ޕީޕީއެމް/ޕީއެންސީން ވެރިކަމާ ހަމައަށް ކުރި ދަތުރުގައި މިދިޔަ ދުވަސްތަކުގައި އެންމެ ބޮޑަށް ރައްޔިތުން ކައިރީ ދެއްކި ވާހަކައަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމުގެ ބިރުވެރިކަމެވެ. ގިނަ އަދަދެއްގެ އަސްކަރީ އޮޕަރޭޝަންތަކެއް ވެސް ހިންގަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ވެސް ބުރޫއަރާފައިވާ ކަމަށް އެ ދެ ޕާޓީގެ ވެރިން ދިޔައީ ބުނަމުންނެވެ.
"މި ގައުމުގައި ބޭރު ގައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ. އަޅުގަނޑު އެ ސިފައިން ބާލާނަން، އެއީ މިނިވަންކަމަށް ބުރޫއަރާ ކަމެއް،" ކެމްޕޭން ހަރަކާތްތަކުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެ ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ވެރިއެއް ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރެއްވި މޭޖާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ ވިސްނުން މިކަމުގައި ވަރަށް ތަފާތެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފައި އޮތް ކަމަށް އޭރު އިދިކޮޅު ފަރާތްތަކުންނާއި ރައީސް މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތައް ދޮގު ކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވާ ގޮތުން ބޭރުގެ އަސްކަރިއްޔަތަކާ އެއްކޮށް އރާއްޖޭގެ އަސްކަރިއްޔާ އިން އަބަދުވެސް އެކިއެކި ޓްރެއިނިންތަކާއި އޮޕަރޭޝަންތައް ހިންގައެވެ. އިންޑިއާ ސިފައިންނާއި ރާއްޖެ ސިފައިން ދެމެދު އޮންނަނީ އެފަދަ ގުޅުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައިގެން މީގެ މަހެއްހާ ދުވަސް ކުރިން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އަސްކަރީ ރޯލެއް އަދާ ކުރުމަށްޓަކައި ބޭރުގެ އެއްވެސް ގައުމެއްގެ އެއްވެސް މީހަކު ރާއްޖޭގައި ނެތެވެ.
އިންޑިއާ ސިފައިން އަސްކަރީ ރޯލެއް އަދާ ނުކުރޭ
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފް
ރައީސް މުއިއްޒުގެ ސަރުކާރުން އިއްޔެ އާންމުކުރި ވާހަކަތަކުން ވެސް މިކަމަށް ބާރުލިބެއެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވެސް އިއްޔެ ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރި ވަނީ ތިން އުޅަނދެއް ބެލެހެއްޓުމަށާއި ބައެއް ޓެކްނީޝަނުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބޭ އެ ސިފައިންނަކީ އަސްކަރީ ރޯލެއް އަދާ ކުރާ ބައެއް ނޫނެވެ. އެ މީހުންގެ ސަބަބުން ރާއްޖޭގެ އިސްލާމް ދީނާއި މިނިވަންކަމަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކުރާކަމަށް ވާނަމަ މާތްވެގެންވާ އިސްލާމް ދީނާއި މި ގައުމުގެ ހިމާޔަތާއި މި ގައުމުގެ ދިފާއުގައި އެންމެ ފުރަތަމަ ނުކުންނަ މީހެއް ގޮތުގައި އަޅުގަނޑު ވާނަން." އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ ވާހަކަތައް އަލުން ސޯޝަލް މިޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން މީހުންގެ އަންނަނީ ތަފާތު ހިޔާލު ފާޅުކުރަމުންނެވެ. އެއް ކަމަކީ ރާއްޖޭގައި 77 އިންޑިއާގެ ޓެކްނީޝަނުން ބޭނުންވޭތޯއެވެ. އަނެއް ކަމަކީ ރައީސް މުއިއްޒުގެ ހިޔާލާއި ވިސްނުމާ މުޅިން ތަފާތު ބޭފުޅަކު ސިފައިންގެ ވެރިއަކަށް ހަމަޖައްސަވައިގެން އެމަނިކުފާނުގެ އެންމެ ބޮޑު މި ވައުދު ފުއްދި ދާނެތޯއެވެ.