"ދުނިޔޭގެ އެންމެ ރީތި ވެރިކަން ކުރާ ރަށަށް މި ތަން ވުމުގެ ފުރުސަތު އެބަ އޮތް," އާބަން އަދި ރީޖަނަލް ޕްލޭނިންގެ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒުލްފާ ވިދާޅުވީ ރަސްމާލެ މަޝްރޫއު ފެށިގެން ދިޔުމަކީ އާބަން ޕްލޭނާއެއްގެ ހައިސިއްޔަތުން ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި 20 އަހަރުގެ ޕްލޭނެއްގެ ދަށުން ބޯހިޔާވަހިކަމަށް ގެނެސްދޭނެ ހައްލެއް ކަމަށެވެ. އަދި މޮޑަނައިޒް މޯލްޑިވްސްގައި ރަސްމާލެ ވެގެންދާނީ ދުނިޔޭގެ އެންމެ ރީތި ކެޕިޓަލް އައިލެންޑަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަސްމާލެ"އަކީ އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ބިޔަ މަޝްރޫއުއެވެ. އެމަނިކުފާނުގެ އެންމެ އުއްމީދީ, ބޯހިޔާވަހިކަމަށް "ޓޯޓަލް ސޮލިއުޝަން" ގެނެސްދޭ މަޝްރޫއުއެވެ. މާލެއާ މާ ދުރު ނޫން ގޮތަކަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ރައީސް ނިންމެވީ ޒަމާނީ ރާއްޖެއަކަށް "ރަސްމާލެ" ތަރައްގީ ކުރާށެވެ.

ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން;

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއަކީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ބިޔަ ބިމުގައި ހަދާ ސިޓީއެވެ. އެ ފަޅުން 1153 ހެކްޓަރުގެ ބިން އުފައްދާނެއެވެ. މިއީ ރެކޯޑެކެވެ.

"މި ތަނުގައި މި ފެށޭ މަޝްރޫޢަކީ، މިއަދާ ހަމަޔަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ، މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި. 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ," ރައީސް ވިދާޅުވިއެވެ.

"ރަސް"; މާނައަކީ ބޮޑެވެ. ރަސްމާލެ, ބޮޑު މާލެއެއް ކަމަށް ރައީސް އިއުލާން ކުރެއްވީ އެހެންވެއެވެ.

"މިއީ މިހާތަނަށް ހިއްކޭ އެންމެބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ "ރަސްމާލެ". ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު މި ފަށަނީ," ރައީސް ވިދާޅުވިއެވެ.

ރައީސްގެ ތަސައްވުރަކީ "މޯލްޑިވްސް އިކޯ ސިޓީ"

"ފެހި، އެންވަޔަރަންމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މިތަން ވާނީ އިންޓަރނޭޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި," ރައީސް ވިދާޅުވިއެވެ.

  • ޒީރޯ ކާބަން ސިޓީއެއް
  • ބްރޭންޑް ކުރާނީ އިކޯ ސިޓީއެއްގެ ގޮތަށް
  • ބޭނުން ކުރާނީ ރީނިއުބަލް އެނާޖީ
  • ވެހިކަލްތަކަކީ އިލެކްޓްރިކް ނުވަތަ ބެޓަރީ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަވާނެ ގޮތްތައް
  • ސްޕީޑް ބާރު ފެރީގެ ނިޒާމެއް
  • ކައިރީގައި އެއާޕޯޓެއް

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ ސިޓީއަކީ، ޒީރޯ ކާރބަން ސިޓީއަކަށް ހަދާނެ ކަމަށާއި މާނައަކީ އެތާ ދުއްވާ އުޅަނދުފަހަރު ވެސް ދުއްވާނީ ތިމާވެށްޓާ ރައްޓެހި ފިއުލް ބޭނުންކޮށްގެންނެވެ.

"އިލެކްޓްރިކް ނިޒާމު، ނޫނީވިއްޔާ ބެޓެރީ ނިޒާމެއް. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީޒެއް، ގެދޮރާ، ހުރިހާ ކަމެއްގައި ރިނިއުބަލް އެނަރޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، މުޅި ސިޓީ އަޅުގަނޑުމެން ހިންގާނީ."

