ބޮޑު ވަޒީރު ކަމުގެ ދެ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއްޔެ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ވީޑިއޯ އަކީ "ދިވެހިރާއްޖެ ނޫން ގޮތެއް" ހޯދުމަށް އިންޑިއާ އިން މަސައްކަތް ފަށައިފި ކަމުގެ ބޮޑު އިއުލާނެވެ. "އަގު ބޮޑު" ދިވެހިރާއްޖެ ނޫން ގޮތެއް ހޯދުމަށް މޯދީ ދެއްކެވީ ރާއްޖޭގެ އުތުރަށް އޮންނަ އިންޑިއާގެ ޖަޒީރާ ރަށްތަކެއް ކަމަށްވާ ލަކްޝަޑްވީޕް އެވެ.

ލަކްޝަޑްވީޕްގެ ރީތި ކަމާއި އެއީ ވެސް ހަމަ ދިވެހިރާއްޖެއެއް ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ބައެއް އިންޑިއާގެ މީހުން ޓިކްޓޮކް އަދި އެކްސްގައި މަޑުމަޑުން ވާހަކަ ދައްކަމުން ދިޔަ އެވެ. އެ ވާހަކައަކީ މޯދީގެ މި ބޮޑު ވާހަކަ ފެށުމުގެ ގޮތުން ގެނައި ސުރުހީއެވެ. ވާހަކަ ބޮޑުވަމުން ގޮސް, އެންމެ ފަހުން މުޅި އިންޑިއާގެ ސަރުކާރު މިހާރު އޮތީ ލަކްޝަޑްވީޕް ޕްރޮމޯޓް ކުރުމަށް ފޫގަޅައިގެންނެވެ.

"މި ރީތިކަން ބަސްތަކުން ސިފަކޮށްދޭން ވަރަށް އުނދަގޫ. ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ބީޗްތަކާއި ކަނޑުތައް ބަލަން ދާ މީހުންނަށް އަހަރެން ކުރާ އާދޭހަކީ ފުރަތަމަ ލަކްޝަޑްވީޕްއަށް އައިސް ބެލުމަށް," މޯދީ ވިދާޅުވި އެވެ.

މިއީ ދިވެހިރާއްޖެއަށް މާބޮޑު ފޯރިއެއް ހުންނަ އިންޑިއާގެ ރައްޔިތުންނަށް މޯދީ ދެއްވި މެސެޖެކެވެ. އެ މެސެޖްގައި ވިދާޅުވި އެކިއެކި ގައުމުތަކަކީ ހަމަ ސީދާ ދިވެހިރާއްޖެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް މިހާރު އޮތީ ވެސް އިންޑިއާ އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ އިންޑިއާ މީހުން ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އަންނައިރު މިކަން މިހާރު ވެފައިވަނީ އިންޑިއާގެ މުއްސަނދިން އަދި މެދު ފަންތީގެ މީހުންގެ މެދުގައި ޓްރެންޑަކަށެވެ.

ހާއްސަކޮށް ބޮލީވުޑްގެ ތަރިން ރާއްޖެއަށް އަންނަ މިންވަރު އިތުރެވެ. އަދި ރާއްޖޭގެ ބީޗްތަކުގައި އެމީހުން ނަގާ ފޮޓޯތަކާއި ވީޑިއޯތަކަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެއެވެ. މޯދީގެ މި ވީޑިއޯ އާންމުކުރިއިރު ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ ހުރީ ވެސް ރާއްޖޭގަ އެވެ. އޭނާއަށް ރާއްޖޭން ހޫނު މަރުހަބާއެއް ކިޔުމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލާއި ޔޫތު މިނިސްޓަރު އަޝްވާޑް އެއާޕޯޓަށް ވެސް ވަޑައިގެންނެވި އެވެ.

މޯދީގެ ވީޑިއޯގައި ރާއްޖެއަށް އެންމެ ގިނަ ބައެއްގެ ޝައުގު އޮންނަ ކަނޑު އަޑީގެ ދިރުންތަކަކަށް ވެސް ވަނީ އަލިއަޅުވާފައެވެ. އޭނާ ވަނީ ލަކްޝަޑްވީޕްގައި ސްނޯކްލިންއަށް ވަޑައިގެން އެ ތަޖުރިބާ އިންޑިއާގައި ހުންނަވައި ހޯދަވާފައެވެ. ވިދާޅުވަނީ އެކަންކަން ބެލުމަށް އިންޑިއާއިން ބޭރަށް ދާން ނުޖެހޭ ކަމަށެވެ. މޯދީގެ މި ވީޑިއޯ އިން ފުއްދަވާ ނުލައްވާ މިއަދު އަނެއްކާ ވަނީ އިތުރު ފޮޓޯތަކަކާ އެކު އެހެން ޕޯސްޓެއް ވެސް ކުރައްވާފައެވެ.

