އިންޓަރނެޓްގެ ޒަރީއާއިން އުފެދިގެން އަންނަ ނިއު މީޑިއާގެ އެންމެހައި ވަސީލަތްތަކާއި، ބްރޯޑްކާސްޓްކުރުމުގެ އެންމެހައި ވަސީލަތްތަކާއި، ޕްރިންޓް މީޑިއާއާއި، އަދި މިނޫނަސް ހަބަރާއި މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީތަކުގެ ބޭނުންހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރުދަނާ ގައުމީ މީޑިއާއެއް ބިނާކޮށް ދެމެހެއްޓުމަށް.

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމަށް 

މަތީގައި މިވާ ދެ އިބާރާތަކީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައިވާ ދެ އިބާރާތެކެވެ. ޕަބްލިކް ސާވިސް މީޑިއާ ނުވަތަ ޕީއެސްއެމްގެ މަގުސަދު ކަމުގައި ގާނޫނުގައި ލިޔެފައި ފުޅާ ދެ މަގުސަދެވެ. އެއް މަގުސަދަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރުދަނާ ގައުމީ މީޑިއާއެއް ބިނާކޮށް ދެމެހެއްޓުމެވެ. އަނެއް މަގުސަދަކީ ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމެވެ.

ސުވާލަކީ މި މަގުސަދު ޕީއެސްއެމް އިން ހާސިލްވާކަމާމެދު އެވެ.

ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)ގެ ނަމުގައި ގައުމީ މީޑިއާ އުފެދިގެން އައިއިރު އެއީ ރާއްޖޭގައި އޮތް ހަމައެކަނި ޓީވީ ޗެނަލެވެ. ޕްރައިވެޓް ޓީވީ ސްޓޭޝަންތަކެއް އޭރަކު ނެތެވެ. ނަމަވެސް, ގައުމީ މީޑިއާއެއްގެ ގޮތުގައި ގައުމީ ގިނަ މަސައްކަތްތަކެއް އެތަނުން ކުރަމުންދިޔައެވެ. ރައްޔިތުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް ގެނެސްދިންއިރު, ސިޔާސީ ވާހަކަ އެ ޓީވީން ގެންނަ މިންވަރު ވަރަށް ކުޑައެވެ. ހަމައެކަނި ގެނެސްދެނީ އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ހަރަކާތްތަކެވެ.

އޭރު ޓީވީއެމްއަށް ގައުމީ ޓީވީއެއްގެ އިއްޒަތް އޮތެވެ. މީހުން އެތަން ބަލައިގަނެވެ. އެތަނުން މޮޅެތި ނޫސްވެރިންނާއި ޕްރެޒެންޓަރުން ވެސް އުފެދުނެވެ. ގައުމު ފަހުރުވެރިވާ ފަދަ ޓީމެއް އޭރު ޓީވީއެމްގައި އޮތެވެ. އެކަމަކު, ޕްރައިވެޓް ޓީވީ ޗެނަލްތައް އައިސް, ސިޔާސީ ޕްރޮގްރާމްތަކަށް އިސްކަންދީ ފެށުނު އާދަޔާ ހިލާފު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ޓީވީއެމް އޭގެ މަގުސަދުން ކައްސާލިއެވެ.

