އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަމައަށް ވަޑައިގަތީ ގިނަ ބަޔަކު ދެކުނު ގޮތުގައި އެމަނިކުފާނު ހައުސިން މިނިސްޓްރީގައި ދެއްކެވި ހިންގުންތެރި ކަމެވެ. އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމާއި އެމަނިކުފާނުގެ ސްޕީޑް އަވަސްވުމެވެ. އެހެން މީހުން ދެކެނީ ޑރ. މުއިއްޒު ވެރިކަމަށް އާދެވުނީ މަޑުމައިތިރި އަދި އިހުލާސްތެރި ބޭފުޅަކަށް ވާތީ އެވެ. ދީނަށް ލޯބި ކުރާ އަދި ގައުމުގެ މިނިވަން ކަމަށް ވަކާލާތު ކުރައްވާތީ އެވެ.
މިއިން ކޮންމެ ކަމެއް ވެސް އެމަނިކުފާނު ވެރިކަމަށް އައުމުގައި މުހިންމު ރޯލެއް އަދާ ކުރެ އެވެ. އެހެން ނަމަވެސް ސިޔާސީ މަސްރަހުގައި ހަމަ އެފަދަ ބެކްގްރައުންޑެއް ހުރި އެތައް ބަޔަކު ތިއްބާ އެންމެ 12 އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ޑރ. މުއިއްޒު ވެރިކަމާ ހަމައަށް އާދެވުނީ އެމަނިކުފާނުގެ އާދަޔާ ހިލާފު ޕޮލިޓިކަލް ޑިޒިޝަންތަކާ ހެދި އެވެ. ނެންގެވި އާދަޔާ ހިލާފު ބޮޑެތި ރިސްކުތަކުންނެވެ.
ޑރ. މުއިއްޒު ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 2011 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެއީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެކެވެ. އަދި އަދާލަތު ޕާޓީ އޮތީ ސަރުކާރާ އިދިކޮޅު ބައެއްގެ ގޮތުގަ އެވެ.
އޭރުގެ ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ނިމި ޑރ. މުހައްމަދު ވަހީދު ސަރުކާރު އެކުލަވާލިއިރު އަދާލަތު ސްލޮޓަކުން ޑރ. މުއިއްޒު ކެބިނެޓުން ޖާގައެއް ކަށަވަރު ކުރެއްވި އެވެ. 19 ފެބްރުއަރީ 2012 ވަޑައިގެންނެވީ ހައުސިން މިނިސްޓަރުގެ މަގާމަށެވެ.
ޑރ. މުއިއްޒު ކެބިނެޓުގައި ހުންނަވަނިކޮށް ރައީސް ވަހީދުގެ ވެރިކަން ނިމުން ނަމަވެސް ޖެހިގެން އައި ރައިސް އަބްދުالله ޔާމީންގެ ކެބިނެޓުން ވެސް އެމަނިކުފާނު ޖާގައެއް ކަށަވަރު ކުރެއްވި އެވެ. އެކަން ކުރެއްވި އިރު ވެސް ޑރ. މުއިއްޒު ހުންނެވީ އަދާލަތު ޕާޓީގަ އެވެ. ނަމަވެސް މަގާމު ދެއްވީ އޭރު ސަރުކާރާ ގާތް ކޯލީޝަނެއްގެ ގޮތުގައި އޮތް އެމްޑީއޭގެ ސްލޮޓެއްގަ އެވެ. މަގާމުގައި ހުންނެވުމަށް ފަހު ޑރ. މުއިއްޒު 2014 ވަނަ އަހަރު ރަސްމީކޮށް އެމްޑީއޭ އާ ގުޅިވަޑައިގެންފަ އެވެ.

ރަނގަޅު ދަނޑިވަޅުގައި ރަނގަޅު މަގާމަށް ފިޔަވަޅު އެޅުން ވެގެން ދިޔައީ 7 އަހަރު ވަންދެން ހައުސިން މިނިސްޓަރުގެ މަގާމް އަދާ ކުރައްވަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތެވެ. އެ ހަތް އަހަރުގެ ތެރޭގައި އެތައް މަސައްކަތެއް ކުރައްވާ ތަރައްގީގެ އެތައް ކަމެއް ހިންގެވި އެވެ. އަދި ހަމައެއާއެކު ސަރުކާރުގެ ތެރޭގައި އިންނަވައިގެން ސިޔާސީ ގޮތުން ވެސް އެތައް ތަޖުރިބާއެއް އެމަނިކުފާނު ގެންދެވީ ހާސިލް ކުރައްވަމުންނެވެ.
ވަކީން ހާއްސަކޮށް ޔާމީންގެ ދައުރުގެ ތެރޭގައި އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއް ވަޒީރަކީ ޑރ. މުއިއްޒެވެ. އެހެން ނަމަވެސް އެންމެ ކެތްތެރިކަމާއި މަޑުމައިތިރި ކަންމަތީ ހުންނަވާ ބޮޑެތި ރައްދުތައް ނުދެއްވާ ހަމައެކަނި ވަޒީރަކީ އެމަނިކުފާނެވެ.
