ދިވެހިރާއްޖެ މަތިން ދުއްވާ އިންޑިއާގެ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބޭ ސިފައިންގެ ތަފްސީލްތަކެއް ފުރަތަމަ ފަހަރަށް އެމްއެންޑީއެފް އިން ހާމަކުރީ ނޮވެމްބަރ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ 241 ކޮމިޓީއަށެވެ.
ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ޑިފެންސް އެއްބަސްވުމެއްގެ ބައެއް ބައިތައް ސެންސަރ ކުރުމަށް ފަހު ހަދާފައިވާ ޕްރެޒެންޓޭޝަނެއް އެ ކޮމިޓީއަށް ހުށަހަޅުއްވާ ދެއްވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވި ގޮތުގައި ރާއްޖެ ގެނައި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން 25 އިންޑިއާ ސިފައިން އެބަތިއްބެވެ. އަދި ދެ ހެލިކޮޕްޓަރ އޮޕަރޭޓް ކުރަން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖުމްލަ 50 ސިފައިން އެބަތިއްބެވެ.
އޭގެ ފަހުން 25 ސިފައިން ހިމެނޭ އެތައް ބެޗެއް އިންޑިއާ އިން ރާއްޖެ އަށް އައިސްފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ބުނެފައި އޮއްވާ ޖޫން 2023 ގައި ސަރުކާރުން ކުރިން ހާމަކުރި އަދަދަށް ބަދަލެއް އައިސްފައިވާ ކަން ނުސީދާކޮށް ހާމަވިއެވެ. އެއީ އެ މައުލޫމާތަށް ނޫސްވެރިއަކު އެދުމުން ހާމަނުކޮށް ހައިކޯޓާ ހަމައަށް މައްސަލަ ގެންދިޔުމަށް ފަހު ސަރުކާރުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުން ގޯސްވެ ރާއްޖެއަށް ކާޑު ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ޔުނިފޯމްގައި އޮޕަރޭޓް ކުރުމާއި ދިއްލީގެ އޯޑަރަށް ވެސް ހަރަކާތް ކުރާ ވާހަކަތަކަކީ "ނުހިނގާ" ކަމެއް ގޮތުގައި ބުނަމުން އައިސް މުޅި ދައުރު ނިންމައިފިއެވެ. މިހާރު އެ ވާހަކަތައް ދެއްކި ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕް ސަރުކާރާ ހަވާލުވުމަށް ފަހު ވިދާޅުވަނީ އެއަށްވުރެ މާ ނުރައްކާތެރި ވާހަކަތަކެކެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސްގައި ހުރި ލިޔެކިޔުންތައް ބެލިއިރު 100 އެންހާ ޑިފެންސް އެގްރީމަންޓުތައް އިންޑިއާއާއެކު ހަދައި ސޮއިކޮށްފައި އެބަހުއްޓެވެ. އެއިން އެއްވެސް ލިޔެކިޔުމަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް ސަރުކާރަކަށް ސާފެއް ނުވެއެވެ. ވެރިކަމާ ހަވާލުވި ފަހުން މަހެއްހާ ދުވަސް ވާން އުޅޭއިރު ރާއްޖޭގެ ސަލާމަތީ ކަންކަން ހުރި ހާލަތެއް ދެނެނުގަނެވެއެވެ.
"ސަލާމަތީ ޙިދުމަތްތަކުގެ އެންމެ އިސްވެރިޔާއަށް ސަލާމަތާ ގުޅޭ ވަރަށް އަސާސީ މައުލޫމާތު ސާފުވުމަށް އެހާ ގިނަ ދުވަސް ނެގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް." ޑިމޮކްރެޓްސްގެ މެންބަރ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރ މުހައްމަދު ވަހީދު 'އެކްސް' ގައި ވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ދިޔަ ދެ މަހުގެ އިންތިގާލީ މަރުހަލާގައި އެއްކުރި މައުލޫމާތުތަކުން އެނގުނީ އުޅަނދުތައް ބަލަހައްޓަން 77 ސިފައިން ތިބި ކަމެވެ. ކުރީ ސަރުކާރުން ހާމަކުރި ވަރަށްވުރެ ދެ ސިފައިންގެ އިތުރުވުމެކެވެ. އިތުރުވީ އިންޖީނިއަރިންގ މަސައްކަތަށް ހާއްސަ އިތުރު ދެ އިންޑިއާ ސިފައިން ކަމަށް މި ސަރުކާރުން ބުންޏެވެ.
