ވިސާއު ގާދިރު

ހާރިޖިއްޔާ އަކީ އާންމު ހާލަތަށް ވުރެން ވަރަށް ތަފާތުކޮށް މުއާމަލާތްތައް ކުރެވޭ ދާއިރާ އެކެވެ. ހިތްހަމަނުޖެހޭ ހާލަތްތަކުގައި ވެސް ސީދާ ދިމާއަށް އެއްޗެއް ބުނުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ހާރިޖީ ދާއިރާގައި ޑިޕްލޮމަސީގެ އުސޫލަކީ "އަތްނުލައި އައްދޮކިޔުއްވުމުގެ" ރޫހެވެ. ހިތް ދެލިގަނޑެއްހެން އޮތަސް، ކަން އޮންނާނީ ވެލިގަނޑެއްހެންނެވެ.

އާންމު މީހެއްގެ ސިކުނޑިއަށް ނަގައިގަންނަން ދަތިވިޔަސް، ކިތަންމެ ކުޑަކުޑަ ކަމަކުން ވެސް ވަރުގަދަ މެސެޖުތައް ހާރިޖީ ދާއިރާގައި ރައްދުކުރެ އެވެ. ސިޓީ އެއްގައި އޮންނަ ޖުމްލަ އެއްގެ އިބާރާތުން ނޫނީ އެންމެ ބަހަކުންނެވެ. ސަލާމް ކުރަން އަތް ދިއްކޮށްލާ ގޮތެވެ. ފޮޓޯއަކަށް ހުއްޓި ހުންނަ ގޮތުންނެވެ. ކިތަންމެ އާދައިގެ ހަފްލާއަކަށް ދޭ ނޫނީ ނުދޭ ދައުވަތަކުންނެވެ. 

މިއީ ހައްތަހާ ވެސް، ގައުމަކާ ނޫނީ ޖަމިއްޔާއަކާ މެދު ރަހުމަތްތެރިކަން ނޫނީ ނުރުހުން ފާޅުކުރަން ހާރިޖީ ދާއިރާގައި ބޭނުންކޮށް އުޅޭ އުކުޅުތަކެވެ. މި ކަހަލަ ކުދި ކުދި ކަންތައްތަކަކީ ދެ ގައުމެއްގެ މެދުގައި އޮންނަ ގުޅުން ވަޒަން ކުރަން ބައިނަލްއަގުވާމީ މައިދާނުގައި މިނާ ނާޅި އަށް އޮންނަނީ ވެފައި އެވެ.

އަވައްޓެރި އިންޑިއާ އާ އެކު އޮންނަ ގުޅުން އިންތިހާއަށް ގޯސްވެފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓު ޝައުގުވެރިވަނީ އެހެންވެ އެވެ.  

ޔޫގަންޑާގެ ކަމްޕާލާގައި ބޭއްވި ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ދިވެހި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ބޭއްވި ބައްދަލުވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ ދެ ގައުމުގެ ގުޅުމާ ބެހޭ ވަރަށް "ތެދުވެރި" ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އޭގެ އިތުރަށް އޭނާ އެއްޗެއް ވިދާޅެއްނުވެ އެވެ.

އެކަމަކު ހާރިޖިއްޔާގައި ކަންކުރާ އުސޫލުން، ޖައިޝަންކަރު ދެއްވަން ބޭނުންވި މެސެޖު އޮތީ އޭނާ ވިދާޅުނުވި ނޫނީ ނުލިޔުއްވި އިބާރާތްތަކުގެ ފަހަތުގަ އެވެ. އެ ކަން، ނާމް ސަމިޓުގެ ހަވާސާގައި އޭނާ ބައްދަލުކުރެއްވި އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ފަހު ކުރެއްވި ޕޯސްޓުތަކަށް ބަލައިލުމުން ސާފުވެ އެވެ. 

ޒަމީރާ ބައްދަލުކުރި ޕޯސްޓުގައި އޮތީ ދިވެހި ފޮރިން މިނިސްޓަރާ ހަމައެކަނި ބައްދަލުވި ކަމެވެ. 

އެހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުވުމާ ހިލާފަށް ޒަމީރާ ބައްދަލުވެގެން "އުފާވި" ކަން ދޭހަވާ އެއްވެސް ލަފްޒެއް ބޭނުމެއް ނުކުރައްވަ އެވެ. 

