ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސްތޯ ނުވަތަ ރެސްލިން ރިންގެއްތޯ ސުވާލުކޮށް ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީއަށް ރާއްޖޭގެ ނަން އެރިއެވެ. އަލްޖަޒީރާ, ބީބީސީ ފަދަ ދުނިޔޭގެ އެންމެން ބަލާ މީޑިއާތަކަށް ރާއްޖޭގެ ނަން އެރީ ފަހުރުވެރި މުނާސަބެއްގަ ނޫނެވެ. ރައްޔިތުންގެ ހާދިމުން ކަމަަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުޅުއްވި ގޮތުން ބައިނަލްއަގްވާމީ އޯޑިއެންސަށް ވެސްވީ މިއީ, ނާތަހުޒީބު ބަޔަކަށެވެ.
ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުންނަށް ރުހުން ދޭން ބޭއްވި ޖަލްސާގެ ތެރެއިން އެއް މެންބަރަކު އަނެއް މެންބަރަކު ގަޔަށް އަތްލައި ބޮޑު މާރާމާރީއެއް ހިންގި އެވެ. ބައެއް މެންބަރުންގެ ކަންފަތުންނާއި އަތުން ލޭ އޮހޮރުވާލިއެވެ. މަޖިލީހުގެ ރައީސްގެ މޭޒަށް އަރަން އުޅުނު މެންބަރުން ހުއްޓުވައި, ކޮޅުފައިން ޖަހައި, އިސްތަށިގަނޑުގައި ހިފައި ދަމައި, ކުޑަ ކަކޫ އަޅުވައި, މިއީ މުޅިން ވެސް އެ ދުވަހު މަޖިލިސް ތެރެއިން ފެނުނު މަންޒަރެވެ. ހުއްޓުމެއް ނެތި ބެރު ދުންމާރި ވެސް ދިޔައީ ފުމެމުންނެވެ.
އެ މެންބަރުންގެ އެ އަމަލުތަކާ މެދު އެ ދުވަހު ހަމަ ލަދު ނުގަންނަ އެއްވެސް ދިވެއްސަކު ނެތެވެ. ލަދުން ބޯހަލާކޭ ނުބުނާ މީހެއް ނެތެވެ.


މަޑުމައިތިރިކަމާ އެކު ދިރިއުޅެމުންދާ ރައްޔިތުންތަކެއްގެ ސާދާ ރަށަކަށް އަރާ ބަނދަރުމަތީ ހުރެގެން އެ ރައްޔިތުންނާ ދިމާއަށް އަވަގުރާނަ ގޮވަމުން އެ ދުވަނީ ވެސް ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އަނބިމީހާއަށް އަނިޔާކޮށް ތަޅައި ވައްޓާލި ކަމުގެ ތުހުމަތު ވެސް އެ އޮތީ ހަމަ މަޖިލިސް މެންބަރަކަށެވެ. އެތައް ބިދޭސީނެއް ޓްރެފިކްކޮށް, އިންސާނީ ހައްގުތައް ގެއްލުވާލައި, ލާއިންސާނީ ކަމާ އެކު އެމީހުން ލައްވާ މަސައްކަތް ކުރަމުންދިޔަ ކަމުގެ ތުހުމަތު ވެސް އޮތީ މަޖިލިސް މެންބަރަކަށެވެ.
ވިޔަފާރީގެ ބޮޑެތި މަހުޖަނުން އަމިއްލަ ވިޔަފާރީގެ މަސްލަހަތާއި އަމިއްލަ ޒާތީ މަސްލަހަތު ހިމާޔަތް ކުރަން ރައްޔިތުންގެ ހާދިމުންގެ ނަމުގައި ވެސް އެ ތިބީ މަޖިލީހުގަ އެވެ. ބޮޑެތި ގޭންގްތަކާ ގުޅުން އޮތް, އެމީހުން ފަންޑުކޮށްގެން އިންތިހާބުވެފައިވާ ކަމުގެ ތުހުމަތުވާ މީހުން ވެސް އެ ތިބީ މަޖިލީހުގަ އެވެ. ޑްރަގު ވިއްކުމާއި ބަނގުރަލުގެ އަވައިގައި ޖެހިފައިވާ ކަމުގެ ތުހުމަތުވާ މީހުން ވެސް އެ ތިބީ ހަމަ މަޖިލީހުގަ އެވެ.
ސިޔާސީ ގޮތުން ދެ ދުވަހު އެކައްޗެއް ނުކިޔޭ މީހުން ވެސް އެ ތިބީ މަޖިލީހުގަ އެވެ. ބޮޑެތި އަދަދު ފައިސާ ނަގައިގެން ޕާޓީ ބަދަލު ކުރާ ކަމުގެ ތުހުމަތުވާ މީހުން އެ ތިބީ މަޖިލީހުގަ އެވެ.
