ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލަހައްޓަވައިދެއްވާނދޭވެ!
މިއީ ހޮޅިންގެ ހަމަލާއިން ރާއްޖެ ސަލާމަތްވުމަށް ފަހު، އެ ކަން ހިނގައި ދިޔަ ގޮތުގެ ތަފުސީލު ހިމަނައި ސިލޯނު ސަރުކާރަށް ދިވެހި ރަސްކަމުގެ ފަރާތުން ފޮނުއްވި ފަތްކޮޅެއްގައި ހިމަނާފައިވާ ދޮންބަންޑާރައިންގެ ދުއާ އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު ވިދާޅުވިހެން ދޮންބަންޑާރައިން ޖިހާދަށް ނިކުމެވަޑައިގަންނަވަމުން ކުރެއްވި ދުޢާފުޅު ތާރީޚުން ފެންނަން އެބަ އޮތެވެ. ދިވެހި ދައުލަތުން ސިލޯނުގެ ސަރުކާރަށް ފޮނުއްވި މި ފަތްކޮޅު ލިޔުއްވައިފައި އޮތީ ދިވެހި ބަހުން ދިވެހި ތާނަ އަކުރުންނެވެ. އެ ފަތްކޮޅުގައި މި ކަން ހިނގައިދިޔަ ގޮތް ސިލޯނު ސަރުކާރަށް ޚަބަރުކުރެއްވުމަށް ފަހު، އެ ސަރުކާރުގެ ސަރަހައްދުގެ ތެރޭގައި ނުވަތަ އިމުގެ ތެރޭގައި ދިވެހި ދައުލަތާ ޢަދާވާތްތެރި ބަޔަކު ނުވަތަ މީހަކު އުޅޭ ނަމަ ދިވެހި ދައުލަތަށް އަންގަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ. ހަމައެހެންމެ، ހަނގުރާމައަށް ނިކުމެވަޑައިގަންނަވަމުން ދޮންބަންޑާރައިން ބައްލަވައިގަތް ނަދުރުފުޅުގައި ނުވަތަ ކުރެއްވި ދުޢާފުޅުގައި ކީރިތި ﷲއަށް ދަންނަވައިފައިވަނީ ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލަހައްޓަވައިދެއްވާނދޭވެ!.
"އަޅުގަނޑުމެންގެ ދުޢާއަކީ ވެސް އަދި ޤައުމަށް ވަފާތެރި ކޮންމެ ދިވެހި ދަރިއެއްގެ ދުޢާއަކީ ވެސް އިރާދަކުރެއްވިއްޔާ މިއީ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް އޮތުން،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ދޮންބަންޑާރައިން ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ހޮޅިންއާ ކުރި ހަނގުރާމައިން އަހަރެމެން ހާސިލް ކުރަންވީ ގިނަ ފިލާވަޅުތަކެއްގެ ނަސޭހަތް ރޭ ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވިއެވެ; ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް އެބަ ފެނެ އެވެ. ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރެވެ. ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތްތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރެވެ.

"މި ޙާލަތުގައި މި ހާދިސާގެ ދެފަރާތަށް ބަލައިލަން އަޅުގަނޑު ބޭނުންވޭ. އެންމެ ފުރަތަމަ، މައްސަލައިގެ އަނދިރިފަރާތް. ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން. ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވި. ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން. އަދި އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން," ރައީސް ވިދާޅުވި އެވެ.
"މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން. ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްޞަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް."
ދެން ރައީސް ފާހަގަކުރެެއްވީ ހުރަވީ ދުވަހުގެ އަލިފަރާތެވެ; ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަމެވެ. ފާހަގަކުރެވޭ ޙަޤީޤަތަކީ މި ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަމެވެ. އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަމެވެ. މި ޙަޤީޤަތް ޔަޤީންވެ ކަށަވަރުވާ އެއް ކަމަކީ ހަނގުރާމައިން ނަޞްރު ލިބިވަޑައިގަތީމާ ވެސް ތަޚުތު ގަބޫލު ނުކުރެއްވިކަމެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ފަރާތުން ވެދުމަކަށް އެރުވި ފައިސާގައި ވެސް ބީހިވަޑައިނުގަތްކަމެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން، ހޮޅިން ބަލިކުރެއްވުމަށް ފަހު، ދައުލަތް ހިންގަވަން ހަވާލުކުރެއްވީ، ކުރިން ހުންނެވި ރަސްގެފާނުގެ ބޭފުޅުންނާ. ދޮންބަންޑާރައިން ތަޚުތުގައި އިށީނދެވަޑައިގަތީ، ކުރީގެ ރަދުންގެ ދެ ބޭފުޅުން ވެސް ތަޚުތާ ދުރަށް ވަޑައިގެން ދޮންބަންޑާރައިންނަށް ތަޚުތު ހުށަހެޅުއްވުމުން. އެހިނދަށް އެމަނިކުފާނު ފިޔަވައި އެކަށޭނަ އެހެން އެއްވެސް މީހަކު ނެތްކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން އެ ނޫން ގޮތެއް ނެތިގެން," ރައީސް ވިދާޅުވިއެވެ.
