"މިއަދަކީ ރާއްޖޭގެ ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި ހަނދާން ކުރެވޭނެ ދުވަހެއް. މިއަދަކީ، ރާއްޖޭގެ ގިނަބަޔަކު ދެކެމުން އައި، ފިނިފެންމަލުގެ ހުވަފެނެއް ޙަގީގަތަކަށްވާ ދުވަސް. އާދެ، މިއަދަކީ، ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ފަށައިގެން ހިންގަމުންގެންދިޔަ، ވަރަށް މުހިންމު ބޮޑު މަޝްރޫއެއްގެ ދަށުން ހިއްކުނު ސަރާސަރު ބޮޑު ބިމެއްގައި، ރަސްމީގޮތުން މީހުން އާބާދުވާ ދުވަސް."

އެއީ 12 މެއި 2004 ވަނަ ދުވަހު ރައިސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ގައްޔޫމް ގައުމާ މުހާތަބު ކުރައްވާ ވިދާޅުވި ވާހަކަފުޅެކެވެ. ރާއްޖޭގައި އޭރު ވެސް އޮތް އެންމެ ދުވަސްވީ މައްސަލަ ކަމަށްވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލު އަންނާނެ ކަމަށް ބުނި ހުޅުމާލޭގައި މީހުން ދިރިއުޅުން އިފްތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ފެއްޓެވި އިބާރާތެވެ.

މިއަދާ ހަމައަށް އައިއިރު އެމަނިކުފާނު އެ ވިދާޅުވި "ފިނިފެންމަލުގެ ހުވަފެން" ހަގީގަތަކަށް ނުވެއެވެ. ހުޅުމާލެއިން މާލެ ސަރަހައްދުގެ ތޮއްޖެހުމާއި ބޯހިޔާވެހިކަމުގެ މައްސަލަ ހައްލެއް ނުވިއެވެ. އެމަނިކުފާނަށް ފަހު ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ރައީސަކު ތަފާތު އެކި ހައްލު ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް އެ މައްސަލަ ހައްލުވުމުގެ ބަދަލުގައި ފެނިގެން ދަނީ މުޅިން އެހެން ކަމެކެވެ.

ކޮންމެ ރައީސަކު ވެސް ބޭނުން ވަނީ ރައީސް މައުމޫން ވިދާޅުވި ފަދަ މުޅިން އާ ސަރާސަރު ބޮޑު ބިމެއް ހިއްކާށެވެ. ހުރި ބިންތައް އެކަށީގެންވާ ގޮތުގައި ތަރައްގީ ކުރުމަށާއި ބޯހިޔާވެހިކަމާއި މާލެ ސަރަހައްދު ތޮއްޖެހުން ނިމުމަކަށް ގެންނަން މަސައްކަތެއް ނުކުރެއެވެ. އަދި އެ މައްސަލަތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ ގޯސްވަމުންނެވެ.

މާލޭގެ ގޯތިގެދޮރުގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން މަސައްކަތް ފެއްޓީ މީގެ 44 އަހަރު ކުރިން 1979 އެއްގައެވެ. ފުރަތަމަ ކުރި މަސައްކަތަކީ މާލެ ފަޅުން ބިން ހިއްކައި ބިން ދޫކުރުމެވެ. އޭގެ ފަހުން މާލޭގައި ފްލެޓު އިމާރާތް ކުރި އެވެ. ދެން ވިލިމާލެ އިން ވެސް ގޯތި ދޫކުރަން ފެށިއެވެ.

އެހެން ނަމަވެސް ރައީސް މައުމޫންގެ ވެރިކަމުގައި މާލޭގެ ބޯހިޔާވެހިކަމާއި ތޮއްޖެހުމުގެ މައްސަލަ އަށް ކުރެއްވި "މެގާ ސޮލިޔުޝަން" އަކީ 1997 ގައި ހުޅުމާލެ ހިއްކުމެވެ. ހުޅުމާލެ ހިއްކުމަށް ފަހު އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ބައެއް ގޯތިތައް ވެސް ދިނެވެ. އަދި ހުޅުމާލެ ފޭސް އެކެއްގެ ޑިވަލޮޕްމަންޓުގެ ގިނަ މަސައްކަތްތައް ކުރިޔަށް ދިޔަ އެވެ.

