ޝިފާ މުހައްމަދު

ކުރީގެ ފަސްޓްލޭޑީ ފަޒުނާ އަހުމަދު އިންސްޓަގްރާމް ސްޓޯރީއެއް މެދުވެރިކޮށް އަހްލާގީ ނުވަތަ މޯރަލްޓީއާ ގުޅޭ ގޮތުން ވަނީ ފިލާވަޅެއް ނަގައިދެއްވާފައެވެ. އެކަމަނާ ވިދާޅުވަނީ "އުސޫލު ތަން ދިނަސް ރިވެތި އަހްލާގު ދަމަހައްޓަން ނުކޮށް ދޫކޮށްލުން ރަނގަޅު ކަންކަން ހުންނަ ކަމަށެވެ.

މިސާލެއްގެ ގޮތުން ކުރިން ވަރަށް ގިނަ ދުވަހު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަޒްނާ ދެއްކެވީ ތިން ވައްތަރެއްގެ އަމަލެވެ. އެއީ ގާނޫނީ ގޮތުން މަނާ އަމަލު އެކަމަކު އަހްލާގީ ގޮތުން ގޯސް ނޫން އަމަލާއި ގާނޫނީ ގޮތުން އަދި އަހްލާގީ ގޮތުން ވެސް ގޯސް އަމަލާއި އަހްލާގީ ގޮތުން ގޯސް އެކަމަކު ގާނޫނީ ގޮތުން މަނާ ނޫން އަމަލެވެ.

ފަޒްނާ ގަބޫލު ކުރައްވާ ގޮތުން މި ތިން ވައްތަރު އަމަލަކީ ވެސް ރިވެތި އަހްލާގަށްޓަކައި ނުކޮށް ދޫކޮށްލަން ޖެހޭ ކަންކަމެވެ.

ފަޒްނާގެ ޕޯސްޓްގައި މިއީ ވަކި މީހަކަށް އަމާޒުކޮށް ނަގައިދެއްވި ފިލާވަޅެއް ކަމަށް ބަޔާންކޮށްފައިނުވީ ނަމަވެސް, މި ފިލާވަޅު ނިސްބަތްވަނީ އެކަމަނާއަށް ފަހު ފަސްޓްލޭޑީގެ މަގާމަށް ވަޑައިގެންނެވި ސާޖިދާ މުހައްމަދަށެވެ.

ފަސްޓްލޭޑީ ކަމަށް ވަޑައިގަތުމާ އެކު ސާޖިދާގެ ވަށައިގެން އެނބުރޭ މައްސަލައެއް އެބަ އޮތެވެ. ސާޖިދާގެ ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަން އިންތިހާބުވިއިރު ވެސް ސާޖިދާ އަކީ ސިވިލް ސާވިސްގެ މުވައްޒަފެކެވެ. ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާތާ އެތައް އަހަރެކެވެ.

އެހެންވެ, ފަސް އަހަރަށް ފިރިކަލުން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ސާޖިދާ އެ ވަޒީފާ ދޫކޮށްލަން ބޭނުން ނުވިއެވެ. އެކަމަކު ފަހުން ސާޖިދާ ނިންމެވީ ފަސް އަހަރު ދުވަހަށް ވަޒީފާއާ ދުރަށް ޖެހިވަޑައިގަންނަވާށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ފަސްޓްލޭޑީގެ ވެސް ގިނަ ޒިންމާތަކެއް ހުރުމުން އެކަމަށް ވެސް ވަގުތު ދެއްވުމަށެވެ. ސިވިލް ސާވިސް އިން ސާޖިދާއަށް ދިނީ ހަތަރު އަހަރުގެ ނޯޕޭ ލީވްއެކެވެ. އެ ލީވްއާއެކު ސާޖިދާ އެދިވަޑައިގެންނެވީ އޭނާގެ ފަންނީ ލަފާ އަދިވެސް އެމްއެފްޑީއަށް ދޭން ބޭނުންވާ ކަމަށެވެ.

ވަޒީފާއާ އެއްކޮށް ދުރުގައި ހުންނަވަން ބޭނުން ނުވާ ކަމަށެވެ. މިގޮތަށް ސާޖިދާ އެދިވަޑައިގެންނެވުމުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާއާ އެކު ވަކި އެއްބަސްވުމެއް, ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތަށް ހަދަން ނިންމާފަ އެވެ. އެއީ އެމްއެފްޑީއަށް ކޮންމެ މަހަކު 40 ގަޑިއިރު މަސައްކަތް ކުރައްވާ ގޮތަށެވެ. ގަޑިއިރަކަށް 75 ރުފިޔާގެ މަގުން, މަަހެއްގެ މައްޗަށް 3,000 ރުފިޔާ އެވެ.

