އިންޑިއާގެ ކަންބޮޑުވުންތަކާއި ފިއްތުންތަކާ ގުޅިގެން ސްރީލަންކާގައި ބަނދަރު ކުރުމަށް ހުއްދަ ނުދިން ޗައިނާގެ ރިސާޗް އުޅަނދު, "ޝިއަންގް ޔަންގް ހޮންގް 3" މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ވަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މި އުޅަނދު ރާއްޖެއާ ދިމާލަށް މިހާރު ދަތުރުކުރާ ކަމަށް މެރިން ޓްރެފިކްގެ މައުލޫމާތުތައް ހާމަކުރާ ވެބްސައިޓްތަކުން ވެސް ދައްކައެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެ, ސަރުކާރުން ޗައިނާއާ އެކު ގާތް ގުޅުމެއް ދަމަހައްޓަމުންދާ މި ދަނޑިވަޅުގައި މި އުޅަނދަށް ރާއްޖެ އިން ހުއްދަ ދިނީ ބޭރުގެ މީޑިއާތަކުގެ ވެސް ސަމާލުކަމަށް މިހާރު އައިސްފައިވާ ކަމެކެވެ.
މީޑިއާތަކުގެ ފަލަ ސުރުހީއަށް މި ވާހަކަ އެރުމުން އެކަމާ ކަންބޮޑުވެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އުޅަނދަށް ރާއްޖޭގައި ބަނދަރުކުރުމުގެ ކްލިއަރެންސް ދޭން ނިންމާފައިވާ ކަމަށާއި އެއީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ ކަމަށެވެ.
އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ސާވޭއެއް ކުރަން ނިންމައިނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުފަހަރަށް މަރުހަބާ ކިޔާ މަންޒިލަކަށްވާއިރު، ސުލްހަވެރި ބޭނުންތަކަށް ބަނދަރު ކުރުމަށް އަންނަ ސިވިލް އަދި އަސްކަރީ އުޅަނދުތައް ވެސް އަންނަނީ މަރުހަބާ ކިޔަމުން ކަމަށް. މިފަދަ ބަނދަރު ކުރުމަށް ހުއްދަ ދިނުމުގެ ސަބަބުން ރާއްޖެ އާއި ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ދިވެހި ރައްޔިތުން އެކުވެރި ގައުމުތަކުގެ އުޅަނދުފަހަރަށް މަރުހަބާ ކިޔުމުގެ ޒަމާންވީ އާދަވެސް ދައްކުވައިދޭ," ބަޔާނުގައިވެއެވެ.
ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި ކަމާގުޅޭ ބައިނަލްއަގްވާމީ މެރިޓައިމް ގާނޫނުތައް ދިވެހިރާއްޖެއިން ދަމަހައްޓާނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ ޗައިނާގެ އުޅަނދު ރާއްޖެއާ ދިމާލަށް ހުރުމުން, އެކަން އެ ގައުމުން ކައިރިން މޮނިޓާކުރަމުންދާނެ ކަމަށެވެ. އުޅަނދު ރާއްޖެއަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި ޗައިނާގައި ވެރިކަންކުރާ ކޮމިޔުނިސްޓު ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓުމަންޓުގެ ވައިސް މިނިސްޓަރު ސަން ހައިޔާން ހުންނެވީ ރާއްޖޭގަ އެވެ.
އަދި މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗައިނާއަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އެ ދަތުރުގައި ޗައިނާ އިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ, އިންވެސްޓްތައް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.
ސްރީލަންކާ އިން ބޭރުގެ ސާވޭ އުޅަނދުތަކަށް ހުއްދަ ދިނުން ހުއްޓާލީ ކީއްވެ؟
ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވީ ޗައިނާގެ ސަވައިލަންސް އުޅަނދުތަކުން ގިނަފަހަރަށް ޑޮކިން ރިކުއެސްޓްތައް އަންނަ ކަމަށާއި ބޭރުގެ ރިސާޗް އުޅަނދުތަކަށް އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދިނުން އެއް އަހަރު ދުވަހުގެ މެދުކަނޑާލަން ނިންމީ ޗައިނާގެ "ރިސާޗް-ކަމް-ސްޕައި" އުޅަނދުތައް ލަންކާގެ ބަނދަރުތަކަށް ޑޮކިން ކުރުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
ލަންކާގެ އިސް ވަޒީރަކު ލަންކާގެ ނޫހެއް ކަމަށްވާ "ދަ ޑެއިލީ މޯނިން" އަށް ވިދާޅުވީ، ބޭރުގެ ރިސާޗް އުޅަނދުތަކަށް ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ އެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގައި ސާވޭ ކުރުމުގެ ހުއްދަ ދިނުން އެއް އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

"މި އުޅަނދުތައް އައުމުން ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ނުތަނަވަސްކަމެއް އުފެދޭ، މިއީ [2024] އިންތިހާބީ އަހަރެއް. މިފަދަ އުޅަނދުފަހަރަށް ޒިޔާރަތްކުރުމަކީ މި ސަރަހައްދާއި ސްރީލަންކާއަށް ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވެނީ ސަރުކާރަށް ކުރިމަތިވެދާނެ ޕްރެޝަރުގެ ސަބަބުން. އެހެންވީމާ، އެއް އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް މޮރެޓޯރިއަމްއަކަށް ވިސްނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑެއިލީ މިރާ ނޫހަށް ސަބްރީ ވިދާޅުވީ ލަންކާ ސަރުކާރުން އެ ނިންމުން ކަމާ ބެހޭ ގައުމުތަކަށް އަންގާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ އަންނަ އަހަރުގެ ޖެނުއަރީ މަހު ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި އިތުރު ރިސާޗް އުޅަނދެއް ބެހެއްޓުމުގެ ހުއްދައަށް ޗައިނާއިން އެދިފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާއަށް ބޮޑު ޝޮކެއް
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ އިން ރާވާފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު އެ ގައުމުގެ މެރިން ސައިންޓިފިކް ރިސާޗް (އެމްއެސްއާރު) އުޅަނދު ކަމަށްވާ ޝިއަންގް ޔަންގް ހޮންގް 3 ލަންކާގެ ބަނދަރުތަކުގައި ބަނދަރުކުރުމަށެވެ. އެކަމާ މެދު ނިއު ދިއްލީން އިން ވަނީ ނުތަނަވަސްކަން ފާޅުކޮށްފައެވެ.
