ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ މަޝްރޫއުއެއްގެ ގޮތުގައި އޮތީ ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަސައްކަތެވެ. ވެރިކަން ވަޑައިގެންނެވިތާ ފުރަތަމަ މަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު, އެތަނަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް ވެސް ރައީސް އުޅުއްވަނީ ވަރަށް ބުރަކޮށެވެ. އެކަމަކު, އެންމެންގެ ވެސް ސުވާލަކަށް ވެފައި އޮތީ މާލެ ގުޅުމެއް ނެތް, ރަސްމާލެ ފީސިބަލް ވާނެތޯ އެވެ. 

ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވަނީ ރަސްމާލެ އާއި މާލެ ދެމެދު ބްރިޖެއް ނޭޅޭނެ ކަމާއި އެއަށްވުރެ ކަނޑު ފުން ކަމަށް ވިދާޅުވެފަ އެވެ. ކަނޑު މަގުން ދުއްވާފައިދާ ނަމަ, އެއީ އާދައިގެ ސްޕީޑެއްގެ އުޅަނދެއް ނަމަ 20 ވަރަކަށް މިނެޓްގެ ރާސްތާއެކެވެ. އެހެންވެ ރަސްމާލެއަށް ދާން ބައެއް މީހުން ތިބީ ބޭނުން ނުވެފައެވެ. 

އިދިކޮޅު އެމްޑީޕީން މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވި އާދަމް އާޒިމްގެ ކަންބޮޑުވުމަކީ ވެސް އެއީ އެވެ. މާލެއާ ގުޅުމެއް ނެތް ތަނަކަށް އެހާ ބޮޑު ސަމާލުކަމެއް ސަރުކާރުން ދިނުމެވެ. އެއީ ބޭކާރު އިސްރާފެއް ކަމަށް އާޒިމް ވިދާޅުވަމުން ގެންދެވިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ފުށިދިއްގަރުފަޅަށް މާލެ މީހުން ގެންދަން ހަދާނެ ކަމެއް ނެތް ކަމަށެވެ. ހަމަ އެންމެ ސަބަބެއް އޮތީމައެވެ. 

އެއީ މާލެއާ މާދުރުގައި އޮތް ތަނަކަށްވާތީ އެވެ. މާލެއާ ގުޅުމެއް ނެތި އެތަނަށް ރައްޔިތުން ދާން ބޭނުން ނުވާނެތީ އެވެ. ތަން ތަރައްގީ ކުރަން އުނދަގޫވެ މީހުން އާބާދު ކުރަން ވެސް އުނދަގޫވާނެތީއެވެ. 

އެކަމަކު, އެ ހުރިހާ ކަމަކަށް ރައީސް ވަނީ ހައްލެއް ހޯއްދަވާފަ އެވެ.

މާލެ އާއި ރަސްމާލެ ގުޅާލާނީ އަންޑަ ވޯޓާ ޓަނަލަކުން

"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އިރާދަކުރެއްވިއްޔާ އަންޑަ ވޯޓާ ޓަނަލް މާލެ އިން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގަ ދުއްވާ ޓްރެއިންގެ ސަބަބުން ޓްރައިންގަ ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލްއަކަށް," ރައީސް ވިދާޅުވިއެވެ. 

އެ މަސައްކަތް ކުރުމަށްޓަކައި އެކަމުގެ ގާބިލް ކަން ހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފިސިބިލިޓީގެ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް. މިއީ ރާއްޖެ އަށް ޓޫރިސްޓުން އެތައް ގުނައަކަށް އިތުވާނެ މަޝްރޫއުއެއް.

"އަޅުގަނޑުމެން ކުރާނީ ދެކޮޅު ޖެހޭ މަސައްކަތް. އިރާދަކުރެއްވިއްޔާ ލިންކް އެޅިފައި އޮންނަ ގުޅިފައިވާ ތަންތަނުގައި މާލެ ސަރަހައްދުގައި ވެސް މީހުން ދިރިއުޅޭނީ," އާދަމް އާޒިމް މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ. 

ސަރުކާރުން ވިސްނާފައި އޮތް މި މަޝްރޫއުގެ ފިސިބިލިޓީ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަން ރައީސް ހާމަކުރެއްވި ނަމަވެސް, މިކަމާ ގުޅިގެން ވާހަކަ ދައްކަމުންދާ ކުންފުނިތަކުގެ މައުލޫމާތެއް ނުދެ އެވެ. އެކަމަކު ވަރަށް ބޮޑަށް ބެލެވޭ ގޮތުގައި އެއީ ޗައިނާގެ ކުންފުނިތަކެވެ. 

