"އަލަށް އުފެދުނު ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް އެބަ ހުރި ފޭރުމުގެ ވިސްނުން. އަޅުގަނޑަށް އަލަށް އުފެދިގެން މިދާ ސަރުކާރު ފެންނަނީ ފޭރޭ ސަރުކާރެއް ގޮތުގައި."

"މިދިޔަ ދެ ދުވަސް ތެރޭގައި ސަރުކާރުގެ މަތި ހެޔޮ ވަރަކަށް ވަރުގަދަ ކޮށްގެން ނޫނީ ހިފަހައްޓާ ނުލެވޭނެ މަންޒަރު. މުޅިން ވެސް އައްޔަން ކުރަނީ މިނިސްޓަރުން. މިނިސްޓަރުން ފެންވަރުގެ ވިއްސަކަށް ފަންސަވީސް މަގާމް މިދިޔަ ދެ ދުވަސް ތެރޭގައި އުފައްދައިފި. މުޅިން ވެސް އޮތީ އަމިއްލަ ގަނޑުވަރު ބޮޑު ކުރުމުގެ ވިސްނުން."

ސަރުކާރު ހުވާ ކުރިތާ އަދި ހަތަރު ދުވަސް ގުނަމުން އަންނައިރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ބޮޑު މެޖޯރިޓީ އިން ގެންދަނީ ސަރުކާރު "ނޮޅައި ކަމުން" ނެވެ.

ސަރުކާރުގެ މަތިބަރުކަމުގެ ވާހަކަ އެވެ. ބަޖެޓަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ މައްސަލަތަކާއި ރައްޔިތުންނަށް ގެއްލުން ވެދާނެ ކަންކަން ކުރަން އުޅޭކަމުގެ ތުހުމަތާއެކު މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އިން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް އިރު ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުން ވެގެން މުޅި މަޖިލިސް ހިފަހައްޓާލަ އެވެ. އިހުތިޖާޖުކޮށް އަޑުއުފުލައެވެ. އެ ދެ ޕާޓީގެ ވިސްނުމާއި ފިކުރު ދިފާއު ކުރެއެވެ.

ނަމަވެސް ދެ ޕާޓީގެ ސަރުކާރެއް އުފެދި ގިނަ މެންބަރުން އިސްތިއުފާ ދެއްވައި ވަޒީރު ކަމާ ހަވާލުވިއިރު މިއަދު މިއޮތީ އެ ދެ ޕާޓީއަށް ހަގީގަތުގައި ވެސް މަޖިލީހުގެ ބޭނުންޖެހިފައެވެ. ނަމަވެސް ސަރުކާރު ދިފާއު ކުރަން ދެތިން މެންބަރެއް ތިބި އިރު ސަރުކާރުން އައްޔަން ކުރި ވަޒީރުންގެ ދިފާއުގައި ވެސް ތެދުވާނެ މާ ގިނަ މެންބަރުނެއް ނެތެވެ.

ރުހުން ނުދީފާނެ ކަމުގެ ބިރު

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ފަހު ޕީޕީއެމް ޕީއެންސީގެ މެންބަރުން މެޖޯރިޓީ ހޯދާނެ ކަމުގެ ވާހަކަ އަދި އޮތީ މާ ދުރުގައެވެ. ކުރިޔަށް މި އޮތް ދެތިން މަހަކީ ސަރުކާރަށް އެންމެ މުހިންމު ދުވަސްތަކެވެ.

ސަބަބަކީ އެއީ މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދަން އޮތް ދުވަސްތަކެވެ. ރައްޔިތުން ސަރުކާރަށް މާރކްސް ދީ ޖަޖް ކުރަން އޮތް ވަގުތުކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރަނގަޅު ނަތީޖާއެއް ދެއްކޭނީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ވެރިކަމުގެ ކުރީކޮޅު ސަރުކާރުން ދައްކާ ނަތީޖާއަކަށް ބަލާފައެވެ.

އެހެން ނަމަވެސް މަސައްކަތްތައް ފެއްޓުމުގެ ކުރިން ސަރުކާރުން އައްޔަން ކޮށްފައިވާ ވަޒީރުންނަށް ރުހުން ހޯދުމުގެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ދާނެއެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން މިހާރު އައްޔަން ކޮށްފައިވާ 22 ވަޒީރުންނަށް ރުހުން ދޭނީ މަޖިލީހުންނެވެ. ގާނޫނީ ބާރުވެރިކަން އެ ބޭފުޅުންނަށް ލިބެނީ އެހާ ހިސާބުންނެވެ.