ލަކްޝަޑްވީޕްގެ ރީތިކަމާއި ހިތްގައިމު ކަމުގައި އަންތަރީޒުވެފައި ހުންނެވި ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

މޯދީގެ ޕަބްލިކް ޕޯސްޓާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ދިވެހިރާއްޖެއާ ދެކޮޅަށް ކެމްޕެއިނެއް ފަށާފައެވެ. އެމީހުން ބުނާ ގޮތުގައި ދިވެހިރާއްޖެއިން އިންޑިއާ އައުޓް ކުރާ ނަމަ, އެމީހުން ހޯދާނީ ރާއްޖެ ނޫން ގޮތެވެ. ރާއްޖެއަށް ލަކްޝަޑްވީޕްއަށް ގޮސް ތަޖުރިބާ ކުރަން ލިބޭ ކަންކަން ގިނަވެފައި އަމިއްލަ ގައުމުވުން އެތައް ފަސޭހައެއް ވާނެ ކަމެވެ.

އިންޑިއާގެ ވަރަށް ގިނަ ބަޔަކަށް ލަކްޝަޑްވީޕް ތައާރަފްވީ ވެސް މިއަދުއެވެ. އެތައް ބަޔަކު ވަނީ ގޫގަލް އިން ލަކްޝަޑްވީޕް ސާޗް ވެސް ކޮށްފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އޭއެންއައި އިން ބުނި ގޮތުގައި ގޫގަލް ގައި ލަކްޝަޑްވީޕް ހޯދުން ވަނީ ރެކޮޓް ސްޕީޑްގައި މައްޗަށް ގޮސްފައެވެ. އަދި ރާއްޖެއަށްވުރެ ލަކްޝަޑްވީޕް ސާޗް ކުރާ މިންވަރު އިތުރު ވެފައިވާ ކަމަށް ވެސް އެމީހުންގެ ބެލި ބެލުމުން އެނގޭ ކަމަށް ބުނެފައިވެ އެވެ.

"އިންޑިއާ ޓްޑޭ" ނޫހުން ވެސް ވަނީ ރާއްޖެ އިން ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށް އިންޑިއާއާ ދެކޮޅު ސިޔާސަތުތައް ގެންގުޅޭ މި ދަނޑިވަޅުގައި ރާއްޖެއަށް ޗެލެންޖަކަށް ލަކްޝަޑްވީޕް ޕްރޮމޯޓް ކުރަން ސަރުކާރުން ވިސްނުންހުރިކަން ފާހަގަކޮށްފައެވެ. ހޯމް މިނިސްޓަރު އަމިތް ޝާހް ވިދާޅުވީ ލަކްޝަޑްވީޕްއަކީ ގްލޯބަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ހެދޭނެ ކަމުގެ ގަބީލްކަން އޮތް ތަނެއް ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށެވެ. އެ މަސައްކަތް ފެށުމުގެ ގޮތުން މޯދީ ވަނީ 1150 ކަރޯޑް ރުޕީސްގެ މަޝްރޫއުތައް ލަކްޝަޑްވީޕްގައި ފައްޓަވާދެއްވާފަ އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް ވިދާޅުވީ ގިނަ މީހުން ލަކްޝަޑްވީޕް އަށް ދަތުރުކުރި ވަރަކަށް އެތަން ތަރައްގީވާނެ ކަމަށާއި އަދި ތަފާތު ސަގާފަތެއް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ. އިންޑިއާގެ ރީތިކަމާއި ތަފާތުކަން މުޅި ދުނިޔެއަށް ދެއްކުމަށް އޭނާ ވެސް ގޮވާލެއްވިއެވެ.

މިއީ ވަރަށް ފާޅުކަން ބޮޑުކޮށް ފެންނަ އޮތް ގޮތުގައި އިންޑިއާ އިން ރާއްޖެ ނޫން ގޮތެއް ހޯދުމުގެ މަސައްކަތެވެ. ރާއްޖެއާ ނުލާ ވެސް ނޫނީ ރާއްޖެ ނެތި ވެސް އިންޑިއާއަށް ގެއްލުމެއް ނެތްކަން ދެއްކުމެވެ. ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރުވާ އިގުތިސޯދަށް ހީނަރުކަން ގެންނަން ކުރާ މަސައްކަތެވެ. އިންޑިއާ ސިފައިން ރާއްޖެން ބޭރުކޮށް ޗައިނާއާ ގުޅުން ބަދަހިކުރާތީ ދޭ އަދަބެކެވެ.