އައިޝަތު މާހާ

ގައުމެއްގެ އިގްތިސާދެއް ހިތަށް ގެންނާށެވެ. ޖީޑީޕީ އާ އަޅައި ކިޔާއިރު ދަރަނި ހުރީ ދެ ނަންބަރުގެ އަދަދެއްގައެވެ. ޖީޑީޕީއަށް އޮތް ދަރަނި އިގްތިސާދަށް ވުރެ 100% ބޮޑެވެ. ބޭރުން ފައިސާ ހޯދަން ބަލާއިރު ކްރެޑިޓް ރޭޓިން އެޖަންސީތަކުން ހުރީ އެ ގައުމުގެ ކްރެޑިޓް ރޭޓިން ދަށް ކޮށްފައެވެ. ބަޖެޓް ޑެފިސިޓްއަށް ހަރަދުކުރަނީ ސެންޓްރަލް ބޭންކުން ލޯނު ނަގައިގެންނެވެ. ޑޮލަރު މާރުކުރާނެ ރޭޓެއް ކަނޑައަޅާފައި އޮތަސް ފައިސާގެ އަގު ވެއްޓޭނެ ކަމަށް ލަފާ ކުރެވޭތީ ކަޅު ބާޒާރުގައި އަދަދުތައް ދަނީ ބަދަލުވަމުންނެވެ.

މި ވާހަކަތައް އަޑު އެހުމަށް ފަހު މިއީ ރާއްޖޭގެ އިގްތިސާދު ކަމަށް ގިނަ ބަޔަކަށް ހީވެދާނެއެވެ. އެހެން ނަމަވެސް މިއީ ރާއްޖެ އާ ކައިރީ އޮތް ސްރީ ލަންކާގެ އިގްތިސާދު އެ ގައުމުގެ ރައްޔިތުންނާއެކީ "ގެނބުމުގެ" ކުޑަ އިރުކޮޅެއް ކުރިން 2021 ގައި އެ ގައުމުގެ ހާލަތު އޮތް ގޮތެވެ.

ވޯލްޑް ބޭންކުގައި 28 އަހަރު ހިދުމަތް ކުރެއްވައި އަދި ރާއްޖޭގެ މާލީ ކަންކަމުގައި ލަފާ ދިނުމަށް ކަނޑައެޅި ލަންކާގެ ޕްރޮފެސަރ އެއް ކަމަށްވާ ޝާންތާ ދެވްރަޖަން ވިދާޅުވި ގޮތުގައި މިއީ މި ވަގުތު ރާއްޖޭގެ އިގްތިސާދު ވެސް އޮތް ހިސާބެވެ. ރާއްޖެ އާ ބެހޭ ގޮތުން ވޯލްޑް ބޭންކުގެ ރިޕޯޓެއް ނެރުނު ހަފްލާއެއްގައި ދިވެހީންނަށް އިގްތިސާދުގެ ހަގީގީ މަންޒަރު މިގޮތަށް ސިފަކޮށްދީ ކިޔައިދޭން ޖެހުނު ސަބަބު ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުތަކުން ބޭނުން ވަނީ މިކަހަލަ ވާހަކަތައް ވޯލްޑް ބޭންކަށް އެނގުނަސް އެކަންކަން ހާމަ ނުކުރަން. ދެން ވަކިން ފަރުދާގެ ފަހަތުގައި ތިބެ ވޯލްޑް ބޭންކުގެ އޮފިޝަލުންނާ މި ވާހަކަ މިގޮތަށް ދައްކާނީ." ޝާންތަ ވިދާޅުވިއެވެ.

ރައްޔިތުންނަށް އެނގުމުގެ ހައްގު އޮންނާނެ އެ މީހުންނަށް ކުރިމަތިވާން މި އުޅެނީ ކިހާ ވަރުގެ ކަމެއް ކަން. އެއީ އެ މީހުންގެ ސީދާ ދިރިއުޅުމަށް މީގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެ

ޕްރޮފެސަރ ޝާންތާ

އިގްތިސާދީ އުނދަގޫ ބަސްތައް ބޭނުން ނުކޮށް އާދައިގެ ބަހުރުވައިން މި ހާލަތު ސިފަ ކޮށްދޭނަމަ ރާއްޖެ މިއޮތީ ކަރުތާފެނުގައެވެ. ފޫނުބެއްދޭ ވަރަށް އޮތީ ދަރަނި ނަގާފައެވެ. ދަރަނި ނަގައިގެން އެ ފައިސާ ހަރަދު ކުރަނީ އަނބުރާ އާމްދަނީއެއް ލިބޭނެ މަސައްކަތަކަށް ނޫނެވެ. ސަރުކާރުގެ ބައެއް ހަރަދުތައް ދެކޮޅު ޖައްސަން ވެސް ދަރަނި ނަގަނީއެވެ.

އެ ދަރަނިތައް ބޮޑެތި އަދަދުތަކުން އަނބުރާ ދައްކަންޖެހޭ ތާރީހު 2025 އާއި 2026 ގައި އެބަ ހަމަވެއެވެ. އެއީ ކަރުތާފެނުގައި އޮއްވާ އޭގެ މައްޗަށް ނަގާ ބިޔަ ރާޅުތަކެކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެކެވެ. އެހެން ނަމަވެސް އެ ބާރުގަދަ އިމްޕެކްޓަށް ތައްޔާރުވުމުގެ ބަދަލުގައި ސިޔާސީ ވެރީން ހަގީގަތް ކިޔައި ނުދީ ރައްޔިތުންނަށް އޮޅުވާލަނީއެވެ. ސަބަބަކީ މި ދެމެދަށް ރިޔާސީ އިންތިހާބެއް ދިމާވުމެވެ.