"ސަރުކާރަށް އޮތީ ދެ ގޮތެއް. އެމްޑީޕީ ރުއްސުން. ނޫނީ ހަނގުރާމަ އިއުލާން ކުރުން. ހަގީގަތުގައި އެއިން އެއްވެސް ކަމެއް ވާކަށް ނެތް."

މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.

ވަޒީރުންނަށް ތައުރީފާއި ފާޑުކިޔުން

މިދިޔަ ދުވަސްތަކުގައި އެމްޑީޕީގެ މެންބަރުން ދައްކަމުން އަންނަ ވާހަކަތަކާއި ޕާޓީގެ އެތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އެ މެންބަރުން "ރުހޭ" އަދި "ނުރުހޭ" ނުރަސްމީ ލިސްޓެއް ހިތުލައިގެން އޮތް ކަމަށް ފާހަގަވެއެވެ. ދާދި ފަހުން އެމްޑީޕީގެ ބާރުގަދަ މެންބަރެއް ކަމަށްވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.

ގައްސާން ވަޒީރު ކަމަށް އައްޔަން ކުރި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ސަލާން ކުރައްވަން ހުންނެވި ފޮޓޯއެއް އަކާއެކު ނިޔާޒް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 4 އަހަރު 241 ކޮމިޓީގައި ގައްސާން އާއެކީ މަސައްކަތްކުރިއިރު އޭނާއަކީ ސިޔާސީ ފިކުރަށް ބެލުމެއްނެތި ވަރަށް ޕްރޮފެޝަނަލްކޮށް އެކުވެރިކަމާ އެކު މަސައްކަތް ކުރެއްވި މެންބަރެއް ކަމަށެވެ.

"ކުރިއަށް އޮތް 5 އަހަރު ދިފާއީ ވުޒާރާ ހިންގުމަގައި ފުރިހަމަ ކާމިޔާބަށް އެދެން." ނިޔާޒް ވިދާޅުވި އެވެ.

މިއީ ގައްސާން އަށް ނިޔާޒްގެ އިތުބާރާއި ރުހުން އޮތް ކަން ދައްކުވައިދޭ ޕޯސްޓެކެވެ. އޭގެ އިތުރުން ބައެއް އެހެން ވަޒީރުންނަށް ވެސް އެމްޑީޕީ މެންބަރުން ވަކިން ވެސް މަރުހަބާ ދަންނަވާފައި އެބަހުއްޓެވެ.

ނަމަވެސް ހަމައެއާއެކު އެންމެ ހަތަރު ދުވަސް ތެރޭގައި އެމްޑީޕީގެ މެންބަރުންނަށް ބައެއް ވަޒީރުންގެ އިތުބާރު ވެސް ގެއްލިއްޖެއެވެ. އޭގެ ތެރެއިން އެއް ވަޒީރަކީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ.

ހައިދަރުގެ މައްސަލަ ދިމާވި ހިސާބަކީ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފްލެޓުތަކާއި ގޯތިތައް އަތުލަން އުޅޭ ކަމަށް ގަބޫލު ކުރެވޭ މައްސަލައެވެ. ފްލެޓު ލިސްޓު ރިވިއު ކުރާނެ ކަމަށް އިއުލާން ކުރި ހިސާބުން ބައެއް މެންބަރުން ވަގުތުން ޕީޖީ ގްރޫޕުގައި ހައިދަރަށް ރުހުން ނުދޭން ގޮވާލިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ވެސް ވަނީ އޭނާ އަށް ރުހުން ދިނުމަށް ވޯޓެއް ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ބައެއް އެހެން ވަޒީރުންނަށް ވެސް ރުހުން ނުދިނުމުގެ ވިސްނުން ހުރި ކަމަށްވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި އެ ޕާޓީން ސަރުކާރާ ޖައްސާލައިގެން ނުވަތަ ހިންގަން ދަތި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭނެ އެވެ. ނަމަވެސް ރުހުން ދޭން ވޯޓު ދޭނީ ވަރަށް ވިސްނާފަ ކަމަށް ވިދާޅުވި އެވެ.