"އަހަރެންމެނަކީ ކުޑަ ގައުމެއް, އެކަމަކު އެއީ އަހަރެމެންނަށް ބުލީ ކުރަން އޮތް ލައިސެންސްއެއް ނޫން," ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދިވެހި ދެއްވި ޕްރެސް ސްޓޭޓްމެންޓެއް ނިންމާލައްވަމުން އިނގިރޭސި ބަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހެނެވެ.

މިއީ ސީދާ އަވަށްޓެރި އިންޑިއާ އަށް ރައީސް ދެއްވި ވަރުގަދަ މެސެޖެކެވެ. ހަމަލާއެކެވެ. ވަރުގަދަ ރައްދެކެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ދިވެހި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވި ކަމަށް ބުނެ އެ ގައުމުގެ މީޑިއާތައް ކެކިގަނެ ރާއްޖޭގެ ސަފީރު ހާޒިރުކޮށް މަޝްރަހު އޮތީ ވަރަށް ހޫނުކޮށެވެ. ރާއްޖެ ބޮއިކޮޓްކޮށް އިންޑިއަން އައިލެންޑްސް އިހްތިޔާރު ކުރަން އިންޑިއާގައި ބޮޑު ކެމްޕެއިނެއް ކުރަމުންދާއިރު ސަފީރު ހާޒިރުކޮށް އިންޑިއާގެ ބޮޑު ޑިމާންޑެއް ވެސް އޮތެވެ. ރަސްމީކޮށް މާފަށް އެދުމެވެ.

މަޝްރަހު ފިނިކުރަން, ރީތި އުސޫލެއްގެ ގޮތުން ސަރުކާރުން ވަނީ ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކޮށް މޯދީއަށް އަމާޒުކުރި ބަސްތައް ބަލައިނުގަންނަ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އެވަރުން އިންޑިއާ އަށް ނުފުދުނު ނަމަވެސް. އޭގެ އިތުރަށް ރާއްޖޭން ދެން މިކަމުގައި ފިޔަވަޅެއް ނާޅާނެ ކަން ޔަގީންވެއްޖެ އެވެ. ގުޅުން ގޯސްވިޔަސް އެންމެ ރަނގަޅު ކަން ވެސް ހާމަވެއްޖެ އެވެ.

ރައީސް މުއިއްޒުގެ މާފަކަށް އެދި އޮތް އިންޑިއާ އަށް އެމަނިކުފާނު ދެއްވީ ހަމަލާއެވެ. ރައްދެވެ. މާފަކަށް ނޭދެ އެވެ. މޯދިއަށް އަމާޒުކުރި ބަސްތަކާ ގުޅޭ ގޮތުން ހަމަ އެކައްޗެއް ވެސް ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ރާއްޖެ ބްލީ ކުރާ ކަމާއި އެ ފުރުސަތު ބަންދު ކުރާނެ ކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އިންޑިއާ ނޫން ގޮތެއް ހޯދުމަށް އޮތް ޕްލޭން އެމަނިކުފާނު މިއަދު ވަނީ ހާމަކުރައްވާފަ އެވެ. އިންޑިއާ އަށް އޮތް އަޅުދާސްކަން މަޑުމަޑުން މިންޖުކުރަނީ އެވެ.

ކާޑު ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކަކީ މިހާރު އިންޑިއާ އިން ގެންނަ ތަކެއްޗެވެ. އިންޑިއާއާ ގުޅުން ގޯސްވުމުން އެ ފިއްތުން ވެސް ކުރިމަތިކުރުވަ އެވެ. ނަމަވެސް, އިންޑިއާ އަށް އެކަމުގައި ބަރޯސާވެފައި އޮތް އޮތުން ނިންމަން ރައީސް ވަނީ ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި މިއަދު ރައީސް ވިދާޅުވީ ކާޑު ރާއްޖެ އަށް ގެންނަން ތުރުކީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ ބޭސިކް ކޮމޮޑިޓީސް، ހަނޑޫ، ހަކުރު، ފުށް އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި،" ރައީސް ވިދާޅުވި އެވެ.

"ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި. ހަނޑޫ، ހަކުރު، ފިޔާ، ބިސް އަދި އަލުވި އެކި ގައުމުތަކުން ވަނީ ހަމަޖެހިފައި. އެ ތަކެތި އަންނާނެ."