ރައީސް ނަޝީދު – ބޯހިޔާވެހިކަމުގެ ހައްލަކީ ގުޅިފަޅު

ރައީސް މައުމޫންގެ ވެރިކަން ނިމުމަށް ފަހު ސަރުކާރާ ހަވާލުވި ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުން ހުރީ އެހެން ދިމާލަކަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު ވެސް ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ނުނިމެއެވެ. ފްލެޓު ދިނުމާއި ހުޅުމާލޭގެ ތަރައްގީއަށް ކުރެވޭނެ އެތައް ކަމެއް ހުއްޓެވެ.

އެކަމަކު ރައީސް ނަޝީދުގެ ވިސްނުންފުޅަކަށްވީ މާލޭގެ ގެދޮރުގެ މައްސަލާގެ ހައްލަކީ ގުޅިފަޅެވެ.

މާރިޗު 2011 ގައި ރައީސް ނަޝީދު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުގެ ތަސައްވަރު ވިދާޅުވެ ދެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގުޅިފަޅު އިތުރަށް ހިއްކާނެއެވެ.

އެ ބިމުގައި ގައުމި ޔުނިވަރސިޓީގެ ކެމްޕަސްއެއް ގާއިމް ކުރުމާއި 2500 މީހުންނަށް ހައުސިން ޔުނިޓް ތަރައްގީ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2012 ގެ ނިޔަލަށް މީހުން ވަޒަން ކުރުމަށް ފަހު 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވިލިނގިއްޔާއި ގުޅީފަޅު ބްރިޖަކުން ގުޅާލެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމާއެކު އެ ވާހަކަފުޅުތަކާއި ޕްލޭންތައް ވެސް ނިމިގެންދިޔައެވެ. ގުޅިފަޅުން މީހުން ފްލެޓު ހޯދައި ލައްކައިން ފައިސާ ދެއްކިއެވެ. އަދި އެ ފްލެޓުތަކަށްވެސް ދިޔައެވެ. ނަމަވެސް ޖެހިގެން އައި ސަރުކާރުން ގުޅިފަޅަށް ފުލުހުން ފޮނުވައިގެން މީހުން ބޭލުވީއެވެ. ގުޅިފަޅު ފަޅަށް ދޫކޮށްލިއެވެ.

ރައީސް ޔާމީން – ބޯހިޔާވެހިކަމުގެ ހައްލަކީ ޔޫތު ސިޓީ

"ރައީސް މައުމޫން ހުޅުމާލެ ތަރައްގީ ކުރީ ވަރަށް ހަރުދަނާ ވިސްނުންފުޅެއްގައި، މި ސަރަހައްދުގެ ރެސިޑެންޝަލް ސިޓީ އަކީ އެއީ، އެތަން ޑިވެލޮޕް ކުރެވެމުން ދަނިކޮށް އަދި އިތުރަށް ޑެވެލޮޕް ކުރެވެން އޮއްވާ، އަދި އެތަނަށް ޕްލޭނެއްވެސް އޮއްވާ އެތަން ދޫކޮށްލާފަ އެހެން އެހެން ޕްލޭނެއް ހެދީ، ދިރިއުޅެން އެއްގޮތަކަށްވެސް އެކަށީގެން ނުވާތަނެއް ގުޅީފަޅަކީ، ޖެހިގެން މިއޮތީ ތިލަފުށި، ވަރަށް ދޯހަޅިކޮށް ގޯސްކޮށް ފެށިތަނެއް އެއީ"

މިއީ ވަރަށް ކުރުކޮށް ޖެހިގެން އައި ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ވިސްނުން ހުރި ގޮތެވެ. މިއީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅެވެ.

