އައިޝަތު މާހާ

ވަރަށް ގިނަ ދުވަހު, ވަރަށް މަތީ ފެންވަރުގައި ނޫސްވެރިކަން ކުރެއްވި, ކުރީގެ ނޫސްވެރިޔާ އަދި މި ސަރުކާރުގެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބުގެ ފުރަތަމަ ޕްރެސް މިއަދު ވަނީ ރައީސް އޮފީހުގައި ބާއްވާފައެވެ. މި ޕްރެސް އަށް ޝަހީބު ވަޑައިގެން ހުންނެވީ ވަރަށް ތައްޔާރުވެގެން ކަމަށް ވެދާނެއެވެ. އެކަމަކު, މިއަދު ރައީސް އޮފީހުގައި ބައިވެރިވި ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.

ތިރީގައި މިވަނީ ތަރުޖަމާނުގެ ފުރަތަމަ ޕްރެސްގައި ޖަވާބު ނުދެވުނު ނޫސްވެރިންގެ ސުވާލުތަކެވެ;

1- އާއިދު / އަދަދު

ސުވާލު: ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ހުއްދަ ދިންއިރު ވަޒީފާއާ ބެހޭ ގާނޫނުގައި އޮތީ އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނެ އަދަދަކީ 100,000 މީހުން ކަމަށް. ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 12އާ ހަމައަށް ރާއްޖޭގައި އެބަތިބި 139,000 ބަންގްލަދޭޝް މަސައްކަތް ތެރެއިން އެބަ ތިބި. ކީއްވެތޯ ގާނޫނާ ހިލާފަށް މިފަދަ ނިންމާފައިމިވަނީ؟

ޝަހީބު ޖަވާބު: ތިޔަ ސުވާލުގެ ޖަވާބު އަޅުގަނޑު ސާފުކޮށްލާފައި ދަންނަވާނަން. މިވަގުތު ކުއްލިއަކަށް ތީގެ ޖަވާބެއް އެރުވޭކަށް ނެތް

2- ނާއިލް / ސަން

ސުވާލު: ބިދޭސީން ރާއްޖެ އެތެރެވާއިރު މެޑިކަލް ނުހަދާ ރާއްޖެ އެތެރެވަމުންދަނީ, ވިސާ ހަދާއިރު މެޑިކަލް ހަދާކަށް މިހާރަކު ނުޖެހޭ. ސަރުކާރުގެ ތެރޭގައި އެއްވެސް ވަރަކަށް މަޝްވަރާ އެބަ ކުރެވޭތޯ ބިދޭސީން އެތެރެވާއިރު ސަރުކާރުން އޮޑިޓް ކުރާ ތަންތަނުން މެޑިކަލް ހަދަން ޖެހޭ ގޮތަށް ހެދުމަށް؟

ޝަހީބުގެ ޖަވާބު: ސަރުކާރު ތެރޭގައި ތިކަމާ މެދު އެއްވެސް މަޝްވަރާއެއް ހިނގާތޯ ޖެހޭނީ ބަލާލަން

3- ނާޒިމް / މިހާރު

ސުވާލު: ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރާ ބައެއް ބޭފުޅުން އެޕޮއިންޓްކުރިކަން ރައީސް އޮފީހުން ހާމަނުކޮށް ވެބްސައިޓްގައި ނުހިމަނާ އެބަހުރޭ. ކީއްވެގެންތޯ އެ މައުލޫމާތު ހާމަކުރުން ލަސްވަނީ ކީއްވެތޯ؟ ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމުގައި ކިތައް ބޭފުޅުން ނަގަން ނިންމާފައިވޭތޯ އަދި މުސާރައަކީ ކޮބައިތޯ؟ ރައީސް އޮފީހާއި މުލިއާގެ އާއި ނައިބުރައީސްގެކޮޅުގައި ތިބޭ އާދައިގެ ސިޔާސީ މުވައްޒަފުން ހިމަނައިގެން މިހާތަނަށް ޖުމްލަ ކިހާ ސިޔާސީ މުވައްޒަފުންނެއް ނަގާފައިވޭތޯ؟

ޝަހީބުގެ ޖަވާބު: ކުއްލިއަކަށް ތި އަދަދު ދަންނަވާލަން ދަތި. ބައެއް ބޭފުޅުން އެޕޮއިންޓް ކުރުމާ އެކު އެ ބޭފުޅުންގެ މައުލޫމާތު އަޕްޑޭޓް ކުރަމުންދޭ. އެގޮތަށް މައުލޫމާތު ލިބިފައިވަނީ އެކަމަކު ލަސްވާ ކަމަށް ތިބުނާ ކަން އަޅުގަނޑު ބަލާލަން ޖެހޭނީ. ޕޮލިޓިކަލް ޑިރެކްޓަރުންގެ މުސާރަ ވެސް ބަލާލަން އަޅުގަނޑު ޖެހޭނީ.

