"އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން!"

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުން އެންމެންގެ ގައިން ހީބިހި ނަގުވާލި ވަގުތުކޮޅެވެ. ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދައާ މުހާތަބު ކުރައްވާ ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި އެވެ. 

"މި ފިޔަވަޅުމަތިން އަޅުގަނޑު ދުރަށް ޖެހިލުމުގެ ކުރިން، ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަޚުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުޚާޠަބު ކުރޭ. އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައިދިނުމަށްޓަކައި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ," ރައީސް ވިދާޅުވިއެވެ.

 

"އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަށް ވާނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން."

ކުޑަ ވަގުތުކޮޅެއް ނަންގަވައި, ރައީސް ފަހަތަށް އެނބުރިވަޑައިގެން ދިދައާ ދިމާލަށް މައްޗަށް ބައްލަވާލެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. 

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! 

"ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން!," ރައީސް ވިދާޅުވިއެވެ. 

އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!.

ދެން އެމަނިކުފާނުގެ އިލްތިމާސްތަކެވެ. ފަށުވި ޅެންބައިތަކުން އިއްވައިދެއްވީ އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ އެންމެ ބޮޑު އެދުމެވެ. 

މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ!

މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ!

މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!

ޝައްކެއްނެތް، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޝުޢޫރަކަށް ވާންވީ؛

ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ

                   ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ.

ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށެވެ.  

"އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް," ރައީސް ވިދާޅުވިއެވެ. 

"އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނަ ރަތް ރޮނގެއް. އަދި އޮންނަންވާނެވެސް ރޮނގެއް." 

ރައީސް ވިދާޅުވީ އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ ކަމަށެވެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެ އިޙްތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ޙައްޤު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން,

"އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން."  

ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން.