"ކޮބާ ޔާމީން މިނިވަން ކުރުން؟." "ޔާމީން ގެއްލިއްޖެ!" "ޔާމީން މިނިވަން ކުރުން ނެތީތޯ؟, އެކަމަކު ވިދާޅުވި ފުރަތަމަ ކުރާނެމޭ," "ކޮބައިތޯ ޔާމީން މިނިވަން ކުރަން ބުނި ދުވަސް, ފުރަތަމަ ދުވަހު އެކަން ކުރަން ބުނީ އަދި ނުކުރޭ,"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ14" ޕްލޭންގައިވާ ފުރަތަމަ ދުވަހުގެ ވައުދުތައް ފުރިހަމަކޮށްފި ކަމަށް އިއްޔެ "ގައުމީ" ގެ 100 ދުވަހުގެ ޓްރެކާ އިން ދެއްކުމުން ގިނަ ބައެއްގެ ސުވާލަކަށްވީ މިކަމެވެ. ޔާމީން މިނިވަން ނުކުރަނީތޯ އެވެ.

ކްލައިމް: ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން ޖަލުން މިނިވަން ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިތަ؟

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ގޮތުގައި އަދި ފާޑުކިޔުން އަމާޒުވި ގޮތުގައި ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ނުކުރުމަކީ, ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަކާ ހިލާފުވުމެވެ. ފުރަތަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް, ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމްގައެވެ. މިހާރު ވެރިކަމުގެ ފުރަތަމަ ރަސްމީ ދުވަސް ވެސް ނިމިއްޖެ އެވެ. އަދިވެސް ޔާމީން ހުންނެވީ ޖަލު ހުކުމްގައެވެ. އެކަމަކު, މިވަގުތަށް ލުއިދީ ގޭބަންދުގަ އެވެ.

ނަމަވެސް, "ގައުމީ" އިން ބެލި ބެލުމުން އެނގެނީ މިކަންކަމެވެ; ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް ކެންޑިޑެންސީ ފޯމް ހުށަހެޅުއްވުމަށްފަހު ޕާޓީގެ ޕީޑަޝިޕްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ "އިންތިހާބު ކާމިޔާބުކޮށް އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަން ކުރުން, އެއީ އެންމެ އިސް ޒިންމާއަކީ އެންމެ އިސް މަސައްކަތަކަށް ވާނީ," ކަމަށެވެ.

ވެރިކަމަށް ވަޑައިގަންނަވާއިރު ޔާމީން ޖަލުގައި ހުންނެވި ނަމަ, ގެއަށް ބަދަލު ކުރައްވާނެ ކަން މުއިއްޒު ވިދާޅުވެފައިވެއެވެ. އެއީ ސަރުކާރަށް ކުރެވެން އޮތް ކަމެކެވެ. އެ ހާލަތެއް, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ނެތެވެ. ރައީސް ސޯލިހު ވަނީ ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ.

ދެން އޮތީ ޔާމީން މިނިވަން ކުރަން މުއިއްޒު ވައުދުވެވަޑައިގެންނެވި ވައުދުގެ ތަފްސީލެވެ. އެކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ގޮތެވެ. އެ ގޮތަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން ޖަލުން ނެރުމެއް ނޫނެވެ. އެއީ ގާނޫނީ ގޮތުން ރައީސަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ޔާމީން ޖަލުގައި ހުންނެވީ ކޯޓަކުން އިއްވާފައި އޮތް ހުކުމެއްގެ ދަށުންނެވެ. އެ ހުކުމް ބާތިލް ކުރުމުގެ ބާރު އޮތީ ހަމައެކަނި މަތީ ކޯޓަކަށެވެ. ހައި ކޯޓުގައި މިހާރު ޝަރީއަތް ދަނީ ހިނގަމުންނެވެ. ދެން އޮތީ ވެސް އެންމެ ފަހު އަޑުއެހުމެވެ.

އެންމެ ފުރަތަމަ ދުވަހު ވެސް މުއިއްޒު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރައްވާނެ ކަމެވެ.