ވެރިކަން ބަދަލުވެ, ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްއެންބީސީގެ ނަމުގައި ކުންފުންޏެއް ހަދައި ޓީވީއެމް ހިންގަމުންދިޔަ ގިނަ ޕްރޮޕެގެންޑާތައް އެތަނުން ފަތުރަމުންދިޔައެވެ. ސިޔާސީ ޕްރޮގްރާމްތަކަށް ބޮޑު އިސްކަމެއްދީ, މުޒާހަރާތައް ވެސް ގެނެސްދޭން ފެށިއެވެ. އަދި ރައީސްގެ ދިފާއުގައި އެކި ކަހަލަ ރިޕޯޓްތައް ހެދުމާއި ހަބަރުތައް ގެނެސްދިނެވެ. ހަބަރުތަކުގެ މިނިވަންކަން ގެއްލި, ތަނާ މެދު އޮތް އިތުބާރު ގެއްލެންފެށިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނު ދުވަހު އެންމެ ފުރަތަމަ މުޒާހަރާގެ ބައިވެރިން "ހިސޯރު" ކުރި ތަނަކީ ވެސް ޓީވީއެމްއެވެ. އެ ތަން މިނިވަން ކުރެވުނީ ކަމަށް އޭރު އިއުލާން ވެސް ކުރިއެވެ. އެކަމުން ވެސް އެ ޓީވީ ސްޓޭޝަން އެއް ފަރާތަކަށް އަރިވެފައިވާ މަންޒަރު ފެނުނެވެ. އެ ދުވަހުން ފެށިގެން ޓީވީ އަރި އަޅާލީ އަނެއް ފަރާތަށެވެ. މިނިވަނެއް ނުވެއެވެ. ހަމަ ފެންނަމުންދިޔައީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަށް ތާއިދުކުރާ ޕްރޮޕެގެންޑާތަކެވެ. އިދިކޮޅުގެ އަޑު އެއްކޮށް ކަނޑުވާލިއެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެކަން ބަދަލުކުރުމަށެވެ. އަދި އެކަމަށްޓަކައި ގާނޫނުން ބާރު ދީގެން ހާއްސަ ކުންފުންޏެއް ވެސް ހެދިއެވެ. މުހިންމު ވާހަކަތަކެއް ލިޔެ މަގުސަދަކަށްވީ މުޅިން ގައުމީ މީޑިއާއެއް ބޭއްވުމެވެ. އެކަމަކު, ގާނޫނު އޮތްތާ އޮތީއެވެ. ކަން ހިނގީ އެހެން މަގަކުންނެވެ. އޭރު ޕީއެސްއެމް ވެގެން ދިޔައީ ވަރަށް ބޮޑަށް ސިޔާސީވެފައި އޮތް ތަނަކަށެވެ. ރައީސް ޔާމީންއަށް ސަނާ ކިޔުމުގެ އެތައް ޕްރޮގްރާމެއް ގެނެސްދެމުން ދިޔައިރު ވެސް ސިޔާސީ ޕްރޮގްރާމްތަކަށް އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދެއެވެ. އިދިކޮޅު ޕާޓީއެއްގެ މީހަކަށް އެ ސްޓޭޝަންގެ ދޮރެއް ނުހުޅުވައެވެ.

ޕީއެސްއެމް ހިންގަން ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ޕީޕީއެމްގެ އިވެންޓްތައް ހޯސްޓްކޮށް, އޭރުގެ ރައީސް ޔާމީނަށް ސަނާގެ އިބާރާތްތައް އަމުނަމުންދިޔައެވެ.

އެކަމަކު, އޭރު ރަނގަޅަށް ދިޔަ ކަމެއް އޮތެވެ. ޕީއެސްއެމްގެ ޓީމް ވަރުގަދަ ކުރުމާއި އާ ނޫސްވެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެ ދައުރުގައި ޕީއެސްއެމްގައި ރަނގަޅު ޓީމެއް ވެސް އޮތެވެ. ގިނަ އާ ޗެނަލްތަކެއް ވެސް ލޯންޗުކުރިއެވެ. ނެތީ މިނިވަންކަމެވެ. ގާނޫނުން ހާސިލްވީ އެއް މަގުސަދެވެ. ދެން ފެށުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. އެ ވެރިކަމުގައި ތަނަށް ބަދަލު އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ނަމަވެސް, ކަންވީ އެހެނެއް ނޫނެވެ.

