ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުމާއެކު ބޮޑެތި އަދަދުތަކުން ބޮޑެތި ކުންފުނިތަކަށް ބަދަލު ދިނެވެ. އެއީ ކޯޓު މަރުހަލާތައް ނިންމައި އެކަމަށް ހުކުމް ވެސް ކުރުމުންނެވެ. ނަމަވެސް، ދުވަސްކޮޅެއް ނުވެ ބަދަލު ދިނުން ސަރުކާރުގެ އަތް މައްޗަށް ނަގައި، ކޯޓުތަކާ ހަމައަށް މައްސަލަަތައް ދިޔުން ހުއްޓުވައި، އަމިއްލައަށް ބަދަލު ދޭން ކަނޑައެޅިއެވެ. އެކަމަށް ހާއްސަ ސެޓަލްމެންޓް ކޮމިޓީއެއް ހެދިއެވެ.
އެ ކޮމިޓީން ނިމިދިޔަ ސަރުކާރުން ވަނީ އެކިއެކި ކުންފުނިތަކަށް 1 ބިލިއަން ރުފިޔާގެ ބަދަލު ނަގައިދީފިއެވެ. މިއީ އެއްވެސް ކޯޓު މަރުހަލާއެއް ނެތި، ހާއްސަ އުސޫލެއްގެ ދަށުން ގާނޫނަކުން ވެސް ބާރު ނުލިބި ނަގައިދީފައިވާ އިންތިހާ އަށް ބޮޑު ބަދަލެކެވެ. އެތައް ސުވާލުތަކެއް އޮތް، ވަރަށް ވަންހަނާ ގޮތެއްގައި ހިންގާފައިވާ ކަމެކެވެ.
ސެޓެލްމެންޓް ކޮމިޓީ އުފެއްދުމާއި އޭސީސީގެ ކަންބޮޑުވުން
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކޮމިޓީ ރައީސް އެކުލަވާލެއްވިއެވެ. އެއީ ޖެނުއަރީ، 27، 2019ގައެވެ. އެ ކޮމިޓީ ވުދޫކުރީ އެއްވެސް ގާނޫނެއް، ގަވައިދެއް، އުސޫލެއްގެ ތެރެއިނެއް ނޫނެވެ. ރައީސަށް ލިބިދޭ ހާއްސަ ބަރާއި އިހްތިޔާރުގެ ދަށުންނެވެ.
ބަދަލު ދިނުމަށް ރައީސަށް ލަފާއަރުވާ ސެޓްލްމަންޓް ކޮމިޓީ ހެދިއިރު އަމަލުކުރާނެ ވަކި މިންގަނޑެއް ނެތެވެ. އެކަމުގެ ސަބަބުން އެކި މައްސަލަތަކުގައި އެކި ގޮތަށް ނިންމުމުގެ ފުރުސަތު އޮތެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އޮތަސް ކޮމިޓީން ދިޔައީ ބަދަލު ނަގައިދެމުންނެވެ.
އެހެން އެކަން ކުރަމުން ދަނިކޮށް ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި 2021 ވަނަ އަހަރު ފާހަގަކުރިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެވިފައިވާ ސެޓްލްމެންޓް ކޮމިޓީ އަމަލުކުރުމަށް އުސޫލެއް އޮތް ކަމުގައިވީ ނަމަވެސް މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިއާޔަތް ކުރާނެ ވަކި ކަންތައްތަކެއް އެ އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން އެކި މައްސަލަ އެކި ގޮތަށް ނިމުމުގެ ފުރުސަތު ނުވަތަ ކޮމިޓީން އެ އިރަކު ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެވެ އެވެ." އެ ރިޕޯޓުގައިވެއެވެ.
އޭސީސީން އޭރު ބުނެފައިވާ ގޮތުގައި ކޮމިޓީން ވަނީ ހަރުދަނާ ނޫން ނިންމުންތަކެއް ނިންމާފައެވެ.
ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރޭ ކަމަށް އޭރު ސަރުކާރުން ބުނަމުން ދިޔައެވެ. އަދި އެ ކޮމިޓީއަށް ހުށަހެޅުނު 37 މައްސަލައެއް ބަލައި ނިންމައި 2021 ވަނަ އަހަރުގެ ތެރޭގައި ކޮމިޓީން އުވާލިއެވެ.
ފާޑުކިޔުން އިންތިހާއަށް، ސަރުކާރު ދިފާއުއަށް
އޭރު ސަރުކާރުން ބުނި ގޮތުގައި ކޮމިޓީން ބަދަލު ދޭން ނިންމި ހަމައެކަނި ކުންފުންޏަކީ ނޫމަޑި އެވެ. ބަދަލު ދިން ގިނަ މައްސަލަތަކަކީ ކުރީގެ ސަރުކާރުން ގާނޫނާ ހިލާފަށް ވަކިކޮށްފައިވާ މުވައްޒަފުންނަށް ބަދަލު ނަގައިދިނުމުގެ މައްސަލަތައް ކަމަށް ބުންޏެވެ.