މި ހުރިހާ ކަމަކާ ލަދު ގަންނަ މީހުން ވަރަށް ގިނަ އެވެ. ލަދު ގަންނަން ވެސް ޖެހޭ ވަރެވެ. އެކަމަކު, ލަދު ގަންނަނީ ކީއް ކުރަން ހެއްޔެވެ? އެއީ ހަމަ އަހަރެމެން އިންތިހާބު ކުރި މީހުންނެވެ. އަހަރެމެން އެ މީހުންނަށް ވޯޓު ނުދޭ ނަމަ, އެ މަޖިލީހުގައި އެމީހުން ނުތިބޭނެ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބެއް މިއޮތީ ބޯމަތިވެފަ އެވެ. އެ މަޖިލީހަށް އާބާދީގެ ބޮޑު ބައެއްގެ އިތުބާރެއް އިހްތިރާމެއް ނެތެވެ. ވޯޓުލާން ދާން ވެސް ގިނަ ބައެއްގެ ޝައުގެއް ނެތެވެ. އެންމެފަހުން ބޭއްވި ޕާޓީތަކުގެ ޕްރައިމަރީތަކުން ވެސް ދެން އޮތް މަޖިލިސް ވެސް އޮންނާނީ ހަމަ މިހެން ކަން ދަނީ ފެންނަމުންނެވެ.
މިސާލަކަށް އެއް ދާއިރާއެއްގައި ކިޔަވައިގެން, ރަށަށް ހިދުމަތް ކުރަމުންދިޔަ ޒުވާނެއް ބަލިކޮށް ޓިކެޓް އެ ހޯދީ ސިޔާސީ ގޮތުން އެކި ޕާޓީތަކުން ދުވަމުންދިޔަ, ސިޔާސީ ފައިސާ އޮތް, މަޖިލީހުގައި މީގެކުރިން ވެސް އަހްލާގީ ދަށް ފެންވަރު ދެއްކި, ބޮޑެތި ނުސިޔާރު ތުހުމަތުތައް އޮތް މީހެކެވެ. އަނެއް ދާއިރާއެއްގައި ޓިކެޓް ހޯދައިގެން އެ ހުރީ ރަށުގައި ޑްރަގު ވިއްކާ ކަމުގެ ތުހުމަތު އެންމެ ގަދައަށް އޮތް އެކަކެވެ.
މި މީހުން އިންތިހާބު އެ ކުރަނީ ވެސް އެކަން އެނގި ތިބެ އެވެ. އަހަރެމެން އެންމެން ބޭނުން ވެގެން މިއުޅޭ ސާފު މަޖިލީހެއް ހޯދަން ބޭނުންވާ ފަދަ މީހުން ކުރިމަތިލާފައިވަނިކޮށް އެމީހުން ނުހޮވަ އެވެ. އެމީހުންނަށް ލިބެނީ އާދައިގެ ދެތިން ވޯޓެވެ.
އޭގެ ބަދަލުގައި ފައިސާގެ ނުފޫޒުން ގަދަ މީހާ އޮންނަނީ ޓިކެޓް ކަށަވަރުކޮށްފަ އެވެ. ވަގުތީ ފައިދާއަކަށް ގިނަ މީހުން ވޯޓު ވެސް ވިއްކާލީ އެވެ. ފައިސާ ދޭ މީހުންނަށް އެކަން އެނގެއެވެ. ވޯޓު ގަނެގެން މަޖިލީހަށް ވަދެވޭނެ ކަން އެމީހުންނަށް އެނގެ އެވެ. އަހަރެމެންނަށް ޖެހެނީ ބަލަން ތިބޭށެވެ.
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ ގާނޫނުތައް ހަދައި, އިސްލާހުކޮށް އިލްމީ, ސިޔާސީ ބަހުސެއް ކުރަން އޮންނަ ތަނެކެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މިސްރާބު ހުރީ ވިޔަފާރިވެރިންނާއި, ޑްރަގު ލޯޑުންނާއި ގޭންގްތަކުގެ އަތްދަށުވުމަށެވެ. މިއީ, އަވަށްޓެރި އިންޑިއާގައި ވަރަށް އާންމު ކަމެކެވެ.
އަހަރެމެން ލަދުން, އެމީހުންނާ ދިމާއަށް ސޯޝަލް މީޑިއާގައި އެއްޗެހި ކިޔަން ތިބުމަކީ މިކަމެއް ހައްލެއް ނުވާނެ އެވެ. ވޯޓު ދިނުމުގެ ހައްގު އޭގެ އެންމެ ރަނގަޅަށް އަދާކުރަން ޖެހެއެވެ. ވޯޓު ވިއްކުމުގެ ސަގާފަތް މުލުން ލުހެލަން ޖެހެއެވެ. ބާރުގަދަ ވަމުންދާ ނުބައި ނުފޫޒުތަކުގެ ކުރިމައްޗަށް ނުކުންނަން ޖެހެ އެވެ. އެހެން ނޫނީ ބޭނުމެއް ނެތެވެ.
ލަދުން ނޫޅޭށެވެ. އެއީ ހަމަ އަހަރެމެން ހޮވާ މީހުންނެވެ.