ސްރީލަންކާގައި 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ކޮލަމްބޯއިން ދަނީ އޭޝިއާގެ ދެ ބާރުގެ ތެރެއިން އެއްވެސް ގައުމަކަށް ފުރައްސާރަ ކުރުމާއި ރުޅިއެރުވުމުން ދުރުހެލިވަމުންނެވެ.
ފޮރިން މިނިސްޓަރު އަލީ ސަބްރީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 12 މަސް ދުވަސް ލަންކާއިން މަސައްކަތް ކުރާނީ ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ބޭރުގެ ރިސާޗް އެކްސްޕެޑިޝަންތަކުގައި ބައިވެރިވުމަށް ޓަކައި އަމިއްލަ މެރިން ރިސާޗް ކެޕޭސިޓީ ތަރައްގީ ކުރުމަށެވެ.
ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބައިވެރިވުން
ޗައިނާއިން އެގައުމުގެ ރިސާޗް/ސަވައިލަންސް އުޅަނދުތައް ގަވާއިދުން ސްރީލަންކާއަށް ފޮނުވައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޗައިނާޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ހަނގުރާމަމަތީ އުޅަނދު ހޭ ޔަންގް 24 އެޗްއޭއޯ ވަނީ ދެ ދުވަހުގެ ދަތުރެއްގައި އެގައުމަށް ގޮސްފައެވެ.
އިންޑިއާގެ އިއުތިރާޒުތަކާ އެކުވެސް ޗައިނާގެ ސާވޭ އެންޑް ރިސާޗް ވެސެލް "ޝީ ޔާން 6" މިދިޔަ އޮކްޓޯބަރު މަހު ކޮލަމްބޯ ބަނދަރުގައި ބަނދަރުކޮށް، އިންޑިއާ ކަނޑުގައި ނޭޝަނަލް އެކުއަޓިކް ރިސޯސަސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އެޖެންސީ (ނާރާ) އާ ގުޅިގެން ދިރާސާގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.
2022 ވަނަ އަހަރުގެ އޮގަސްޓް މަހު ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް އައި ޗައިނާގެ ބެލިސްޓިކް މިސައިލާއި ސެޓެލައިޓް ޓްރެކިން އުޅަނދު ކަމަށްވާ "ޔުއާން ވަންގް 5" ބަނދަރު ކުރުމުން އިންޑިއާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
ސްރީލަންކާގެ ބަނދަރަށް ދަތުރުކުރަމުން ބޯޓުގެ ހައިޓެކް ޓްރެކިން ސިސްޓަމްތަކުން އިންޑިއާގެ ދިފާއީ މަރުކަޒުތަކަށް ޖާސޫސް ކުރަން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު ނިއު ދިއްލީގައި ވަނީ އުފެދިފަ އެވެ.
ނަމަވެސް ވަރަށް ބޮޑަށް ލަސްވުމަށްފަހު ވެސް ލަންކާއިން އޭރު ނިންމީޗައިނާގެ ކުންފުންޏަކުން ހަދަމުން އަންނަ ދެކުނުގެ ސްޓްރެޓީޖިކް ބަނދަރު ކަމަށްވާ ހަމްބަންޓޯޓާގައި ބޯޓު ބަނދަރުކުރުމުގެ ހުއްދަ ދޭށެވެ.
ސަބްރީ ވިދާޅުވީ އެ ގައުމުން އެ ގައުމަށް އަންނަ ބޭރުގެ އަސްކަރީ އުޅަނދުތަކާއި މަތިންދާބޯޓުތަކަށް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެކުލަވާލާފައިވާ ކަމަށެވެ.
އަދި އެސްއޯޕީގެ ދަށުން ކަނޑައަޅާފައިވާ ގައިޑްލައިންތައް ފާއިތުވި 10 އަހަރުގެ ތެރޭގައި ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް އެ ގައުމުތަކުގެ އުޅަނދުތައް ބަހައްޓާފައިވާ ހުރިހާ ގައުމަކަށް ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.