ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ޗައިނާއަށް ވަޑައިގެންނެވިއިރު ރަތްދޫލަ އާއި ދިވެހި ދިދައާއެކު ކީ ވަރަށް ހޫނު މަރުހަބާއެކެވެ. މަގާމާ ހަވާލުވެވަޑައިގެންނެވިތާ މަހެއް ނުވަނީސް، ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވީ މި ސަރުކާރުން އެ ގައުމަށް ދެއްވާ ސަމާލުކަން ދެމެހެއްޓުމާއެކު "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގްތިސޯދީ ތަރައްގީއަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ސަމިޓެކެވެ. މިއީ މި ސަމިޓް ބޭއްވި ދެވަނަ ފަހަރެވެ.
ރާއްޖޭން އެންމެ މަތީ ފެންވަރުގައި މި ސަމިޓްގައި ބައިވެރިވިއިރު އަނެއްކޮޅުން އިންޑިއާ އިސްވެ އޮތް އުފައްދާފައިވާ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" ބައްދަލުވުމުގައި ރާއްޖޭން އެއްވެސް ފެންވަރެއްގައި ބައިވެރިއެއް ނުވިއެވެ. މިކަން ވެގެންދިޔައީ އަވަށްޓެރި އިންޑިއާއަށް ވަރަށް ބޮޑު ހަބަރަކަށެވެ. ބައެއް، އިންޑިއާ ނޫސްވެރިން އެކަން "ބްރޭކިން ނިއުސް"އެއްގެ ގޮތުގައި އެކްސްގައި ގެނެސްދީފައިވެއެވެ.
ޗައިނާ ސަމިޓް: ބޮއިކޮޓްކުރި ސަމިޓަށް މިފަހަރު ހައި-ލެވެލްގައި
ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ ސީއައިއޯއާރްއެފްޑީސީ އަކީ ޗައިނާއިން އިންޑިއާ ކަނޑުގެ ގައުމުތަކާއެކު ބާއްވާ ގުޅުން ވަރުގަދަ ކުރަން ފެށި ހަރަކާތެކެވެ. މި ހަރަކާތުގައި 19 ގައުމަކުން ބައިވެރިވާއިރު, މި އަހަރުގެ ސަމިޓްގައި ވެސް އެކި ފެންވަރުގައި މި ގައުމުތަކުން ބައިވެރިވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ, ނޭޕާލް, ޕާކިސްތާން, މޮރިޝަސް, ޝީސެލްސް، އަފްގާނިސްތާން، އީރާން، އޮމާން، މަޑަގަސްކަރަ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެންޔާ، ސައުތު އެފްރިކާ ހިމެނެއެވެ.
އިންޑިއާއިން "ނުރައްކަލެއް"ގެ ގޮތަށް ސިފަކުރާ މި ސަމިޓާ ގުޅޭ ގޮތުން އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އިންޑިއާގެ ބެކްޔާޑްގައި ޗައިނާއިން ހިންގަމުން ދަނީ ހީލަތްތެރި މަސައްކަތްތަކެއް ކަމާއި އެކަމާމެދު އިންޑިއާއިން ސަމާލުވާން ޖެހޭ ކަމަށެވެ. މި ސަމިޓަކީ އިންޑިއާއިން ވަރަށް ބޮޑަށް ފާރަވެރިވެ، އެއާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ސަމިޓެއްގެ ގޮތުގައި ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.
މި ސަމިޓްގެ ފުރަތަމަ ބައްދަލުވުން މިދިޔަ އަހަރު ބޭއްވިއިރު، އިންޑިއާއާ ގާތް ގުޅުމެއް ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސަމިޓް ބޮއިކޮޓްކުރިއެވެ. އެ ސަމިޓްގައި ރާއްޖޭން ވެސް ބައިވެރިވާ ކަމަށް ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތުމުން ރާއްޖޭގެ ފޮރިން އެފެއާޒުން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި އެކަން ދޮގުކޮށް ބުނީ ރާއްޖޭން އެ ސަމިޓްގައި ބައިވެރިނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ވަކި ޖަމާއަތަކުން ސަމިޓްގައި ބައިވެރިވުމަކީ ރަސްމީކޮށް ރާއްޖޭގެ ދައުލަތުން ބައިވެރިވި ކަމުގައި ނުބެލޭނެ ކަމަށާއި ސަމިޓްގައި ބައިވެރިނުވާން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް، އޭގެ އެއް އަހަރު ފަހުން ސަރުކާރު ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމީ މި ސަމިޓްގައި އެންމެ ހައި-ލެވެލްގައި ބައިވެރިވާށެވެ. ނައިބު ރައީސް ސަމިޓަށް ވަޑައިގެން ވަނީ ތަގުރީރު ވެސް ކުރައްވާފައެވެ. އެ ތަގުރީރުގައި ނައިބު ރައީސް ފާހަގަކުރެއްވީ ޗައިނާ، ރާއްޖެއަށް މުހިންމު ކަމުގެ ވާހަކަތަކެވެ.