ބަދަލުގެ އަގު އިންތިހާ އަށް ބޮޑުވަމުންދާތީ އޭގެ ދިފާއުއަށް އޭރު ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެޑްވައިސަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެފައިވަނީ ދައުލަތުން އެކި ފަރާތްތަކަށް ގަސްތުގައި އާއި އިހުމާލުން ގެއްލުން ދީފައިވާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ގެއްލުންތަކަށް ބަދަލު ދިނުމަކީ އިންސާފުވެރި ސަރުކާރެއްނަމަ ކުރަންޖެހޭނޭ ކަމެއް ކަމަށެވެ.

"މި ސަރުކާރަކީ ރައްޔިތުންނަށް ދައުލަތުން ދީފައިވާ ގެއްލުންތަކުގެ ބަދަލު ދިނުމުގެ ވައުދާއެކު އައި ސަރުކާރެއް. އެ ވައުދު މި ސަރުކާރުން ފުއްދާނެ،" އޭނާ ވިދާޅުވެފައިވެއެވެ.
އަދި އިހުމާލެއްގެ ސަބަބުން ނުވަތަ ގަސްތުގައި މީހަކަށް ދޭ ގެއްލުމެއްގެ ސަބަބުން ވިޔަސް ދައުލަތުން މީހަކަށް ބަދަލު ދޭންޖެހިއްޖެނަމަ އެ ފައިސާ އަނބުރާ ހޯދުމަށް ދައުވާކުރުމަށް ސަރުކާރުން ފަސްނުޖެހޭނޭ ކަމަށެވެ. ނަމަވެސް، ސަރުކާރު ނިމުނުއިރު ވެސް އެފަދަ ދައުވާތަކެއް ކުރެވިފައެއް ނުވެއެވެ.
އެ ބަދަލުތައް ނެގި ކޮމިޓީ އުވާލީ އޭސީސީގެ ރިޕޯޓް ދިރާސާކޮށް ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމު ނަޒާހަތްތެރިކޮށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާދިނުމާއެކުއެވެ. ނަމަވެސް، އެ ހިސާބުން ވެސް ބަދަލު ދިނުމުގެ މަސައްކަތް ސަރުކާރުން ހުއްޓާލީއެއް ނޫނެވެ.
ދެން ހެދީ އުސޫލެއް، އެއްވެސް ގާނޫނެއްގެ ދަށަކުން ނޫން
2022 ވަނަ އަހަރު "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"ގެ ނަމުގައި އުސޫލެއް ހަދައި، އާންމުކުރިއެވެ. އަދި އޭގެ ދަށުން ސެޓެލްމެންޓް ކޮމިޓީގެ މަސައްކަތް އަލުން ފަށައިގަތެވެ. މިފަހަރު އުސޫލުން ވަނީ އެ ކޮމިޓީއަށް އޮގަސްޓް 7، 2008 އިން ފެށިގެން ގަވާއިދާ ހިލާފަށް ބާތިލްކޮށްފައިވާ މައްސަލަތަކުގެ މެންޑޭޓް ކަނޑައަޅައިދީފައެވެ.
"މި އުސޫލްގެ ދަށުން ހައްލުކުރާނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ނުވަތަ މައްސަލަ ހައްލުކުރުމަށް ކަނޑައަޅާފައިވާ ރަސްމީ އިދާރާއަކަށް ހުށަހަޅައިގެން ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ސަމާލުކަމަށް ލިއުމުން ގެނައުމަށް ފަހު ހައްލެއް ނުލިބި 3 އަަހަރު ދުވަސް ފާއިތުވެފައިވާ މައްސަލަތަކެވެ." އުސޫލުގައިވެއެވެ.
އުސޫލުގައި ބަދަލު ދޭން ކަނޑައެޅި ގޮތަކީ ކޯޓުން ބޭރުން ބަދަލު ދޭނީ ކޯޓުން ނަގައިދޭނެ ކަމަށް ބެލެވޭ ބަދަލުގެ މިންވަރު ދެ ފަރާތް މަޝްވަރާކޮށްގެން އެއްބަސްވެވޭނެ ބަދަލަށްވުރެ ބޮޑުވެދާނެ ކަމަށް އެކަށީގެންވާ ހަމަތަކުގެ މަތިން ގަބޫލުކުރެވޭނަމައެވެ. މާލީ ބަދަލަށް ވުރެން ބޮޑަށް މިފަދަ މައްސަލަތަކުގައި ސަރުކާރުން ދެވެން އޮތް އެހެން ލުއިތަކާއި އިނާޔަތްތައްދީ މައްސަލަތައް ނިންމުމަށް ވެސް އިސްކަންދޭން ވެސް ހިމެނިއެވެ.