ނޫނީ އެއީ "ހިތްހަމަޖެހުނު" ނޫނީ "އުފެއްދުންތެރި" ބައްދަލުވުމަކަށް ވެސް ނުވި އެވެ. 

 އެ ޖުމްލަ އާ ވިދިގެން ވެސް، އެހެން ގައުމުތަކާ އެކު އޮތް އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ހަރުދަނާ ކުރުމުގެ ވާހަކަތައް ހުއްޓަސް، ރާއްޖެއަށް ކުރި ޓްވީޓުގައި އޮތީ ނާމް އާ ގުޅުންހުރި ބައެއް ކަންކަމަށް މަޝްވަރާ ކުރެވުނު ކަމެވެ. 

އެއްވެސް ގާތްކަމެއް ނޫނީ ރަހުމަތްތެރި ގުޅުމެއް އޮތް ކަން ދޭހަވާ މޭރުމަކުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. 

ޖައިޝަންކަރެކޭ އެއްގޮތަށް ޒަމީރު ވެސް ވަނީ ހާރިޖީ ބަހުރުވައިން ރާއްޖޭން ދޭން ބޭނުންވި މެސެޖު ދެއްވައިފަ އެވެ.

އެ ބައްދަލުވުމަށްފަހު ޒަމީރު ކުރެއްވި ޓްވީޓުގައި ވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ދެ ގައުމުގެ މެދުގައި ކުރިއަށްދާ ހައި ލެވެލް މީޓިންއާ ގުޅޭގޮތުން ޖައިޝަންކަރާ އެކު މަޝްވަރާ ކުރެއްވި ކަން ފާހަގަކުރައްވައިފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް ވަނީ ދެ ގައުމުގެ "ހައި ލެވެލް ކޮމިޓީ" އެއް އުފައްދައިފަ އެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ބޭނުންފުޅާ ގޮތަށް އަންނަ މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން ހުށަހަޅައިފަ އެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އިންޑިއާ އިން ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާ ކުރަމުން އަންނަ ކަން ފިޔަވައި، އިންޑިއާ ސިފައިން ބޭލުމަށްއިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ސީދާ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ. އަދި ރާއްޖޭން ހުށަހެޅި މުހުލަތަށް ވެސް އިންޑިއާ އިން އެއްބަސްވިކަމެއް ވެސް ނޫނީ ނޫން ކަމެއް ވެސް ހާމައެއް ނުކުރެ އެވެ. 

"ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް" ޖައިޝަންކަރާ އެކު މަޝްވަރާ ކުރެވުނު ކަމަށް ޒަމީރުގެ ޕޯސްޓުގައި ވިދާޅުވުން މުހިންމު ވަނީ އެހެންވެ އެވެ. އިންޑިއާ އިން އެކަމަށް ސީދާ އެއްޗެއް ނުބުންޏަސް، ރާއްޖޭން ދޫނުދޭ ކަން ޒަމީރުގެ ޕޯސްޓުން ސާފުވެ އެވެ. 

މި މިންވަރަށް އެކްސްގައި ކުރި ޕޯސްޓުތަކެއް ފުރާނައި، މާނަކުރަންޖެހޭ ސަބަބެއް އާންމު މީހަކަށް ނުވިސްނިދާނެ އެވެ. އަދި މިއީ ކުޑަ ކަމެއް މާ ބޮޑުކޮށްލުން ކަމަށް ވެސް ބުނެވިދާނެ އެވެ. 

އެކަމަކު، މިއީ ހާރިޖިއްޔާގެ ބަހުރުވަ އެވެ. ބުނާ އެއްޗަކަށް ވުރެން ނުބުނާ ނޫނީ ބުނަން ބޭނުންނުވާ އެއްޗަކުން މުއާމަލާތްކުރާ ދާއިރާ އެކެވެ. އެހެންކަމުން، ހާރިޖިއްޔާގެ ނަޒަރުން ބަލާ އިރު، އެންމެ ދެ ޖުމްލައިން ވެސް ދެ ގައުމުގެ މެދުގައި އޮތް ގުޅުން އޮތް ހާލަތު ވަރަށް ސާފުކޮށް ސިފަވެ އެވެ.