ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާ އެރި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލައިގެ މުގުލުގައި ހުރި ދެ މީހުންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޒިޔަތެވެ. ނުފޫޒުގަދަ މަގާމުތަކުގައި ތިބެ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައި އޭގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ވަގަށް ނެގިއެވެ. އޭގެ ބޮޑުބައެއް ޖަމާކުރީ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއް އެކައުންޓަށެވެ.
އެސްއޯއެފްގެ ތެރޭގައި ތިބީ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އަޝްފާހު އަލީ އާއި މުހައްމަދު އަސީލް އަދި މުހައްމަދު ހުސެއިން (އޮއިއްޓޭ) އެވެ. އަދީބުގެ އޯޑަރަށް އެ ކުންފުނީގެ އެކައުންޓުން ނަގައިގެން ލައްކައިނާއި މިލިއަން އިން ފައިސާ ނަގައިގެން ކަޅު ދަބަސްތަކުގައި އެ ފައިސާ ބަހަން ނުކުންނަނީ އެ މީހުންނެވެ.
އެ ފައިސާ އިން މަންފާވި ނުވަތަ އޭގައި “ހޭކިފައި” ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަދަދު 300 އާ ގާތްކުރެއެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުالله ޔާމީން އާއި އެމްޑީޕީ އާއި ޕީޕީއެމްގެ ލީޑާޝިޕްގެ ގިނަ މެންބަރުންތަކަކާއި ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންގެ ވެރިންތަކަކާއި ހިޔާނާތުގެ މައްސަލަތައް ބަލަންޖެހޭ މުއައްސަސާތަކުގެ އިސްވެރިން ތިބި ކަމަށް ތުހުމަތު ކުރެވުނެވެ.
މިވަރުގެ ބޮޑު ހިޔާނާތަކަށް 8 އަހަރުވެގެންދިޔަ އިރު މިއަދާ ހަމައަށް އެއްވެސް ކޮޅެއްގައި ނުޖެހެއެވެ. އެއްވެސް ފައިސާއެއް ވީތަނެއް ނޭނގެއެވެ. އަދި މިދިޔަ ހޯމަ ދުވަހު ވެރިކަން ނިމެން ދެތިން ދުވަހަށްވެފައި އޮއްވާ ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ހިޔާނާތުގެ ބޮޑުންނަށް މާފުކޮށް މިނިވަން ކޮށްފައެވެ.
ގިނަ ބަޔަކަށް މިކަން ވަރަށް ކުއްލި ނިންމުމެއް ގޮތުގައި ސިފަވިޔަސް ހަގީގަތުގައި މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ވަރަށް ފާޅުގައި ނިންމަމުން ދިޔަ ނިންމުންތަކެއްގެ ނަތީޖާއެވެ. ކޮރަޕްޝަނާ ދެކޮޅަށް ވާހަކަތަކެއް ދައްކަމުންދިޔަ ނަމަވެސް ފަހަތުގައި ތިބެ އެމްއެމްޕީއާރްސީގެ މައްސަލަ އަށް ފަސް އަޅަމުން ގޮސް އެންމެ ފަހުން އެއްކޮށް ވަޅުލީއެވެ.
އޭޕްރިލް 2019
ޑީލެއް، އިންޓަޕޯލް ނޯޓިސް ބާތިލްކުރުން
އެމްއެމްޕިއާރްސީގެ ފައިސާތައް ހިފައިގެން މާލެތެރޭ ދުއްވައި ފައިސާ ބަހަން އުޅުނު މޮހޯ އާއި އަޝްފާހު އާއި އަސީލް އަދި އޮއިއްޓޭ ވަނީ ޔާމީންގެ ލޯންޗުކޮޅުގައި ގޮވި ހާދިސާ އަށް ފަހު ރާއްޖެއިން ފިލައިގެން ގޮސް އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެ މީހުން ހޯދުމަށް އޭރުގެ ސަރުކާރުން 2015 ވަނަ އަހަރު ވަނީ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސްއެއް ނެރެފައެވެ.
