ހުރިހާ ޚުދުމުހުތާރުވެރިން ވެރިކަން ކުރަނީ ބިރުވެރިވެތިބި ހާލެއްގައެވެ. ނަމަވެސް ރައްޔަތުން އެކަތިގަޑަކަށް ވެއްޖެހިދު ޚުދުމުހުތާރު ވެރިންގެ ނިމުން ފިސާރި އަވަސްވެއެވެ. އެއްވެސް ވެރިއަކަށް މުޅި ޤައުމާއި ރައްޔަތުން އެކީގައި އެއްފަހަރާ ބަންދެއް ނުކުރެވޭނެއެވެ. މިކަމަކީ ހަޤީޤަތެއްކަން ރުމޭނިއާ މުޅި ދުނިޔެއަށް ދައްކައިދީފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ނޫސް ވެސް ލިޔުއްވަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެކަން ވެސް ކުރެވިދާނެ އެވެ. މިއީ ސަންގު މަޖައްލާގައި 24 ޖެނުއަރީ 1990 ގައި ޝާއިއު ކުރި އެމަނިކުފާނުގެ ލިޔުމެކެވެ.

"ކަލޭމެން ބޭނުންނަމަ އަހަރެންގެ ގަޔަށް ބަޑި ޖަހާށެވެ. ނަމަވެސް ކަލޭމެންނަކީ ކޯޓެއްކަމުގައި އަހަރެން ނުދެކެމުއެވެ." މިއީ ރޫމޭނިޔާގައި ވެރިކަމުން ދުރުކުރެވުނު ހަރުކަށި ޒައީމް ނކޮލައި ޗާސަސްކޫ އޭނާ ދުނިޔެ ދޫކުރުމުގެ ކުރިން އެންމެފަހުން އެންމެނަށް އިވޭގޮތަށް ވިދާޅުވި ޖުމްލައެވެ.

24 އަހަރުގެ ޚުދުމުޚްތާރު ވެރިކަމަށްފަހު ޗާސަސްކޫ ވެރިކަމުން ދުރުކުރެވުނީ އެގިވަޑައިގެންފައިވާން ފަދައިން ރޫމޭނިއާ އަށް ގެނެވުނު އިންގިލާބެއްގައި 25 ޑިސެމްބަރ 1989 ވީ ހުކުރު ދުވަހުއެވެ. 1989 ވަނަ އަހަރު ތާރީޚުގައި ލިޔެވިގެން ދިއައީ އިންގިލާބީ އަހަރެއް ކަމުގައެވެ. އެ އަހަރަކީ އަމިއްލަ އެދުމުން ފުރިފައިވާ އެތައް ސަރުކާރުތަކެއް ވެއްޓިގެން ދިއަ ނުވަތަ ވެއްޓުމާއި ކަރިއިއަށް ގެނައި އަހަރެކެވެ. ޙާއްސަކޮށް ކޮމިޔުނިސްޓް ޤައުމު ތަކުގައެވެ. ޗައިނާއިން އުފެދުނު ރާޅު ބާންޏެއް އިރުމަތީ ޔޫރަޕަށް ބިންދާލީ ކަހަލައެވެ.

ޔޫމޭނިއާ އަސް ގެނެވުނު މުޅި ދުނިޔެ ސިއްސުވާލި އިންޤިލާބުގެ ހުޅުކޮޅު ރޯވީ ޓިމިސްކަރާގައި ރުމޭނިއާގެ އޭރުގެ ޒައީމް ޗާސަސްކޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ އެއް ކުރަމުން ދިޔަ ބައެއްގެ ގަޔަށް ރަހުމެއްނެތި ބަޑިޖަހާ ގާތްގަޑަކަށް 4000 މީހުން ސަރުކާޜުެގ ފަރާތުން މަރާލިކަމަށް ތުހުމަތު ކުރެވުމުން ނެވެ. މިހާދިސާ ހިގިތާ ފަސްވަނައަށްވީ ހުކުރު ދުވަސް ވީ ޗާސަސްކޫ ވެއްޓުނު ދުވަސް ކަމުގައެވެ.

