މިއަދު, 17 ނޮވެމްބަރު 2023 އަކީ އަނެއްކާވެސް ރާއްޖޭގެ ތާރީހުގައި ހާއްސަ ދުވަހެކެވެ. އާ ދައުރެއް, ދިވެހިންނަށް އާ ޒަމާނެއްގެ ފެށުން ފެށިގެންގާ އުއްމީދީ ދުވަހެވެ. މިއަދު ހަވީރު ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާނެ ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި އެމަނިކުފާނުގެ ނައިބު, ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ޕާޓީ ނިޒާމް ރާއްޖެ އަށް ތައާރަފްކުރި ހިސާބުން ކޮންމެ ފަސް އަހަރަކުން ވެސް ވެރިކަން ރައްޔިތުންގެ ވޯޓުން ބަދަލުވެގެން ދަނީ އާ ސަރުކާރެއް ގެންނަން ރައްޔިތުން އިންތިހާ އަށް ބޭނުން ވެގެންނެވެ. އާ އުއްމީދުތަކާ އެކު އާ މިސްރާބަކަށް އާ ސަރުކާރެއްގައި ދިޔުމުގެ އަޒުމުގައެވެ.
މިއަދު ވެސް ރައްޔިތުން ތިބީ އެ އަމާޒުގަ އެވެ. އެ އުއްމީދުގައެވެ.
ޑރ. މުއިއްޒުގެ ސަރުކާރު މިއަދުން ފެށިގެން ރާއްޖޭގެ ޒައާމަތާ ހަވާލުވާނެއެވެ. އެ ބޭފުޅުންގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ފަށާނެއެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒު ހާސިލް ކުރަން މަސައްކަތް ފަށައިގަންނާނެއެވެ. އާ ސަރުކާރެއް އަންނައިރު, ވެރިންގެ ބުންވަރާއި ޖޯޝް ވެސް ވަރަށް ގަދަވާނެއެވެ. މިހާރު ފެންނަނީ ވެސް އެ މަންޒަރެވެ.
ބޮޑެތި, ތަފާތު, ބޭނުންތެރި ބަދަލަުތަކެއް އަންނާނެ ކަމަށް އުއްމީދު ވަރަށް ބޮޑެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޑރ މުޢިއްޒު އަކީ މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ. އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ %63 ތާޢީދާއެކުއެވެ.
800 މިލިއަން ޑޮލަރުގެ އަގުހުރި، ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމުގެ 200 ޕްރޮޖެކްޓް ހިންގައި، މެނޭޖްމެންޓް ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖްރިބާ ހާސިލްކޮށްގެން ހުރި ޕީއެމްޕީ، ޕްރިންސް2 ސެޓިފައިޑް ޕްރޮޖެޓް މެނޭޖަރެކެވެ. ޑރ މުޢިއްޒު ޚާއްސަވެފައިވަނީ ސިވިލްއިންޖިނިއަރިން ގެ ދާއިރާއިންނެވެ. ދުރުވިސްނޭ ލީޑަރެކެވެ.
ސިޔާސީ ގޮތުން ހުންނެވީ ޕީއެންސީގެ ރައީސްގެ މަގާމުގަ އެވެ.


ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އަކީ ރައްޔިތުންގެ މަޖްލީހުގައި ފަރެސް މާތޮޑާ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރެވެ. މިއީ ސެންބެ މި ދާއިރާ ތަމްސީލު ކުރައްވާ ދެވަނަދައުރުވެ. ރައްޔިތުންގެ މަޖްލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2014 ވަނަ އަހަރުއެވެ.
ސެންބެ އަކީ ދިވެހިރައްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި، ބައިނަލްއަގުވާމީ ކޮންވެންޝަންތަކަށް ލޯހޮޅުވޭ ދިވެހި، އިނގިރޭސި އަދި ޢަރަބިބަހަށް ފަރިތަ ބޭފުޅޭކެވެ.
