އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ވެސް ނޭނގި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާ ސިފައިންގެ އުޅަނދެއް ވަދެ ދިވެހި މަސްދޯނިތަކެއް ހިފަހައްޓައި ހަތިޔާރާއެކު އެ ދޯނިތަކަށް ވަނީ އަރައިފަ އެވެ. އެ ވަގުތު ދިވެހި މަސްވެރިންގެ ސަލާމަތަށްޓަކައި އެމްއެންޑީއެފްގެ ކޯސްޓްގާޑެއް އެ ސަރަހައްދުގައި ނެތެވެ.
އެ ތަނުން އެއް ދޯންޏަކުން ސިފައިންނަށް ގުޅައި އެ މައުލޫމާތު ދިނުމާއެކު ކޯސްޓުގާޑު އެ ސަރަހައްދަށް ނައްޓާލި އެވެ. އަދި މަސްވެރިން މެދުވެރިކޮށް އިންޑިއާ ސިފައިންނަށް މެސެޖެއް ފޮނުވި އެވެ.
"އެ މީހުން ކައިރީ ބުނޭ ރާއްޖޭގެ ކޯސްޓުގާޑުން ބުންޏޭ ކަލޭމެން ތިޔަ ތިބީ ގަވައިދާ ހިލާފަށޭ ދޯންޏަށް އަރައި ވެސް."
"އަހަރުމެންގެ ދޯންޏަކަށް ނޭރޭނެ އަހަރުމެންގެ ހުއްދަ ނެތިއެއް ރާއްޖޭގެ ސަރަހައްދުގައި އޮއްވައެއް. ފުރަތަމަ ގަވައިދާ ހިލާފާށް ދޯންޏަށް ވެސް އަރާ އެތިބީ."
އޭރު އިންޑިއާ ސިފައިން ވަނީ އެ ދޯނީގެ ހުރިހާ މަސްވެރިން އެއް ތަނަކަށް އެއްކޮށް ދޯނި ބަލާ ފާސް ކުރަން ފަށައިފަ އެވެ. ބަޑި ހިފަައިގެން ތިބި ސިފައިން މަސްވެރިންނާ ސުވާލު ކުރަމުން ދިޔަ އެވެ. "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ހިފަހައްޓާފައި އޮތް އިރު އެ އުޅަނދުތައް ކައިރީ ހަތިޔާރު އެޅި އިންޑިއަން ނޭވީގެ އުޅަނދެއް އޮތެވެ.


މިދިޔަ ހަފްތާ ބުދަ ދުވަހު މި ހާދިސާ ހިނގުމާއެކު ފުރަތަމަ ވެސް ހަބަރު ފެތުރިގެން ދިޔައީ ރާއްޖޭގެ ދޯނިތައް އޮތީ ރާއްޖެ ސަރަހައްދުން ބޭރުވެފައި ކަމަށެވެ. އިންޑިއާ ސިފައިންނާ ހަވާލާދީ އެ ގައުމުގެ ނޫސްވެރިން ވެސް ބުނީ ރާއްޖޭގެ އެއްވެސް އުޅަނދަކަށް އަރާފައި ނުވާ ކަމަށެވެ.
ނަމަވެސް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ދިޔައީ އެ މަސްވެރިންނާ ވާހަކަ ދައްކައި ބަރާބަރަށް އެ މައުލޫމާތުތައް ފޯރު ކޮށްދެމުންނެވެ. އެ ދޯނިތައް އޮތީ ސީދާ ރާއްޖޭގެ އީއީޒެޑް ތެރޭގައި ކަން ހާމަ ކުރި އެވެ. އަދި މިއަދު އެ މީހުން ވަނީ އިންޑިއާ ސިފައިން އެ އުޅަނދުތަކަށް އެރި ވީޑިއޯތައް ވެސް އާންމު ކޮށްފަ އެވެ.