ޕީއެސްއެމްއަށް އޮތް ސަމާލުކަން އެ ފަސް އަހަރު ތެރޭ ވަރަށް ބޮޑަށް ވެއްޓުނެވެ. އެތަނުގެ އޮތް ވަރުގަދަ ބޮޑު ޓީމް ފުނޑިގެން ދިޔައެވެ. ތަނުގެ ކޮލިޓީ ގެއްލުނެވެ. ގައުމީ މީޑިއާގެ ނަމުގައި އޮވެ, އެހެން މީޑިއާތަކުގެ މަސައްކަތްތައް ކޮޕީކުރުމާއި ހަބަރުތަކުގެ ފެންވަރާމެދު އިންތިހާއަށް ކަންބޮޑުވާ ދަރަޖައަށް ދިޔައެވެ. ތަނުގެ ހާލަތު ދަށަށް ދިޔައިރު ރައީސްއަށް ސަނާ ކިޔުމުގެ ކަންކަން ޕީއެސްއެމްއިން ދިޔައީ ކުރަމުންނެވެ. ޕްރޮގްރާމްތަކަށް އިދިކޮޅު ޕާޓީތަކަށް ފުރުސަތު ދިނެވެ. ނަމަވެސް, އޭގައި ހަމަހަމަކަމެއް ނޯވެއެވެ. ސަރުކާރުގެ ސިޔާސީ ވިސްނުން ކުރިއަރުވަން މާބޮޑު ސަމާލުކަމެއް ދިނެވެ.

ފަހަރުގައި މިހެން ބުނުމުން ގައުމީ މީޑިއާއަކުން ސަރުކާރުގެ ޕްރޮމޯޓްކޮށް, އެ ސިޔާސީ ވިސްނުން ދަމަހައްޓަން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށް ބުނެދާނެއެވެ. ބުނެވިދާނެއެވެ. އެއީ ގައުމީ މީޑިއާގެ މަގުސަދެއްގައި ބައެއް ގައުމުތަކުގައި ސަރުކާރު ދެމެހެއްޓުން އޮވެއެވެ. އެކަމަކު ރާއްޖެ އެހެނެއް ނޫނެވެ. ރާއްޖޭގައި ގާނޫނުގައި ސަރުކާރުގެ ވާހަކައެއް ނެތެވެ. އޮތީ ވަރަށް ސާފުކޮށް އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނުވާނެ ކަމެވެ. ހާއްސަކޮށް މާލީ, ސިޔާސީ ނުފޫޒެވެ.

ގާނޫނުގައިވެއެވެ:

"ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ."

"ޕަބްލިކް ސަރވިސް މީޑިއާގެ ވަކި މުވައްޒަފެއްގެ މަސައްކަތުގެ މައްޗަކަށްވެސް، ނުވަތަ ޕަބްލިކް ސަރވިސް މީޑިއާގެ ވަކި މަސައްކަތެއް ނުވަތަ ވަކި ހަރަކާތެއްގެ މައްޗަކަށްވެސް މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައި، އަމުރެއްކޮށް، ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ."

"ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސަރވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ."

މި މާއްދާތަކާ ހިލާފުވެގެން ނުވާނެއެވެ. ގާނޫނުގައި ލިޔެ އެގޮތަށް އަމަލު ކުރަން ޖެހޭނެއެވެ. ވަކި ފަރާތެއްގެ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބުނެފައި އެވަނީ, ވަރަށް ސާފުކޮށެވެ. ވަކި މީހެއްގެ ތެރޭގައި ރައީސް އަދި ސަރުކާރު އިސްތިސްނާކޮށްފައެއް ނެތެވެ.

އެހެންކަމުން ރިޔާސީ ކެމްޕެއިންގައި އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުގެ ފަރާތުން ދޮގުކުރުމަށް ޕީއެސްއެމްއިން އަމިއްލައަށް ޕްރޮގްރާމްތައް ހަދައިގެން ސަރުކާރުގެ ސިޔާސީ ވިސްނުން ހިޔާމަތް ކުރުން ވާނީ މި ގާނޫނުގެ ދަށުން މަނާ ކަމަކަށެވެ. އެކަން އެކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް އެތަނުން ކުރިއެވެ.

