ގާތްގަނޑަކަށް 1،200 އެންހާ ތިރި މުރަކަތަކެއް މަތީ އުފެދިފައި އޮތް ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ބައި މިލިއަނަށް ވުރެ މަދު މީހުންގެ މި އާކިޕެލަގޯ އަކީ ބިމުގެ ސައިޒާއި އާބާދީގެ ގޮތުން މުޅި އޭޝިއާގައި ވެސް އެންމެ ކުޑަ ގައުމެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކާއި ސުޕަ ޕަވަރ ގައުމުތަކަށް ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ މުހިންމު އެއް ގައުމެވެ.

ޔޫ.އެސް ގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ކޮންމެ އަހަރަކު ނެރޭ ކަންޓްރީ ސްޓްރެޓަޖީގައި ރާއްޖެ ސިފަ ކުރާ ގޮތުން ނަމަ ރާއްޖެ މި އޮތް ސަރަހައްދަކީ އިންޑިއާ ކަނޑުގެ ހިތެވެ. ހުޅަނގުގެ ގައުމުތަކާއި އިންޑިއާ އެލައިންސް އަށް މުހިންމު އިންޑޯ-ޕެސިފިކް ސްޓްރެޓަޖީތައް ކާމިޔާބު ކަމާއެކީ ހިންގުމަށްޓަކައި ރާއްޖެ "ސްޓޭބަލް ކޮށް އޮތުން" ވަރަށް މުހިންމެވެ. ޑިޕްލޮމެޓިކް ނޫން ރާގަކުން ބުނާ ނަމަ ހުޅަނގަށް ތުރާލަކަށް ނުވާނެ ފަދަ ސިޔާސަތުތަކެއް ރާއްޖޭގައި އޮތުން ވަރަށް ބޭނުންތެރިއެވެ.

އޭގެ އެއް ހެއްކަކީ ޖިއޯ ޕޮލިޓިކްސް އާއި ދުނިޔޭގެ ބާރުތަކަށް އަންނަ ބޮޑެތި ބަދަލުތަކާއި އޮއެވަރު ބަދަލުވަމުން އަންނަ ގޮތުން ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ ވާހަކަ އިންޓަނޭޝަނަލް މީޑިއާތަކުގެ ސުރުހީތަކުން ބޮޑު ޖާގައެއް ހޯދުމެވެ. ވެރިކަމުގައި ހުންނަވަނީ ކޮން ބޭފުޅެއް ކަމާއި އެ ބޭފުޅެއްގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނެ ގޮތަކީ މުޅި ހުޅަނގަށް އެންމެ މުހިންމު ކަންކަމެވެ.

ސަބަބަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ) އެވެ.

ވަރަށް އާދައިގެ ގޮތަކަށް މީހަކަށް ވިސްނައި ދޭނަމަ މިދިޔަ ދެ ގަރުނުގެ ތެރޭގައި ސޯވިއޭޓް ހަނގުރާމަ އަށް ފަހު ބްރިޓިޝް-އެމެރިކަން އެލައިންސް އަކީ ގާތްގަނޑަކަށް ދުނިޔޭގެ ރަސްކަން ކުރާ ދެ ބާރެވެ. މި ދެ ގައުމުގެ މައްޗަށް ބަސް ކިޔޭނެ އަދި އެ މީހުންގެ ސިޔާސަތުތަކަށް ގޮންޖެހާލެވޭނެ ބައެއް ނެތެވެ. މާލީ ގޮތުން ވެސް އަދި މިލިޓަރީ ކެޕޭސިޓީ އަށް ބެލިޔަސް މުޅި ދުނިޔެ ހުޅަނގުގެ އެ ބާރުތަކުގެ ކުރިމަތީ ކުޑަ ކަކޫ ޖަހަން ޖެހޭނެއެވެ.

ނަމަވެސް 1970 ގެ އަހަރުތަކުން ފެށިގެން ޗައިނާ ވެގެން ދިޔައީ ދުނިޔޭގެ އަރަމުން އަންނަ ބާރަކަށެވެ. އަދި މިހާރު އެއީ ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކަށް އޮތް ބޮޑު ބިރެކެވެ. ޗައިނާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިން ހުޅަނގުގެ ނުފޫޒު އޮތް ގައުމުތަކަށް އަތް ގަދަ ކުރަން ފަށައިފިއެވެ. ހުޅަނގުން ނުލިބޭ ފައިސާގެ އެހީ އާއި ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަން ފެށިއެވެ. ބާރުތައް ވަރަށް ބޮޑަށް ބަދަލުވާން ފެށިއެވެ.

މި ބޮޑު ދެ ބާރުގެ ވާދަވެރިކަމުގެ މެދުގައި މި ކުޑަކުޑަ ރާއްޖެ އަކީ ވެސް މުހިންމު ބޮޅެކެވެ.

