ޝިފާ މުހައްމަދު

ވެރިކަމާ ހަވާލުވިތާ މަހެއްހާ ދުވަސް ތެރޭގައި ސަރުކާރެއް ވައްޓާލެވިދާނެ ހެއްޔެވެ. ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހުރިހާ ވަޒީރުންގެ މަސައްކަތް ރަނގަޅަށް ނުފެށެނީސް ބޭރު ކޮށްލެވިދާނެ ހެއްޔެވެ. ރައްޔިތުން ނުކުމެ ބަދަލުކުރި ވެރިކަން "ރައްޔިތުން ކައިރީ ނާހާ" އަލުން ވެރިކަމަށް ގެނެވިދާނެ ހެއްޔެވެ.

މިއީ ހިޔާލީ ވާހަކަތަކެއް ނޫނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އިއްޔެ އެއް މަސް ފުރުންއިރު ބަނަ ކޮށްފައި އޮތް ބޮޑު "ސިޔާސީ ތޫފާނެއްގެ" ސަބަބުން ގާނޫނީ އަދި ސިޔާސީ ތަޖުރިބާކާރުން އުފައްދަމުން އަންނަ ސުވާލުތަކެކެވެ. ރައްޔިތުންގެ މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ބޭނުން ގޮތަކަށް ގާނޫނާއި ގަވައިދުތައް ލިޔެ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަޒުލު ކުރެވޭނެ ފޯމިއުލާއެއް ނެރެން އުޅޭކަމުގެ އަޑުތައް ކުއްލިއަކަށް ވަނީ ވަރަށް ގަދަވެފައެވެ.

މި ތުހުމަތުތައް ފެށުނު ހިސާބަކީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅި ބޮޑެތި އިސްލާހުތަކާ އެކުއެވެ. 

އާޒިމް ހުށަހެޅީ؛

  • ރައީސް އާއި ނައިބު ވަކި ކުރާ ގަރާރުގެ ނޯޓިސް ދެ ދުވަސް ތެރޭ ފޮނުވުން. 
  • އިތުބާރު ނެތް މައްސަލަ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރުން
  • ރައީސް އާއި ނައިބު ވަކި ކުރުމުގެ ބަހުސް ތިން ގަޑިއިރަށް ގެންދިޔުން
  • މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ އަދަދު 11 އިން ހަތަކަށް މަދުކުރުން
  • އެ ކޮމިޓީގައި ހުރިހާ ޕާޓީއެއް ތަމްސީލް ވާން ނުޖެހޭ ގޮތް ހެދުން

ދަ ޑިމޮކްރެޓްސް މިގޮތަށް ހުށަހަޅާ އިސްލާހުތަކަކީ އެމްޑީޕީ އިން ދުވަހަކު ވެސް ބަލައިގަތް އިސްލާހުތަކެއް ނޫނެވެ. އެމްޑީޕީ އިން ވަކިވި މެންބަރުން ހުށަހަޅާ މައްސަލަތައް އެއްވެސް އުޒުރެއް ނެތި ބޭރުކޮށްލާތީ އެ ޕާޓީ އިން އެފަދަ އިސްލާހުތައް ހުށަވެސް ނާޅައެވެ.

އެހެން ނަމަވެސް މިހާ ހިޔާލު ތަފާތު ދެ ޕާޓީ މި އިސްލާހަށް ތާއީދުކުރެއެވެ. އާޒިމްގެ ހުށަހެޅުން އެމްޑީޕީގެ މެޖޯރިޓީ އޮތް އާންމު ކޮމިޓީ އިން ވަނީ ފާސްކޮށްފައެވެ. ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ އިޖުރާއަތްތައް ބަޔާން ކުރާ އެ އިސްލާހަށް އެމްޑީޕީ މެންބަރުން ރުހުނީ ކޮން "ޑީލެއް" ގެ ދަށުން ކަމެއް ނޭނގެއެވެ.

އެ ހުށަހެޅުމާ ދާދި އެކުއެކީ ދެން އައީ އެމްޑީޕީގެ އިސްލާހެކެވެ. އެ އިސްލާހުގައި އޮތީ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން އެމްޑީޕީ އަށް މަދުވާ މެންބަރުންގެ އަދަދަށް ގަވައިދު ފައްތާލުމަށެވެ. 

ޝިފާއު ހުށަހެޅީ؛

  • މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ގޮނޑި އަށް މެންބަރަކު އިންތިހާބު ކުރުވެންދެން މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ އެ ދާއިރާތައް ނުހިމަނާއެވެ. 
  • މަޖިލީހުގެ ދައުރެއްގައި މެންބަރުންގެ ޖުމްލަ އަދަދަށް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަން ޖެހޭނެއެވެ.