މިފަހުން ރައީސް ވަނީ ޗައިނާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ. އަދި އެ ގައުމުގެ ގިނަ އިންވެސްޓަރުންނާ ބައްދަލު ކުރައްވައި, އިންވެސްޓްމެންޓްތައް ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. ގިނަ މަޝްރޫއުތަކަށް ޗައިނާގެ އެހީ ވަނީ ހޯދާފައިވެސްމެ އެވެ. 

View this post on Instagram

A post shared by Gaumee (@gaumee_)

އެހެންވެ ޓަނަލްގެ މަސައްކަތް ވެސް ކުރިއަށްދާނީ, ރައީސް އެންމެ ގާތް ގުޅުމެއް ބާއްވާ ޗައިނާއާ އެކު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޗައިނާގައި އަންޑަ ވޯޓާ ޓަނަލް އެޅުމުގެ ގާބިލްކަމާއި އެ ޓެކްނޮލޮޖީ ހުރި ކުންފުނިތައް އެބަ ހުއްޓެވެ. 

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާގައި ކަނޑުއަޑީގެ 100 އަށް ވުރެ ގިނަ ޓަނަލް ހަދާފައިވާއިރު، ޗައިނާގައި މިހާރު ވެސް 20 އަށް ވުރެ ގިނަ ކަނޑުއަޑީގެ ޓަނަލްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޗައިނާގެ ފެނުއަޑީގެ އެންމެ ދިގު ހައިވޭ ޓަނަލް

ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަހުގެ މަސައްކަތަށް ފަހު ޗައިނާގެ ފެނުއަޑީގެ އެންމެ ދިގު ހައިވޭ ޓަނަލް ވެހިކަލް ޓްރެފިކަށް ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދިގުމިނުގައި 10.79 ކިލޯމީޓަރު (6.65 މޭލު) ހުންނަ ޓައިހޫ ޓަނަލް އަކީ ޝަންހާއީގެ އިރުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ޗައިނާގެ އިރުމަތީ ޖިއަންގްސޫ ޕްރޮވިންސްގެ ލޭކް ޓައިހޫގެ ދަށުގައި އޮންނަ ޓަނަލްއެކެވެ.

ޖިއާންގްސޫގެ ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މި ޓަނަލް ހަދާފައިވަނީ 9.9 ބިލިއަން ޔުއާން (ގާތްގަނޑަކަށް 1.56 ބިލިއަން ޑޮލަރު) ހަރަދުކޮށްގެންނެވެ. އިމާރާތް ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. 

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަ ލޭން ހިމެނޭ އަދި ފުޅާމިނުގައި 17.45 މީޓަރު ހުންނަ ޓަނަލް އެޅުމަށް ދެ މިލިއަން ކިއުބިކް މީޓަރަށް ވުdalian bay undersea tunnelރެ ގިނަ ކޮންކްރީޓް ބޭނުންކޮށްފައިވެ އެވެ.

މި ޓަނަލަކީ ޑިސެމްބަރު 30، 2021 ގައި އާންމުންނަށް ހުޅުވާލި 43.9 ކިލޯމީޓަރުގެ ޗަންގްޒޫ-ވޫޒީ ހައިވޭގެ ބައެކެވެ. މިއީ ޝަންހާއީ އާއި ޖިއާންގްސޫގެ ވެރިރަށް ނަންޖިންއާ ދެމެދު ދަތުރުކުރާ ދަތުރުވެރިންނަށް އޮލްޓަނޭޓިވް އެކްސްޕްރެސްވޭއެކެވެ.

ސޫޒޫ، ވޫޒީ އަދި ޗަންގްޒޫގެ އެކްސްޕްރެސްވޭތައް ގުޅާލައި، މިއީ ޔަންގްޒީ ރިވާ ޑެލްޓާ ސަރަހައްދުގެ ސިޓީތަކުގެ އިގްތިސާދީ ތަރައްގީ ޕްރޮމޯޓްކޮށް، ލޭކް ޓައިހޫ ކައިރީގައި ވާ ސިޓީތަކަށް ޓްރެފިކް ޕްރެޝަރު ކުޑަކުރުމުގެ ގޮތުން ހަދާފައިވާ ތަނެކެވެ.

