އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަކީ ވަރަށް ކުއްލި ގޮތަކަށް ސިޔާސީ ހަޔާތް ފެއްޓެވި ބޭފުޅެކެވެ. ވަރަށް ޒުވާން އުމުރުގައި ދާއިރާގެ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދެވި ބޭފުޅެކެވެ. ޖެހިޖެހިގެން ދެ ދައުރު ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގައި އިންވައިފި އެވެ.

ސިޔާސީ ދާއިރާ އަށް, ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން ހުސެއިންއަކީ ހަމަ އާދައިގެ ސިވިލް ސާވިސް މުވައްޒަފެކެވެ. ސިޔާސީ ހަރަކާތް ހުސެއިން ފެއްޓެވީ ޕީޕީއެމްއާ ގުޅިވަޑައިގެން އެ ޕާޓީގެ ކައުންސިލް މެންބަރެއްގެ މަގާމުން 2014 ވަނަ އަހަރުއެވެ. މަޖިލިސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދެވީ ވެސް އެ އަހަރު އެވެ.

ހަމަ ކުއްލިއަކަށް ހުސެއިންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައީއެވެ.

ހުސެއިންގެ ގައުމީ ޚިދުމަތް ފެށިގެން ދިޔައީ ހުޅުމާލޭ ހޮސްޕިޓަލުން ޓެކްނިކަލް އެސިސްޓެންޓެއްގެ ގޮތުގައި 2004 ވަނަ އަހަރުއެވެ. ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ވާކާ ކަމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރުކަމަކީ ހުސެއިން ވަނީ ކުރައްވާފައެވެ. އިޖުތިމާއީ ދާއިރާ އާއި ހައްގުތަކުގެ ދާއިރާގައި އޭނާގެ ތަޖުރިބާ އެބަހުއްޓެވެ. އަމަލީ ތަޖުރިބާ އެބަ ހުއްޓެވެ.

ރައްޔިތުންގެ ލޯބި ހޯއްދެވުމުގައި ކާމިޔާބީ ހާސިލްކުރެއްވި ހުސެއިނަކީ ތައުލީމީ ކާމިޔާބު ޒުވާނެކެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން އިނގިރޭސިވިލާތުގެ އަންގްލިޔާ ރަސްކިން ޔުނިވަރސިޓީން މާސްޓަރސް ޙާޞިލްކުރައްވާފައެވެ. ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގެ ދާއިރާއިން ކިޔަވާ ވިދާޅުވީ ދިވެހީންގެ އިހްތިރާމާއި ގަދަރު ލިބިފައިވާ އަޒުހަރު ޔުނިވަރސިޓީންނެވެ.

އަރަބިއްޔާއިން ފެއްޓެވި އިބްތިދަޢީ ތަޢުލީމް ނިންމެވީ މައުހަދުއް ދިރާސާތުލް އިސްލާމިއްޔާއިން ސާނަވީ ފުރިހަމަކުރެއްވުމަށްފަހުގައެވެ. ޗާރާ ދުވަސްވަރު މަދަރުސާގައި ޕްރެފެކްޓް ކަމާއި އެކިކަންމުގެ ކެޕްޓަންކަމުގައި ކުދީންނަށް މަގުދައްކަމުން ގެންދެވިކަމީ ލީޑަޝިޕް ވަރުގަދަ ކަމުގެ ހެތްކެކެވެ.

ދަރުމަވެރި މަސައްކަތްތަކާ އިޖްތިމާއީ ޚިދުމަތުގައި ވެސް ހުސެއިން ހަރަކާތްތެރި އެވެ. މަޖްލިސް ހިންގުމުގެ ކަންކަމާބެހޭ ދުނިޔޭގެ ފެންވަރުގެ ތަފާތު ސެމިނަރަތަކުގައި ބައިވެރިވެ ތަފާތު ތަޖްރިބާތަށް ޙާޞިލްކުރައްވާފައިވާ ހުސެއިންއަކީ އަރަތްބާއި އިނގިރޭސިއާއި ދިވެއްސަށް ވެސް ނުހަނު ފަރިތަ ލިޔުންތެރި ބޭފުޅެކެވެ.

މިއަދު ހުސެއިން އެ ހުންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓްގެ ގޮތުގައި ނައިބު ރައީސް ކަމުގެ ހުވާ ކުރައްވަން ތައްޔާރަށެވެ. އާންމު ގޮތެއްގައި ނައިބު ރައީސުންނާ ހަވާލުވާ ޒިންމާއަކީ އިޖުތިމާއީ ދާއިރާ ކަމުން, މިއީ ހުސެއިންގެ އަމަލީ ތަޖުރިބާ ވަރަށް ބޮޑަށް އޮތް ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ.

