރޭލަށް ތާއީދު ކުރާ ބޮޑެތި ބްރޭންޑުތައް ވެސް ބޮއިކޮޓް ކުރާ އަޑު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ގަދަވަމުންނެވެ.
ނަތީޖާއެއް ގޮތުން އިޒްރޭލުން ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ ނުދިޔުމަށް އަންގައިފައެވެ. އަދި އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ. އަދި އެ ބިލް އައިސްފި ނަމަ އެކަން ކުރަން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.