ޗައިނާގެ ކަޅި ރާއްޖެ އަށް ހުއްޓުނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ. އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ ހުޅަނގުން އިރަށް މޫނު އަނބުރާލުމެވެ. ހަމައެއާއެކު "އިންޑިއާ އިން ކާން ދިނިއްޔާ ކައިގެން ތަރައްގީ ކޮށްދިނިއްޔާ ކޮށްގެން" އުޅޭ ސިޔާސަތު ބަދަލުކޮށް ޗައިނާ އަށް ވެސް އަތް ދިއްކޮށްލުމެވެ.

އެ ދަނޑިވަޅު ސީދާ ދިމާވަނީ ޗައިނާ އިން މުޅި ދުނިޔެ އަށް ހާއްސަކޮށް "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ފެއްޓެވި ދުވަސްވަރާއެވެ. ތަރައްގީގެ އެތައް މަޝްވޫއެއް ހިންގަން "ލުއި ލޯނު" ތަކާއި މާލީ އެހީތަކާއި އެތައް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކެއް އެފްރިކާ އާއި އޭޝިއާގެ އެތައް ގައުމެއްގައި ހިންގަން ފެއްޓެވިއެވެ. އަދި ސިލްކު ރޫޓުގެ ބޭނުން ހިފައި މަލްޓި ޓްރިލިއަން ޑޮލަރުގެ ބޮޑު ބިޔަ މަޝްރޫއެއް ޗައިނާ އިން ހިންގަން ފެށިއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ރާއްޖެ މިއޮތީ ސިލްކު ރޫޓުގެ ވެސް އެންމެ މުހިންމު އެއް ލޮކޭޝަންގަ އެވެ. މެދުއިރުމައްޗާއި އެފްރިކާއިން ޗައިނާއިން އިމްޕޯޓްކުރާ ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ވެސް ހިފައިގެން ދަތުރު ކުރަނީ ރާއްޖެ އޮތް މަގުންނެވެ. އެއީ ޗައިނާގެ ޖުމްލަ އިމްޕޯޓުގެ ބޮޑު އިންސައްތައެއް ހިއްސާ ކުރާ ޓްރޭޑް ރޫޓެކެވެ.

މީގެ އެތައް ސަބަބަކާ ހެދި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދުން މި ކުޑަކުޑަ ދިވެހިރާއްޖެ އާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ވެސް ހެދިއެވެ. ޗައިނާ އަށް އޭގެން ކުރާނެ މާ ބޮޑު ފައިދާއެއް ނެތް ނަމަވެސް ހާރިޖީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުވާލެވޭ އެ ރޮނގުން އެ ގައުމަށް ދުރު މުސްތަގުބަލުގައި ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް ތަޖުރިބާކާރުން ދެކެއެވެ.

މި ހުރިހާ ކަމެއް މިއީ އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވުމެކެވެ.

އިންޑިއާ އިން ރާއްޖެ ދެކެނީ އެ ގައުމުގެ ބެކްޔާޑުގެ ގޮތުގައެވެ. ސްޓްރެޓަޖިކް ލޮކޭޝަނަށް ބަލާއިރު ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި އިންޑިއާގެ ބޭރު ވިޔަފާރީގެ ދެބައިކުޅަ އެއްބައި އަދި ހަކަތަ އިމްޕޯޓްކުރާ %80 ޓްރާންސިޓް ކުރަނީ ދިވެހިރާއްޖެ ކައިރީގައި އޮންނަ ކަނޑުގެ މަގުތަކުންނެވެ.

އެހެންވެ މި ބެކްޔާޑުގައި ހަރުފައެއް ނުވަތަ ކަށި ހަރާފާނެ އެއްވެސް އެއްޗެއް ބާއްވާކަށް ބޭނުމެއް ނުވާނެ އެވެ. އިންޑިއާގެ ޑިޕްލޮމެޓުންގެ މައިގަނޑު ވިސްނުމަކީ ރާއްޖޭގައި އޮންނަން ޖެހޭނީ އިންޑިއާ އަށް ފަހިވާ ނުވަތަ އިންޑިއާ ފަސްޓް ޕޮލިސީއެކެވެ.

ބޮޑެތި ނިންމުންތައް ނިންމަން ޖެހޭނީ އެ ގައުމާ ކޮންސަލްޓު ކޮށްފައެވެ. އެންމެ ކައިރިން އެހީ ހޯދަން ޖެހޭނީ ވެސް އެ ގައުމުގެ ފަރާތުންނެވެ.

އެހެން ނަމަވެސް އިންޑިއާ އިން ބޯޑަރުގެ "ހަނގުރާމަ" އެއްވެސް ކުރަމުން އަންނަ ޗައިނާ އާ ޔާމީންގެ ވެރިކަމުގެ ތެރޭގައި ރާޢްޖެ މާ ގާތްވުން އެ ގައުމަށް އެއް ގޮތަކަށް ވެސް ބަލައި ނުގަނެވުނެވެ. އަދި މިއީ ހުޅަނގުގެ އެހެން ގައުމުތަކުގެ ވެސް ވިސްނުމާ ދިމާވާ ކޮމަން ތްރެޓެކެވެ.

