އައިޝަތު މާހާ

"މަހަކު ތިން ހަތަރު ބުރު އެބަ ނުކުންނަން ކަނޑު މައްޗަށް. ގިނަ ފަހަރަށް ފައިސާ މި ޖަމާވަނީ ގަނޑުކޮށް. އެކައުންޓަށް ފައިސާ ވަނުމާއެކީ އިންޒާރުތައް އަންނަން ފަށާ. ދެން ބްލޮކް ކޮށްލާނެ. ފައިސާކޮޅު އަތަށް ނާރައިގެން އުޅެން ޖެހޭނީ."

ފަހަކަށް އައިސް މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މިއެވެ. ކިރާ މަސްކޮޅުގެ ފައިސާ ޓްރާންސްފާ ކުރާއިރަށް މާ ގިނައިރުތަކެއް ނުވެ އެކައުންޓް ފްރީޒްކޮށްލައެވެ. ނަގުދު ފައިސާ އަތަށް ލިބުނަސް އެ ޖަމާ ކުރުމަށް ފަހު އެހެން އެކައުންޓަކަށް ފައިސާ ލައިފި ނަމަ އެކައުންޓް ހިފަހައްޓާނެއެވެ. ފައިސާ އަތުނުޖެހި އެތައް ދުވަހެއް އުޅެން ޖެހެއެވެ.

މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނު އޮތް ގޮތުންނާއި ސްކޭމްގެ މައްސަލަތައް ގިނަވުމުން މިހާރު އެކައުންޓަށް "ވާނުވާ ނޭނގޭ" ފައިސާއެއް ވަދެފި ނަމަ އެކައުންޓް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބެއެވެ. އެއީ ގިނަ ބަޔަކަށް ރަނގަޅު ފިޔަވަޅަކަށް ވީނަމަވެސް އެއީ މަސްވެރިންނަސް މިހާރު ދިމާވާ އެންމެ ބޮޑު އުނދަގުލެވެ. 

ސަބަބަކީ މަސްވެރިންނަކީ ވަޒީފާގައި އުޅޭ ލިޔުމެއް ނުވަތަ ފައިސާ ލިބޭ ގޮތް ސާބިތު ކޮށްދޭނެ ގޮތެއް އޮތް ބައެއް ނޫނެވެ. އެފަދަ ނިޒާމެއް ސަރުކާރާއި މާލީ އިދާރާތަކުން މަގުފަހިކޮށްދީފައެއް ނެތެވެ. އެހެންވެ އެކައުންޓަށް ވަންނަ ފައިސާއަކީ ކިހިނެތް އައި އެއްޗެއް ކަމެއް ބޭންކަށް ސާބިތުކޮށްދޭނެ މާ ގިނަ ގޮތްތަކެއް ނުހުރެއެވެ.

މާލެ ފަޅު ތެރޭ މިވަގުތު އޮތް ބައެއް ދޯނިތަކުގެ ފަޅުވެރިން "ގައުމީ" އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި ބޭންކުން އެ މީހުންނަށް ކޮންމެ މަހަކު އެތައް މެއިލްއެއް ކޮށްފައި ހުރެއެވެ. ގިނަ ފަހަރަށް މަހަށް ނުކުމެ އުޅޭތީ އެ މެއިލްތައް ބަލާ ނުލެވެއެވެ. އަދި ރޭންޖު ނުލިބޭތީ ބޭންކުގެ އެޖެންޓުންނަށް މަސްވެރިންނާ ހަމައަށް ނުފޯރައެވެ.

"ގިނަ ފަހަރަށް ރޭންޖެއް ނުލިބޭނެ. އަހަރުންގެ ފޯނަށް ނުގުޅޭތީ ދެން އެކައުންޓް ބްލޮކް ކޮށްލާ."  ނިރު-7 ދޯނީގައި މަސައްކަތް ކުރާ އަހުމަދު ރަޝީދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ މާލީ އެއްވެސް އިދާރާއަކުން މަސްވެރިންނަކީ އުޅޭ ބައެއް ކަމެއް ބަލައިނުގަތުމެވެ. މަސްވެރިއަކަށް ވާތީ އައިޑީކާޑެއް ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ. ބޭންކުން ލޯނެއް ނުވަތަ ކްރެޑިޓް ފެސިލިޓީއެއް ނުލިބެއެވެ. އެކައުންޓަށް ވަންނަ ފައިސާ ލިބޭ ގޮތް ސާބިތު ކޮށްދިނުމަށް އެއްވެސް ލިޔެކިޔުމެއް ދެއްކޭކަށް ނުހުރެއެވެ. އަދި މިހާރު އެކައުންޓުގައި ހުރި ފައިސާތައް ހިފަހައްޓަނީ ކަމަށް އޭނާ ބުންޏެވެ.

ނިރު-7 ދޯނީގައި މަސައްކަތް ކުރާ އަހުމަދު ރަޝީދު -- ފޮޓޯ: އިމްލީދު އަލީ ހިލްމީ | ގައުމީ

"މި ހުރީ ބޭންކުން ކޮށްފަ ހުރި މެއިލްތައް." ފޯނަށް އައިސްފައި ހުރި ހައެއްކަ އީމެއިލް ދައްކަމުން އަހުމަދު ބުންޏެވެ.

"އަބަދު މި ހާލެއްގައި މި އުޅެން ޖެހެނީ. އަހަރުންނަކީ ހަގީގަތުގައި އެއްވެސް ބައެއް ނޫން. ސަރުކާރަކުން ވެސް ބޭންކަކުން ވެސް ބަލައިގަންނަ ބައެއް ނޫން." އޭނާ ބުންޏެވެ.