"މިއަދު މި އާދެވުނީ ރޭންޖު ލިބޭ ހިސާބަށް. މިއޮތީ ވީޑިއޯތައް. ހަތިޔާރު އެޅި ސިފައިން ގަވައިދާ ހިލާފަށް ވަނީ އަރާފައި." އަސުރުމާ ދޯނީގެ މީހަކު ކުރި ޓުވީޓެއްގައި ބުންޏެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިންޑިއާ ސިފައިން ހިންގި މި އޮޕަރޭޝަންގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެހެން ނަމަވެސް މިހާތަނަށް ފޮރިން މިނިސްޓްރީ އާއި ޑިފެންސް އިން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. ދިވެހި މަސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭ!
ރާއްޖޭގެ 90 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށް ވިޔަސް ކޯސްޓްގާޑަށް އެ ސަރަހައްދު ނުބެލެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް ވަރަށް ބޮޑެވެ. އޭގެ އެއް ހެއްކަކީ މިފަހަރު މި ދިމާވި ހާދިސާ އަށް ކޯސްޓު ގާޑުން ރެސްޕޮންޑު ކުރި ގޮތެވެ.
ހަތިޔާރު އެޅި ބޭރު ސިފައިން ދިވެހި ދޯނިތަކަށް އެރުން ފަދަ ބޮޑު ކަމެއްގެ މައުލޫމާތު ލިބުނު އިރު އުތުރުގައި ބާއްވާފައި އޮންނަ ކޯސްޓްގާޑުގެ ލޯންޗު އޮތީ މަރާމާތަށް މާލެ ސަރަހައްދަށް ގެނެސްފަ އެވެ. އެހެންވެ އެ މީހުން ސަލާމަތް ކުރަން ނުވަތަ އެ މައްސަލަ ބަލަން ސިފައިންނަށް ވެސަލް އެއް ފޮނުވަން ޖެހުނީ މާލެއިންނެވެ. މާލެއިން އެހާ ހިސާބަށް ފޯރަން ހަ ގަޑިއިރު ހޭދަވި އެވެ.
އިންޑިއާ ސިފައިން ދިވެހި ދޯނިތަކަށް އަރައި ސުވާލުކޮށް ބިރު ދައްކާ މަންޒަރު މަސްވެރިން ވީޑިއޯ ކުރަން ފެށުމުން އެ މީހުން ވަނީ ފޯނުތައް އަތުލަން އުޅެ ވީޑިއޯތައް ޑިލީޓް ކުރަން ވެސް އަންގައިފަ އެވެ. އަދި ހުރިހާ ހެއްކެއް ނައްތާލަން މަސައްކަތް ކުރި އެވެ. އެ ހުރިހާ ކަމެއް ކުރި އިރު ވެސް ދިވެހި ސިފައިންނަކަށް ނާދެވެ އެވެ.


އެނގިފައިވާ ގޮތުގައި ސިފައިން އެ ސަރަހައްދަށް ފޯރީ އެ ރޭ ވަރަށް ލަސްވީ ފަހުންނެވެ. އޭރު އިންޑިއާ ސިފައިން އެ ސަރަހައްދުން ފައިބައިފި އެވެ.
ރާއްޖޭގެ އީއީޒެޑް ހުރަސް ކުރާ މައްސަލަ ދިމާވެފައި ވަނީ މިއަދު އެކަންޏެއް ނޫނެވެ. ބޭރުގެ މަސްދޯނިތަކުން ވެސް ރާއްޖެ ސަރަހައްދަށް އަރައި މަސްވެރިކަން ކޮށް ދާ އަޅައިގެން ވެސް މަސް ބާނަ އެވެ. އެ މަންޒަރު ގިނަ ފަހަރަށް އަޅައިގަންނަނީ ދިވެހި މަސްވެރިންގެ ލޮލުގަ އެވެ.
ކޯސްޓުގާޑަށް ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭތީ މަސްވެރިން އެ ދޯނިތަކާ ކުރިމަތިލައި ކޯސްޓު ގާޑު އަންނަން ދެން އެ ދޯނިތައް ހިފަހައްޓައިގެން ތިބެ އެވެ.