5.1 ކިލޯމީޓަރުގެ ޑާލިއަން ބޭ އަންޑަސީ ޓަނަލް

ޗައިނާގެ އުތުރުގައި އޮންނަ ބޯހައި ގައި އޮންނަ 5.1 ކިލޯމީޓަރުގެ ޑާލިއަން ބޭ އަންޑަސީ ޓަނަލް ޓްރެފިކަށް ހުޅުވާލާފައިވާ މިދިޔަ އަހަރުގެ މެއި މަހު އެވެ. 

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރު ހިއްސާވާ ކޮންޓްރެކްޓަރު ޗައިނާ ކޮމިއުނިކޭޝަންސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފަސްޓް ހާބަރ އިންޖިނިއަރިންއިންނެވެ.

ފަސްޓް ހާބަރުގެ އިންޖިނިއަރެއް ކަމަށްވާ ސޮންގް ޖިއާންގްވޭ ޗައިނާ ޑެއިލީއަށް މައުލޫމާތު ދެމުން ބުނީ އިމާރާތް ކުރާ ފަރާތްތަކުން އެ ސަރަހައްދުގެ ކޮމްޕްލެކްސް ޖިއޮލޮޖީ އާއި ފިނިހޫނުމިން -20 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ހުރުމުން ގިނަ "އާ ސްޓްރަކްޗާތަކާއި ޓެކްނޮލޮޖީތައް" ތަރައްގީ ކުރަން ޖެހުނު ކަމަށެވެ.

އާ ލިންކުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ ދާލިއަންގެ އާބަން ޑިވެލޮޕްމަންޓަށް އޮތް ޖާގަ ފުޅާވެ، ބޭގެ އުތުރު ފަރާތުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ. 

ބަންގްލަދޭޝްގައި ޗައިނާއިން ހަދާފައިވާ އަންޑަ ވޯޓާ ޓަނަލެއް

ބަންގަބަންދު ޝެއިޚް މުޖީބުއްރަހްމާން ޓަނަލަކީ ދެކުނު އޭޝިއާގެ ފުރަތަމަ ފަހަރަށް އަންޑާ ރިވާ ޓަނަލެވެ. މި ޓަނަލް އޮންނަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިރުދެކުނުން ގާތްގަނޑަކަށް 242 ކިލޯމީޓަރު ދުރުގަ އެވެ. 

ބަންގްލަދޭޝް އާއި ޗައިނާގެ ސަރުކާރު ގުޅިގެން ހިންގާ އަދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ) އިން އިމާރާތްކުރި މި ޓަނަލަކީ 3.4 ކިލޯމީޓަރުގެ ސަރަހައްދަކާއި 5.35 ކިލޯމީޓަރުގެ އެޕްރޯޗް ރޯޑަކާ އެކު 727 މީޓަރުގެ ބްރިޖަކާ އެކު މައި ސިޓީ އާއި ބަނދަރާއި ކޯރުގެ ހުޅަނގު ފަރާތް އެ ކޯރުގެ އިރުމަތީ ފަރާތް ގުޅުވައިދޭ ބްރިޖެކެވެ.

ޕްރޮޖެކްޓް މެނޭޖަރު ޔޫ ޖިންގްތާއޯ ވިދާޅުވީ ޓަނަލް އަކީ މުޅިން ވެސް ޗައިނާގެ ޑިޒައިނާއި ޓެކްނޮލޮޖީ އާއި މިންގަނޑުތަކާ އެކު ހަދާފައިވާ ޓަނަލްއެއް ކަމަށެވެ.

ގިނަ ދަތިތަކެއް ކުރިމަތިވި ނަމަވެސް، ޗައިނާއިން މި މަސައްކަތް ނިންމީ ފެންވަރު ރަނގަޅު އަދި އެފިޝިއެންސީއާ އެކުގައި ކަމަށާއި، މި މަޝްރޫއުގެ ޓެކްނިކަލް ގައިޑެއް އެކުލަވައިލި ކަމަށާއި، އޭގެ ތެރޭގައި މަގުތަކާއި ބްރިޖާއި ޓަނަލްފަދަ ޗައިނާގެ މިންގަނޑުތައް ހިމަނައިގެން ބަންގްލަދޭޝްއާ ގުޅުންހުރި ސިނާއަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޔޫ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން މިހާތަނަށް 5،000 އަށްވުރެ ގިނަ ވަޒީފާ އުފެދި، އުމްރާނީ ތަރައްޤީގެ ހުނަރުތަކަށް ބަންގްލަދޭޝްގެ ރައްޔިތުން ތަމްރީނުކޮށް، ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްރޮމޯޓްކޮށްފައިވެއެވެ.

