ހަސަން މަމްދޫހް (މަންޑޭ)ގެ އަންހެނުންގެ އިންސްޓަގްރާމުން އެމީހުން އުޅެމުންދިޔަ އަދާޔާހިލާފު މުއްސަނދި ދިރިއުޅުން ވަޒަންކޮށްލެވެއެވެ. އަގު ބޮޑެތި ޗުއްޓީ ދަތުރުތަކާއި އަގު ބޮޑެތި ލަކްޒަރީ ހެދުންތަކާއި ދަބަހާއި ގަހަނާ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނީ ފަހުރުވެރިކަމާއެކުއެވެ. އެކަމަކު އަބަދުވެސް އުފެދެމުން ދިޔަ ސުވާލަކީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅުނު ވަރަށް އާންމު މަންޑޭއަށް މިހާ ހިސާބަށް ކުއްލިއަކަށް ދެވުނު ގޮތާމެދުއެވެ.

މަންޑޭގެ ނަން އެންމެ ފުރަތަމަ މީޑިއާއަށް އައީ ކޮރެއާގެ ކުންފުންޏާ ގުޅިގެން ހުޅުމާލޭގައި "ކޭޕާކް"ގެ ނަމުގައި އަޅަން ފެށި ފްލެޓްތަކާއެކުއެވެ. އެ މަޝްރޫއަށް ހެދި ކުންފުނީގެ ރާއްޖޭގެ ހިއްސާދާރަކީ އޭނާއެވެ. އޭރު ރާއްޖޭގެ ބޮޑެތި ގިނަ މީޑިއާތަކުގައި "ކޭޕާކް" މަޝްރޫއުއާ ގުޅޭ ލިޔުންތައް ލިޔުނެވެ. ތަފާތު, ޒަމާނީ އެ އެޕާޓްމެންޓްތަކަށް ގިނަ ބަޔަކު ހިތްކިޔައި, އެ ގަތުމަށް ކިޔު ދަމާލިއެވެ. އެތައް ފައިސާއެއް އެކީ އެއް ފަހަރާ ދައްކާފައި ވެސް މީހުން ތިބީ އެ އެޕާޓްމެންޓްތައް ބޭނުންވެފައެވެ.

މަންޑޭ އުފެދުނީ މިހާ ހިސާބުންނެވެ.

އެޕާޓްމެންޓްތަކުގެ މަސައްކަތް ފެށިއިރު, އެ ވިއްކުމުގެ މަސައްކަތް މަންޑޭ ދިޔައީ ކުރަމުންނެވެ. އެޑްވާސް ޕޭމަންޓްތައް ދިޔައީ ނަގަމުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިން އެ ތަނުން ވަރަށް ގިނަ އެޕާޓްމެންޓް ގަނެފައިވެއެވެ. މިއާއެކު މަންޑޭގެ ނަން ވެސް ވިދާލާއި, އޭނާއަކީ ރާއްޖޭގައި ކާމިޔާބު ވިޔަފާރިވެރިއަކަށްވިއެވެ. ނޫސްތަކުގައި ފަލަ ސުރުހީއަށް އޭނާއަށް އެރިއެވެ. އޭނާއާ ގުޅޭ ގިނަ ލިޔުންތަކެއް ދައުރުވިއެވެ.

އެއާއެކު ވަރަށް ހިތްހެޔޮ, ހިތްތިރި ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް މަންޑޭގެ ނަން އަރައިގެން ދިޔައެވެ. ކޮވިޑާއެކު އެތައް ރަށަކަށް މަންޑޭގެ އެހީތެރިކަން ފޯރުކޮށްދިނެވެ. އޭނާގެ މަންމަގެ ނަމުގައި އެހީ ޕްރޮގްރާމެއް ވެސް ފެށިއެވެ.

މަންޑޭއަކީ އޭރު ހަމަ ހީރޯއެކެވެ.

ހީރޯގެ ނަން ކިލަނބުވާން ފެށީ ދެނެވެ. ކޭޕާކް އެޕާޓްމެންޓްތަކެއް މުއްދަތަށް ނުނިމި ލަސްވާން ފެށީއެވެ. އެ ގަތް މީހުން ޝަކުވާ ކުރަން ފެށީއެވެ. ތުހުމަތުތައް މަންޑޭއާ ދިމާއަށް އަންނަން ފެށީއެވެ. އޭރު އޭނާ އާއި ކޮރެއާ ކުންފުންޏާ ވެސް ވަނީ މައްސަލަތަކެއް ޖެހިފައެވެ. މާގިނަ ދުވަހެއް ނުވެ, އެ ކުންފުނީގެ ހިއްސާދާރުން މަންޑޭއާ ދެކޮޅަށް ނުކުތެވެ. އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލަލިއެވެ. "ކޭޕާކް"ގެ މަސައްކަތް ވެސް މަޑުޖެހުނެވެ. މަޝްރޫއު ހިންގާނެ ފައިސާއެއް ވެސް ނެތެވެ.

ކޭޕާކް މައްސަލައިގައި ތުހުމަތުވާ މަންޑޭ އާއި އޭނާގެ އަންހެނުން ޝަހުދާ.

ފުލުހުންގެ މަންޑޭގެ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ. ހައްޔަރު ވެސް ކުރިއެވެ. ޕާސްޕޯޓް ވެސް ހިފެހެއްޓިއެވެ. އެކަމަކު މިހާރު ހުރީ މިނިވަނެއްގެ ގޮތުގައެވެ. ފުލުހުންގެ ތަހުގީގު މިހާރު ނިންމާފައިވާއިރު ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ތަހުގީގު ނިންމުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލޭގައި ހުންނަ މަންޑޭގެ އަގު ބޮޑު, 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސްއަށް ވަދެފައެވެ. އަދި އެތަނުގައި ހުރި މަންޑޭގެ އަގު ބޮޑެތި މުދާ ވަނީ ހިފަހައްޓާފައެވެ.

