ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން މި ދިވެހިރާއްޖެއިން ބޭލުމަށް ރައީސް ކަމުގެ ގޮނޑީގައި އިށީދެވަޑައިގެންނެވި ފުރަތަމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. އެގޮތަށް އެންގެވީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ފޮނުވި އެ ގައުމުގެ ސައިންސް މިނިސްޓަރާ މިއަދު ބައްދަލުކުރައްވައެވެ.

ރައީސް މުއިއްޒު އިއްޔެ ވިދާޅުވި ގޮތަށް ދިވެހި ސިޔާސަދަތުގެ ރަތް ރޮނގު ފުޅާކުރެއްވުމުގެ މަސައްކަތަކީ މިއީ, އެވެ.

އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން،

ރައީސްގެ ފުރަތަމަ ތަގުރީރުގައި އިއްޔެ ވިދާޅުވި އެވެ.

މި ރާއްޖެ އަށް ސިޔާސަދަތީ ގޮތުން މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންޑިއާގެ ސިފައިންތަކެއް މި ގައުމުގައި ގާއިމްވެ ތިބުމެވެ. އެމީހުންގެ ސީދާ އަދަދެއް އަދިވެސް ކަށަވަރު ނުވާއިރު އެ އެންމެން ބޭލުމުގެ މަސައްކަތް އެންމެ ފުރަތަމަ ދުވަހަން ފަށަން ރައީސްގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ވަނީ ހިމަނާފައެވެ. އެ ޕްލޭނާ އެއްގޮތަށް މިއަދު އެ މަސައްކަތް ފެށީއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވާނީ މަޝްވަރާގެ މަތިންނެވެ. އެގޮތަށް ގެންގޮސް ހުރިހާ ސިފައިން ވަކި މުއްދަތުތަކެއް ކަނޑައެޅުމަށްފަހު, އަނބުރާ އިންޑިއާއަށް ފޮނުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް," ރައީސް އިއްޔެ ވިދާޅުވި އެވެ.

"އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން."

"އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް."

ރައީސް ވިދާޅުވީ އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ ކަމަށެވެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ ކަމާއި އެ އިޙްތިރާމު ލިބެންޖެހޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، އެ ޙައްޤު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން," ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން."

ސަރުކާރުގެ ސޫރަޔަކީ، ސިފަޔަކީ ކޮބައިތޯ؟

"އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ ހުއްޓިލީ، ތިޔަ ސުވާލަށް ޖަވާބެއް އަރުވަން ގަސްތުކޮށްގެން." ރައީސް, އެ ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި, އެމަނިކުފާނުގެ ސަރުކާރު ޢަދުލުވެރިވާނެ އެވެ. ބޭއިންސާފެއް ނުވާނަނެ އެވެ. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެ އެވެ. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ އެވެ. ސަރުކާރުގެ ދެފުށް ފެންނާނެ އެވެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ އެވެ.

"މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ! އަޅުގަނޑުމެންގެ ސަރުކާރު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ފަސްގަނޑު ދިފާޢުކުރާނެ. ޣަދަރުވެރިއެއް ނުވާނެ! އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް," ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ! ހުވަފެނެއް ނުދައްކާނެ! ނިކަން ރަޙުމާއި، ކުލުނާއި އަގަލު ހުންނާނެ! އަނިޔާވެރިއެއް ނުވާނެ! ރައްޔިތުންގެ އަޑުއެހުމާއި، ރައްޔިތުންގެ ހާލުބަލައި، ކަންކަން ހައްލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިޚުލާޞްތެރިކަމާއެކު ދެމިތިބޭނަން. އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ! ގުޅުންތައް ދަމަހައްޓާށޭ! ލޯތްބާއި އިޙްތިރާމާއެކު، އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މާތް ސިފަ މުޅިރާއްޖޭގައި އާލާކުރާށޭ! ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމަޢެއް ބިނާކުރާށޭ!."

ރައީސް ވިދާޅުވީ މިއަދު ފަށަނީ ދިވެހި އުންމަތް އޭގެ ޙަޤީޤީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު ކަމަށާއި މިއީ، ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ކަމަށެވެ. އެމަނިކުފާނު ޤަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ޙައްޤެއް ކަމަށެވެ. އަދި ދިވެހި ތާރީޚު އެނގުމުގެ ޙައްޤު އެ ކުދީންގެ ކިބައިން މަޙުރޫމު ކުރެވިގެން ނުވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖިއޮގްރަފީ އެނގުމުގެ ޙައްޤު، ދިވެހި ކިޔަވާކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ. 4000 އަހަރުވި މިނިވަން ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި ޙަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ޤައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބިދޭންޖެހޭނެ. މި ޙައްޤުތަކާއި ފުރުޞަތުތަކާއި، ފަޚުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި އަޅުގަނޑުމެން މި ފަށަނީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު," ރައީސް ވިދާޅުވި އެވެ.

"މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢު. ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު. ދިވެހީންގެ ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢުން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރުމަށް، މައިންބަފައިން ރެޔާއިދުވާލު އެ ވާ ޤުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިގެންވާ ހިތްތަކަށް ހޯދައިދޭނަން."

ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން

ރައީސް ވިދާޅުވީ ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރާ ކަމަށާއި އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ކަމަށެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ.

އެހެންކަމުން، ރައީސް ވިދާޅުވީ އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން ކަމަށާއި މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. ޢިލްމާއި ހުނަރާއި އަޚްލާޤާއި ދީން އަދި އުޅުންތެރިކަމާއި މަސައްކަތްތެރިކަމެވެ.

"މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް ކަމަށެވެ.

"މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު. މި މައިދާނަކީތޯ؟ މިއީ، ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން!," ރައީސް ވިދާޅުވިއެވެ.