މި ގޮތުން ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ އިޚްލާޞްތެރިކަމާއި މާތް އަޚްލާޤަކީ މި ހާދިސާގައި ތާރީޚުގެ އަލިފަރާތުން ފެންނަ ވަރަށް އުޖާލާ މިސާލެއް.
ރައީސް ވިދާޅުވީ ހުރަވީ ދުވަހުގެ ބަޠަލުގެ މާތް އަނެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ޤައުމާ އެއްކޮޅަށް ނިންމަވާކަމާއި އަދި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަމެވެ. މީގެ މިސާލަކީ ހޮޅީންގެ ދުއްތުރާތައް ރާއްޖެއަށް އެކި ގޮތްގޮތަށް އައުން ގިނަވާން ފެށީމާ، އެ ދުވަސްވަރު މި ސަރަހައްދަށް ނުފޫޒުފޯރުވަމުން ގެންދިޔަ ފަރަންސޭސީންނާ ވާހަކަދައްކަވައި، ދޮންބަންޑާރައިންގެ އިސްނެންގެވުމަށް ފަރަންސޭސިންނާއެކު ދިވެހި ދައުލަތުންވި އެއްބަސްވިއެވެ.
މި އެއްބަސްވުން އެކުލަވައިލެއްވުމުގައި ދޮންބަންޑާރައިންގެ ވިސްނުންފުޅަކީ ހޮޅީން ދޭތެރެދޭތެރެއިން މާލެއަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް އަރައި ގެއްލުންތައް ދެމުން އަންނަ އައުމުން ދިވެހި ޤައުމު ސަލާމަތްކުރެއްވުން ކަމަށާއި ނަމަވެސް، ތާރީޚުން އެނގޭ ގޮތުގައި މި އެއްބަސްވުން ބިނާވެފައި އޮތީ ފަރަންސޭސީންނަށް ދިވެހި ދައުލަތުގެ ބާރުތައް ފަހަނައަޅައި ނުދެވޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހީންގެ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ފަރަންސޭސީން ކަމޭހިތަން ޖެހޭ ގޮތަށް. ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހައި ކަމަކާ ގުޅޭ ބާރާއި އިޚްތިޞާޞެއްގެ ޙައްޤު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް. ފަރަންސޭސީންނަށް އެއިން ކަމަކާ ޚިލާފުނުވެވޭގޮތަށް. އަދި ކީއްތޯ؟ އެ ކަންކަމަށް ފަރަންސޭސީން ކުޑަވެސް ޚިލާފެއް ވެއްޖެއްޔާ އެ އެއްބަސްވުން ބާޠިލުވާ ގޮތަށް," ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް މީގެ 270 އަހަރު ކުރިން ދުނިޔޭގެ ބޮޑު ބާރަކާއެކު ދިވެހި ދައުލަތުން ގުޅުމެއް އުފެއްދި އިރު، ދިވެހި ދައުލަތުން ހިފަހައްޓަވައިފައިވާ ހަރުދަނާ ގޮތްތައް މި ޖިހާދުން އެނގޭ ކަމަށާއި މި ދައުލަތުގެ ސަލާމަތަށް ޓަކައި އެހެން ބާރެއްގެ އެހީ ހޯއްދެވި އިރު ވެސް، ދިވެހި ދައުލަތުގެ ސިޔާދަތީ ހުރިހައި ބާރެއް ދިވެހި ދައުލަތުގެ ފަރާތުން އޭރުގެ ރަސްގެފާނު ދޮންބަންޑާރައިން ކަށަވަރުކުރެއްވި ހިތްވަރުފުޅު ގަދަ އާދަޔާ ޚިލާފު ހަގީގަތް ވެސް އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ހުންނަނީ ވަރަށް ބޮޑެތި ފިލާވަޅު."