ސާޖިދާ އެ މަސައްކަތް ކޮށްދެއްވަން ބޭނުންވީ އެއްވެސް އުޖޫރައެއް ނުނަގާ ގޮތަށްވީ ނަމަވެސް, ސިވިލް ސާވިސްގެ އުސޫލު އޮންނަ ގޮތުން އެއްވެސް އުޖޫރައެއް ނުދީ މަސައްކަތެއް ނުކުރެވެއެވެ. އެހެންވެ, އެ ގޮތުގެ މަތިން ސާޖިދާ ވަނީ އެ އެއްބަސްވުމުގައި ސޮއިކުރައްވައި މަސައްކަތް ފައްޓަވާފައެވެ. އެއާއެކު ސާޖިދާއަށް ފަސްޓްލޭޑީގެ ހައިސިއްޔަތުން ރައިސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައިވާ މިންވަރަށް އެލެވެންސްއެއް ލިބެއެވެ.

ސާޖިދާގެ މަސްލަހަތާއި މޯރަލްޓީގެ ވާހަކަ އައީ މިހާ ހިސާބުންނެވެ.

ފަސްޓްލޭޑީ ކަމުގައި ހުންނަވައިގެން ހެލްތު މިނިސްޓަރުގެ ދަށުން ހިންގާ ތަނެއްގައި މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ, ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލަ ބަލާފައެވެ. އެވަރުން ނުވެގެން އެއްބަސްވުން ބާތިލް ކުރަން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީން ހުށަހެޅިއެވެ.

މެންބަރުންގެ ހަމަލާތައް ސާޖިދާއަށް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ފަސްޓްލޭޑީއެއް ސިވިލް ސާވިސް ތެރެއިން މަސައްކަތް ކުރައްވާއިރު ރިޕޯޓް ކުރައްވަން ޖެހޭނީ ހެލްތު މިނިސްޓަރަށް ކަމަށާއި ހެލްތު މިނިސްޓަރަކީ ފަސްޓް ލޭޑީގެ ފިރިކަލުން، ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެކަމުން އެކަނި ވެސް މި މައްސަލާގައި މަސްލަހަތު ފުށުއަރާ މިންވަރު ސާފުވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

"އެތަނުގެ މުވައްޒަފުންނަށް ދެން ހެލްތު މިނިސްޓަރެއްގެ ގޮތުގައި ހަގީގަތުގައި ފެންނާނީ ފަސްޓްލޭޑީ ނޫން ކަމެއް ވެސް ނޭނގެ، ޕަވާ އިން ބެލެންސެއް އެބަ އުޅޭ. އެހެންވީމާ އުސޫލަށް ނުބައްލަވާ ކޭސް ބައި ކޭސް ކޮމިޝަނުން ގޮތް ނިންމާއިރު އެތިކަލް ކޮންސިޑަރޭޝަނަށް ބައްލަވައިގެން ކަމަށް މިފަދަ ނިންމެވުންތައް ނިންމަވަންވާނީ،" މީކާއިލް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ އެވަރަކުން އެ މަސައްކަތް ފަސްޓްލޭޑީ ކުރައްވަން އުޅުއްވާ ސަބަބު ނުވިސްނޭ ކަމަށެވެ.

ދާންޑު ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ ފަސްޓްލޭޑީގެ ހައިސިއްޔަތުން އެލެވެންސް ނަނަންގަވަމުން ވޭޖު އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސައި ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވާ ނަމަ ނުވަތަ އެހެން ވެސް މިނިސްޓްރީއެއްގައި މަސައްކަތް ކުރައްވާނަމަ މަސްލަހަތު ފުށުއަރާނެ އެތަކެއް ސަބަބުތަކެއް ހުރުމާއެކު ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުގައި ސާޖިދާގެ އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ޔައުގޫބު ހުށަހެޅި މި މައްސަލަ އެމްޑީޕީގެ މެންބަރުން ބަލައިގަނެ, ފުޅާ ގޮތެއްގައި ބަހުސް ވެސް ކުރެއްވިއެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަދު ފެށިގެން މި އުޅެނީ ސީދާ ރައިސުލްޖުމްހޫރިއްޔާގެ މައްޗަށް ވެސް ނުފޫޒު ފޯރުވަން އެކަމަނާ ކުރަން ފަށާފައިވާ މަސައްކަތުގެ ބޮޑު ދަތުރެއްގެ ފެށުން މި އޮތީ. އެހެންވީމަ އަޅުގަނޑު ހަމަ ގޮވާލަން މި އެއްބަސްވުން ބާތިލް ކުރަން,

ޔައުގޫބު ވިދާޅުވިއެވެ.