މި ސަރުކާރު މަގާމާ ހަވާލުވީ އިރު އެ މީހުން ދިރިއުޅެމުން އައި ތަންތަނާއި ހުރިހާ މައުލޫމާތެއް އެނގެއެވެ. އެ މީހުންނާ ބަރާބަރަށް މުއާމަލާތްކޮށް ހަދައެވެ. އެކަމަކު އެ މީހުން ރާއްޖެ ގެނެސް ދައުވާ ކުރުމަށް ފަހު ފައިސާތައް ރިކަވަރ ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ނިންމީ އެ މީހުންގެ ބޭނުން ހިފުމަށެވެ.
ސަރުކާރުން އެ މީހުންނަށް ދިނީ ވަރުގަދަ ޑީލެކެވެ. ދައުލަތުން ބޭނުންވާ ބަޔާންތައް ދިނުމާއި ހެކި ފޯރުކޮށްދީ އެއްބާރުލުން ދޭމަތިން ރެޑް ނޯޓިސް ބާތިލް ކޮށްދިނެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރަން ނިންމިއެވެ.
ވެރިކަމަށް އަހަރެއް ނުވަނީސް އިންޓަޕޯލް އިން ދިވެހި ސަރުކާރުގެ އެންގުމަށް ފުލުހުން އެދިގެން އެ މީހުންގެ ނޯޓިސްތައް ނެގިއެވެ. އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ތިބި އެ މީހުންނަށް މިނިވަންކަމާއެކީ ދިރިއުޅެވޭނެ މަގުފަހިކޮށްދިނެވެ.
3 އޮކްޓޯބަރު 2020
އަދީބު ގެއަށް، ލަގްޒަރީ ބަންދަކަށް!
ހިޔާނާތުގެ މައްސަލާގައި ޔާމީންގެ ސަރުކާރުން ހައްޔަރުކުރި އަދީބަކީ އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ތިން ފޯނާއި ލެޕްޓޮޕް ހަވާލު ކޮށްގެންނާއި ވާހަކަ ކިޔައިދީގެން އެ ޕާޓީ އަށް ހުރިހާ އެއްޗެއް ފީޑް ކޮށްދިން މީހާއެވެ. އޭނާ ބަންދުގައި ހުއްޓާ ސަރުކާރުން އަނެއްކާވެސް އެޕްރޯޗް ކުރީ ޑީލަކަށެވެ.
އަދީބުގެ އިއުތިރާފްގެ ބަޔާނާއެކު ލިއުތަކެއް ދިނުމެވެ. އަދި ހުކުމުގެ މުއްދަތު ކުރު ކުރުމެވެ. އަމީން އެވެނިއުގެ ލަގްޒަރީ އެޕާޓްމަންޓުގައި “ޖަލު ހުކުމް” ތަންފީޒު ކުރައްވަން ގޭބަންދަށް ބަދަލުކޮށްދިނުމެވެ.
އަދީބު ފުރަތަމަ ފަހަރަށް ގެއަށް ބަދަލުވުމާއެކު އެމްޓީޑީ ނަމަކަށް ކިޔާ ޕާޓީއެއް އުފެއްދެވިއެވެ. އޭގެ ފަހުން އަލުން ޖަލަށް ބަދަލުކުރުމަށް ފަހު އަނެއްކާވެސް ގެއަށް ބަދަލުކުރިއެވެ. މިދިޔަ ފަސް އަހަރުގެ ބޮޑުބައި އަދީބު ހުންނަވާނީ ގޭގައެވެ. މީހުންނާ ބައްދަލުކޮށް ސިޔާސީ ކަންކަމަށް އެތައް ނުފޫޒެއް ފޯރުވިކަމުގެ ތުހުމަތު އޮވެއެވެ.
