ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ އެންމެ ބޮޑު ތަސައްވުރެއް އޮތް މަޝްރޫއު އަކީ މާލެ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި މުޅިން އާ ސިޓީއެއް އެ ތަނުގައި ގާއިމްކޮށް ތަަރައްގީ ކުރުމެވެ. އެމަނިކުފާނު ވިދާޅުވީ ހައުސިން ފުލް ސޮލިއުޝަނެއް ލިބޭނެ މަޝްރޫއު އަކީ މިއީ އެވެ. 20 އަހަރަށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް އޮތް ހައްލަކީ ވެސް މިއީ އެވެ.
"މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ،" ރައީސް މުއިއްޒު، ހުވާ ކުރެއްވުމަށްފަހު ވިދާޅުވިއެވެ.

މަޝްރޫއުއަށް ރައީސް ދެއްވާ އިސްކަމަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ވަނީ ހިމަނާފައެވެ. އަދި މިދިޔަ ސަރުކާރުން ތައްޔާރުކުރި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް އާ ސަރުކާރުން އިތުރުކުރީ ވެސް ފުށިދިއްގަރު ފަޅު ހިއްކަން ބޭނުންވާ 400 މިލިއަން ރުފިޔާއެވެ.
އެކަމަކު, ރައީސް މުއިއްޒުގެ ތަސްވަރާ އެއްގޮތަށް އެކަން ކުރަން މި ވަނީ ބޮޑު ހުރަހެއް ކުރިމަތިކުރުވާފައެވެ. އިދިކޮޅުގައި އޮތް, ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް ގެންގުޅޭ އެމްޑީޕީންނެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާކުރުމަށްފަހު, ބަޖެޓް ކޮމިޓީން ވަނީ ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 ރުފިޔާ އުނިކޮށްފައެވެ. އެ ފައިސާ ބަދަލުކުރީ ކުރީގެ ސަރުކާރުން ފަށާފައިވާ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއަށެވެ.
އެމްޑީޕީން ދެކޭ ގޮތުގައި, މި ވަގުތަށް މުހިންމީ ފުށިދިއްގަރެއް ނޫނެވެ.
"ފުށިދިއްގަރުފަޅު އެއީ މިވަގުތަށް ބޭނުންވާ ތަނެއް ނޫން. އެއީ ހަމަ ސީދާ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން. ކުރަންވީ ގުޅިފަޅު، ގިރާވަރު އަދި އުތުރުތިލަފަޅު ތަރައްގީކޮށް އަވަހަށް އެތަންތަނަށް މީހުން ގެންދިޔުމަށް މަސައްކަތް," އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވިއިރު އަންނަ އަހަރަށް ލަފާ ބަޖެޓް ހުށަހެޅިއިރު, ގުޅިފަޅު، ގިރާވަރު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތަކަށް ބަޖެޓްގައި ފައިސާ ހިމަނާފައެއް ނުވެއެވެ. ނަމަވެސް, އެ ތަންތަނަކީ ނިމިދިޔަ ސަރުކާރުން ގިނަ ބަޔަކަށް ގެވަޅު ދޫކޮށްފައިވާ ތަނެއް ކަމަށްވުމުން, އެ ތަނުގައި އަސާސީ ހިދުމަތްތަކާއި މަގުތައް ވީއެންމެ އަވަހަކަށް ހަދަންޖެހޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ. އެކަމާ ގުޅިގެން މި ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.
ނަމަވެސް, އެކަމަށް ސަރުކާރުން ރައްދު ދިނެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި ގުޅީފަޅާއި ގިރާވަރުފަޅުގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަސައްކަތްތަކަކީ ވެސް މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ. އެކަމަކު، ގުޅީފަޅުގެ ބިން ހިއްކައި ސަރުކާރާ ހަވާލުކުރަން އޮތް ތާރީހަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަސް ކަމަށާއި އެތަނުގައި މަޝްރޫއުތައް ފެށޭނީ އޭގެ ފަހުން ކަމަށެވެ.