ޔާމީންގެ ވެރިކަން ނިމުމަކަށް އައީ އެވެ. އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުމާއި އިދިކޮޅު ސަޕޯޓް އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އަދި ވަގުތުތަކުގައި "ގަދަ ވާހަކަ ދައްކަވަން" ޑރ. މުއިއްޒު އިދިކޮޅު ޕޯޑިއަމްތަކުން ނުފެނެ އެވެ. އަދި އެ ޖާގައެއް ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވަ އެވެ.
އިދިކޮޅުގެ ސަޕޯޓް ބޭސް އެހާ ބޮޑަށް ވެއްޓިފައި ވަނިކޮށް ޑރ. މުއިއްޒު ނިންމެވީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތިލުމަށެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި ނަމަވެސް އެ މުޅި ކެމްޕެއިން ދިރާސާކޮށް ކައިރިން ބެއްލެވި އެންމެނަށް ފާހަގަވީ މުޅިން އެހެން ކަމަކެވެ.
ޑރ. މުއިއްޒު ތުރުކުރެއްވީ މުޅިން ވެސް ހުދު ކުލަ އެވެ. ކެމްޕެއިން ތެރޭގައި ޕާޓީގެ ވާހަކަތަކެއް ނުދައްކަވަ އެވެ. ޔާމީންގެ ވާހަކަތަކެއް ވެސް މާ ބޮޑަކަށް ނުދައްކަވަ އެވެ. އެންމެނަށް ދެއްކެވީ މިނިވަން ކެންޑިޑޭޓެއްގެ ސިފަ އެވެ. ބަސްމަގާއި ކުލަތަކާއި މުޅި ކެމްޕެއިން ދިޔައީ އެގޮތަށެވެ.
އެކަމާ ޕީޕީއެމްގެ ބައެއް ބޭފުޅުން ނުރުހުން ނަމަވެސް އެ ދުވަސްވަރު އެމްޑީޕީ އާއި ސިޔާސީ އެހެނިހެން ގިނަ ބޭފުޅުންތަކެއްގެ ތާއީދާއި އިހްތިރާމް ޑރ. މުއިއްޒަށް ލިބިވަޑައިގަތެވެ. ހަމައެއާއެކު ޑރ. މުއިއްޒަށް އެމަނިކުފާނުގެ ހަތް އަހަރު ސަރުކާރު އޮފީހުގައި ކުރި މަސައްކަތްތައް ވެސް ދެއްކެން އޮތެވެ.
ނަތީޖާއަކަށްވީ 2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް މާލޭގެ މޭޔަރު ކަން ޑރ. މުއިއްޒަށް ލިބިވަޑައިގަތެވެ. އަދި މުޅި ކައުންސިލްގެ މެޖޯރިޓީ ވެސް ހޯއްދެވި އެވެ.

ކައުންސިލްގައި އެމަނިކުފާނަށް ކުރިމަތިވި ގޮންޖެހުންތަކާއި އެހެނިހެން ކަންކަމާ އެކު ވެސް މީހުންނަށް ފެނުނީ ތަފާތު މަސައްކަތެކެވެ. މީގެ ކުރިން އެހެން މޭޔަރަކު ނުވަތަ ކައުންސިލް ރައީސަކު ނުކުރާ ފަދަ ގޮތަކަށް މަސައްކަތް ކުރެއްވި ތަނެވެ.
އާންމުކޮށް ހިނގާ ކަންކަމުގެ އިތުރުން ޑރ. މުއިއްޒު ސަރުކާޜުގެ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަ އެވެ. ގަވައިދުން ގޭގެއަށް ޒިޔާރަތް ކުރައްވާ މައްސަލަތައް ބައްލަވަ އެވެ. އެކި ސަރަހައްދުތަކުގައި ޖަލްސާ ބާއްވާ މާލޭގެ ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވަމުން ދިޔަ އެވެ.
ބައެއް ބޭފުޅުން ސިފަ ކުރައްވާ ގޮތުގައި އެމަނިކުފާނުގެ މުޅި ކައުންސިލްގެ މަސައްކަތްތައް ދިޔައީ ގާތްގަނޑަކަށް ކެމްޕެއިނެއް ކުރަން ނިކުމެވަޑައިގެން ހުންނެވީ ބޭފުޅެއްގެ ގޮތުގަ އެވެ. ހަމައެކަނި މަގާމަށް އިންތިހާބުވީކީ ނޫނެވެ. އެ ތާއީދު ދަމަހައްޓަވަން ވެސް އެތައް މަސައްކަތެއް ކުރެއްވި އެވެ.
މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ޕީޕީއެމްގެ ހުންގާނުގައި ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުޛ އެވެ. ޔާމީން މިނިވަން ވާން އޮތް ފަހަރަކު ދޮރެއް ދިޔައީ ބަންދުވަމުންނެވެ. ހުރިހާ މަގެއް ހަނިވަމުން ދިޔަ ވަރަކަށް ޕާޓީގެ ތެރެއިން ގާބިލް ބޭފުޅެއް ހޯދުމާއި އެފަދަ އަޑުތައް ދިޔައީ ގަދަވަމުންނެވެ. އަދި އެންމެ ބޮޑަށް ދެކެވެމުން އައި އެއް ނަމަކީ ޑރ. މުއިއްޒެވެ.