މިހާރު އެއީ ރާއްޖެ ދުށް އެންމެ ބޮޑު އެއް ސްކޭމާގެ ތުހުމަތު އޮތް މީހެކެވެ.

މިއަދު ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ ތަކެތީގެ ތަފްސީލް ހާމަކުރައްވާފައެވެ. އެ ތަފްސީލްތަކުން ހާމަވީ މަންޑޭގެ ދެމަފިރިން އުޅެމުން ދިޔައީ އާދަޔާހިލާފު މުއްސަނދި ދިރިއުޅުމެއް ކަމެވެ. ސްކޭމެއްގެ ތެރެއިން ޖަރީކޮށްފައި އޮތީ މާބޮޑު ގަނޑުވަރެކެވެ. އެ ތަނުން 7 މިލިއަން ރުފިޔާގެ އަގު ބޮޑު މުދާ ފެނިފައިވާއިރު އެއީ, ގާތްގަނޑަކަށް ދައުލަތުގެ އިދާރާއެއްގެ ބަޖެޓުގެ އަހަރަކު ހޭދަ ކުރާ ފައިސާއަށް ވުރެ އިތުރެވެ.

  • 90,000 ޑޮލަރުގެ އަގު ބޮޑެތި ލަކްޒަރީ އަތް ދަބަސް: އޭގެ ތެރޭގައި 40،000 ޑޮލަރާއި 50،000 ޑޮލަރުގެ ދަބަސް ހިމެނޭ
  • އަގު ބޮޑު 200 ސެންޓްފުޅި
  • 10،000 ޑޮލަރާއި 25،000 ޑޮލަރަށް ގަނެފައިވާ ގަހަނާ
  • އެޕާޓްމެންޓްގެ ހުރިހާ ތަނެއް ހަދާފައިވަނީ ލަކްޒަރީ ފެންވަރުގައި
  • އެފްޑަބްލިއު ރެސިޑެންސް އިން ގަނެފައިވާ ޕެންޓްހައުސްގެ އަގަކީ 7.8 މިލިއަން ރުފިޔާ

ޕީޖީން މިއަދު ހާމަކުރި ގޮތުގައި ކޭޕާކްގެ 41 އެޕާޓްމެންޓު 107 މީހުންނަށް ވަނީ ވިއްކާފައެވެ. ޕެންޓްހައުސް އޭނާ ގަނެފައިވަނީ ހަތަރު މީހަކަށް އެޕާޓްމެންޓް ވިއްކައިގެން ލިބުނު ފައިސާއިންނެވެ. ބައެއް އެޕާޓްމެންޓްތައް ނުއަގުގައި ވެސް މަންޑޭ ވިއްކާފައިވާއިރު, ޕެންޓްހައުސްގެ އިތުރުން ވެސް އޭނާގެ އެހެން ބައެއް އެޕާޓްމެންޓްތައް އެބަ ހުއްޓެވެ. އަގު ބޮޑެތި ކާރުތައް ވެސް އޭނާގެ އެބަ ހުއްޓެވެ.

ތައްޔާރުވާން ޖެހެނީ ބޮޑު ޝަރީއަތަކަށެވެ.

މަންޑޭގެ ފަރާތުން ލަނޑު ލިބުނު މީހުންގެ މައްސަލަތައް ވަކިވަކިން ބަލަމުންދާއިރު, މިހާރު ނިމިފައިހުރި މައްސަލަތަކަށް އެކަނި ބަލާއިރު ވެސް ޖުމްލަ 250 އެއްހާ ދައުވާ އޭނާގެ މައްޗަށް އުފުލޭނެ ކަމަށް ޕީޖީން ހާމަކުރިއެވެ. އޭގެ ތެރޭގައި މަނީލޯންޑްރިން އާއި ޓެކުން ފަދަ ބޮޑެތި އަދަބުތައް ލިބޭ ދައުވާތައް ވެސް ހިމެނެއެވެ. ޕީޖީ ވިދާޅުވީ, ކޮންމެ މައްސަލައެއްގައި ވެސް އެ ހުރިހާ ދައުވާތައް ކުރެވޭނެ ކަމަށާއި އެއްވެސް މައްސަލައެއްގައި ދައުވާ ނުކޮށް ދޫކޮށް ނުލައްވާނެ ކަމަށެވެ.

މި ދައުވާތައް މެންޑޭއަށް ސާބިތުވެއްޖެ ނަމަ, އުމުރު ދުވަހަށްވުރެ އިތުރު ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. މުދާތައް ވެސް ދައުލަތަށް ނަގާނެއެވެ. އެހެންކަމަށްވާއިރު, މަންޑޭ ކުރިމަތިލާން އޮތީ ބޮޑު ޝަރީއަތަކަށެވެ.

ހިތްތިރިކަމާއި އާދައިގެ ކަމާއި އިހްސާންތެރިކަމުގެ ނަމުގައި މަޝްހޫރުކަން ހޯދި މަންޑޭ މިހާރު އެއީ, އެ ނަންތަކުގެ ފަހަތުން ނުހައްގު މުއްސަނދިކަމެއްގެ ތެރެއިން އާދަޔާހިލާފު ދިރިއުޅުމެއް އާރާސްތުކުރަމުންދިޔަ މީހެއްކަން މިހާރު މިވަނީ ފަޅާއަރާފައެވެ.