އަޅުގަނޑު ދެންނެވި ގޮތަށް ފުރަތަމަ ދުވަހު ވެސް ފުރަތަމަ ވެސް އަޅުގަނޑު ދެންނެވިން ސަރުކާރަށް ގޮވާލާނަމޭ އެމަނިކުފާނު މިނިވަން ކުރަން. އެގޮތަށް އަޅުގަނޑު އެކަން ކުރިން. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވި,

"އަޅުގަނޑު މި ދަންނަނަވަނީ 17 ވަނަ ދުވަހާ ހަމައަށް މިހާރު އޮތް ޕްރޮސެސް ތެރެއިން މިނިވަން ނުވާނަމަ, ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ, ރައީސް އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމިގެން އަންނަ ދުވަހަށޭ. އޭރަށް އެމަނިކުފާނު މިނިވަންވާނެއޭ," އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު, ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވިއެވެ.

ޔާމީން މިނިވަން ކުރުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ ކަމެއް ކަމަށް އެތައް ގިނަ ސްޕީޗެއްގައި ރައީސް ވިދާޅުވީ މިފަދައިންނެވެ. ފުރަތަމަ ރައީސް ވަނީ އެކަން ކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.

"އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ," ރައީސްގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ޔާމީންގެ މައްޗަށް އޮތީ ސިޔާސީ ދައުވާއެކެވެ. އެމަނިކުފާނު ޖަލު ހުކުމެއްގައި ވެސް ހުންނެވީ ކޯޓުތަކަށް ސަރުކާރުން ފޯރުވާ ސިޔާސީ ނުފޫޒާ ހެދިއެވެ.

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވި ވަގުތު އެތަނަށް އެއްވެ ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރައްވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި.- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވެ ކޯޓުތަކަށް ނުފޫޒު ފޯރުވުން ހުއްޓުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއްވެސް ސިޔާސީ ނުފޫޒެއް ސަރުކާރުގެ ތެރެއިން ނުދާނެ ކަމަށް ވިދާޅުވިއެވެ. އެފަދަ ނުފޫޒެއް ފޯރުވާ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން, ޔާމީން މިނިވަން ކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ފުރަތަމަ ދުވަހު ކުރައްވަން ވިދާޅުވި ކަމަކީ މިއީ އެވެ. ޔަގީން ކުރައްވަން ބޭނުންވި ކަމަކީ މިއީ އެވެ.

ދެން އޮތީ ކޯޓުގެ މަރުހަލާގެ ތެރެއިން ޔާމީންގެ މައްސަލަ ނިމުމެވެ. މުއިއްޒު ވިދާޅުވި ގޮތުން ނަމަ, ޔާމީން މިނިވަން ކުރުމަށް ބާރު އެޅުމުގެ ނުފޫޒު ވެސް ކޯޓަށް ވަދަގެން ނުވާނެއެވެ.

އަލްޖަޒީޒާގެ "ޓޯކް ޓު އަލްޖަޒީރާ" ޕްރޮގްރާމަށް މުއިއްޒު ދެއްވި އިންޓަވިއުގައި ޝަރުއީ ދާއިރާއިން ސިޔާސީ ނުފޫޒު ބޭރު ކުރުމަށް ކުރައްވާނެ ދެ ކަމެއް ފާހަގަ ކުރެއްވިއެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެކުލެވިފައިވާ ގޮތް ބަދަލުކޮށް ސިޔާސީ މީހުން އެ ކޮމިޝަންގައި ނުހިމެނުމެވެ. އަދި ޝަރުއީ ދާއިރާގެ އިދާރީ ކަންތައްތައް ބެލެހެއްޓުން ޖޭއެސްސީން ވަކިކުރުމެވެ.

މި ދެ ކަމާ ގުޅޭ މަސައްކަތެއް މިހާތަނަށް ސަރުކާރުން ފަށާފައި ނެތެވެ.

ވަރޑިކްޓް: އެހެންކަމުން, ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ޔާމީން ޖަލުން މިނިވަންކޮށް, ކޯޓު ހުކުމް ބާތިލްކޮށް ފުރިހަމަ މިނިވަނަކަށް ހަދާނެ ކަމަށް, އެއީ ރިޔާސީ ވައުދެއް ކަމަށް ސިފަ ކުރުމަކީ ރަނގަޅު ކްލެއިމެއް ނޫނެވެ. ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ސަރުކާރުގެ ފުރަތަމަ ދުވަހު ޔާމީން ޖަލުން މިނިވަން ކުރަން, ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓާލާނެ ކަމުގެ އެވެ.