ތިން ބާރު ވަކި ކޮށްފައިވާ ރިޔާސީ ނިޒާމެއްގައި ގާނޫނުއަސާސީގައި ލިޔެގެން، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ ބޭފުޅުންނަށް ރުހުން ދިނުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވަނީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ ނިޔަތުގައި ކަން ސާފެވެ.

އެއީ ވެރިކަން ހިންގުމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ސީދާ ގޮތުން ޖަވާބުދާރީވާންޖެހޭ ކަމަށް ގާނޫނުއަސާސީން ކަނޑައަޅާފައިވާ ވަޒީރުން އެ މަގާމަށް އައްޔަނުކުރުމުގައި މަޖިލީހުގެ ދައުރެއް އޮންނަ ގޮތަށެވެ. ތަސައްރަފު ފުދިފައިވާ ޑިމޮކްރެޓިކް ވެއްޓެއްގައި ނިޒާމު ތަރުތީބު ކުރެވިފައިވާ ކުޑަ އެކަމަކު ރިވެތި އުސޫލެކެވެ.

ނަމަވެސް، ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ރިޔާސީ ނިޒާމަށް 15 އަހަރު ވީ އިރު ވެސް، ޑިމޮކްރަސީގެ އުސޫލަށް އަދިވެސް ފަރިތަ ނުވާކަން އިއްޔެ މަޖިލީހުގެ ތަޅުމުގައި ހިނގާ ދިޔަ ހައިޖާނުން ވެސް އެ އޮތީ ފެންނާށެވެ.

 މެމްބަރުންގެ މެދުގައި މާރާމާރީ ހިންގައި، ތަޅުމުގައި ހުރި މައިކުތައް އުފުރާލައި، ތަކެއްޗަށް ގެއްލުންދީ މެމްބަރެއްގެ ކަރަށް ފައި އަރައި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ދަށު ދަރަޖައަށް ރައްޔިތުންގެ މަންދޫބުން ވެއްޓުނީ މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން މަޖިލިސް ކޮންޓްރޯލްކުރާ އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ.

މީގެ އެންމެ ހެއްވާ ކަމަކީ އެމްޑީޕީން އެދިގެން ދައުރުން ބޭރުން ޖަލްސާއެއް ތާވަލުކުރީ ވެސް، މިދިޔަ ނޮވެމްބަރު މަހު އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް ކަމަށް ބުނެ އެވެ. އެކަމަކު ކުއްލި ގޮތަކަށް މިހާރު އެއްކޮށް މަސައްކަތް ކުރާ އިދިކޮޅު ދެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުންތަކެއް ބާއްވައި ދެ ޕާޓީން ނުރުހޭ ލިސްޓެއް ނެރުނެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިއްތިފާގު ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ނުދިނުމަށެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ނިންމި އިރު، ޑިމޮކްރެޓްސް އިން ބޭނުންވަނޫ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބޭރުކޮށްލަންށެވެ.

ނަމަވެސް، އެކަމުގައި ދެކޮޅުޖެހޭ ސަބަބެއް ނުދެއްކެ އެވެ. ޒަމީރު ބޭރުކުރަނީ އިންޑިއާ އާ ދެކޮޅު ހާރިޖީ ސިޔާސަތެއް ގެންގުޅޭތީ އެވެ. ހައިދަރަށް ރުހުން ދޭން ބޭނުންނުވަނީ އެމްޑީޕީގެ ސަރުކާރުން މާލެ މީހުންނަށް ދޭން ނިންމި ގޯތިތައް ހަވާލުނުކުރާތީ އެވެ. އުޝާމާ މެދު އޮތް ހިތްހަމަނުޖެހުމަކީ ދެކުނު ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލަ އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރާތީ އާއި ކުރީ ސަރުކާރުން އެކުލަވައިލި ސެޓަލްމަންޓް ކޮމިޓީ އުވާލެއްވީމަ އެވެ. ޝަހީމާއި ސައީދަށް ރުހުން ދޭން ބޭނުންނުވަނީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ.