ގަވައިދު އޮންނަ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

އެހެން ނަމަވެސް ޝިފާއު ވިދާޅުވާ ގޮތުން މިހާރު ސަރުކާރުގެ ކެބިނެޓާއި ކުންފުންޏަކާ ހަވާލުވާ ހަތް މެންބަރުން ވަނީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދީފައެވެ. އެހެންވެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ގޮތުގައި އެ މެންބަރުން ހިމަނައިގެން ނުވާނެއެވެ. އެހެންވެ އެ މެންބަރުން ނުލައި ގުނާ ގޮތަށް ގަވައިދު ބަދަލު ކުރުމާއެކު ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ.

އޭގެ މާނައަކީ އެމްޑީޕީގައި މިވަގުތު ތިބި 56 މެންބަރުންނަށް ވެސް ރައީސް އާއި ނައިބު ރައީސް ވަކި ކުރެވިދާނެއެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ކުއްލިއަކަށް މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހުތައް ސަރުކާރު ހިންގާ ޕާޓީގެ އިސް މެންބަރުން ސިފަ ކުރަނީ "ބަޣާވާތެއް" ގެންނަން އުޅޭ ކަމަށެވެ. ރައީސް އާއި ނައިބު ރައީސް އަޒުލު ކުރަން ދެ ޕާޓީން ރާވައިގެން މަސައްކަތް ކުރާ ކަމަށެވެ.

އެއީ މިހާރު ވާ ގޮތުން ރައީސް އާއި ނައިބު ރައީސް އަށް ދެ ދުވަހުގެ ނޯޓިސް އަށް ފަހު 14 ދުވަހުގެ ތެރޭ މައްސަލަ އެޖެންޑާ ކުރެވިދާނެއެވެ. އަދި އެ މައްސަލަ ފޮނުވާ ކޮމިޓީ އަށް ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެންބަރަކު ނުވައްދާ ގޮތް ނިންމިދާނެއެވެ. ބޮޑު އަގުލަބިއްޔަތުން ދެތިން ދުވަހެއް ތެރޭގައި ސަރުކާރު ވައްޓާލެވިދާނެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީއަކީ ސަރުކާރު ދެމެހެއްޓުމުގެ އެންމެ ބޮޑު އެއް ޒިންމާ އުފުލަން ޖެހޭ ބައެކެވެ. މިހާރު ގަވައިދުތަކަށް ބަދަލު ގެނެސްގެން ރައީސް އަޒުލު ކުރަން ކުރަމުން އަންނަ މަސައްކަތަކީ ގާނޫނާ ހިލާފު މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މަޖިލީހުން ކުރަމުން އެގެންދާ ކަންކަމަށް އެކަނި ވިސްނާލި ނަމަވެސް އަންނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް މަޖިލީހުގެ ތެރެއިން މިހާރު ކުރަމުންގެދާ މަސައްކަތަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާ ޚިލާފަށް ކުރަމުންގެންދާ ކަމެއް،" އާޒިމާ ވިދާޅުވިއެވެ.

އެމްޑީޕީ/ޑިމޮކްރެޓްސް އެކަތިގަނޑަކަށް ވެދާނެ!

ރައީސް އަޒުލު ކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރާ ކަމަށް ޝައްކު ކުރެވިފައި ވަނިކޮށް ދެ ޕާޓީގެ އިސް އޮފިޝަލުންތަކެއް ސިއްރު ބައްދަލުވުމެއް ބޭއްވި ކަމުގެ އަޑު ވަނީ ފެތުރިފައެވެ.

މާލެ ކައިރީ ރިސޯޓެއްގައި ބައްދަލު ކުރި ކަމަށް އަޑު ފެތުރުނީ ދަ ޑިމޮކްރެޓްސްގެ އާޒިމް އާއި އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. އަދި އެމްޑީޕީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އަޑު ފެތުރިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.

މިފަދަ ބައްދަލުވުމެއް ކުރިޔަށް ދިޔަ ކަމެއް ދެ ޕާޓީން ވެސް ކަށަވަރު ނުކޮށްދެއެވެ. ނަމަވެސް އެ ވާހަކަތައް ފެތުރިގެން މި އަންނަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ވެސް ރުހުން ދިނުން އެޖެންޑާ ކުރަން ނިންމާފައި ވަނިކޮށެވެ.

މި ދަނޑިވަޅުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއް ގަލަކަށް އަރައި ސަރުކާރާ ދެކޮޅު ވެއްޖެ ނަމަ މަޖިލީހުގައި ސަރުކާރުގެ ދިފާއުގައި ތިއްބަވާނީ ހަ މެންބަރުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ދެ މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ދެ މެންބަރުންނެވެ. އެހެންވެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެއެވެ.