11 މެއި 2023
ހިޔާނާތުގެ ލިސްޓު ބަދަލުކުރި ކަމުގެ ތުހުމަތު
ހިޔާނާތުގެ މައްސަލަތައް ނުހިނގާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ވެސް އުޅުނީ އެ ފައިސާގައި ޖެހުނު މީހުންގެ ލިސްޓެއް ހިފައިގެންނެވެ. ލިސްޓު ސިއްރު ކޮށްގެން ކޮމިޓީތަކުގައި އެއާ ބެހޭ މައްސަލަތައް ބަލައި ދިރާސާ ކުރުމަށް ފަހު ހިޔާނާތުގެ ލިސްޓު އާންމުކުރިއެވެ.
އެހެން ނަމަވެސް އެ ލިސްޓު ނެރުމާއެކު ކުރެވުނު އެންމެ ބޮޑު ތުހުމަތަކީ ލިސްޓު އާންމުކުރީ އެމްޑީޕީން ބޭނުންވާ ބަޔަކު އުނިކޮށްފައި ކަމަށެވެ. ލިސްޓު ނެރެން ގިނަ ދުވަސްވުމާއި ސިއްރު އެއްޗެއް ގޮތުގައި ބާއްވާފައި އޮތުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް އާންމުވި ލިސްޓުގައި ވެސް އެވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުންނާއި ރައީސް ސޯލިހުގެ ކެބިނެޓުގައި ތިއްބެވި ބައެއް ވަޒީރުންނާއި އެތައް ބައެއްގެ ނަން ހާމަވިއެވެ. އެއިން އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. ނިމިގެން ދިޔައީ ލިސްޓުގެ ސައްހަ ކަމާމެދު ވެސް ސުވާލު އުފެދިގެންނެވެ.
17 މާޗު 2022
އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން
ދައުރުގެ ބޮޑުބައި ނިމުންއިރު އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން ރައީސް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަން ވަނީ އެއްކޮށް ފެއިލްވެފައެވެ. އެންމެ ފައިސާ ފޮއްޗެއް ވެސް ނުހޯދުނެވެ.
އޭގެ ބަދަލުގައި ކޮމިޝަންގައި ތިބި މެންބަރުންނަށް މުސާރައިގެ ގޮތުގައި މިދިޔަ އެ މުއްދަތުގެ ތެރޭގައި 10 މިލިއަނަށް ވުރެ ގިނައިން ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.
24 އޯގަސްޓު 2022
އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލުން
އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓުތަކުން އެ ފައިސާ ބޭނުންކުރުމާއި ބަދަލު ކުރުން ފަދަ ކަމެއް ކޮށްފާނެތީ 2018 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީ އިން އެދިގެން އޭރު ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެކައުންޓުތައް ފްރީޒް ކުރިއެވެ. އެއީ މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓުތައް ހިމެނޭހެން ނުވަ ކުންފުންޏެއްގެ އެކައުންޓެވެ.
ނަމަވެސް އޮގަސްޓު 2022 ގައި ކުއްލިއަކަށް އަނެއްކާވެސް އެ އެކައުންޓުތައް ދޫކޮށްލަން ސިވިލް ކޯޓުން އަމުރުކުރިއެވެ. އެއީ ކޮން ފަރާތަކުން އެދިގެން ކަމެއް ސާފެއް ނުވިއެވެ. އެ އެކައުންޓުތައް ދޫކޮށްލުމުން އޭރު އޭސީސީން އަލުން އެ އެކައުންޓުތައް ފްރީޒް ކުރުމުގެ މަސައްކަތް ކުރި ކަމަށް ބުންޏެވެ. ނަމަވެސް އެ މަސައްކަތަށް ވީގޮތެއް ވެސް ފަހުން ނޭނގެއެވެ.
އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލި އިރު އޭގައި ހުރީ ކިހާ ފައިސާއެއް ކަމެއް ވެސް ސާފެއް ނުވެއެވެ.