ގުޅިފަޅަކީ ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށް ވިދާޅުވުމަށް ފަހު ޔާމީންގެ ތަރައްގީ ކުރަން ނިންމީ ހުޅުމާލެ ދެވަނަފިޔަވައްސެވެ. ޔާމީންގެ ސަރުކާރުގައި ބޮޑު މަޝްރޫއެއް ފައްޓަވައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކަން ފެއްޓިއެވެ. އަދި މިހާރު އެތަނަށް ނަމެއް ނުކިޔަސް "ޔޫތު ސިޓީ" ގެ ގޮތުގައި ތަރައްގީ ކުރަން ފެއްޓެވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ރަސްމީކޮށް ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ޔާމީން ވެސް ވިދާޅުވީ ކުރީގެ ރައީސް މައުމުން ވެސް ވިދާޅުވި ފަދައިން މިއީ ގޯތި ގެދޮރުގެ މައްސަލައަށް އޮތް ހައްލެވެ.

"ޝައްކެއް ވެސް ނެތް ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ޚާއްޞަވެގެން މިދަނީ މާލޭގައި އަދި އަތޮޅުތެރޭގައި ދިރިއުޅުއްވާ ޒުވާނުންނަށް. ޒުވާނުންނަށް ގެދޮރުގެ ދަތިކަން އޮތީމަޔާއެކީ، ޒުވާނުން ގެދޮރުވެރިކުރުވުމަށް ބިނާކުރާ ޝަހަރެއްގެ ގޮތުގައި. މާލޭގައިވެސް ގެދޮރުވެރިކަން ނެތް އެތަކެއް ބަޔަކު އެބަތިބި. ދަފްތަރުތަކުގައި ތިބި މީހުން މަދެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައިއިރު އެމަނިކުފާނު ވެސް ވިދާޅުވި ހުރިހާ ކަމެއް ހަގީގަތަކަށް ނާދެއެވެ. ހުޅުމާލެ ދެވަނަ ފަޔަވަހީގައި އޮތީ ހިޔާ ފްލެޓުތަކެވެ. އަދި އަމިއްލަ ބަޔަކަށް ދީފައި ހުރި ބިންތަކެވެ. ހިޔާ ފްލެޓު ވެސް ނުނިންމައެވެ. ދެން އޮތީ މާސިންގާ ބޮޑު ކުރެހުމެކެވެ.

ރައީސް ސޯލިހު – ބޯހިޔާވެހިކަމުގެ ހައްލަކީ ތިން ވަނަ ފިޔަވައްސާއި ގިރާވަރު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށިގެން އައިއިރު ގުޅިފަޅު ގޮތަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވެސް މާ ބޮޑު އިތުރު ތަރައްގީތަކެއް ނާދެއެވެ. މަގުތައް ހެދުމާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ޑިވަލޮޕްމަންޓާއި ގޯތި ގެދޮރުގެ އެހެނިހެން މަސައްކަތެއް ނުހިނގަ އެވެ. 

އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުން އިރު ހުރިހާ ފައިސާއެއް އެހެން ވެރިންނެކޭ އެއްގޮތަށް ހަރަދު ކުރައްވަން ނިންމެވީ އޮތް ބިން ތަރައްގީ ކުރާކަށް ނޫނެވެ. ވެރިކަމުގެ ވަރަށް ފަހުކޮޅު ރައީސް ސޯލިހު ނިންމެވީ ހުޅުމާލޭގެ ފަޅުތެރެ ހިއްކާ ތިން ވަނަ ފިޔަވަހީގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށެވެ.

އޭގެ އިތުރުން ގުޅިފަޅުގެ ބާކީ ބަޔާއި ގިރާވަރު ވެސް ހިއްކާ އެތަންތަނުން މީހުންނަށް ގޯތި ދިނުމެވެ. ހަގީގަތުގައި އެއިން އެއްވެސް ތަނެއް އެއްގޮތަކަށް ތަރައްގީއެއް ނުވެއެވެ. ރައީސް ނަޝީދު އެޅުއްވި ފްލެޓުތައް ހުރީ ފަޅުގެތަކަށް ވެފައެވެ.