އިދިކޮޅު ދެ ޕާޓީގެ މި ނިންމުން ތާކުންތާކު ނުޖެހެނީ މިހެންވެ އެވެ. ވަޒީރުންނަކީ ސަރުކާރުގެ ނޫނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރައްވަން ތިއްބަވާ ބޭފުޅުންނެވެ. ސަރުކާރުގެ ވުޒާރާއެއްގެ ވަޒީރުކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، ތަންފީޒު ކުރައްވާނީ މި ވަގުތު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކެވެ. މިސާލަކަށް ޒަމީރަށް ރުހުން ނުދިނަސް، އޭނާގެ ބަދަލުގައި ދެން އައްޔަނުކުރާ ބޭފުޅަކު ވެސް އަމަލުކުރައްވާނީ އިދިކޮޅުން އެ ބުނާ އިންޑިއާ އާ ދެކޮޅު ހާރިޖީ ސިޔާސަތެވެ. އެ ކަން ހުއްޓުވަން އިދިކޮޅުން ބޭނުންވަންޏާ ހަމައެކަނި އޮތް ގޮތަކީ މި ސަރުކާރުން އައްޔަނުކުރާ އެއްވެސް ފޮރިން މިނިސްޓަރަކަށް ރުހުން ނުދިނުމެވެ.

އިއްޔެ ހެނދުނުން ފެށިގެން ރޭ ދަންވަރާ ހަމައަށް ޖަލްސާ ކުރިއަށް ގެންދެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމަށްފަހު، އެމްޑީޕީގެ ޕީޖީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުން އެ ސުވާލުތައް އަމާޒުވި އެވެ. އެކަމަކު އެ ސުވާލުތަކަށް ލިބުނު ޖަވާބުތައް ވެސް ދެކޮޅެއް ނުޖެއްސުނެވެ.

އެ ބައްދަލުވުމުގައި ތިއްބެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ފަދަ ބޭފުޅުން ދެއްކެވީ ވަޒީރުންގެ ގާބިލުކަން ވަޒަން ކުރުމާއި ދުސްތޫރީ ނިޒާމެއްގެ ވާހަކަ އެވެ.

ނަމަވެސް، ވަޒީރެއްގެ ގާބިލުކަން ހުރި ކަން ނުވަތަ ނެތް ކަން ވެސް މަޖިލީހަށް ދެނެގަނެވޭހާ ދުވަހެއް އަދި ނުވެ އެވެ. މި ސަރުކާރުގެ މަސައްކަތްތައް އަދި ފަށައިގަނެގެން އުޅޭ އިރު، ވަޒީރެއްގެ ޕަފޯމަންސް ވެސް ދެނެގަނެވޭނެ މުއްދަތެއް ނުހިނގަ އެވެ. މީގެ އަނެއް ކަމަކީ ވަޒީރެއްގެ ގާބިލުކަމާއި ޕަފޯމަންސް ހަގީގަތުގައި މަޖިލީހުން ބަލާކަށް ވެސް ނުޖެހެ އެވެ. ވަޒީރުން މަސައްކަތް ކުރޭތޯ ނުކުރޭތޯ ބަލަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެއީ ގާނޫނުއަސާސީގައި ވެސް ލިޔެފައި އޮތް ގޮތެވެ. އޭގެ ބޭރުން، ވަޒީރަކަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނުއަސާސީގައި އޮތީ ލިޔެފަ އެވެ. މަޖިލީހުގެ ކޮމިޓީން ވެސް ރައީސް މުއިއްޒުގެ ކެބިނެޓަށް އޯކޭ ދިނީ އެ ޝަރުތުތައް ފުރިހަމަވާތީ އެވެ.