ޔުނިވާސިޓީ އޮފް ޗަޓޯގްރާމްގެ އިންސްޓިޓިއުޓް އޮފް މެރިން ސައިންސްގެ އެސޯސިއޭޓް ޕްރޮފެސަރު އެމްޑީ ނޫރުލް އާޒިމް ސިކްދަރު ވިދާޅުވީ ބަންގަބަންދު ޝެއިޚް މުޖީބުއްރަހްމާން ޓަނަލް އަކީ ދެކުނު އޭޝިއާގެ ރޫޓް ކޮމިއުނިކޭޝަންއަށް ފުރަތަމަ ފަހަރަށް ހިމެނުނު އަންޑަ ރިވާ ޓަނަލް ކަމަށެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އާއި މި ޓަނަލްގެ ސަބަބުން ބަންގްލަދޭޝްގެ އިގްތިސާދު ރަނގަޅު ކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ،" ޕްރޮފެސަރު ވިދާޅުވި އެވެ.

ރާއްޖޭގައި ބްރިޖު އެޅި ސީސީސީސީ ކުންފުނި

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ) އިން ބަންގްލަޑޭޝްގައި އަންޑަ ރިވާ ޓަނަލެއް އަޅާފައިވާއިރު, މިއީ ދިވެހިރާއްޖެއާ ވަރަށް ރަށްޓެހި ކުންފުންޏެކެވެ. މާލެ އާއި ހުޅުލެ ގުޅުވާލި, ތަރައްގީގެ އިންގިލާބީ ބޮޑު ބްރިޖުގެ މަސައްކަތް ކުރީ އެ ކުންފުނިންނެވެ. 

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ކުންފުނީގެ އިސްވެރިންނާ އެކު ވަކިން ބައްދަލު ކުރައްވާފައިވެއެވެ. 

މި ބައްދަލުކުރެއްވުމުގައި ސީސީސީސީގެ އިސްވެރިން ވަނީ ޗައިނާގެ ސީސީސީސީ އަށް ދިވެހިރާއްޖެއިން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސީސީސީސީ ގެ އިސްވެރިން ވަނީ ރާއްޖޭގެ ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ރާއްޖޭގެ ކުރިމަގު އުޖާލާވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިހާތަނަށް ސަރުކާރުން ހާމަ ނުކުރިޔަސް, ޓަނަލްގެ މަސައްކަތް ވެސް ސީސީސީސީއާ ހަވާލު ކުރުމުގައި ވަރަށް ގާތުގައި އޮތް ކަމެކެވެ. 

ދުނިޔޭގެ ފާހަގަކުރެވޭ އެހެން ބައެއް ޓަނަލްތައް 

ދުނިޔޭގައި އެންމެ ދިގު ހައިވޭ ޓަނަލަކީ ނޯވޭގެ 14.3 ކިލޯމީޓަރުގެ ޓްވިން ރޯޑް ރައިފާސްޓް ޓަނަލް އެވެ.

ޓޯކިޔޯ ބޭގެ ދަށުން ދަތުރުކުރާ ވެހިކަލް ހައިވޭއެއް ކަމަށްވާ ޓޯކިޔޯ ބޭ އަކުއާ ލައިންގެ ކަނޑުއަޑީގެ ޓަނަލް ބައިގެ ބޮޑުމިނަކީ 9.6 ކިލޯމީޓަރެވެ.

ކަނޑުއަޑީގެ ޓަނަލްތަކަށް ބަލާއިރު އެންމެ ބޮޑު ޝަރަފެއް ލިބެނީ އިންގްލެންޑާއި ފަރަންސޭސިވިލާތް ރޭލުން ގުޅާލާ ޗެނަލް ޓަނަލްއަށެވެ. 37.9 ކިލޯމީޓަރުގެ ޓަނަލަކީ ދުނިޔޭގެ އެންމެ ދިގު ޓަނަލެވެ.