ޔާމީންގެ ފޭސް 2 ގައި "ހަނަފަސް ސަހަރާއެއް" ގޮތަށް ހުރި ތަންތަން އަދިވެސް މަދެއް ނޫނެވެ. ފޭސް 3 ހިއްކަން ފެށީ ހުސް ގޯތި ދިނުމަށެވެ. ގުޅިފަޅު ވެސް އެކަށީގެންވާ ވަރަށް ތަރައްގީ ކުރުމުގެ ބަދަލުގައި ގޯތިތަކެއް ކަނޑައި ދަނޑިއެއް ޖެހިއެވެ. ގިރާވަރުފަޅު ވެސް ހަމަ އެހެނެވެ.

ރައީސް މުއިއްޒު – ބޯހިޔާވެހިކަމުގެ ހައްލަކީ ފުށިދިއްގަރު

މިއަދާ ހަމައަށް އައިއިރު ބޯހިޔާވެހިކަމުގެ މައްސަލަ އަށް ބައި ގަރުނުވެއްޖެއެވެ. ކޮންމެ ރައީސަކު ވެސް އައިސް މިހާތަނަށް އައިއިރު ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން ތަފާތު ރަށްތައް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. ބޯހިޔާވެހިކަމާއި މާލެ ތޮއްޖެހުމުގެ މައްސަލަ އަދިވެސް އޮތީ ހަމައެހިސާބުގައެވެ.

މައްސަލަތައް އިތުރަށް ގޯސްވެ އިޖްތިމާއީ އެތައް މައްސަލައަކަށް އަދިވެސް ހައްލު ނާންނައިރު ހިއްކި ހުރިހާ ބިންތަކާއި ޕްލޭންތައް ކުރިޔަށް ގެންދިޔުމަށް ފައިސާ އިންވެސްޓު ކުރުމުގެ ބަދަލުގައި ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ މުޅިން އާ ރަށެއް ހިއްކައި ތަރައްގީ ކުރުމަށެވެ. 

ސުމަކުން ފަށައިގެން މާލެ އާ ވެސް ނުގުޅުވޭ ގޮތަށް އާ ސިޓީއެއް ބިނާ ކުރުމެވެ. މިއީ ގާތްގަނޑަކަށް 20 ވަރަކަށް އަހަރުގެ މުއްދަތެއް ނަގާނެ ބިޔަ މަޝްރޫއެކެވެ.

މާލޭ ލޮނު ޒިޔާރަތްކޮޅުން ގިރާވަރު ކަނޑުއޮޅިއާ ހަމައަށް ގުޅާލުމަކީ ރައީސް މައުމޫން ހުޅުމާލެ ހިއްކި އިރު ވެސް ކުރެއްވި ދިރާސާތަކުގައި ހިމެނޭ ބައެކެވެ. އެހެން ނަމަވެސް އޭރު އެކަން ކުރަން ރާވާފައި ވަނީ މިހާރު މި ކަންކަން ހިނގަމުން އަންނަ ގޮތަކަށް ނޫނެވެ.މާލެ ތޮއްޖެހުމާއި ގެދޮރުގެ މައްސަލަ މިހާރު ކުރިޔަށް ގެންދާ ގޮތަށް ދާނަމަ މި މައްސަލަ އަށް ގަރުނެއް ވިޔަސް ނިމުމެއް ނެތެވެ.

މި މައްސަލައިގެ ހައްލަކީ މާލެ ސަރަހައްދަށް އެ ކުރާ ވަރަށް އެހެން ސަރަހައްދުތައް ތަރައްގީ ކުރުމަށް ވެސް އިންވެސްޓު ކުރުމެވެ. މާލެ އަށް މީހުން އަންނަން ޖެހޭ ސަބަބު ކަނޑުވާލަން މަސައްކަތް ކުރުމެވެ. އެކަން ކުރެވޭނީ މާލެ ކައިރީ ކޮންމެ ރައިސަކު ރަށެއް ހިއްކައިގެނެއް ނޫނެވެ.