އާ ސަރުކާރެއް ފެށިއްޖެއެވެ. ޕީއެސްއެމްއަށް އާ އެމްޑީއެއް ވެސް ގެނެސްފިއެވެ. ސުވާލަކަށް އޮތީ އަދިވެސް އެ ސުވާލެވެ. ޕީއެސްއެމްގެ ގާނޫނުގެ ދަށުން އެ ތަން ހިނގަދާނެކަމާމެދުއެވެ. އެތަން މިނިވަންކަމުގެ ސިފަ ލިބިދާނެކަމާމެދުއެވެ.

އާ އެމްޑީ ނުކުންނެވި ދުވަހު ވަނީ ނިއުސް ހެޑް ބަދަލުކޮށްފައެވެ. އެއީ ކުރީ ސަރުކާރަށް ފަހިވާ ގޮތަށް ހަބަރުތައް ގެނެސްދޭ ބޭފުޅެއް ކަމަށް ތުހުމަތު އޮތް ބޭފުޅެކެވެ. އެހެންވެއްޖެނަމަ ރަނގަޅެވެ. އޭނާ އެ ވަނީ ގާނޫނާ ހިލާފުވެފައެވެ. އެކަމަކު, ދެން އެ މަގާމަށް ގެންނަން ވެސް ޖެހޭނީ އެގޮތަށް އަމަލު ނުކުރާނެ މީހެކެވެ. ނޫސްވެރިޔަކަށް ހުރެ ސަރުކާރުގެ ސިޔާސީ ކެމްޕެއިންތަކުގައި ބައިވެރިވި މީހެއް ނޫނެވެ. އެފަދަ މީހެއްގެ މާލިމީ ކަމުގައި ދެން ވެސް ޕީއެސްއެމްގެ ހަބަރުތައް މިނިވަން ވެދާނެ ކަމަކަށް ނުބެލެވެއެވެ.

އަނެއް ކޮޅުން މިއަދު އަޑު އިވޭ ހަބަރަކީ ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގެ މައްސަލާގައި ޕީއެސްއެމްގެ ޕްރޮޑިއުސަރެއްގެ މައްސަލަ ބަލަމުން އަންނަ ކަމެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވި "އޭ މިހިރަ ދިދައާ"އާ ގުޅުވާ ފަރުނީޗަރު ވިއްކާ ތަނަކުން ހެދި މީމްއެއް ކަމަށްވާ "އޭ މިހިރަ އަލަމާރިއާ" ޝެއާކުރުމުންނެވެ.

މިއީ އަނެއްކާވެސް އެތަން ގޯސް މަގަކަށް އަޅާ ކަމުގެ އަލާމާތެކެވެ.

ޕީއެސްއެމްއަކީ "ޕްރޮޕެގެންޑާ ސާވިސް މެޝިން" އަކުން ނެއްޓެން އެބަޖެހެއެވެ. ހަގީގީ ގައުމީ މީޑިއާއެއްގެ ގޮތުގައި ޕަބްލިކް ސާވިސް ދޭ ތަނެއްގެ ގޮތުގައި އެތަން ހިންގަން ޖެހެއެވެ. އެއީ މިފަދަ ގައުމަކަށް ބޭނުންވެސް ކަމެވެ. ރައްޔިތުން ހޭލުންތެރިކުރުމާއި ސިޔާސީ ހަލަބޮލިކަމުން ދުރުކޮށް ބޭއްވުމަށް ވެސް ޕީއެސްއެމްގެ ދައުރު ބޮޑެވެ. މޮޅެތި ނޫސްވެރިން އުފެއްދުމަކީ ވެސް އެތަނުން ކުރަން ޖެހޭނެ ކަމެކެވެ.

ޕީއެސްއެމް ގާނޫނަށް ލެނބެން އެބަޖެހެއެވެ. ގާނޫނާ އަމަލު ނުކުރާ ނަމަ, ފިޔަވަޅު ވެސް އަޅަން އެބަ ޖެހެއެވެ.