ދިވެހިންގެރާއްޖެ
ޑރ. މުއިއްޒާއި ހުސެއިން ކެމްޕެއިން ކުރެއްވީ ދިވެހިންނަށް ދިވެހިންގެރާއްޖެ ހޯދައިދިނުމަށެވެ. އެހެންކަމުން, މިއަދު އެ ބޭފުުޅުން އެ ފައްޓަވަނީ އެ މަސައްކަތެވެ. ތިރީގައި މި ވަނީ އެ ބޭފުޅުން ދިވެހިންގެރާއްޖެ ސިފަކުރައްވާ ގޮތެވެ;
ދިވެހި މީހާގެ ފޮނި އުއްމީދުން ލާމެހިފައިވާ ޒަމާނީ ރާއްޖެއެކެވެ. މި ރާއްޖޭގެ ވެރީންނަކީ ދިވެހީންނެވެ. އަހަރެމެން ކޮންމެ މީހަކު ދިވެއްސަކަށް ހަދައިދޭ އަސްލުތަކަށްޓަކައި ފަޚުރުވެރިވާނެއެވެ.
ދިވެހި ޒުވާނާގެ މުސްތަޤުބަލު ކަށަވަރުކޮށްދޭނެއެވެ. ދިވެހި އަންހެނާގެ ޝަރަފު ޙިމާޔަތްކުރާނެއެވެ. ދިވެހި މަސްވެރިޔާގެ އުއްމީދު ހާސިލުކޮށްދޭނެއެވެ. ދިވެހި ޢާއިލާގެ ފާގަތިކަމަށް ޚިދުމަތްކުރާނެއެވެ. ސިންދަފާތުގެ ރަންޒަމާނަކުން ވިލިފައިވާ، ބިޔަ އިޤްތިޞާދެއް ބިނާކުރާނެއެވެ.

އުމްރާނީ ތަރައްގީގެ މެނިފެސްޓޯގެ އުސްއަލިތައް
- އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކާއި ރަށްތައް ކޯޒްވޭއާއި ބްރިޖުން ގުޅާލުން.
- ބޮޑެތި ޖަލްސާތަކާއި، އެގްޒިބިޝަންތަކާ، ކޮންސެޓުތައް ބޭއްވޭނެ ތަނަވަސްކަމާއި ފެންވަރުހުރި ބައިނަލްއަޤްވާމީ ކޮންވެންޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުން.
- ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށް ނިންމުން.
- ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެންވެސް 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއާރޕޯޓް ވިއުގަ ފުޅާކުރުން.
- ހައި ސްޓްރީޓް ފިހާރަތަކާއި މުނިފޫހިފިލުވާ ޚިދްމަތްތައް ހިމެނޭގޮތަށް ފަރުމާކުރެވޭ މޯލްތަކާއި ވިޔަފާރީގެ ސަރަޙައްދުތައް ޤާއިމުކުރުން.
- އިންޑޯ ޕިޗުތަކާއި، ކޯޓުތަކާ، ޖިމްތަކާ، ސްޕޯޓްސް ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ކްލިނިކްތަކާ، ރެސްޓޯރަންޓް އަދި ކެފޭތައް ހިމެނޭގޮތަށް، ރާއްޖޭގައި ކުޅޭ މަޤްބޫލު ހުރިހާ ކުޅިވަރުތަކަށް ޚާއްޞަކުރެވޭ ޒަމާނީ ފެންވަރުގެ ކޮމްޕްލެކްސެއް އެޅުން.
- ބައިނަލަޤްވާމީ ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުން.
- ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ބައިނަލަޤްވާމީ ކްރޫޒްލައިން ޓާރމިނަލްއެއް ޤާއިމުކުރުން.
- ދިވެހިންނާއި ފަތުރުވެރިންނަށްވެސް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކުރެވޭ ބައިނަލްއަޤްވާމީ ފެންވަރުގެ ތީމް ޕާކެއް ރާއްޖޭގައި ޤާއިމުކުރުން.
- ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ތެރެއިން، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުން.
- ދިވެހިންނާއި ފަތުރުވެރިންނަށްވެސް ލިބޭނެ ލުއިފަސޭހަކަމެއްގެ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ސީޕްލޭން ދެ މަރުކަޒު ޤާއިމުކުރުން.
- 2025 ގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން ޕީ.ޕީ.އެމް އިން ފެށި ބިޔަ މަޝްރޫއު އެކީ ނިންމާ، އެ އެއަރޕޯޓަކީ ސަރަޙައްދީގޮތުންވެސް ދަތުރުވެރިން އިޚްތިޔާރުކުރާ ނާރެހަކަށް ހެދުން.