ބޭސްފަރުވާ ވެސް އިންޑިއާ އާ ދުރަށް

ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވުމާ އެކު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ބޭސްފަރުވާއަށް އެ ގައުމަށް ބަރޯސާވާންޖެހިފައި އޮތް މިންވަރެވެ. ބެންގްލޫރު, ކޮޗިން ފަދަ ސިޓީތަކަކީ ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދާ ތަންތަނެވެ. އެ ތަންތަނުގެ ގިނަ ހޮސްޕިޓަލްތަކުން އެންމެ ގިނައިން ހިދުމަތް ހޯދަނީ ވެސް ދިވެހިންނެވެ.

އެ ހޮސްޕިޓަލްތަކަށް ރާއްޖޭގެ އާސަންދަ ސްކީމްގެ ދަށުން ބޮޑު ފައިދާއެއް ވެސްވެ އެވެ. ނަމަވެސް, ރައީސް ވަނީ އެކަން ވެސް ބަދަލު ކުރަން ނިންމަވާފަ އެވެ. ރައީސް ވިދާޅުވީ އާސަންދަ އަކީ ހަމައެކަނި ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

އާސަންދަ އަކީ ވަކި ދިމާލަކުން ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީއަކުން ލިބޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކުން، ޔޫއޭއީ އާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،

އެމަނިކުފާނު ވިދާޅުވި އެ ގައުމުތަކަށް އާސަންދަ ފުޅާކުރާނީ އެކޮމޮޑޭޝަން ހަރަދުތައް ވެސް ހިމެނޭ ގޮތަށް, އެ ތަކުލީފު ރައްޔިތުންނަށް އުފުލަން ނުޖެހޭ ގޮތަށެވެ.

"އޭރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކުރެވެން ދެން ދާނީ މިހާރަށް ވުރެ ފެންވަރު ރަނގަޅު ތަންތަނަށް، މާފެންވަރު ރަނގަޅު ދުބާއީ ކަހަލަ، ބެންކޮކްގައި ހުންނަ ކަހަލަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް އެކޮމޮޑޭޝަން އެކްސްޕެންސް ވެސް ލިބިގެން،" ރައީސް ވިދާޅުވި އެވެ.

ޔޫރަޕުން ބޭސް ގެންނަނީ

އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ވެސް ފަށަން ނިންމާފައިވާކަން ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ.

"ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ، ވަކި ގައުމަކުން ބޭސް ގެނައުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނެސް."

މީގެކުރިން ވެސް އިންޑިއާއާ ގުޅުން ގޯސްވާ ދުވަސްތަކުގައި ބޭހުގެ ދަތިކަން ނުވަތަ ބޭހުގެ އަގު މަތިކޮށް ދަތިކޮށްފައިވެއެވެ.

އިންޑިއާ އުޅަނދުތަކުގައި ބަލި މީހުން އުފުލުން ނިމުނީ

އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައި ބަލި މީހުން އުފުލުމަކީ އެ ގައުމުން ވަރަށް ފަހުރުވެރިކަމާ އެކު ދައްކާ ވާހަކައެކެވެ. ރާއްޖޭގައި އެތަކެތި ބަހައްޓައި އެއާ އެކު ސިފައިން ތިބުމަށް ދައްކާ އެއް އުޒުރަކީ ވެސް އެއީ އެވެ. އަދި އިންޑިއާއަށް ތާއިދު ކުރާ ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ އެއީ އެވެ.

މިދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ބަލި މީހުން އުފުލަމުން ދިޔައީ އެ އުޅަނދުތަކުގަ އެވެ. ނަމަވެސް, އަންނަ މާޗް މަހުން ފެށިގެން އެކަން ނިމުމަކަށް ގެންނާނެ ކަން ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ.

"ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް އެކެއް މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. މޯލްޑިވިއަންގެ ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ސީ އެމްބިއުލާންސްގެ ހިދުމަތް ވަރުގަދަ ކުރާނެ ކަމަށާއި އެ ހިދުމަތް ފުޅާ ކުރާނީ އެހެން ގައުމުތަކަށް ވެސް ބަލި މީހުން އުފުލޭ ފެންވަރަށް ކަމަށެވެ.