"ރައީސް މުއިއްޒުގެ ސަރުކާރަކީ، ޗައިނާ އާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއް. މިގޮތުން، މި ދެޤައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް. ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭ," ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
އިންޑިއާއިން މޮރީޝަސްގައި ބޭއްވި ސަމިޓަށް "އެބްސެންޓް"
އިންޑިއާ ކަނޑު ބެލެހެއްޓުމަށް އެކުގައި މަސައްކަތް ކުރުމަށް 2011 ވަނަ އަހަރު އިންޑިއާ އިސްވެ އޮވެ ރާއްޖެ އާއި ސްރީލަންކާއާއެކު ޓްރައިލެޓަރަލް މެރިޓައިމް ސެކިއުރިޓީ ގްރޫޕެއް އުފެއްދިއެވެ. އެގޮތަށް ތިން ގައުމު ގުޅިގެން ކުރަމުން އައި މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށް 2021 ވަނަ އަހަރު ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ ނަމުގައި އާ މަސައްކަތްތަކެއް ފެށިއެވެ.
މި މަސައްކަތުގެ ތެރެއަށް ރާއްޖެއާ ކަނޑުގެ ސަރަހައްދާ މެދު ހިޔާލު ތަފާތުވެފައިވާ މޮރިޝަސް އިތުރުކުރިއެވެ. މިކަން މިގޮތަށް ވެގެންދިޔައީ އިންޑިއާއިން މޮރިޝަސްއާ ގާއިމްކުރަމުންދިޔަ ވަރުގަދަ ގުޅުމުގެ ތެރެއިންނެވެ. އަދި, އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމުން ރާއްޖެއާއެކު ވެސް އިންޑިއާގެ އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ.

ސީއެސްސީ އުފައްދައި ބޭއްވި ބައްދަލުވުން 2022 ވަނަ އަހަރުގެ މާޗް މަހު އޮތީ ރާއްޖޭގައެވެ. ރާއްޖޭގެ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓުގައި އޮތް ބައްދަލުވުމުގައި އިންޑިއާ, ސްރީލަންކާ އަދި މޮރިޝަސް ބައިވެރިވިިއިރު އޮބްޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސް ވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މޮރިޝަސްއިން ބައިވެރިވިއިރު ހަތަރު ގައުމުން ވަނީ މުހިންމު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ. އޭރު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ފަސް ދާއިރާއަކުން ގުޅިގެން މަސައްކަތް ނިންމިއެވެ. ނަމަވެސް, އޭގެ ތަފްސީލްތައް އޭރު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އޭގެ އެއް އަހަރު ފަހުން މި އަހަރުގެ ސީއެސްސީ ބައްދަލުވުން މިދިޔަ ހަފުތާ އޮތީ މޮރިޝަސްގައެވެ. މި ބައްދަލުވުމުގައި އިންޑިއާ, ސްރީލަންކާ އަދި މޮރިޝަސް އިން ބައިވެރިވިއިރު ކުރިއަށް އޮތް އަހަރު ސީއެސްސީގެ ގައުމުތަކުން ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ރޯޑް މެޕެއް ވަނީ އެކުލަވާލާފައެވެ. އަދި އަންނަ އަހަރު ބައްދަލުވުން އިންޑިއާގައި ބޭއްވުމަށް ނިންމާފައިވެއެވެ.
އިންޑިއާއިން ވަަރަށް ހާއްސަ ސަމާލުކަމެއްދޭ މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިނުވުމަކީ އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާއިން ސަމާލުވާންޖެހޭ ކަމެކެވެ. ރާއްޖެ އާއި ޗައިނާގެ ގުޅުން އަނެއްކާވެސް ވަރުގަދަވެ, އޭގެ ނުރައްކާ އިންޑިއާއަށް ކުރާނެ ކަމަށް އިންޑިއާގެ ބައެއް އެނަލިސްޓުން ވެސް ވަނީ އިންޒާރު ދީފައެވެ.