"ސިވިލް ސާވަންޓުންގެ މިހާ ބޮޑު ކަންބޮޑުވުން އޮތްއިރުގައި ރައީސްގެ އަނބިކަނބަލުންނަށް ހުންނަވައިގެން މިކަމާއިގެން ދެން އިތުރަށް ކުރިއަށް ނުގެންދެވާށޭ," ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ ރައީސް އަދި ނައިބު ރައީސްގެ އަނބިކަނބަލުންނަކީ ސިވިލް ސާވިސްގެ ތެރޭގައި ހިމެނޭ ބައެއް ނޫން ކަމަށް ގާނޫނުގައި ލިޔުމަށް ހިޔާލު ވެސް ހުށަހަޅުއްވާފައެވެ.

ސާޖިދާއަށް ލިބޭ އާމްދަނީއާ ގުޅޭ ގޮތުން ވެސް އަމިއްލައަށް ބޮޑެތި މުސާރަތާއި އެލެވެންސްތައް ކަނޑައަޅުއްވައިގެން ތިއްބެވި މެންބަރުން ވާހަކަ ދެއްކެވިއެވެ. ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސްގެ މުސާރައިގެ 33 ޕަސެންޓް ފަސްޓްލޭޑީއަށް ލިބުމަކީ ވަރަށް ރަނގަޅު އަދަދެއް ކަމަށެވެ. އެއީ ގާތްގަނޑަކަށް 30,000 ރުފިޔާ އެވެ.

"އަދި އެހެން ނޫނަސް އެހެން ފަރާތް ފަރާތުން އެހީތަކާއި ސްޕޮންސައާއި މި އެއްޗެހި ވެސް ލިބޭނެ, ހަމަ ވަރަށް ރަނގަޅަށް އޮފީހެއް ހިންގެވޭނެ އަމިއްލަފުޅަށް, އެހެންވީމަ އެކަމަކު ސިވިލް ސާވިސްގައި ހުންނަވައިގެން އެ ކަންތައް ކުރައްވާތީވެ މައްސަލައަކީ, ނޯޕޭ ލީވް ނަންގަވައިގެން," އޭނާ ވިދާޅުވިއެވެ.

"ނޯޕޭ ލީވް ނަންގަވައިގެން ކުދިން ދަރިން ވަލާ ބޭފުޅުން ވެސް އެ ބޭފުޅުން ބޭނުންވާ ދަރިފުޅު ބޮޑުވަންދެން ނޯޕޭ ލީވް ނަގަން. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ސިވިލް ސާވިސްގައި އުޅޭ ބޭފުޅުން ބޭނުންވާނެ އެގޮތަށް. އެކަމަކު އެ ފުރުސަތަކީ އެހެން ދެވޭނެ ފުރުސަތުތަކަކަށް ވެއްޖެނަމަ ވަންޏާ އެ ވަރަށް ބޮޑު ބިއްސުންލައިދާނެ."

ޒާތީ ފުރައްސާރައެއް

ބައެއް މެންބަރުންގެ ގިނަ ފާޑުކިޔުންތައް ސާޖިދާއަށް ރައްދުވިއިރު, އެކަމަކާގެ ދިފާއުގައި ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ. އަދި އެމްޑީޕީން ފަސްޓްލޭޑީއަށް ފުރައްސާރަ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިއީ ކަނޑައެޅިގެން ވަކި މީހަކާ ހަމަ ސީދާ ޒާތީ ގޮތުން ފުރައްސާރަކުރަން ނޫން ގޮތަކަށް އަޅުގަނޑަކަށް މި ކުއްލި މައްސަލައެއް ނުފެނުނު," ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފަކު މިވަގުތު ފަސްޓްލޭޑީއަކަށް ހުރުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށާއި އެކަން ކޮމިޓީ ދިރާސާކޮށް ގޮތެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭގެ ބަދަލުގައި ގައުމީ ސަމާލުކަމަށް ގެންނަ ވަރުގެ ކަމަކަށް ހަދައިގެން ކުއްލި މައްސަލައެއް ހުށަހެޅުމަކީ ފުރައްސާރަކުރުން ކަމަށެވެ.