"އެންމެ އުތުރުން ނުވަތަ އެންމެ ދެކުނުން މާލެ އަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އާދެވުމުގެ އިތުރަށް، ކުލިއަކަށް ރާއްޖެއިން ބޭރަށް، ތައިލެންޑަށް ގެންދަން ބޭނުންވިޔަސް، ޑޭޝް-8ގައި ދާނެ، އެއާ އެމްބިއުލާންސްގައި ދާނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރު ބަލަހައްޓަމުން ދަނީ އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދައިގެންނެވެ. ނަމަވެސް ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގެ ބާރުވެރިކަމުގައި 24 ގަޑިއިރު ބެލެހެއްޓޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މާ ލަސްތަކެއް ނުވެ އެ ވަސީލަތްތައް ގާއިމްކޮށް، ރާއްޖެއިން އަމިއްލައަށް އެކަން ކުރަން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ހަގީގީ މާނައިގައި އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑެއް ނޫން"

އިންޑިއާ އިން ރާއްޖެއަށް ބަދުބަސް ބުނުމަށް ނުވަތަ ރާއްޖެ ދަށްކޮށްލުމަށް ބުނެ އުޅެނީ މި ދިވެހިރާއްޖެއަކީ އިންޑިއާގެ ބެކްޔާޑް ކަމަށެވެ. މި ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ބައެއް ކަމަށެވެ. އެ ގައުމުގެ ބައެއް ކަމަށެވެ.

ނަމަވެސް, އެ ވާހަކަތަކަށް ރައީސް މުއިއްޒު މިއަދު ވަނީ ވަރަށް ސީދާ ބަހުން ރައްދު ދެއްވާފަ އެވެ. މިފަދަ ސީދާ ރައްދުތަކެއް މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު އިންޑިއާއަށް ދެއްވާފައެއް ނުވެއެވެ.

އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް,

"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު. ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ." 

"މި ކަނޑަކީ މި ކަނޑު ވަށާލެވިފައިވާ ހުރިހާ ގައުމުތަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު މާ ބޮޑު."

އެއާ އެކު ރައީސް ތައުރީފް ކުރެއްވީ އިންޑިއާގެ އެންމެ ބޮޑު ހަތަރު, ޗައިނާއާ އެވެ. ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވަނީ ހަތަރު ކަމެއްގެ މައްޗަށް ކަމަށާއި އެއީ އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމްކުރުމާއި ފޯރުންތެރިކަމުގައި ތަފާތު ވިޔަސް ދެ ގައުމުން ވެސް އެއް ހަމައެއްގައި ބަލައިގަތުމާއި އާއި ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ސަރަހައްދު ދިފާއުކޮށް ހިމާޔަތްކުރުމުގެ ހައްގު އޮންނާނެކަން ގަބޫލުކުރުމާއި ދެ ގައުމުގެ އެތެރޭގެ ކަންކަމަށް ދެ ގައުމުން ވެސް ނުބެހުން ކަމަށެވެ.

"މި ޓެރިޓޯރިއަލް އިންޓަގްރިޓީގެ އަސާސާސަކީ ޗައިނާ އިން ވަރަށް ބޮޑަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޗައިނާ އިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާ ކަމަށާއި ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުގައި ވަކި ގައުމަކުން ރާއްޖޭގެ ކަންކަމަށް އިންތިހާއަށް ނުފޫޒު ފޯރުވި ކަަމަށް ރައީސް ވިދާޅުވި އެވެ. އިންޑިއާގެ ނަން ނުގެންނެވިޔަސް ރައީސް އެ ވިދާޅުވީ އިންޑިއާ އާއި މިދިޔަ ސަރުކާރާ އޮތް ގުޅުމުގެ ވާހަކައެވެ.

"ކުރީގައި ދާދި ފަހުން ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ގޮސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް ވިދާޅުވިއެވެ.

"އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުމުގެ ނުރަނގަޅު ގޮތް އެއީ ދެ ގައުމުގެ މެދުގައި ގުޅުން ބޭއްވުމުގައި އޮންނަންވާނެ ކަމެއް ނޫން."