އުސޫލުގެ ދަށުން ބަދަލު ނައިދޭން ފެށުމާއެކު، ބަދަލުގެ މައްސަލަަތައް ގިނަވެ ދައުލަތުން އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހުނެވެ. މި އަހަރު ބަދަލުގެ ގޮތުގައި ދައުލަތުން 100 މިލިއަން ރުފިޔާ ހޭދަކުރި އިރު މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދީފައެވެ. އޭގެ ތެރޭގައި ކޮމިޓީގެ ނިންމުންތައް ގިނައެވެ.
ބަދަލު ދީފައިވާ މައްސަލަތަކުގެ ތެރޭގައި ނޫމަޑި އާއި ބިގް އިންވެސްޓްމަންޓްސް އާއި ބޯޑަރު ސިސްޓަމްގެ މައްސަލަ ހިމެނެއެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަދަލެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު ތަރައްގީގެ އެކި ޕްރޮޖެކްޓުތައް ހިންގަން ހަވާލުކުރި ނޫމަޑިއަށެވެ.
މި އަހަރު ތެރޭ 100 މިލިއަން ހަރަދުކުރިއިރު ބަދަލު ދިން ފަރާތްތައް ސިއްރު ވެސް ކުރިއެވެ. ބައެއް ނޫސްތަކުން އެ މައުލޫމާތު ހޯދަން އެދުނު ނަމަވެސް އެ ހާމައެއް ނުކުރެއެވެ. އެންމެފަހުން އިންފޮމޭޝަން ކޮމިޝަނުން ވަނީ އެ މައުލޫމާތުތައް ހާމަކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައެވެ.
ކޮމިޓީގެ ނިންމުންތައް ގާނޫނާ ހިލާފު: އޭޖީ
ރައީސް ސޯލިހުގެ ސަރުކާރު ނިމި އާ ސަރުކާރު ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަދަލު ނަގައިދޭ ކޮމިޓީ އުވާލައްވާފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސެޓްލްމަންޓް ކޮމިޓީ އުވާލައްވަން ރައީސް މުއިއްޒު ނިންމެވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި ގާނޫނީ ލަފާއަކާއެކުއެވެ. ލަފާގައިވާ ގޮތުން ބަދަލު ދިނުމަށް އުސޫލު ހަދައިގެން އެކަން ކުރަމުން ގެންދަނީ ގާނޫނީ އޮނިގަނޑެއް ބާރެއް ނެތިއެވެ. މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއް ވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށް ވެސް ބަންޑާރަ ނައިބުގެ ލަފާގައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ޝަރުއީ މަރުހަލާގައި މައްސަލަަތައް ކުރިއަށް ދަނިކޮށް، ބަންޑާރަ ނައިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި ފަސް މައްސަލައެއް ކުރީގެ ސަރުކާރުން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމީ ބަންޑާރަ ނައިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުންދިޔަ ނުކުތާތަކަށް ވެސް ބެލުމެއް ނެތި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާ ވެސް ހިލާފަށް ކަމަށް ބަންޑާރަ ނައިބުގެ ލަފަޔާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.
މި އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތައައްސުފީކޮށް އަމަލުކުރުމަށް މަގުފަހިވާ އުސޫލެއް، މި އުސޫލު ގާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ހިލާފު ކަމަށް ވެސް ބަންޑާރަ ނައިބު ދެއްވި ލަފާގައިވޭ،
ރައީސް އޮފީހުގެ ބަޔާން
ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެއްވެސް ގާނޫނަކުން ބާރުލިބިގެން ނޫން ގޮތަކަށް ’އުސޫލު‘ އެއް އެކުލަވާލައިގެން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާއާއި މުދާ ދެމުން ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ.
ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާން ދެން އުފެއްދެވީ އެންމެ މުހިންމު ސުވާލެވެ; "ޤާނޫނާ ޚިލާފަށް ތިޔަކަން ކުރި ބަޔަކާ ދަޢުވާ ކުރެއްވަންވާނެ ނޫންތޯ." އެވެ.
މިކަމާމެދު ސަރުކާރުން މިހާތަނަށް އެއްޗެއް ނުބުނެއެވެ. އެނގެން އޮތް ކަމަކީ ކުރީ ސަރުކާރުން ބަދަލު ދޭން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް މި ސަރުކާރުން ދެކޭ ނަމަ އެއީ ބަލަންޖެހޭ މައްސަލައެއް ކަމެވެ. ހަރަދުކޮށްފައިއެވަނީ ދައުލަތުގެ ބަޖެޓުންނެވެ.