ނަތީޖާއަކަށްވީ އިންޑިއަން އެކްސްޕްރެސް އާއި ދަ ހިންދޫ ފަދަ އިންޑިއާގެ އެތައް ނޫހެއްގެ ބޮޑެތި ސުރުހީތަކުގައި ރާއްޖޭގައި ޗައިނާ އިން ނޭވަލް ބޭސްއެއް އަޅަން އުޅޭ ކަމުގެ ވާހަކަ ދެއްކުމެވެ. އަދި ހުޅަނގުގެ ގައުމުތަކުން ޗައިނާ އާ ދެކޮޅަށް އެންމެ ބޮޑަށް ފަތުރާ ޑެޓް ޓްރެޕް ނުވަތަ ދަރަނި މަޅީގައި ރާއްޖެ ޖެހެން އުޅޭ ކަމުގެ އެތައް ވާހަކަތަކާއި ރިޕޯޓުތައް ނެރުމެވެ.

އެ ހުރިހާ ޕްރެޝަރތަކަށް ފަހު ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވުނެވެ. އަދި އިންޑިއާ އަށް ރަނގަޅަށް ހިންދެމިލެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އައި ހިސާބުންނެވެ. އެއީ ފުރިހަމަ އިންޑިއާގެ ބެކިން އާއެކީ އައި ވެރިކަމަކަށް ވާތީ އެވެ. އަދި ޗައިނާ އާ ސީދާ ދެކޮޅަށް ވަކާލާތު ކުރާ އެތައް ބަޔަކު އެމްޑީޕިގެ ހުންގާނުގައި ތިއްބެވުމުންނެވެ.

އިންޑިއާގެ ވިސްނުމަކަށްވީ ރާއްޖެ ކުރިން ގެންގުނު އެތައް ސިޔާސަތެއް ބަދަލުކޮށް ރާއްޖެ އަށް ދޭން ޖެހޭ ސަމާލު ކަން ދިނުމެވެ. މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ވަރަށް މާލީ އެހީތެރިކަން ދިނެވެ. އެތައް ލޯނަކާއި ކްރެޑިޓް ފެސިލިޓީތަކެއް ދީ ޗައިނާގެ ދަރަންޏަށް ވުރެ އިންޑިއާގެ ދަރަނި ބޮޑު ކުރި އެވެ. ކޮވިޑުގެ ތެރޭގައި ޗައިނާ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ފޮނުވައި ތާވަލުގެ އެންމެ ކުރިއަށް ޖެހިލި އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަކީ އިންޑިއާ އިން ނޫނީ ނުގެނެވޭ ބަޔަކަށް ހެދި އެވެ. އެންމެ ފަހުން މިލިޓަރީ އެތައް އެއްބަސްވުމަކާއެކު ސަރަހައްދީ ސަލާމަތާ ބެހޭ އެތައް އޮޕަރޭޝަނެއް އިންޑިއާ އަށް ފަހިވާ ގޮތަށް ފުޅާ ވެސް ކުރި އެވެ.

މި ހުރިހާ ކަންކަމާ ހެދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހުޅަނގުން ވެސް މާ ބޮޑު ފިޔަވަޅުތަކާއި އުނދަގޫތަކެއް ރާޢްޖެ އަށް ކުރިމަތި ނުކުރެއެވެ. ޔާމީންގެ ވެރިކަމުގައި ރާއްޖެ އަބަދުމެ އޮންނަނީ އިންޓަނޭޝަނަލް ވޮޗް ލިސްޓެއްގެ އެވެ. މިދިޔަ ފަސް އަހަރު އެކަންކަން ދިޔައީ ވަރަށް އޮމާންކޮށެވެ.

މި ސަރުކާރު އިންޑިއާ އާ އެކު ބޭއްވި ގުޅުމުގެ ތެރޭގައި ސިފައިންނާއި ގައުމީ ސަލާމަތާ ގުޅޭ އެތައް މައްސަލަތަކެއްގެ ނަތީޖާއަކަށްވީ މި ސަރުކާރު ވެސް ބަދަލުވުމެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެތައް ގައުމެއްގެ މީޑިއާތަކާއި އެތައް ޖަމިއްޔާއެއް ރާއްޖޭގައި އޮތެވެ. އަދި ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރުމުން ހުރިހާ އިންޓަނޭޝަނަލް މީޑިއާއެއްގެ ބޮޑު ސުރުހީ އަށް އަނެއްކާވެސް ރާއްޖެ އެރި އެވެ.

މި ފަހަރު އޮތީ ޕްރޯ ޗައިނާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ވާހަކަ އެވެ. މިއީ ޕްރޯ މޯލްޑިވްސް ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިއްކަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ދުނިޔޭގެ ހާލަތު ބަދަލުވަމުން މި އަންނަ ގޮތުން އެއީ އޮތް އެންމެ ބޮޑު ގޮންޖެހުމަށް ވާނެ އެވެ.