ދިރިއުޅުމަށް އާމްދަނީއެއް ހޯދުމަށް ކުރެވިދާނެ ބައިވަރު މަސައްކަތް އެބަ ހުއްޓެވެ. އެކަމަކު 2010 ވަނަ އަހަރު ސީއެޗްއެސްއީ އިން މަތީ ސާނަވީ ނިންމާލި ގޮތަށް އޭގެ 13 އަހަރު ފަހުން ވެސް ނާއިފް ހުރި ހަމަ އެއްގޮތަކަށެވެ. ނޫސްވެރިކަމުގަ އެވެ. އޭނާ ބުނާ ގޮތުން ނޫސްވެރިކަމުގެ ގައުމީ މަސައްކަތުގަ އެވެ.

"ދައުރު" ނޫހުގެ އަހުމަދު ނާއިފަށް ރޭ ވަނީ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ލިބިފަ އެވެ. އެއީ އޭނާ މި ދާއިރާގައި ކުރި އެތައް ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކުރުމެވެ. މޮޅު ނޫސްވެރިއަކަށް, އޭނާއަށް ހައްގުވާ އެވޯޑް ލިބުމެވެ.

ނާއިފް ނޫސްވެރިއެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެށީ ސަން އޮންލައިންނެވެ. އެ ނޫހުގައި ވަރަށް ޒުވާން, ކެރޭ ނޫސްވެރިއެއްގެ ގޮތުގައި ފާހަގަވި ނާއިފް, ކުރު މުއްދަތެއްގައި އޭރު އޮތް އެންމެ ބޮޑު ނޫސް, "ހަވީރު"އާ ގުޅުނެވެ. އެ ނޫހުގައި ވެސް ނާއިފްގެ ގަލަން ވަނީ ނުހަނު ރަނގަޅަށް ހިނގާފަ އެވެ. ހާއްސަކޮށް ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ އިންނެވެ.

"ހަވީރު"ގެ ކާމިޔާބު މަސައްކަތްތަކަށްފަހު, ނާއިފް ދެން ނެގީ ވަރަށް ބޮޑު ފިޔަވަޅެކެވެ. އޭނާގެ ހިއްސާއާ އެކު ޒުވާން ޓީމަކާ އެކު "އަވަސް" ރާއްޖޭގެ މީޑިއާ އަށް ވުޖޫދުކުރި އެވެ. އާ ހިޔާލެއްގެ ދަށުން އާ ޒަމާނީ ނޫހެއް ގެނަ އެވެ. އެއީ ކާމިޔާބު މަސައްކަތެކެވެ. އެ ނޫހުގެ މެނޭޖިން އެޑިޓަރުގެ ކަމުގައި ނާއިފް ވަނީ ނޫސްވެރިކަމަށް ވަރަށް ގިނަ ހިދުމަތްތަކެއްކޮށްދީފަ އެވެ.

"އަވަސް" ދޫކޮށްލުމަށް ފަހު ނާއިފް އަލުން ގުޅުނީ އޭނާގެ ނޫސްވެރިކަމުގެ ފެށުމާ އެވެ. ސަންއާ އެވެ. ސަން ގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު, ނާއިފްގެ މިސްރާބު ދެން ބެހެއްޓީ "ދައުރު" އަށެވެ. އެ ނޫސް އުފެއްދުމާއި މިއަދުގެ އޮތް ހިސާބަށް ގެނައުމުގައި ނާއިފްގެ ހިއްސާ ވަރަށް ބޮޑެވެ. "ދައުރު"ގައި އޭނާ ލިޔާ ކޮންމެ ލިޔުމަކީ ވެސް މައުލޫމާތުން މުއްސަނދި, މޮޅު ލިޔުންތަކެވެ.