ނަމަވެސް ރައީސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުން 77 އިން ފެށިގެން 89 ސިފައިންނާ ހަމައަށް ރާއްޖޭގައި އެބަތިއްބެވެ. މިހާތަނަށް ބެލިބެލުމުން ފެނުނީ ސިފައިން ތިބި ރޭންޖެކެވެ. އެއަށްވުރެ އިތުރުވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކާ
ރައީސް މުއިއްޒު
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުންގެ އަދަދު ސަރުކާރަށް ނޭނގޭއިރު އެ މީހުންނަކީ ބައެއް އެގްރީމަންޓުތައް ދައްކާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ވެސް ލިބޭ ބައެކެވެ. އޭގެ މާނައަކީ ދައުލަތުން ބޭނުން ވަގުތަކު ބޭނުންވާ ގޮތަކަށް ފަސޭހައިން "އަތްލެވޭނެ" ބައެއް ނޫނެވެ. އެކަން ކުރަން ޖެހޭނީ ޑިޕްލޮމެޓިކް އުސޫލުންނެވެ. އަދި އެކަން ހިނގާނީ ހެދިފައި ހުރި އެއްބަސްވުންތަކާއި ދެ ގައުމުގެ ހާރިޖީ ގުޅުމުގެ ތެރެއިންނެވެ.
އެހެން ނަމަވެސް އެއީ މާ ކާމިޔާބު ގޮތެއް ނޫން ކަން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު ފެނުނެވެ.
ޔާމީން ސަރުކާރަށް ވެސް އިންޑިއާ ސިފައިންގެ "އުނދަގޫ" ޖެހިގެން އުޅަނދުތައް ފޮނުވާލައި ރާއްޖެއިން އިންޑިއާ ސިފައިން ވެސް ބާލަން އެ ގައުމުގެ އެމްބަސީއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެމްބަސީ އިން ބުނީ ރީތި ގޮތުގައި "ނޯ" ޖެހިއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް ރާއްޖެއިން ނުފޭބިއެވެ. ވިސާގެ މުއްދަތު ހަމަވުމުން އައު ނުކޮށްދޭން ސަރުކާރުން ނިމުމުން ވެސް ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެ ސިފައިން ރާއްޖޭގައި މަޑުކޮށްގެން ތިބިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިފައިން ބާލުވަން އިންޑިއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ވިދާޅުވި ނަމަވެސް 20 ދުވަސްވީ އިރު ތިބީ ކިތައް ސިފައިންކަން ނޭނގޭއިރު ސުވާލު އުފައްދާލަން ޖެހޭ އެހެން މައްސަލަތައް ވެސް އެބަހުއްޓެވެ.
މާލެއާއި އުތުރުތިލަފަޅާއި ކައްދޫއާއި ހަނިމާދޫ އަދި އައްޑޫގެ ޕޮލިސް އެކެޑެމީގައި ތިބި ސިފައިން ހިންގާ އޮޕަރޭޝަންތައް ސަސްޕެންޑް ކޮށްފި ހެއްޔެވެ؟ ޑިފެންސް ފޯސްގެ އޮތަރައިޒޭޝަނާއި ކޯސްޓްގާޑް ކޮމާންޑުގެ ޓާސްކިން އޯޑަރަށް ނުބަލާ ދިއްލީގެ އޯޑަރަށް އޮޕަރޭޝަންތަކެއް ހިންގާ ކަމަށް ދެކެވޭ ވާހަކަތަކުގެ ތަހުގީގެއް ދިވެހި ސިފައިން އެބަކުރޭ ހެއްޔެވެ؟
ޕޭޕަރުތަކުގައި ސޮއިކޮށްގެން ރަސްމީ ވިސާގައި އައި ސިފައިންގެ އިތުރުން ރާއްޖޭގައި އިންޑިއާގެ އިންޓެލިޖެންސް އިދާރާގެ ސިއްރު ސިފައިން ތިބީ ކިހާ ވަރަކަށްތޯ ބަލަން ސިފައިން އެއްވެސް ވަރެއްގެ ތަހުގީގެއް ނޫނީ ދިރާސާއެއް އެބަހަދާ ހެއްޔެވެ؟
މިއިން އެއްވެސް ސަވާލެއްގެ ޖަވާބު ސަރުކާރަށް ނޭގުމަށް ވުރެ ބޮޑު ނުރައްކަލެއް ނެތެވެ.