މިދިޔަ ބުރާސްފަތި ދުވަހު އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ބަޔާނެއް ދެއްވަމުން ރާއްޖެއިން ވަނީ ފަލަސްތީނުގެ ހައްގުގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމަށް ވަރަށް ފާޅުގައި ގޮންޖަހައިފަ އެވެ.

ފަލަސްތީނަކީ އދ. ގެ މެންބަރު ގައުމެއް ގޮތުގައި ހެދުމަށް ކުރަމުން އައި މަސައްކަތަށް އެމެރިކާ އިން ވީޓޯ ބާރު ބޭނުން ކޮށްގެން ވަނީ އެކަން ހުއްޓުވައިފަ އެވެ. އދ. ގެ 140 މެމްބަރު ގައުމާއި ސަލާމަތީ މަޖިލީހުގެ 12 މެމްބަރު ގައުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ދާ އެތައް މިލިއަން މީހުންގެ, އެންމެ ގައުމެއްގެ ވީޓޯއަކުން ކަނޑުވާލުމުން ރާއްޖެއިން ގޮވާލީ ވީޓޯ އުވާލުމަށެވެ.

"މެދުއިރުމަތީގައި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ހަމައެކަނި ގޮތަކީ އިޒްރޭލުން ފަލަސްތީންގެ ދައުލަތް ބަލައިގަނެ އެ ގައުމަށް އިހުތިރާމް ކުރުން. އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި، 1948 ވަނަ އަހަރުން ފެށިގެން އަމިއްލަ ގެދޮރުން ބޭރު ކުރި ފަލަސްތީނުގެ ރައްޔިތުން އަނބުރާ އެ ގައުމަށް ދިޔުމަށް ފުރުސަތު ދިނުން. އެކަން ހާސިލްކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވީޓޯ. އަޅުގަނޑުމެން އެބަޖެހޭ ވީޓޯ މުޅިން އުވާލަން."

ފަލަސްތީނަކީ އދ. ގެ މެންބަރު ގައުމަކަށް ވުމަށް ހުރަސް އެޅުމުގެ އިތުރުން އެމެރިކާ އިން ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ނަސްތު ނައްތާލުމުގެ އަމަލު ހުއްޓުވުމަށާއި ޣައްޒާ އަށް އެހީތައް ވައްދަން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރުތައް ވެސް ވީޓޯ ކޮށްފަ އެވެ.

ތަފާތު ތިން ފަހަރެއްގެ މަތިން އެ މައްސަލަ ހުށަހެޅުމުން އެމެރިކާ އިން އެކަނި އަތް ނަގައި އެ މައްސަލަތައް ބޭރު ކޮށްލުމުން މުޅި ދުނިޔޭގެ ފާޑު ކިޔުން އޮތީ އެމެރިކާ އާއި މުޅި ވީޓޯ ނިޒާމަށް އަމާޒުވެފަ އެވެ.

އެހެންކަމުން ރާއްޖެ އެކޭ އެއްގޮތަށް މެލޭޝިއާ އިން ވެސް ވަނީ ވީޓޯ އުވާލަން އދ. ގައި ގޮވާލައިފަ އެވެ. އޭގެ އިތުރުން މީގެ ކުރިން ތަފާތު އެކި ފޯރަމްތަކުގައި އެ ނިޒާމަށް ފާޑު ކިޔައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަނީ އދ. ރިފޯމް ކުރަން ޖެހޭ ކަމާއި ވީޓޯގެ ބާރުތައް ކުޑަ ކުރަން ގޮވާލައިފަ އެވެ.

އެހެން ނަމަވެސް ވީޓޯ އުވާލެވިދާނެތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ.