"ދުރާލާ ވިސްނައިގެން ތޯޓްފުލް ޑިސްކަޝަނެއްގެ ހިންގައިގެން ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭ, ވެރިކަން ކުރާ މީހާގެ ސްޕައުސް މަސައްކަތް ކުރަންވީ ނުވަތަ ވަޒީފާ އަދާކުރަންވީ ނުވަތަ އާމްދަނީ ލިބެންވީ ކޮންގޮތަކުންތޯ? އެއީ ވިސްނަން ޖެހޭ ކަމެއް," އީވާ ވިދާޅުވިއެވެ.

"މުޅި އުމުރު މަސައްކަތް ކުރަމުން އައި އަންހެނަކު އޭނާ ކުއްލިއަކަށް މަސައްކަތް ކުރަން ނިންމައިލާފައި ނުވަތަ ނިންމާނަލްޖެހުނީމަ ނުވަތަ މެދުކަނޑާލަން ޖެހުނީމަ ކުޑަ އުނދަގުލެއް ހުރެދާނެ, އަދި ދެން ކުރިއަށް ދާނީ ކިހިނަކުންތޯ? ފަސް އަހަރުގެ މުއްދަތަކަށް ފަސްޓްލޭޑީއަކަށްވުމާ އެކު މެދުކަނޑާލަން ޖެހުނީމަ ތާއަބަދަށް އެ ވަޒީދާ ގެއްލެންވީތޯ މިއީ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް, ނޯޕޭ ލީވްއެއް ދޭންވީތޯ މަގާމު ސަސްޕެންޑްކުރަންވީތޯ."

ފަސްޓްލޭޑީ ވަޒީފާ ދެކެ އިންތިހާއަށް ލޯބިވޭ, އެލެވެންސް ކުރާނީ ހަދިޔާ

އުމުރު ދުވަހު ކުރަމުން އައި ވަޒީފާ އެއްކޮށް ދޫކޮށްލަން ސާޖިދާއަށް ވަނީ އުނދަގޫ ކަމަކަށްވެފައެވެ.

"އަޅުގަނޑު މަސައްކަތް ދެކެ ވަރަށް ލޯބިވޭ. އެ މަސައްކަތާ ނުލާ އުޅެން ވެސް އުނދަގޫވޭ. ވަރަށް ޒުވާންއިރުން ފެށިގެން އެއް މަސައްކަތެއް ކުރަމުން އައިމަ ވަރަށް ބޮޑު އެޓޭޗްމެންޓެއް އިނދޭ. އެހެންވެ ހަމައެކަނި ޓެކްނިކަލް ލެވެލްގެ މަސައްކަތެއް އެކަންޏޭ އަޅުގަނޑު ކުރަން ބޭނުންވަނީ. ދެން މީގައި އަޅުގަނޑު ވިސްނަން ޖެހެނީ މީތި ބެލެންސްކޮށް އެހެން މީހަކަށް އުނދަގޫނުވާނެ ގޮތަށް މަސައްކަތް ކުރުން،" ސާޖިދާ ވިދާޅުވިއެވެ.

މުސާރައެއް ދެން އެ ބޭފުޅުން މަޖުބޫރުވެގެން ދޭން ޖެހިއްޖެއްޔާ އަޅުގަނޑު ބޭނުންވަނީ އެ އެއްޗެއް ހަމަ ޑޮނޭޓްކުރަން. މިސާލަކަށް މިނިސްޓްރީގެ ކޮންމެސް ތަނަކަށް. ހަމަގައިމު ވެސް އަޅުގަނޑެއް ފަސްޓްލޭޑީގެ އެލެވަންސް ލިބޭހާ ހިނދަކު ދައުލަތުން އިތުރު މުސާރައެއް ނުނަގާނަން.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މަގުސަދަކީ އިތުރު މީހުން ތަމްރީނު ކުރުމާއި އުސޫލުތައް ހެދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދާއިރާއަކީ ފަންނީ މީހުން ވަރަށް މަދު ދާއިރާއެއް ކަމަށާއި އޭނާއާ ގުޅޭ ދާއިރާއަކުން ވެސް މުޅި ރާއްޖެއިން ކިޔަވާފައި ވަނީ ތިން ހަތަރު މީހުން ކަމަށެވެ. އެހެންވެ އެ މީހުންނަށް އެހީތެރިކަން ދެއްވައި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ކަމަށް އެކަމަކާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ފަސްޓްލޭޑީ ކަން ލިބުމުން, ތަނުގެ ނިންމުންތަކުގައި ބައިވެރިވެ އުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން އެކަމަނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އިލެކްޓްވި ދުވަހުން ފެށިގެން އެ ހުރިހާ އެއްޗަކުން އެކަހެރިވިން. އަޅުގަނޑު ނީންނާނެ އެއްޗެއްގައި ސައިން ވެސް ކޮށްފައި. އަޅުގަނޑު އަމިއްލައަށް ގަބޫލުކުރީ އެ ހިސާބުން ފެށިގެން އަޅުގަނޑު ޖެހޭނޭ މެނޭޖިރިއަލް ޑިސިޝަން ލެވެލްތަކުން އެކަހެރިވާން،" ސާޖިދާ ވިދާޅުވިއެވެ.