ޗާސަސްކޫއަކީ ރޫމޭނިޔާގެ ރައްޔިތުން އަޅުވެތި ކޮށްގެން ވެރިކަން ކުރެއްވި ޚުދުމުޚްތާރު ލީޑާރެކެވެ. ޗާސަސްކޫގެ އެންމެ ހަގު ފިރިހެން ދަރިފުޅު ނިކޫއަކީ އޭނާގެ ބާރުގެދަށުގައިވާ ކޮމިޔުނިސްޓް ޕާޓީ ޔޫތު އޯގަނައިޒޭޝަންގެ ރައީސްއެވެ. އަދި އާރާއަކީ މިނިސްޓްރ ފޯރ ޔޫތު އެފެއާރޒް ވެސް މެއެވެ. އޭނާގެ އަންހެނުން އެލީނާ އެއިރު ހުންނެވީ ތައުލީމާ ބެހޭ ވަޒީރުކަމުގައެވެ. އަދި އޭނާއަކީ ރޫމޭނިޔާގެ އެކަޑަމީ އޮފް ސައިންސްގެ އިސްވެރިޔާވެސް މެއެވެ. އަދި މީގެ އިތުރަށް ޕާޓީގެ އޮފިޝަލުންގެ ވަޒީފާ މަތިކޮށް ދަށްކޮށް ހަދާ ކޮމެޓީގައިވެސް މީނާ ހިމެނެއެވެ. ޗާސަސްކޫގެ ވެރިކަމުގައި ބެލެވެނީ އެލީނާއަކީ "ޤައުމުގެ މަންމަ ކަމުގައެވެ." އަދި "ދުނިޔޭގައިވާ އެންމެ އެކަށޭނަ އަންހެނާ" ކަމުގައެވެ.

ދިގުކޮށް ނުދެންނެވި ނަމަވެސް ޗާސަސްކޫގެ ބޭބެއިންނާ ޅިޔަނުންގެ އިތުރަށް އޭނާގެ ގާތް ތިމާގެ މީހުންގެ ތެރެއިން ގާތް ގަޑަކަށް 36 މީހުންނަކީ ސަރުކާރާއި, ޕާޓީގެ މަތީ މަޤާމުތައް ފުރަމުން ގެންދިޔަ މީހުންނެވެ.

އިންތިލާބާއި ގުޅިގެން

ޑިސެމްބަރ 25 ގެ އިންގިލާބަށް ފަހު, އެއް އިރެއްގައި ރޫމޭނިއާގެ އެންމެ ވަރުގަދަ ލީޑަރު ކަމުގައި ބެލެވުނު ޗާސަސްކޫ އަށް "ޑުރެކިއުލާގެ" ނަން ދެވުނެވެ. މަގު މައްޗަށް އެއްވެފައި ތިބި މީހުން "ޑުރެކިޔުލާ މަރުވެއްޖެއޭ" ގޮވާ ހެދިއެވެ.

އިންގޤަލާބުގައި ރޫމޭނިއާގެ ސިފައިން ތިބީ ރައްޔިތުންނާ އެއްކޮޅަށެވެ. ނަމަވެސް ޗާސަސްކޫއަށް ވަފާތެރި ހަތިޔާރުއެޅި ސިއްރު ފުލުހުން ރައްޔިތުންނާ ސިފައިންނާ ދެކޮޅަށް ހަގުރާމަ ކުރަމުން ގެންދިޔައެވެ. ހަގުރާމާގައި މެޝިން ބަޑިއާ ރޮކެޓްފަދަ ހަތިޔާރު ބޭނުންކުރެވުނެވެ. ހުކުރު ދުވަހުގެ ރޭ ރޫމާނިއާގެ ޓީވީ މެދުވެރިކޮށް ރައްޔިތުން މަގުމައްޗަށް އެއްނުވުމަށް ނަސޭހަތްތެރިވެވުނެވެ. އެއީ ޗާސަސްކޫ އަސް ވަފާތެރި މީހުންނަށް ސިފައިން ހަމަލާ ދޭން މަގުފަހިކުރުމަށެވެ. ނަމަވެސް ސިފައިންނާއެކު އާންމުންގެ ބައެއް ވެސް ޗާސަސްކޫއާ ވަފާތެރި ފަރާތްތަކަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗާސަސްކޫ ވެއްޓުމާއި ގުޅިގެން ރޫމޭނިޔާގެ ދާޚިލީ ކަންތައްތަކާ ހަވާލުވީ ނެޝަނަލް ސަލްވޭޝަން ކޮމިޓީއެވެ. އައު ސަރުކާރެއް ޤާއިމު ކުރެވުނީ ޗާސަސްކޫ އަވަހާރަކޮށްލުމަށް ފަހުއެވެ. މި ސަރުކާރު ޤާއިމު ކުރެވުނީ މިނިވަން އިންތިޚާބެއް ބާއްވާނޭ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެމުންނެވެ.

ޗާސަސްކޫގެ ވަފާތެރިން

ޗާސަސްކޫގެ ވަފާތެރިންނަކީ ރޫމޭނިޔާގެ އެއްގަމު ސިފައިންނަށް ވުރެންވެސް މޮޅަށް ޓްރެއިނިންގ ދެވިފައިވާ ބައެކެވެ. މިބައި މީހުންގެ އަތުގައި އެންމެ ފަހުގެ ހަތިޔާރާ ހެލިކޮޕްޓަރާ އަދިވެސް މީހުން އުފުލާ ހަގުރާމަމަތީ ދުއްވާ ތަކެތި ވެސް ވެއެވެ. މިބައިމީހުްނގެ ސިއްރު މަރުކަޒުތައް މުޅި ރޫމޭނިއާގައި ވެއެވެ.