ވީޓޯ އަކީ ކޮބައި, އުފެދިގެން އައީ ކިހިނެތް 

ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އޭރު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމުތައް ކަމަށްވާ އެމެރިކާ އާއި އިނގިރޭސިވިލާތާއި ޗައިނާ އާއި ފްރާންސް އަދި ސޮވިއެޓް ޔޫނިއަން (ފަހުން ރަޝިއާ) އިން މުޅި ދުނިޔެ ތަމްސީލް ވާ ޖަމިއްޔާއެއް އުފައްދަން މުހިންމު ރޯލެއް އަދާ ކޮށްފަ އެވެ. އެންމެ ބާރުގަދަ ގައުމުތަކަށް ވެފައި އެ ގައުމުތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެތީ އދ. ގެ ސެކިއުރިޓީ ކައުންސިލްގައި އެ ފަސް ގައުމަށް އޮންނަނީ ހާއްސަ ދަރަޖަ އެއް ދީފަ އެވެ. އެއީ އދ ގެ ދާއިމީ މެންބަރު ކަމާއި ވީޓޯ ކުރުމުގެ ބާރެވެ.

ވީޓޯ ބާރަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާ އެއްވެސް މައްސަލައެއްގައި އެ ފަސް ގައުމު ތެރެއިން އެއްވެސް ގައުމަކުން ނެގެޓިވް ވޯޓެއް ލައިފި ނަމަ އެ ގަރާރު ނުވަތަ އެ ނިންމުން ފާސް ނުވުމެވެ. އެހެންވެ އދ. އިން ނިންމާ ބޮޑެތި ނިންމުންތަކާއި ފާސް ކުރާ ބޮޑެތި ގަރާރުތައް ވެސް ސެކިއުރިޓީ ކައުންސިލާ ހަމައިން "ޕެރެލައިޒް" ކޮށްލުމުގެ ފުރުސަތު އެ ފަސް ގައުމަށް އޮންނާނެ އެވެ.

އަދި ތާރީހުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ފަހަރު އެ ގައުމުތަކުން ވީޓޯގެ ބާރު ބޭނުން ކޮށްފައިވާ އިރު ކޮންމެ ފަހަރަކު ވެސް ބޭނުން ކޮށްފައި ވަނީ އެ ގައުމުތަކުގެ އަމިއްލަ މަސްލަހަތަށެވެ.

އދ. އުފައްދަން 1945 ވަނަ އަހަރު ބޭއްވި ސެން ފްރެންސިސްކޯ ކޮންފަރެންސްގައި ކުރިޔަށް ދިޔަ މަޝްވަރާތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ގިނަ ގައުމުތަކުން ވަނީ ދާއިމީ ފަސް މެންބަރު ގައުމުތަކަށް ލިބޭ ވީޓޯ ބާރާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. އެފަދަ ބާރެއް އެންމެ ފަސް ގައުމަކަށް ދިނުމަކީ ދައުލަތްތަކުގެ ސިޔާދަތީ ހަމަހަމަ ކަން ގެއްލިދާނެ ފަދަ ކަމެއް ގޮތުގައި އޭރު އެ ގައުމުތަކުން ސިފަ ކުރި އެވެ.

އެހެން ނަމަވެސް އެ ފަސް ގައުމުން ވަނީ އެ ބާރުތައް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަން ފާޅު ކޮށްފަ އެވެ. އަދި އދ ގައި އެ ފަސް ގައުމުގެ ބައިވެރިވުން އޮންނާނީ ވީޓޯ ބާރުތައް އެއްވެސް އުނި އިތުރެއް ނުގެނެސް ފުރިހަމަ އަށް ދީގެން ކަން ވެސް އެ ގައުމުތަކުން ބުންޏެވެ. އެއީ ބަދަލު ކުރެވޭނެ ޝަރުތެއް ނޫން ކަމުގައި ވެސް އެ ގައުމުތަކުން ކަނޑައެޅި އެވެ.

