ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޒުވާނުންގެ ކެންޑިޑޭޓެއްގެ ގޮތަށް ވާދަކުރެއްވި އަޙުމަދު ފާރިސް މައުމޫންގެ މެނިފެސްޓޯގައި މުހިންމު ވާހަކައެއް އޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހުންގެ ކިބައިގައި ތަޢުލީމީ ފެންވަރެއްގެ ޝަރުތު ހިމުނުމެވެ.

މިހާރު ޤާނޫނުއަސާސީގައި އޮތް ގޮތުން މެންބަރަކަށްވާކަށް އެއްވެސް ތަޢުލީމީ ފެންވަރެއް ބޭނުމެއް ނުވެއެވެ. މިއީ މިގޮތަށް ތަޢުލީމީ ފެންވަރެއް، ރައީސުލްޖުމްހޫރިއްޔާ މެނުވީ ނެތް ހަމައެކަނި މަގާމެވެ. އެހެން ހުރިހާ މަގާމެއް، އެހެން ހުރިހާ ވަޒީފާއަކަށް ތަޢުލީމީ ފެންވަރެއް ކަނޑައަޅާފައި އޮވެއެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ބަލާލި ކަމަށް ވިއަސް ތަޢުލީމު ނެތް އެތައް ބަޔަކު އެބަ ތިއްބެވެ. އެއީ ހަަމަ މެންބަރުންތޯ ސުވާލު އުފެދޭ އެތައް ބަޔަކު މެންބަރުންގެ ގޮތުގައި އެބަ ތިއްބެވެ. އެ ނަންތައް ނުގެނައި ކަމަށް ވިއަސް، އެއީ އެންމެންނަށް އެނގޭނެ ކަމެކެވެ.

ދައުލަތުގެ މުހިންމު އެއް ބާރުގެ ގޮތުގައި މަޖިލީހަކީ ވަރަށް ބޮޑު ޒިންމާއެއް އޮތް ތަނެކެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރަން ޖެހޭ ޤާނޫނުތަކާއި ޤަވައިދުތައް މި ހަދަނީ މަޖިލީހުންނެވެ. ބިލްތައް ދިރާސާކޮށް ފާސްކުރަނީ މެންބަރުންގެ މަސައްކަތުންނެވެ. ދައުލަތުގެ ބަޖެޓް ފާސްކުރަނީ މެންބަރުންގެ މަސައްކަތުންނެވެ.

އެހެންކަމަށްވީއިރު މަޖިލިސް މެންބަރުންނަކީ ކަމަށް ލޯހުޅުވި، ތަންދޮރު ދަންނަ ބަޔަކަށްވާންޖެހެއެވެ. ހަމަ ނަމަކަށް ހުސް، އަނގައެއް ތަޅާލަން މަޖިލީހަށް މެންބަރުން ދާ ކަމަށްވާނަމަ އެއީ އަދި އެންމެ ރަނގަޅު އުސޫލެއް ނޫނެވެ. މަޖިލިސް މެންބަރުންގެ ޒިންމާއަކީ ތަޢުލީމީ ނެތި ކުރެވޭނެ ކަމެއް ނޫންކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މަޖިލިސް މެންބަރު ކަމަކީ ސިޔާސީ މަސައްކަތެކެވެ. އެކަމަށް ބޭނުން ވަނީ ތަޢުލީމީ ބައެއް ނޫނެވެ. ސިޔާސީ މީހުންނެވެ. ފަހަރުގައި މަޖިލީހަކީ ރައްޔިތުން ބަލައިނުގަންނަ، ޗަރުކޭސް ކުޅޭ ތަނަކަށްވެފައި އޮންނަނީ މި ވިސްނުން އޮތީމަ ކަމުގައިވުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާރު ވެސް މުހިންމު އެތައް މަސައްކަތެއް އޮތްއިރު ހިނގަނީ ސިޔާސީ ޗަރުކޭހެވެ. އިލްމީ ބަހުސެއް ނެތެވެ. މަޖިލީހުގައި އޮށްޓަރު ހުރި އިލްމީ ބަހުސެއް ކުރައްވާ ތިބެނީ ވަރަށް މަދު މެންބަރުންނެވެ. ދެން ތިބެނީ ސިޔާސީ ކުޅިވަރު ކުޅޭ، ގޮނޑި ހޫނުކުރާ މެންބަރުންނެވެ.