އެހެން ދޯންޏަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި މައްސަލަ ދިމާވާތީ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ފަޅުވެރިންގެ އެކައުންޓުތަކަށް ޖަމާކުރުމުގެ ބަދަލުގައި އާއިލާގެ އެކި މީހުންނަށް ކުދި އަދަދުތަކުން ފޮނުވައިގެން އޭޓީއެމް އިން ފައިސާ ނެގުމަށް ފަހު ނަގުދު ފައިސާ ހަވާލު ކުރަން އެ މީހުން ފެށިއެވެ. 

ނަމަވެސް ފައިސާ އާއިލާ މީހުންގެ އެކައުންޓަށް ވަންނަ ހިސާބުން ވެސް އެ މީހުންގެ އެކައުންޓުތައް ވެސް ހިފަހައްޓާ ކަމަށް އޭނާ ބުންޏެވެ. 

ރުފިޔާ ނަގަން ދަރިންގެ އެކައުންޓަށް ފައިސާ ޖަމާކުރީމަ އެބަ ބްލޮކް ކޮށްލާ އެ ކުދިންގެ އެކައުންޓުތައް ވެސް. އެއްވެސް ވަރަކަށް ބަލާލުމެއް ނެތް. މި މައްސަލަ ހައްލު ކޮށްދެވެން ވާނެ.

މަސްވެރިން ބުނާ ގޮތުން ސަރުކާރުން 20 ފެބްރުއަރީ 2019 "މަސްވެރިޔާ ކާޑު" ދޫކުރަން ފެށުމުން އެފަދަ ހުރިހާ ޝަކުވާތަކެއް ހައްލުވާނެ ކަމަށް އުންމީދު ކުރެވުނެވެ. ގާތްގަނޑަކަށް އެ ދާއިރާގެ 2000 މަސްވެރިން މަސްވެރިޔާ ކާޑު ބޭނުން ކުރަން ފެށިއެވެ.

އެހެން ނަމަވެސް ހައްލުވުމުގެ ބަދަލުގައި މަސްވެރިންނަށް އުފުލަން ޖެހުނީ އިތުރު ތަކުލީފެކެވެ. މަސްވެރިޔާ ކާޑު ނެތް އިރު ފައިސާ ބެހުމަށްފަހު ނަގުދު ފައިސާ ލިބެނީ ސީދާ މަސްވެރިންގެ އަތަށެވެ. މިހާރު އެ ކާޑަށް ފައިސާ ވަންނާތީ ޖެހެނީ ކުދި ކުދި އަދަދުތަކުން އޭޓީއެމްތަކުން ފައިސާ ނަގާށެވެ.

ކޮންމެ ރަށެއްގައި އޭޓީއެމްއެއް ނުހުންނާތީ މަސްވެރިޔާ ކާޑުން ފައިސާ ނަގަން އެހެން ރަށްރަށަށް ދުއްވަން ޖެހެއެވެ. އަދި ކޮންމެ ކާޑަކުން ދުވާލަކަށް ނެގޭ އަދަދު ލިމިޓުކޮށްފައި އޮތުމުން ފައިސާ ނަގަން ޖެހެނީ ތަފާތު އެކި އެކައުންޓުތަކަށް ފޮނުވައިގެންނެވެ. އެހެން ހެދުމުން ވެސް އަނެއްކާ ވެސް އެކައުންޓް ފްރީޒް ކުރާ މައްސަލަތައް ދިމާވާ ކަމަށް އެ މީހުން ބުނެއެވެ.

"އެންމެނަކީ އޮންލައިން ބޭންކިންއަށް ފަރިތަ މީހުންނެއް ނޫން. ކޭޝް ނަގަން އެހެން މީހެއްގެ އެކައުންޓަށް ފޮނުވަނީ. ބައެއް ފަހަރު 8 ކާޑުން ވެސް ރުފިޔާ ނަގަން އެބަ ޖެހޭ. ފައިސާ ނަގަން ފޮނުވާ އިރަށް އެބަ އިންޒާރު އާދޭ."

މި ހުރިހާ މައްސަލައެއްގެ މުގުލައި ވެސް އޮތީ ހަގީގަތުގައި އެންމެ ކަމެކެވެ. މަސްވެރިންނަކީ ކޮންމެ ކެމްޕެއިންއެއް އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ވަރަށް މުހިންމު ބަޔަކަށް ވީނަމަވެސް މާލީ އިދާރާއެއް އަދި ސަރުކާރަކުން ވެސް ބަލައިގަންނަ ބައެއް ނޫނެވެ.

މަސްވެރިންގެ ގާނޫނެއް އޮތަސް އެ ގާނޫނުގައި ބުނާ ދަފްތަރާއި އަދި މަސްވެރިންނަށް ލިބެން ޖެހޭ މާލީ ބާރުވެރިކަމެއް ނެތެވެ. ޓޫރިޒަމް ދާއިރާއަށް އަދި އެހެނިހެން ދާއިރާތަކަށް ދޭ އަހަންމިއްޔަތުކަން ނުދިނުން ކަމަށް މަސްވެރިން ބުނެއެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް މަސްވެރިންނަށް ޖެހެނީ އެއް ހާލެކެވެ. ކުރަން ޖެހެނީ އެއް ޝަކުވާއެކެވެ. އަޅާނުލައި ތިއްބާ މިހާރު މަނީ ލޯންޑަރިންގެ ތުހުމަތުގައި އެ މީހުންނަށް ލިބޭ ފައިސާކޮޅު ވެސް ހިފަހައްޓަނީއެވެ.