އަނެއްކޮޅުން އެމްޑީޕީން ވަކިވި މެންބަރުން އުފެއްދި ދަ ޑިމޮކްރެޓްސް މިހާރު އޮތީ ސިޔާސީ ގޮތުން ވަރަށް ބަލިކަށިވެފައެވެ. އެ ޕާޓީއަށް ރިޔާސީ އިންތިހާބުގައި މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. އަދި އެ ޕާޓީ ބޭނުންވި ބަރުލަމާނީ ވެސް ނުގެނެވުނެވެ. އަދި އެމްޑީޕީ ހޯދަން ކުރި މަސައްކަތް ވެސް އޮތީ ނާކާމިޔާބުވެފައެވެ. އެންމެ ފަހުން ޕާޓީގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވެސް ސިޔާސީ މަސައްކަތާ މިވަގުތަށް އެއްފަރާތް ވެވަޑައިގެންފިއެވެ. އޭގެ އިތުރުން ސަރުކާރާ ވެސް ކޯލިޝަން ހެދުމުގެ ވާހަކަ ދެއްކި ނަމަވެސް އެއްވެސް މިނިސްޓްރީއެއް ނުވަތަ ސިޔާސީ މަގާމެއް އެ ޕާޓީއަކަށް ނުލިބެއެވެ.

މި ހުރިހާ ހާލަތެއް އޮއްވާ މި ވަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކަށެވެ. މިވަގުތު ކުޑަކުޑަ ޕާޓީއެއްގެ ގޮތުގައި އެ އޮތް ގޮތަށް އޮވެ ޑިމޮކްރެޓްސް އަށް މާ ގިނަ ގޮނޑިއެއް ލިބޭނެ ކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފައެވެ. އެހެންވެ އެ ޕާޓީ އަށް އެންމެ ފައިސާ ހުރި ގޮތެއް ކަމަށް ތަޖުރިބާކާރުން ދެކެނީ ވެސް މިވަގުތަށް އެމްޑީޕީ އާ އަލުން ގުޅުމެވެ. އަދި ނަޝީދުގެ "އެނބުރި އައުން" އެ ޕާޓީގެ ތެރެއިން ހިންގުމެވެ.

ސަރުކާރުގެ ވަޒީރުން ވެސް ބިރެއްގައި!

ރައީސް އާއި ނައިބު ރައީސް އަޒުލު ކުރާ ވާހަކަ ދައްކާއިރު ސަރުކާރުގެ ވަޒީރުންނަށް އޮތީ ކޮން ފުރުސަތެއްތޯ އެއީ މުހިންމު ސަވާލެކެވެ. އެމްޑީޕީގެ މެންބަރުން ފުރަތަމަ ދުވަހުން ފެށިގެން ބްލެކް ލިސްޓަށް އެތައް ވަޒީރުންނެއް ލައިފިއެވެ. މިހާތަނަށް އެކަމަކު ރަސްމީކޮށް ވަކި ވަޒީރުންތަކެއް ބޭރު ކުރަން ވިޕެއް ނުނެރުނަސް އެމްޑީޕީން ޔާގީނުން ވެސް ވޯޓު ނުދޭނެ ވަޒީރުން އެބަތިއްތެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މިއަދަށް މި ވަނީ އެޖެންޑާ ކޮށްފަ އެވެ. ސަރުކާރުގެ މުޅި ކެބިނެޓަށް "ނޯ" ޖަހާފަ އެމްޑީޕީ ޗުއްޓީއަށް ދިޔަޔަސް ސަރުކާރު ވެއްޓޭނީ ބޮޑު އަނދަވަޅުގަނޑަކަށެވެ. ވެރިކަމުގެ ދެވަނަ މަސް ފެށޭނީ ވަރަށް ބޮޑު ދައްޗަކުންނެވެ. އަލުން ހުރިހާ އާ ކުރަން ޖެހޭ ހާލަތަކުންނެވެ.

ކުރު ގޮތަކަށް ބުނާ ނަމަ ސިޔާސީ މަސްރަހު މިވަގުތު އޮތީ ނަޝީދުގެ ސަރުކާރަށް ޖެހުނު ހާލަތަށް ވުރެ ގޯސްކޮށެވެ. އާ މަޖިލީހެއް އިންތިހާބުވުމުގެ ކުރިން އެމްޑީޕީގެ ބޮޑު މެޖޯރިޓީ އަށް ސަރުކާރާށް ބޭނުން ގޮތެއް ހަދަން ތިން މަސް އެބަލިބެއެވެ. އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ވަޒީރުން ބޭރުކޮށްލެވިދާނެއެވެ. އަދި މިހާރު ރައީސް އާއި ނައިބު ރައީސް ވެސް ވަކި ކުރެވިދާނެ ހާލަތެއް އެ ގެންނަނީއެވެ.

އެއް ގޮތަކީ ސަރުކާރު ވައްޓާލުމެވެ. އެ ނޫނީ މި މުއްދަތުގައި އެމްޑީޕީން ސަރުކާރު މުށުތެރޭ ބޭއްވުމެވެ.