"އަޅުގަނޑުމެން ޕްލޭން ކުރަން ޖެހޭނީ 2025 އަހަރު އެ މަސައްކަތްތައް ފެށުމަށްޓަކައި. ވަރަށް ކުޑަ ވަގުތު ލިބުނީ މި އަހަރުގެ ބަޖެޓް ހަދަން ވެސް، އެހެންވެ އެ ހުރިހާ އެއްޗަކަށް ޕްލޭން ކުރެވިފައެއް ނޫން ހުރީ،" މިނިސްޓަރު "މިހާރު" އަށް ވިދާޅުވެފައިވެއެވެ.
ކުރީ ސަރުކާރުން ގޯތި ދޫކޮށްފައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވުނު ނަމަވެސް، އެތަނުގެ ޝޯ ޕްރޮޓެކްޝަން ފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެ ކަމަށާއި ގިރާވަރާއި ގުޅީފަޅާ ގުޅުވުމަށް ވެސް މާލެ-ވިލިމާލެއާ ދެމެދު އަޅާ ބްރިޖަށްވުރެ ދިގު ބްރިޖެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް ވެސް ޕްލޭން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން އެކަމާ ގުޅޭ ޕްލޭނެއް ވެސް ހަދާފައި ނެތެވެ.
"އަދި ބަޔަކަށް ބިންތަކެއް ދީފައި އޮތް ނަމަވެސް، ފެނާއި ނަރުދަމާ ކަރަންޓާއި މަގު ހެދުމާއި އަދި ގިރާވަރަށް ގެންނަން ޖެހޭ ބްރިޖް ކަނެކްޝަން އަކީ ވެސް ކުރަންޖެހޭ މަސައްކަތްތަކެއް. ހަރަދު ވެސް ބޮޑު ކަންތައްތަކެއް. އެހެންނަމަވެސް، އެ ކަންތައްތައް ރައްޔިތުން އާބާދުވާން ބިންތަކެއް ދީފައި ހުރި ތަންތަނަށްވާތީ ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
100 ދުވަހުގެ ޕްލޭންގައި އެ މަސައްކަތްތައް ނެތް ނަމަވެސް، ހަމަ އިސްކަން ދީގެން އެއަށް ބޭނުންވާ ފަންޑިން ހޯދައިގެން އެއަށް މަސައްކަތް ކުރާނެ ކަންތައްތައް އެއީ.
އެ ތަންތަނުގެ މަސައްކަތަކަށް އިސްކަން ދިން ނަމަވެސް, ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފުށިދިއްގަރުފަޅުކަން މިނިސްޓަރު ވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ވެގެން ދިޔައީމަ މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް އެތަން ވާނެ އެވެ.

ނަމަވެސް, ބަޖެޓަށް އެމްޑީޕީން ގެނައި ބޮޑު ބަދަލާއެކު 100 ދުވަހުގެ ތެރޭގައި މަޝްރޫއު ފެށޭނެ ކަމާމެދު މިހާރު ބޮޑު ސުވާލެއް އެބަ އޮތެވެ. މިކަމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ވާހަކައެއް ނުދައްކައެވެ. މިއީ މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ނެތުމުން ދިމާވާ ހުރަސްތަކެވެ. ކޮންމެ ގޮތެއް ވިޔަސް ބަޖެޓްގައި ނުހިމަނައި ދައުލަތުން މި މަޝްރޫއުއަށް ހަރަދުކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ދެން ޖެހޭނީ އެހެން ގޮތަކުން ފައިސާ ހޯދާށެވެ. އެކަމަށް ވަގުތު ނަގާނެއެވެ. ރައީސް ބޭނުންވި ސްޕީޑަށް މަޑުޖެހުން އައީއެވެ.
ސަރުކާރުން އިންތިހާބުކޮށްފައި އޮތް ސަރުކާރަކުން ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައި އޮތް މައްސަލައަށް ހައްލެއްގެ ގޮތުގައި ހުށަހަޅާފައިވާ މަޝްރޫއުއަކަށް މިގޮތަށް ހުރަސްއެެޅުމަކީ, ބައެއް ފަރާތްތަކުން ގަބޫކުކުރާ ގޮތުގައި ޑިމޮކްރަސީގެ ރޫހާ ހިލާފު ކަމެކެވެ.