ނަމަވެސް އެ ދުވަސްވަރަކީ ޑރ. މުއިއްޒަށް އޮތް އެންމެ އުނދަގޫ ދުވަސްތަކެވެ. އެމަނިކުފާނު ވެސް ޔާމީންގެ ހައްގުގައި އެހެން މެންބަރުންނެކޭ އެއްގޮތަށް މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމްގެ ޕީއެންސީގެ ތެރެއިން ޑރ. މުއިއްޒަށް ބޮޑެތި ޕްރެޝަރުތަކެއް ހުއްޓެވެ.
ޑރ. މުއިއްޒު ގެންދެވީ ޔާމީންގެ އުފެއްދެވި ސެނެޓުގެ ފަހަރަކު މެންބަރެއްގެ ތާއީދު ހޯއްދަވަމުންނެވެ. އިންތިހާބު އޮތް ދުވަހާ ޖެހުން އިރު ޕީޕީއެމް އަދި ޕީއެންސީގެ ވެސް ސެނެޓުގެ ބޮޑު ބައެއް ތާއީދު ކުރަނީ ޑރ. މުއިއްޒަށެވެ.
އެހެން އޮއްވާ ދެ ޕާޓީން ނިންމަނީ ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ޕީއެންސީ އިން ކެންޑިޑޭޓެއް ނެރުމަށެވެ. މި ނިންމުމާއެކު ޑރ. މުއިއްޒު ނެންގެވީ ސިޔާސީ އެންމެ ބޮޑު ރިސްކެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ކުއްލިއަކަށް އެ ޕާޓީން ވަކިވެ ޕީއެންސީގެ އާންމު މެންބަރެއް ގޮތުގައި ގުޅިވަޑައިގަތެވެ. އަދި ވަގުތުން ޓިކެޓަށް ވާދަ ކުރެއްވި އެވެ.

ޕާޓީގެ އެތެރޭގައި ނެގި އިންތިހާބުން ވެސް ޑރ. މުއިއްޒު ކުރި ހޯއްދެވި އެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ވެސް ގިނަ ބަޔަކު ސިއްސައިގެން ދިޔަ ކަމެކެވެ. ޑރ. މުއިއްޒުގެ ބާރު ސެނެޓުގައި ވަރަށް ގަދަ އެވެ. ނަމަވެސް އެމަނިކުފާނަށް ހުރި ގޮންޖެހުންތައް މަދެއް ނުވި އެވެ.
ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ޖަލުން ފޮނުވި ޗިޓު ކޮޅާ ހަމައިން އެމަނިކުފާނަށް ދެން ޖެހިވަޑައިގަތީ މުޅި ލީޑާޝިޕާ ދެކޮޅަށް ތެދުވެވަޑައިގަތުމަށެވެ. އެންމެ ފުރަތަމަ ޔާމީނަށް ފުރުސަތު ބަންދުވި ހޫނު ދުވަހު ޕީޕިއެމްގެ އޮފީހުގައި އެ މައްސަލާގައި ބޭއްވި ބައްދަލުވުމުން ފާސް ކުރީ ޔާމީންގެ އަމުރާ ދެކޮލަށް ހަމަ ޑރ. މުއިއްޒަށް ފުރުސަތު ދިނުމަށެވެ.
އޭގެ ފަހުން ވެސް މުޅި ލީޑާޝިޕް އެމަނިކުފާނާ އެއްގަލަކަށް ނާރަ އެވެ. ނަމަވެސް ފަހުން އެ ހުރިހާ ބޭފުޅުން މީޑިއާތަކުގެ ކުރިމަތީގައި ވަކިވަކީން ޑރ. މުއިއްޒާ ބައިއަތު ހިފި ކަން އިއުލާން ކުރެއްވި އެވެ.
ރިޔާސީ އިންތިހާބަށް ޑރ. މުއިއްޒު ނިކުމެވަޑައިގަތީ ޕާޓީގެ ތެރޭގައި ބޮޑު ހަނގުރާމައެއް ނިންމާލުމަށް ފަހު އެވެ. ހަނގުރާމަ ކާމިޔާބު ކުރުމަށް ފަހު އެވެ.
ރިޔާސީ އިންތިހާބު މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކެމްޕެއިން ކުރުމަށް ފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
އެއާއެކު އެމަނިކުފާނަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ވެރިކަމަށް ވަޑައިގަތް ސިޔާސީ ބޭފުޅާއެވެ. މިހާރު އެ ހުންނެވީ ޕީއެންސީގެ ވެސް ރައީސްގެ ގޮތުގަ އެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރަން ތައްޔާރުވެވަޑައިގެންނެނެވެ. އަދި އުންމީދު ކުރައްވަނީ ފުރަތަމަ ފަހަރށް ދެވަނަ ދައުރެއް ވެސް ކާމިޔާބު ކުރައްވާ ރައީސް އަށް ވެވަޑައިގަތުމަށެވެ.