ރައީސް މުއިއްޒު ވަނީ ދުބާއީގައި ކޮޕްގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަ ވެސް ދައްކަވާފައެވެ. އެ ބައްދަލުވުން އެގޮތަށް ހިނގާފައިވަނިކޮށް އިންޑިއާއިން އިސްވެ އޮވެ ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެއެވެ. ސަރުކާރުން ވާހަކައެއް ނުދައްކައެވެ.
މިއީ ބޮޑު ފުރޮޅުމެއް
ޗައިނާގައި ބޭއްވި ސަމިޓަށް އިސްކަންދީ, މޮރިޝަސްގައި ބޭއްވި ސީއެސްސީގެ ބައްދަލުވުމުގައި ރާއްޖޭން ބައިވެރިނުވީ ކީއްވެކަމާ މެދު އޮތީ އަންދާޒާތަކެވެ. އެއީ;
- މޮރިޝަސް އާއި ރާއްޖެއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް އިޓޮލްސްގެ ނިންމުން އިސްތިއުނާފު ކުރަން މި ސަރުކާރުން ނިންމާފައިވުމުން, އެ ގައުމާ ގުޅުން ގޯސްވެފައިވުން އަދި އެ ގައުމުގައި އޮތް ބައްދަލުވުމަކަށް ރާއްޖޭން ދާން ބޭނުން ނުވުން
- އިންޑިއާއާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާއި އިންޑިއާ ސިފައިން ބޭރުކުރަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އިންޑިއާއެކު އޮތް ގުޅުން ހީނަރުވަމުންދިޔުން އަދި ވަރުގަދަ ގުޅުމެއް އިންޑިއާއާއެކު ބާއްވަން މި ސަރުކާރުން ބޭނުން ނުވުން
- އިންޑިއާ ކަނޑުގެ ގައުމުތަކާ ކައިރިން މަސައްކަތް ކުރަން ޗައިނާއިން މަސައްކަތް ކުރަމުންދާއިރު, މި ސަރުކާރާއި ޗައިނާއާ ދެމެދު ގާއިމްވަމުންދާ ބަދަހި ގުޅުމުގެ އަސަރެއްގެ ގޮތުން އިންޑިއާ އިސްވެ އޮވެ ހިންގާ ސީއެސްސީގައި ރާއްޖޭން ބައިވެރިވާން ޗައިނާ ނުރުހުން
ކޮންމެ ގޮތެއް ވިޔަސް, މިއީ ރާއްޖޭގެ ހާރިޖީ ގުޅުމުގެ ބޮޑު ފުރޮޅުމެކެވެ. މުޅި ސަރަހައްދަށް އަސަރުކުރާ ފަދަ ބޮޑު ފުރޮޅުމެކެވެ.
މީގެ އެއް އަހަރު ކުރިން ޗައިނާގެ ސަމިޓްގައި ރާއްޖޭން ބައިވެރިނުވުމުން އެކަމާ އިންޑިއާއިން އުފާކުރިއެވެ. އަދި, ރާއްޖޭން ނެރުނު ބަޔާނާއެކު ޗައިނާ ލަދުގަންނަވާލި ކަމަށް އިންޑިއާގެ ނޫސްތަކުގައި ލިޔެފައި ވެސް ހުއްޓެވެ. ނަމަވެސް މިއަދު އޮތީ އޭގެ އަނެއްކޮޅެވެ. އިންޑިއާގެ ބައްދަލުވުމުގައި ބައިވެރިނުވެ ޗައިނާއަށް ވަޑައިގެންނެވީ ސީދާ ނައިބު ރައީސެވެ. އިންޑިއާ ނޫސްތަކުން ވެސް ދެކުނީ މިއީ އެ ގައުމަށް ވަރަށް ބޮޑު ވެއްޓުމެއްގެ ގޮތުގައެވެ. ހާރިޖީ ސިޔާސަތުގެ ފެއިލްވުމެއް ކަމުގައެވެ.
ދެން އޮތް ސުވާލަކީ ރާއްޖޭން އަނބުރާލި މި ވަރުގަދަ ސްޑޭންޑާއެކު ދެން ކުރިމަތިވާނީ ކޮން ކަމެއްކަމާމެދުއެވެ.