ރޭގެ ނޫސްވެރިކަމުގެ އިނާމް ހަފުލާގައި ވިޔަފާރި/އިގުތިސޯދީ ދާއިރާ އިން އެންމެ މޮޅު ތިން ހުށަހެޅުމަށް ވެސް ނޮމިނޭޓްވެގެން ދިޔައީ ނާއިފްގެ ލިޔުންތަކެވެ. އެއީ ވަރަށް ބޮޑަށް ދިރާސާކޮށް, ވަރަށް ފުނަށް ވަދެފައިވާ ލިޔުންތަކެކެވެ. ތިރީގައި މި ވަނީ އޭގެ ތެރެއިން ދެ ލިޔުމުގެ ލިންކެވެ;

"އަހަރެން މި ކަންތައް, ނޫސްވެރިއެއްގެ މަސައްކަތް މި ކުރަނީ އެއީ ގައުމީ ޒިންމާއެއް ކަމަށް ދެކިގެން. މިއީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ އެމީހުންނަށް އެ މައުލޫމާތު އަމާންތެރިކަމާ އެކު ފޯރުކޮށްދިނުމަކީ ވަކި ފަރާތަކަށް ނުޖެހި ގެނެސްދިނުމަކީ ވަރަށް ބޮޑު ގައުމީ ޒިންމާއެއް," ނާއިފް ބުންޏެވެ.

އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް މި ދާއިރާ ގައި އަހަރެންނަށް ނުލިބޭ. ރައްޔިތުން އަހަރެންގެ މަސައްކަތް ބަލައިގަތުންހާ ބޮޑު ހިތްހަމަޖެހުމެއް ނުލިބޭ. އެހެން އަސްލު މި ދާއިރާގައި ކުރިއަށް ދާން ވެސް ޝައުގުވެރިކަން މި ހުންނަނީ.

ނާއިފް އަށް ނޫސްވެރިކަމުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާންމު މީހުން ނޫނީ އުނދަގުލެއްގައި ތިބި ބަޔަކަށް ހިތްހަމަޖެހުމެއް, އޭނާގެ މަސައްކަތުން ގެނެސްދެވުމެވެ. އެފަދަ އެތައް, އިންޕެކްޓެއް މުޖުތަމައުއަށް އޭނާ ވަނީ ލިޔުންތަކުން ގެނެސްދީފައެވެ. ތަކުލީފުތައް ދުރުކޮށްފައެވެ. މިއަދު, އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް އެ އުފުލާލީ އެ ހުރިހާ ކަމެއްގެ ބުރަދަނުގަ އެވެ.

"އަހަރެންނަށް އޮންނަ ހިތްހަމަޖެހުމަކީ އަހަރެންގެ މި މަސައްކަތް ކޮންމެ ވެސް ބަޔަކު ބަލައިގަންނާނެއޭ. އަދި ކޮންމެ ވެސް ކަހަލަ ތުރާލެއް އުނދަގުލެއް ދިމާވެފައި ތިބޭ ބައެއްގެ ދިރިއުޅުމަށް އަހަރެން ލިޔާ ލިޔުމެއްގެ ސަބަބުން ނޫނީ އުފައްދާ ކޮންޓެންޓެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭތީ. ހިތްހަމަޖެހުމުގަ މި ހުރެވެނީ އެހެންވެ," ނާއިފް ބުންޏެވެ.

ހަމައެކަނި ނޫސް ލިޔުމެއް ނޫނެވެ. އޭނާ އަކީ ނޫސްވެރިކަމުގެ ދިފާއުގައި ވެސް ވަރުގަދަ އައްޑަނައެކެވެ. ނޫސްވެރިކަމުގެ ހައްގުގެ ފާރަވެރިއެކެވެ. ނޫސްވެރިންގެ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމުގައި އޭނާ އަންނަނީ ނޫސްވެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެެވެ.

ނޫސްވެރިންގެ އަޑު އުފުލަންޖެހޭ ކޮންމެ މައިދާނެއްގެ ކުރީ ސަފުގައި ނާއިފް ހުރެ އެވެ. ނޫސްވެރިންނަށް ކަމެއް ދިމާވާއިރު އެކަމެއްގައި ނާއިފް ހުރެ އެވެ. ނޫސްވެރިންނަށް ތަމްރީނާއި ޓްރެއިނިން ދިނުމުގައި އިސްކޮށް އުޅެ އެވެ. އެއީ އޭނާގެ ގައުމީ މަސައްކަތުގެ އެއް ބައެވެ.

ނާއިފްގެ މަސައްކަތަށް ސާބަހެވެ. އަދިވެސް އެދެނީ ކާމިޔާބަށެވެ.