20 ސެޕްޓެމްބަރު 2022
ލަންޑަނުގައި ވިޔަފާރިތައް ފެށިކަން ފަޅާއެރުން
އޭގެ މާ ގިނަ ދުވަހެއް ނުވެ ފެނުނީ ވަގަށް ނަގާފައިވާ އެ ފައިސާތައް ބޭނުންކޮށްގެން އިނގިރޭސިވިލާތުގައި ވިޔަފާރިތައް ފަށައިގެން ކުރަމުން އަންނަ ވާހަކައެވެ.
“އަދަދު” ނޫހުން އޭރު ހޯދި ބައެއް މައުލޫމާތުތަކުން އެނގުނު ގޮތުގައި މޮހޯ އިނގިރޭސިވިލާތުގައި ހަތަރު ކުންފުންޏެއް ރެޖިސްޓާކޮށްގެން ވިޔަފާރި ކުރަން ފެށިއެވެ. މޮހޯ އާއި ހާމިދު ސޭޓުގެ އިތުރުން މޮހޯގެ އާއިލާގެ މެންބަރުން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވެ.
މޮހޯގެ ކުނފުނިތަކުން ކުރަމުން އަންނަނީ ރިއަލް އެސްޓޭޓް ވިޔަފާރިއެވެ. ލަންޑަނަކީ ދުނިޔޭގެ އެންމެ އަގުބޮޑުކޮށް ރިއަލް އެސްޓޭޓް ގަނެވޭ އެއް ސިޓީއެވެ. އެ ވިޔަފާރީގެ ތެރެއަށް ވަދެ ފުޅާދާއިރާއެއްގައި ހިންގަން މިލިއަނުން އިންވެސްޓްމަންޓު ބޭނުންވާނެއެވެ.
މިކަންތައް މިގޮތަށް ހިނގި ނަމަވެސް ޕީޖީ އާއި ފުލުހުން މި މައްސަލާގައި ވަކިއެއްޗެއް ނުބުނެއެވެ.
13 ނޮވެމްބަރު 2023
އަދީބާއި ޒިޔަތު މިނިވަންކުރުން
ރައީސް ސޯލިހުގެ ވެރިކަން ބަދަލުވާން ކުޑަ ދުވަސްކޮޅަކަށްވީއިރު އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއް ކޮޅެއްގައި ނުޖެއްސުނެވެ. އެއްވެސް ފައިސާއެއް ރިކަވަރ އެއް ނުކުރެވުނެވެ. ދައުލަތުގެ ތެރޭގައި ކޮރަޕްޝަން ހިންގޭނެ ނިޒާމު ބަދަލު ކުރުމަށް މާ ގިނަ މަސައްކަތެއް ނުކުރެވުނެވެ.
ވެރިކަން ނިމެން ހަތަރު ދުވަހަށްވެފައި އޮއްވާ ރައީސް ވަނީ އަދީބާއި ޒިޔަތަށް މާފުދީ މިނިވަންކޮށްފައެވެ. އެކަން ކުރަން ޖެހޭ އެއްވެސް ސަބަބެއް ނުބުނެ އެވެ. ސަރުކާރުން އެ މައްސަލަ ދިފާއު ކުރާކަށް ވެސް މަސައްކަތެއް ނުކުރެއެވެ. އޭގެން މަންފާ ވަނީ ކިހިނެތް ކަމެއް ނޭނގެއެވެ. މާލީ މަންފާއެއް އުޅޭތޯ ބަލަން އެއްވެސް ތަހުގީގީ އިދާރާއަކުން މަސައްކަތެއް ނުކުރެއެވެ.
ވެރިކަން ފެށުނު ގޮތަށް ފަހަރަކު ނިންމުނެއް ނިންމަމުން އައިސް ހިޔާނާތުގެ ބޮޑުން ދޫކޮށްލައި މިހާރު އުޅެނީ މަގުމަތީގައި އާންމު މީހެއް ގޮތަށެވެ.