ޕްރޮފެސަރު ޝާންތާ.

"ތަކުރާރުކޮށް އެކަން ނުކުރަން ލަފާ ދީނަސް ޕޮލިސީ މޭކަރުން ގެންދިޔައީ އިގްތިސާދަށް ނޫފުލޭ ވަރުގެ އަދި ދަރަނި އިތުރަށް ބޮޑު ވާނެ ފަދަ ވައުދުތައް ރައްޔިތުންނަށްވަމުން. ހަމަ ސަރުކާރު ހިންގާ ޕާޓީން އެފަދަ ވައުދެއް ވާއިރަށް ވާދަވެރި ސިޔާސީ ޕާޓީތަކުން ވެސް އެއަށް ވުރެ ވެސް މާ ބޮޑަށް ގައުމަށް ގެއްލުން ވާނެ އިތުރު ވައުދުތައް ދިޔައީ ވަމުން. މިކަން ބޮޑު ވާދައަކަށް ހެދި" ޝާންތަ އަށް ރާއްޖޭގައި ކުރެވުނު ބައެއް ތަޖުރިބާގެ އަލީގައި ވިދާޅުވިއެވެ.

ބޮޑެތި އާ ބްރިޖުތަކާއި ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކާއި ލައްކަ އާ ގާތްކުރާ އަދަދަށް ފްލެޓު އެޅުން ފަދަ އުމްރާނީ އެކިއެކި މަސައްކަތްތަކަކީ ބަލައިލަން ރީތި އަދި މެޑަލް ޖަހާލަން ވަރަށް ރަނގަޅު ޕްރޮޖެކްޓުތަކެކެވެ. އަދި އެއާއެކު ސަރުކާރުން މިހާރު ވެސް ސަބްސިޑައިޒް ކޮށްފައި ހުރި ދާއިރާތައް އިތުރަށް ބުރަ އުފުލައި މުޅިން އާ ކަންކަން ހިލޭ ކުރުން ފަދަ ކަންކަން އިއުލާން ކުރުމަކީ ވެސް ސިޔާސީ ގޮތުން ކުރި ހޯދިދާނެ އަދި ރައްޔިތުންނަށް ވިއްކަން ފަސޭހަ ވާހަކަތަކެކެވެ.

އެހެން ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި ދައުލަތުން ވަކިން ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ހިލޭ ކުރަން ބުނާ ކަންކަމަކީ ހިލޭ ވެގެންދާ ކަންކަމެއް ނޫނެވެ. ދައުލަތުގެ ހަރަދު ބޮޑުވެ މުދަލުގެ އަގު އުފުލި ފަހު ވަގުތު އެނބުރި އައިސް ރައްޔިތުންގެ ޖީބުން ކެނޑޭނެ ރުފިޔާއެވެ. އަދި ލަންކާ ފަދަ ކާރިސާއަކަށް ވެއްޓިއްޖެ ނަމަ ސީދާ ރައްޔިތުން ވޭން އުފުލަން ޖެހޭ ފަދަ ކަންކަމެވެ.

ހަމަ އެގޮތަށް ބްރިޖުތަކާއި ބޮޑެތި އިމާރާތްތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ ވެސް ސަރުކާރުން އަނެއްކާވެސް ބޮޑެތި ދަރަނިތަކެއް ބޭރުން ނަގައިގެން ކުރަންޖެހޭ ކަންކަމެވެ. ދަރަނީގެ އަދަދު އަނެއްކާވެސް ދާނީ މައްޗަށެވެ. އިގްތިސާދަށް ހިންދެމިލާނެ ޖާގައެއް ވެސް ނުލިބޭނެއެވެ.

ދިވެހިން މި ހާލަތަށް ތައްޔާރު ކުރުވާކަށް މަސައްކަތެއް ސަރުކާރަކުން ނުކުރެއެވެ. ކުޑަމިނުން މި ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވާތާ މިކަން އެނގޭ އިދާރާތަކުގައި ވެސް ސަރުކާރުތަކުން އެދެނީ މިފަދަ ވާހަކަތައް ރައްޔިތުންނަށް ފޮރުވުމަށެވެ.

އެކަމަކު ހަގީގަތަކީ މިއީ ލަންކާއެއް ނޫނެވެ. ރާއްޖެ މި އޮންނަނީ ހުރިހާ ކަމެއް އިމްޕޯޓަށް ބަރޯސާވެފައެވެ. އެފަދަ ޑިފޯލްޓެއް ރާއްޖެއަށް ދިމާވެއްޖެ ނަމަ ވެއްޓޭނެ އަނދަވަޅު މާ ފުންވާނެއެވެ. މިހާރު ފިޔަވަޅުތައް އަޅަން ސަރުކާރަށް ޕްރެޝަރު ނުކޮށްފި ނަމަ ބަނޑަށް ޖެހޭނީ ހަމަ ދިވެހިންނެވެ.