4- ނަޒާހަތު / ރާއްޖެޓީވީ

ސުވާލު: އިންޑިއާ ސިފައިންގެ ތެރޭގައި ސެނެހިޔާގައި ތިބި ޑޮކްޓަރުން ވެސް އެބަ ހިމެނޭ. ފޮނުވާލަން ނިންމާފައިވަނީ އެމީހުން ވެސް ހިމެނޭ ގޮތަށްތޯ؟

ޝަހީބުގެ ޖަވާބު: އެކަން އަޅުގަނޑު ކަށަވަރުކޮށްލާނަން. ދާ މީހުންގެ ތެރޭގައި އެމީހުން ހިމެނޭތޯ

5- ނާޒިމް / މިހާރު

ސުވާލު: އިންޑިއާއާއެކު ވެފައިވާ ހައިޑޯގްރަފިކް އެއްބަސްވުމުގެ މުއްދަތުގެ ހަ މަސް އެބަ އޮތް. ބާކީ އެއްބަސްވުމުގައި މި އޮތް މުއްދަތަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދުވަސްތަކެއް. ރައީސް ވިދާޅުވޭ އެބަ އެ މަސައްކަތްތަކީ ދިވެހިން ކުރަން ޖެހޭ ކަމެއް ބޭރުގެ ބަޔަކު އެކަން ކޮށްގެން ނުވާނެ ކަމަށް. އެކަމަކު މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ އެހެންވީމަ އެ މަސައްކަތްތައް މޮނިޓާކުރަނީ ކިހިނެއްތޯ އަދި ކިހާ މަސައްކަތެއް ބާކީ އެބަ ހުރިތޯ؟ އެއްބަސްވުމުން ރާއްޖެ ސަލާމަތްވުމަށް ހުރަސް އެޅޭ ފަދަ އެއްވެސް މާއްދާއެއް ހިމެނޭތޯ؟ ފަންނީ މައުލޫމާތުތައް އުނިކޮށް އެއްބަސްވުން ހާމަކުރަން ނިންމާފައިވޭތޯ؟

ޝަހީބުގެ ޖަވާބު: މި މަސައްކަތަކީ އަބަދު ކޮންޓިނިއުއަސްކޮށް ދާ ކަމެއްތޯ އަޅުގަނޑު ޔަގީންކޮށްލަން ޖެހޭނީ. އަޅުގަނޑަށް ހީވަނީ ދޭތެރެ ދޭތެރެއިން ކަންނޭނގެ މި މަސައްކަތް ކުރަމުންދަނީ. އަޅުގަނޑު ތިކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްލާފައި ދަންނަވާނަން. އެއްބަސްވުންތައް ހާމަކުރުމުގެ ކަންކަން އޮތް ގޮތެއް އަޅުގަނޑު ސާފުކޮށްލާނަން, ސުވާލު ނޯޓްކޮށްލާނަން.

6- މުޒައްޔިން / ދައުރު

ސުވާލު: ކުރީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ އީޔޫއިން ޑިއުޓީ ކަނޑާލާނެ ކަމަށް ބަލާފައި. ނަމަވެސް އަދިވެސް މިހާތަނަށް އީޔޫއިން ޑިއުޓީ ކަނޑާލާފައެއް ނުވޭ. މިހާތަނަށް އައިއިރު އެއްވެސް ސިގްނަލެއް ލިބިފައިވޭތޯ ޑިއުޓީ ކަނޑާލުމާ ގުޅޭ ގޮތުން؟

ޝަހީބުގެ ޖަވާބު: އަޅުގަނޑު ތީގެ ޖަވާބު ތަފްސީލްކޮށް ހޯދާލާފައި ދަންނަވާނަން

7- އުމައިރު / ސަންގު

ސުވާލު: ހައިޑްރޯގްރަފިކް އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ޒަމަންވީ މައުލޫމާތުތަކެއް ބޭރު ގައުމަކަށް ހާމަވެގެން ގޮސްފި ކަމަށް ސަރުކާރުން ވަނީ ބުނެފައި. މިގޮތަށް ރާއްޖޭގެ ސިއްރުތަކެއް ހާމަވެގެންދާ ގޮތަށް ފިޔަވަޅެއް އެޅުމަކީ ގައުމަށް ހިޔާނަތްތެރިވުން ކަމަށް ގައްދާރުވުން ކަމަށް ތިޔަ ބުނަނީ. އެހެންކަމުން މިކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނެތޯ؟

ޝަހީބުގެ ޖަވާބު: އާދެ ތިޔަ ސުވާލަށް އަޅުގަނޑު މިވަގުތު ދޭނެ ޖަވާބެއް ނެތް!