ކުރިއަށް އަނެއްކާވެސް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. މެންބަރުން ހޮވުމުގެ ފުރުސަތު ރައްޔިތުންގެ އަތް މައްޗަށް އަންނަނީއެވެ. މި ފަހަރު ބަލަންވީ އައު ޤާނޫނުއަސާސީގެ ދަށުން ތަޖުރިބާކުރި މަޖިލީސްތަކުގެ ނަތީޖާއަށެވެ. ކޮންމެ ފަސް އަހަރަކު މަޖިލިސް ބޭކާރު ޗަރުކޭހަކަށްވެގެންދިޔައީއެވެ. އެކަން ބަދަލު ކުރެވޭނެއެވެ.

ޤާނޫނުއަސާސީގައި މެންބަރުންގެ ޝަރުތަކެއް ނުލިޔާނެއެވެ. ފާރިސްގެ މެނިފެސްޓޯގައި އޮތް ތަޢުލީމީ ޝަރުތު ހިމަނަން މެންބަރުން ބޭނުމެއް ނުވާނެއެވެ. އެކަމަކު ރައްޔިތުންގެ ފޮތުގައި އެކަން ހިމެނެނޭއެވެ. ވޯޓުލާއިރު އެކަމަށް ބަލާށެވެ.

ތަޢުލީމީ ނެތް، ސިޔާސީ ޑްރާމްތައް ކުޅޭ، ކޮރަޕްޝަން ހިނގި ފައިސާ ބަހާ މެންބަރުންނަށް ނޫނެކޭ ބުނާށެވެ. މަޖިލީހުގައި ކަމެއް ނުކުރާ މަހުޖަނުންނަށް ނޫނެކޭ ބުނާށެވެ. ތަޢުލީމީ ގާބިލް ކެންޑިޑޭޓުން ކޮންމެ ދާއިރާއަކަށް ވެސް ނުކުންނާނެއެވެ. އެމީހުން އިހްތިޔާރުކުރާށެވެ. ތާއިދު ކުރާ ޕާޓީން ހަމަ ކޮންމެ މީހެއް ދެއްކިޔަސް ލޯ މަރައިގެން އެމީހަކަށް ވޯޓު ނުދޭށެވެ. އެކަމާ ހުރެ ގައުމުގެ އިޖްތިމާއީ ފޭރާން ވެސް ހަޑިވަނީއެވެ. މަޖިލީހުން ރީތި ނަމޫނާއެއް ނުފެނެއެވެ.

ރައްޔިތުން ވިސްނަންވީ ކަމަކީ މަޖިލިސް މެންބަރުންނަކީ ބޭސް ސިޓީ ދައްކައިދީ، ދަތުރު ހަރަދު ހަމަޖައްސައިދޭން ތިބޭ ބައެއް ނޫން ކަމެވެ. އެމީހުންގެ މަސްއޫލިއްޔަތަކީ މަޖިލީހުގައި ރައްޔިތުން ތަމްސީލްކޮށް ވަރަށް އިލްމީ މަސައްކަތެއް ކުރުމެވެ. ގައުމުގެ މުސްތަގުބަލަކަށްޓަކައި ޤާނޫނީ ނިޒާމް ހަރުދަނާކުރުމެވެ.

އެކަން ކުރެވޭނެ ބަޔަކު އިހްތިޔާރުކުރާށެވެ. މިފަހަރުގެ މަޖިލިސް ތަޢުލީމީ ތަނަކަށް ހަދަން އަޒުމު ކަނޑައަޅާށެވެ.