ރޫމޭނިއާގައި މިގެނެވުނު އިންގިލާބުގައި ސިފައިންނާ އާންމުން ރައްޔަތުންނާ އިދިކޮޅަށް ހަގުރާމަ ކުރި ޗާސަސްކޫއަށް ވަފާތެރި ސިއްރު ފުލުހުންނާ އެކު ބޭރުގެ ކުލީ ސިފައިންގެ ބައެއް ވެސް ހަރަކާތްތެރިވަމުން ދިއައެވެ. ބައެއް ރިޕޯޓަރުން ބުނިގޮތުގައި ޗާސަސްކޫއާ އެއްކޮޅަށް ހަގުރާމަކުރި މަދު މީހުންކޮޅު ތެރޭގައި "ޗިލްރަން އޮފް ދަ ފްލެކަން" ހިމެނެއެވެ. މިއީ ޔަތީމު ހާނާތަކުގައި ޗާސަސްކޫ އަށް ތާއީދު ކުރާ ގޮތަށް ވިސްނައި ދީގެން ބޮޑެތި ކޮށްފައިވާ ބައެކެެވެ.

މިސާލެއް ނުވަތަ އިންޒާރެއް

ޗާސަސްކޫގެ ވެއްޓުމަކީ ކޮމިޔުނިސްޓް ގައުމުތަކަށް މިސާލެއްބާއެވެ. ނުވަތަ އިންޒާރެއް ބާއެވެ? މިސުވާލުގެ ޖަވާބު ދޭނީ ހަމަ "ވަގުތެވެ"

ޗާސަސްކޫއާ އޭނާގެ އަބިކަބަލުން އެލީނާ އަތުލައިގަނެވުނީ ރޫމޭނިއާއިން ފިލާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ޗާސަސްކޫ ގެ ދެކަނބަލުން މެރުމަށް ނިޔާ ކަނޑައެޅީ އަޝްކަރީ ބާރުތަކުން ކަމަށް ބުނެއެވެ. އުންޑައަރާފައިވާ ޗާަސްކޫގެ ހަށިގަޑު ރޫމޭނިޔާގެ ޓީވީ އިން ދެއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުފެދެނީ ސުވާލެއް

އިރުމަތީ ޔޫރަޕަށް މި އަންނަ ބޮޑެތި ބަދަލުތަކާ މެދު މިހާ ހިސާބުން ހިތުގައި އުފެދެނީ ވަރަށް ގިނަ ސުވާލުތަކެކެވެ. އިރުމަތީ ޔޫރަޕަށް މިވަނީ ކީއްބާއެވެ? ކޮމިޔުނިޒަމްގެ ވަސް ދުނިޔޭން ފޮހެވެނީ ބާއެވެ? މި އަންނަނީ ހަޤީޤީ ބަދަލެއް ބާވައެވެ? މިއީ ވަގުތީ ބަދަލެއް ބާވައެވެ? އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް އެންމެ ބޮޑަށް ބާރު ފޯރުވާ ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމުގައިވާ ކޮމިޔުނިސްޓް ރޫސީވިލާތުން މިކަމާ ދެކޮޅަށް އެއްވެސް ނުބުނަނީ ކީއްވެބާއެވެ? ހަމަގައިމުވެސް އެނގޭ އެއްޗަކީ މިގެނެވޭ ބަދަލުތަކަކީ ކޮންމެ ޤައުމެއްގައި ވެސް އެޤައުމެއްގެ ރައްޔަތުން ގެންނަ ބަދަލުތަކެއް ކަމުގައެވެ. ރައްޔަތުންގެ ފައިދާ އަށް ރައްޔަތުންގެ މިނިވަންކަމަށްޓާކައެވެ. އިރުމަތީ ޔޫރަޕް މިގެނެވޭ ބަދަލުތަކާ މެދު ޔޫސީވިލާތުން އިދިކޮޅު ނުހަދާ ނަމަ މިކަމާ އިދިކޮޅު ހަދާނެ އިތުރު ޤއުމެއް ވާނެ ބާވައެވެ. ޔޫމޭނިއާގައި މި ގެނެވުނު އިންޤިލާބަށް ރޫސީވިލާތުން ކުރީ ތާއީދެވެ. ވީއިރު އިރުމަތީ ޔޫރަޕަށް މި ގެނެވީ ރަގަޅު ބަދަލެއް ކަމަށް ބަލަންވީ ހެއްޔެވެ?