އަދި ހުސެއިނަކީ ޒުވާނެކެެވެ. ޒުވާނުންނާ ގުޅޭ ބޭފުޅެކެވެ. ގަވައިދުން ފުޓްބޯޅަ ކުޅުއްވަން ވަޑައިގަންނަވާ ބޭފުޅެކެވެ.

ޑރ. މުއިއްޒު, ރަނިންމޭޓެއްގެ ގޮތުގައި ހުސެއިން އިހްތިޔާރު ކުރެއްވި ސަބަބަކީ ވެސް އެއީއެވެ. ޒުވާނުންނަށް އިސްކަންދޭ ސަރުކާރެއްގައި ޒުވާން ނައިބު ރައީސަކު ހުންނަވަން ބޭނުންފުޅުވެގެންނެވެ. މުއިއްޒަށް ގަބޫލުފުޅު ކުރެއްވުނު ގޮތުގައި އެންމެ ރަނގަޅު ޗޮއިސްއަކީ ހުސެއިންނެވެ.

ހުސެއިނަށް މި ފުރުސަތު ލިބިދާނެ ކަމަށް އޭނާ އަންދާޒާ ކުރެވިފަ ވެސް ނެތެވެ.

ރަނިންމޭޓް ކަމުގެ ހުށަހެޅުން ހުސެއިނަށް ލިބިވަޑައިގެންނެވީ, ކުރީގެ ރައީސް އަބްދުالله ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު އެވެ. އެ ދުވަހު ކޯޓުގައި ހުންނަވަނިކޮށް މުއިއްޒު, އެ ހުށަހެޅުން ހުށަހެޅުއްވިއެވެ. އޭރު އެކަމާ މެދު މާބޮޑު ވިސްނުންތަކެއް ވިސްނާކަށް ވަގުތެއް ވެސް ނެތެވެ.

ކުއްލިއަކަށް ލިބުނު ހުށަހެޅުމަށް ހުސެއިން ނިންމެވީ ވެސް އަވަސް ނިންމެކެވެ. އާއިލާ, ހާއްސަކޮށް އަނބިކަނބަލުންނާ މަޝްވަރާ ކުރެއްވުމަށްފަހު, މުއިއްޒުގެ ހުށަހެޅުއްވުން ހުސެއިން ގަބޫލު ކުރެއްވިއެވެ. އަދި, ކެމްޕެއިންގައި ވަރަށް ބުރަކޮށް އުޅުއްވިއެވެ. ގިނަ ރަށްތަކަށް ވަޑައިގެންނެވިއެވެ.

އޭރު އޭނާއަކީ ސިޔާސީ ގޮތުން ވެސް މުޅި ރާއްޖެ އަށް މާ ދަންނަ މޫނެއް ނޫނެވެ. ނަމަވެސް, ކެމްޕެއިނަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ހުސެއިންގެ ނަން މުޅި ރާއްޖެއަށް ގުގުމާލިއެވެ. އޭނާގެ ފަރާތުން ތަފާތު ކެމްޕެއިން އުކުޅުތައް ވެސް ފެނުނެވެ. ހާއްސަކޮށް ޒުވާނުން ގޮވައިގެން ޒުވާނުންނާ އެކު ހިންގި ކެމްޕެއިން ފާހަގަކޮށްލެވެ އެވެ.

ރެސްޓޯރެންޓްތަކަށް ވަޑައިގެން, މީހުންނާ ބައްދަލު ކުރައްވައެވެ. މަގުމަތީ ހިންގަވާ އުޅުއްވިއެވެ. މަގުމަތިން މީހުންނާ ބައްދަލުކުރައްވައެވެ. ގޭގެ އަށް ވަޑައިގެންނެވިއެވެ.

އެންމެ ހާއްސަކޮށް ސައިކަލް ބުރުތައް ބޭއްވިއެވެ. އެއިން ކޮންމެ ސައިކަލް ބުރެއްގައި ވެސް ހުސެއިން ދުއްވެވި ސައިކަލަށް ވަރަށް ބޮޑަށް ސަމާލުކަން ލިބިގެންދިޔައެވެ. ސަމާލުކަން އޭނާ ދަމައިގަތެވެ. ޒުވާނުންގެ ވޯޓު ޔަގީންކުރެއްވިއެވެ.

ސިޔާސީ ހަޔާތުގައި, އަދި ގައުމުގެ ހަޔާތުގައި ހުސެއިން މިއަދު ފައްޓަވާ އާ ދަތުރަށް މަރުހަބާ އެވެ.