ދެން އޮތީ ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމަށް މަޖިލީހަށް އޮތް ދުސްތޫރީ ބާރުގެ ވާހަކަ އެވެ. އެއީ މުތުލަގަށް ނާޖާއިޒު ގޮތުގައި ބޭނުންކުރަން ދީފައި އޮންނަ ބާރެއް ނޫން ކަން ވެސް ގާނޫނުއަސާސީގައި ލިޔެފައި އޮތް ކަމާގުޅޭ މާއްދާތަކުގެ މަފްހޫމަށް ބެލިޔަސް ސާފުކޮށް އެނގެ އެވެ. އެއީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވަޒީރުން އައްޔަނުކުރާ އިރު، މަޖިލީހަށް ވެސް އެއީ ކޮން ބައެއް ކަން އެނގި، އެކަމުގައި މަޖިލީހުގެ ދައުރެއް ބޭއްވުމެވެ.

އެއީ އެއްވެސް ހާލެއްގައި މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ނެތް ނަމަ، އިދިކޮޅުން ބޭނުންވާ ނޫނީ ރުހޭ ބަޔަކު ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރަން ގާނޫނުއަސާސީން ދީފައި އޮތް ލައިސަންސެއް ނޫނެވެ.  ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އޭރަކު އޮންނަ ސަރުކާރެއް ހިންގަން ތިބޭ އެއްވެސް ބަޔަކު އިދިކޮޅަށް ކަމުނުދާނެ ކަމެވެ. ފެހި ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން އުފެދުނު ހުރިހާ ސަރުކާރެއްގައި ވެސް ވަޒީރުންގެ މަޖިލީހަށް ރުހުން ދީފައިވަނީ އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލިސްތަކުންނެވެ. އެއީ ރާއްޖޭގެ ސިޔާސީ ތާރީހުން ފެންނަން އޮތް މަދު ރީތި ނަމޫނާތަކުގެ ތެރޭގައި ހިމެނިފައި އޮތް ކަމެކެވެ.

މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ފާހަގަކުރައްވައި ފަދައިން، މަޖިލީހުގެ ވަޒީރުންގެ މައްޗަށް ފާރަވެރިވުމުގެ ދުސްތޫރީ ޒިންމާ ހަގީގަތުގައި ފެށޭނީ ވަޒީރުންގެ މަސައްކަތްތައް ފައްޓަވައި ފަހުންނެވެ. ގާނޫނުއަސާސީގައި ބުނާ ގޮތަށް މަޖިލީހަށް ޖަވާބުދާރީނުވެ، ނޫނީ ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުމުން، އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ބޭރުކޮށްލުމުގެ ބާރު މަޖިލީހަށް އެބައޮތެވެ.

އެކަމަކު އެންމެ ފުރަތަމަ މަރުހަލާގައި މަޖިލީހުން ވަޒީރުންނަށް ނޫނެކޭ ބުނުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު، ޒިންމާދާރުކަންކުޑަ އަމަލެކެވެ. ވަޒީރަކަށް މަޖިލީހުން ރުހުން ނުދީފިނަމަ ދެން ވާނެ ގޮތެއް ގާނޫނުއަސާސީގައި ލިޔެފައިނެތީ ވެސް އެހެންވެ އެވެ. އެއީ ހަގީގަތުގައި ވަޒީރުންނަށް ރުހުން ނުދިނުމަކީ ޒިންމާދާރު ބަޔަކު ކޮށްފާނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭތީ އެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޑިމޮކްރަސީ އޮންނަނީ ނަމެއްގަ އެވެ. އޭރަކު އެ ބަޔަކު ބޭނުންވާ ގޮތަށް ސިޔާސީ މަންފާއެއް ހާސިލުކުރަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަން ތާރީހުން އެ އޮތީ ފެންނާށެވެ. އެހެންކަމުން، ރައްޔިތުންގެ ވޯޓުން ހޮވާ ސަރުކާރެއް ހިންގަން ހުރަސްއެޅޭ ގޮތަށް، ވަޒީރުންނަށް ރުހުން ދިނުމުގެ "ބޭކާރު" މާއްދާ އުވާލުން ނޫން ހައްލެއް ނެތެވެ.