އެހެން ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އެއީ ވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ގިނަ ފަހަރަށް ބޭރު ދޯނި ފަހަރުތަކުގައި ހާތިޔާރު ވެސް ގެންގުޅެ އެވެ. އަދި ދިވެހި މަސްވެރިންނަސް ދިފާއު ވެވޭނެ ގޮތެއް ނޯންނާނެ އެވެ.
މިފަދަ މައްސަލަތަކުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޑްރަގް ޓްރެފިކިން މައްސަލަތައް ވެސް އެހާ ގިނަވުމުގެ ސަބަބަކީ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓެވުމެވެ.
އިންޑިއާ ސިފައިން އަންނަނީ ގަދަ ދައްކަމުން!
އޭއެފްޕީގައި އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުން ޗައިނާ އަދި ޕާކިސްތާނާ އޮންނަ ވާދެވެރިކަމުގެ ސަބަބުން އިންޑިއާ އިން މިހާރު އަންނަނީ ކަނޑުގެ އޮޕަރޭޝަންތައް ފުޅާކޮށް ބާރު ދައްކާލައި ގަދަ ދައްކަމުންނެވެ.
އެންޓި ޕައިރެސީ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ރެޑް ސީގައި އަދި ބައިނަލްއަގުވާމީ ކަނޑުގައި އެ ގައުމުގެ ނޭވީން ޖައްސާ އޮޕަރޭޝަންތައް ވެސް މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފަ އެވެ.
އެ ހަރަކާތްތައް ފުޅާ ކުރި ސަބަބާ ގުޅޭ ގޮތުން އިންޑިއާގެ ދެކުނު ކަނޑުގެ ސިފައިންގެ ކޮމާންޑުގެ އިސްވެރިޔާގެ މަގާމުން 2021 ވަނަ އަހަރު ރިޓަޔާ ކުރެއްވި އަނިލް ކުމާރު ޗައުލާ އޭޕީ އަށް ވިދާޅުވި އެވެ;
"އެއީ ޗައިނާއަށް މެސެޖެއް، އަޅުގަނޑުމެންނަށް މިތަނުގައި މިހާ ބޮޑު ބާރެއް ޑިޕްލޮއި ކުރެވޭނެ. މިއީ އަހަރެމެންގެ ބެކްޔާޑް. އަހަރުމެންގެ މިލްކަކަށް ނުވިޔަސް އަހަރުމެންނަކީ އެންމެ ގާބިލް އަދި އެންމެ ޒިންމާދާރު ރެޒިޑެންޓް ނޭވަލް ޕަވަރ،” އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ސަލާމަތަށް ކުރާ ހޭދަ އިތުރު ކުރަންޖެހޭ!
މިހާތަނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގިނަ އޮޕަރޭޝަންތަކެއް ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގަ އެވެ. އަދި ސްރީ ލަންކާގެ ނޭވީ އާ ވެސް ގުޅިގެން އޮޕަރޭޝަންތަކެއް ހިންގާފައި އެބަ ހުއްޓެވެ.
އެހެން ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ފުރޮޅެމުން މިދާ ގޮތުން ރާއްޖެ އާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަންތައް ދެން އެހާ ގިނައިން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. އަދި ގުޅުން ގޯސްވަމުންދާން ފެށުމާއެކު މީގެ ކުރިން ދުވަހަކު ވެސް ނުވާ މިފަދަ ހާދިސާތައް މިހާރު ވަނީ ފަށައިފަ އެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައި ހުރިހާ ނުރައްކަލެއް އޮތީ ދިވެހީންގެ ލޭ ނާރު ކަމަށް ބުނާ މަސްވެރިންނަށެވެ. އެހެންވެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދުތަކާއި ވައިގެ މަގުން ބަލަހައްޓާނެ އުޅަނދުތައް އިތުރު ކުރުމަށް ސަރުކާރުން ހަރަދު ކުރުން މިއޮތީ ކުރިޔަށް ވުރެ ބޮޑަށް މުހިންމުވެފަ އެވެ.