ހާއްސަ އުސޫލެއް ނޫން: ސީއެސްސީއިން އެދެނީ މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން މަސްލަހަތަށް ބެލުމަށް

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވި ގޮތުގައި ނޯޕޭ ލީވް ދިނުމަށްފަހު ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސުމަކީ ފަސްޓްލޭޑީއަށް ވުމުން ހަމަޖައްސައިދިން ގޮތެއް ނޫން ކަމަށާއި މިގޮތަށް އިންތިޒާމް އެހެން އިދާރާތަކުގެ ބައެއް މުވައްޒަފުންނަށް ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. މިނިސްޓްރީތަކުގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން، މިނިސްޓްރީތަކުގެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތަކަށް ކޮންޓްރެކްޓް އުސޫލުން ހަމަޖައްސައި، ވަޒީފާއިން ވީއްލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑު ދަންނަވާލާ ކަމަށްވާ ނަމަ ފިނޭންސް މިނިސްޓްރީގައި ވެސް 2018 ގައި ފެށިގެން މިހާތަނަށް އެބަހުރި ފަސް މުވައްޒަފަކަށް މި ފުރުސަތު ދެއްވާފައި. އެންވަޔަރަމެންޓް މިނިސްޓްރީގެ ވެސް ދެ މުވައްޒަފަކު އެބަ ތިއްބެވި. މުއްދަތު ތަފާތުވެދާނެ ކަމަކު މި އުސޫލުން ފުރުސަތު ދީގެން މަސައްކަތް ކުރުވާފައި އެބަހުރި. ހައުސިން މިނިސްޓްރީގެ ވެސް ތިން މުވައްޒަފަކު އެބަ އުޅޭ،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރު އެމެރިކާގެ ފަސްޓްލޭޑީ މިހާރު ވެސް ކުޑަކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާ ކަމަށާއި އެ ގައުމުގައި އެއީ ގާނޫނުން މަނާ ކަމެއް ވެސް ނޫން ކަމަށެވެ. ރާއްޖޭގައި ވެސް އެކަން ގާނޫނުން މަނާކޮށްފައިނުވާއިރު ކޮމިޝަނުން އަބަދުވެސް އަމަލު ކުރަން ޖެހޭނީ ގާނޫނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުން ހުރަހެއް ނެތް ކަމަށްވާ ނަމަ އެ މުވައްޒަފަށް އަމަލު ކުރަން ޖެހޭނީ، މިހާރު އެއީ ފަސްޓްލޭޑީއަށް ވިޔަސް އަމަލުކުރަން ޖެހޭނީ އެއް ހަމައަކުން.

"އަޅުގަނޑަށް އެނގޭ މިއަށްފަހު މި ދިމާވާ މައްސަލަތަކަށް ހައްލެއް ގާނޫނު ހަދާ މަޖިލީހުން ކުރިއަށް އޮތް ތަނުގައި ރެސްޓްރިކްޝަންތަކެއް ގެންނަން ބޭނުންވާ ކަމަށްވާ ނަމަ އެކަން ކުރަންވީ، އެކަމަކު މިހާރު ގާނޫނީ ގޮތުން ހުރަހެއް ނެތް،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ މަސްލަހަތު ފުށުއަރާ ކަންކަަމަކީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ބޭފުޅުން އަމިއްލައަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ކަމަށާއި ހުރިހާ ކަމަކީ ގާނޫނެއްގައި ލިޔެވޭނެ ކަންކަމެއް ނޫން ކަމަށެވެ.