އެހެން ނަމަވެސް އޭގެ ނަތީޖާއަކަށްވީ ދުނިޔޭގައި ހިނގާ ބޮޑެތި މައްސަލަތަކުގައި އދ. އިން ފިޔަވަޅު އަޅަން ބޭނުން ވިޔަސް އެ ފަސް ގައުމު ތެރެއިން އެއްވެސް ގައުމެއްގެ މަސްލަހަތު އޮތް ކަމެއް ނަމަ އެ ގައުމަކުން ވީޓޯ ބޭނުން ކުރުމެވެ. އަދި އޭގެ ސަބަބުން އދ. ގެ ސަލާމަތީ މަޖިލިސް އޮންނަނީ ބާރު ކެނޑިފަ އެވެ. އެއްވެސް ކަމެއްގައި ފިޔަވަޅެއް ނޭޅޭތީ އެކަމުގެ ފާޑު ކިޔުން އދ އަށް އަމާޒުވެ އެވެ.

ވީޓޯ ބާރު އުވާލެވިދާނެތަ

ވީޓޯ ބާރުތައް ކުޑަ ކުރުން ނުވަތަ އެއްކޮށް އުވާލުމަކީ އަބަދުވެސް އދ. ރިފޯމް ކުރުމުގެ މަޝްވަރާތަކުގެ ތެރެއިން ދެކެވޭ ވާހަކައެކެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާތަނަށް ވެސް އެކަން ނުވެ އޮތީ އެއީ އދ. ގެ ޗާޓަރ އޮތް ގޮތުންނާއި އެ ފަސް ގައުމުން އެކަން ކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭތީ އެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ ބައިނަލްއަގުވާމީ މައިދާނުގައި އެ ފަސް ގައުމަށް ލިބިފައިވާ ބޮޑު ބާރު އަމިއްލަ އަށް ދޫކޮށްލާނެ ކަމަށް ނުބެލެވެ އެވެ. އަދި ވީޓޯ ބާރު އުވާލަން މީގެ ކުރިން ދުވަހަކު ވެސް އެ ގައުމުތަކުން އަމިއްލަ އަށް އިސްވެ ވަކާލާތެއް ވެސް ނުކުރެ އެވެ. އަދި އެ ބާރު އުވާލަން މަސައްކަތް ކޮށްފި ނަމަ އެކަމާ ދެކޮޅަށް ވެސް އެންމެ ފުރަތަމަ ތެދުވާނީ ވެސް އެ ފަސް ގައުމު ކަމަށް ވާތީ އެވެ.

އދ. ގެ ޗާޓަރުގެ 108 ވަނަ މާއްދާ އާއި 109 ވަނަ މާއްދާގައި އޮތީ އެ ޗާޓަރަށް އެއްވެސް އިސްލާހެއް ގެންނަ ނަމަ ވީޓޯ ކުރުމުގެ ބާރު އެ ފަސް ގައުމަށް ލިބޭ ގޮތަށެވެ. އެހެންވެ ވީޓޯ ކުރުމުގެ ބާރު އުވާލަން ނަގާ ވޯޓެއް ވެސް ވީޓޯ ކުރުމުގެ ބާރު އެ ގައުމުތަކަށް ލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ސީޓަކީ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ މަގާމަކަށް އިންޑިއާ ފަދަ ބައެއް ގައުމުތަކުން މިހާރު ވެސް އަންނަނީ ދާއިމީ މެންބަރު ގައުމުތަކުގެ އަދަދު އިތުރު ކުރަން ގޮވާލަމުންނެވެ.

އެހެންވެ ބައިނަލްއަގުވާމީ މައިދާނުގައި އަދި ޖިއޯ ޕޮލިޓިކްސް އަށް ބޭނުން ކުރާ އެފަދަ ބޮޑު އިމްތިޔާޒަކާއި ބާރެއް ދޫކޮށްލަން އެ ގައުމުތަކުން އަމިއްލަ އަށް އެއްބަސްވާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެ ގައުމުތަކުން އަމިއްލަ އަށް އެއްބަސް ނުވެ އެކަން ނުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.