"ގައިމު ވެސް މީގެ ދުއިސައްތަ އެތައް އަހަރެއް ކުރިން، މީލާދުން 1750ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެ އަދި މާ ފަގީރުވާނެ. މާ ނިކަމެތިވާނެ. އޭރު އަވަށްޓެރި ބައްރެއްގައި އޮތް ދައުލަތަކުން އެ ދިޔައީ ރާއްޖެއަށް މެދުނުކެނޑި ގޯނާ ކުރަމުން. އެހާލަތުގައި އެ ކަމުން ސަލާމަތްވާން ފަރަންސޭސީންގެ އެހީތެރިކަމަށް މި އެދުނީ މި ކުޑަކުޑަ ދިވެހިރާއްޖެއިން. ދިވެހި ދައުލަތުން. އެކަމަކު ވެސް އެ ޙާލަތުގައި ވެސް ދިވެހީން ދިވެހީންގެ ދިވެހިވަންތަކަން ކަށަވަރުކޮށްދީފި. ދައުލަތެއްގެ ގޮތުގައި ދިވެހީންގެ ހުރި ސިޔާސީ ފުދުންތެރިކަން ސާބިތުކޮށްދީފި. ދިވެހި ޤައުމާ އެއްކޮޅަށް ހުރިހައި ނިންމުމެއް، ހުރިހައި އެއްބަސްވުމެއް ކަނޑައެޅުމުގެ ޤާބިލުކަމާއި ސާބިތުކަމާއި ކެރުމާއި އީމާން މި ކަމުން އެބަ ދައްކައިދޭ. އެހެންވީމާ، މިއީ ވެސް ހުރަވީ ދުވަހުގެ ބަޠަލާ ގުޅޭ ޚާއްޞަ ފިލާވަޅެއް. ދިވެހިރާއްޖޭގެ ސަލާމަތް އޮތީ މި ގޮތުގައި." ރައީސް ވިދާޅުވިއެވެ.
ރައީސް ސުވާލު ކުރެއްވިއެވެ: ހުރަވީ ދުވަހުގެ ހާދިސާއިން އަޅުގަނޑުމެންނަށް މި ފެންނަނީ ކޮން ކަހަލަ މާތް ޝަޚްޞިއްޔަތެއްތޯ؟ ކޮން ފަދަ ހަރުދަނާ ދިވެއްސެއްތޯ؟
"އެއީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތި، އަމިއްލައަށް އިސްނަގައިގެން، ދިވެހިރާއްޖޭގެ ބޭރާއި އެތެރޭގެ ދުޝްމަނުންނާ ކުރިމަތިލައި ރާއްޖެއަށް ނަޞްރު ހޯދައިދިން ތެދުވެރި ދިވެހި ދަރިއެއް. އެއީ ރަސްކަމާއި އާރާއި ބާރު ލިބިވަޑައިގަތުމުން ރާއްޖެ ސަލާމަތްކުރެއްވުމުގައި ބޭރުގެ ބާރުތަކާއެކު ސިޔާސީ މުޢާހަދާތައް ކުރެވުނު އިރު ވެސް، ލޮލުގެ ކޮއި ފަދައިން ދިވެހި ފަސްގަނޑުގެ ސަލާމަތާ މެދު ސަމާލުވެވަޑައިގަތް އަމާނާތްތެރި ވެރިއެއް," ރައީސް ވިދާޅުވިއެވެ.
"އެއީ ރާއްޖެ ކުޑަ ކަމުން އާބާދީ މަދުކަމުން ފަގީރުކަމުން ހަމަ އިންޗިއެއް ވެސް ފަހަށް ޖެހިވަޑައިނުގެން ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުގައި ދިވެހީންގެ ވުޖޫދު ކަށަވަރުކޮށްދެއްވި ހިތްވަރު ގަދަ ޢިއްޒަތްތެރި ސިޔާސީ ލީޑަރެއް. ހަމަ އެހެންމެ، އެމަނިކުފާނުގެ ދުޢާފުޅުން އެ ފެންނަނީ މި ކަންކަން މިހާ ފުރިހަމަ ކޮށް އޮތް ސަބަބު. އެއީ ދިވެހިރާއްޖޭގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިފައިވާ މަތިވެރި ޤައުމީ ލޯބި. ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ހަޟްރަތުގައި މުނާޖާ ދެންނެވުމުގައި ހުރި ދިވެހި ޤައުމިއްޔަތުގެ ފުރިހަމަ އަސަރު."
ރައީސް ވިދާޅުވީ ޤައުމެއް ސަލާމަތްކުރުމުގައި ޤައުމީ ލޯބި މުހިންމުވަނީ މިހެންވެގެން ކަމަށާއި ޤައުމަކަށް ދައުލަތެއް ލިބެނީ އެ ޤައުމެއްގެ އަތުގައި ބިމެއް އޮވެގެން ކަމަށެވެ. އެ ބަޔަކުގެ ބާރުގެ ދަށުގައި އެބަޔަކު ދިފާޢުކުރާ ވަޠަނެއް ނުވަތަ ބިމެއް އޮވެގެން ކަމާއި އެހެންވީމާ، އެ ބިން ދިފާޢުކުރުމުގެ ރޫޙާއި ކެރުމާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމުގެ ޤާބިލުކަން އެ ޤައުމެއްގައި އުފައްދައި އަށަގަންނަވަންޖެހޭ ކަމަށެވެ.
ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް،
"ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް." ރައީސް ވިދާޅުވިއެވެ.