"ކްލައިމެޓް އެޑެޕްޓޭޝަންގައި، އަޅުގަނޑުމެން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ޤާއިމުކުރާނީ. މިތަން ޕްލޭން ކުރެވިގެންދާނީ އެގޮތަށް. ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ލިބިގެންދާ ތަނަކަށް މިތަން ވާނީ," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ބިން ހިއްކާނީ ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކުގެ ދަށުން ސޭފް އައިލެންޑެއްގެ ގޮތުގައެވެ.

"މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ," ރައީސް ވިދާޅުވިއެވެ.

އަދި އިންކްލޫސިވް ސިޓީއެއްގެ ގޮތަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް." ރައީސް ވިދާޅުވިއެވެ.

ކައިރީގައި އެއާޕޯޓެއް

މާލެއާ ކައިރީގައި ފުށިދިއްގަރުފަޅު އޮތް ނަމަވެސް, އެ ސިޓީއަށް ހާއްސަ އެއާޕޯޓެއް އަޅަން ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން އެ ފަޅާ އެންމެ ކައިރިއަށް އޮތް ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅަން ވަނީ ނިންމައިފައެވެ. އަދި, އެތަނާ ރަސްމާލެއާ ބްރިޖަކުން ގުޅާލަން ވަނީ ނިންމައިފައެވެ.

"މިތާ ކައިރިން އެންމެ ކައިރީގައި އޮތް ފަޅުގައި، އަޅުގަނޑުމެން ގަސްތުކުރަން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް އުނދަގޫނުވާނެ ގޮތަކަށް، އިތުރު އެއަރ ސްޓްރިޕެއްވެސް ޤާއިމުކުރާނަން. އެތަނުން ރަސްމާލެއަށް ވަރަށް ކައިރި ކަނޑުއޮޅިއެއް އޮންނަނީ. ކުޑަކުޑަ ކަނޑުއޮޅިއެއް. ގުޅުވާލާނަން. ގުޅުވާލީމާ އެގޮތުންވެސް އެ ގުޅިގެންދިޔައީ," ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅާ, މާލެއާ ކައިރީގައި އޮތް ނަމަވެސް, އެއީ ލޯންޗުގައި 17 މިނެޓްގެ ރާސްތާގެ ދަތުރެކެވެ. ދެމެދުގައި ފުން, ބޮޑު ކަނޑެކެވެ. ބްރިޖު އަޅައިގެން އެތަން ގުޅުވަން އުޅުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. މިވަގުތަށް ސަރުކާރުން ވިސްނުން ވެސް ގެންގުޅޭ ކަމެއް ނޫނެވެ. އެކަމަކު ސަރުކާރުން ވިސްނަނީ ބާރްސްޕީޑްގެ ފެރީ ނިޒާމަކުން މާލެ އާއި ރަސްމާލެ ގުޅާލާށެވެ.

ފޮޓޯ: ނިއުސްލެބް

"މާލެއާއި މިތަނާ ދޭތެރޭގައި، މި ރަސްމާލެއާ ދޭތެރޭގައި މިހާރު ބޭނުންކުރާ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރޯޅި، ނޫނީވިއްޔާ އޮއިގައި، ނޫނީވިއްޔާ ރާޅުގައި އެހާބޮޑަށް އުނދަގޫނުވާ ކަހަލަ، ދުއްވޭކަހަލަ ލޯންޗްފަހަރު، ފެރީ ނިޒާމު އެބަހުރި ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމާފައިވޭ," ރައީސް ވިދާޅުވިއެވެ.

20 އަހަރުގެ ޕްލޭނެއްގެ ދަށުން ރަސްމާލެ ތަރައްގީ ކުރަނީ މާލެ އަންނަން ނުޖެހޭ މިންވަރަށެވެ. ހުރިހާ ހިދުމަތެއް އެތަނުން, މާލެ ނައިސް ލިބޭ ގޮތަށެވެ.

"މިތަން ޑިވެލޮޕްވެގެން ދާނީ، ގެދޮރުގެ މަންޒިލަކަށް. ވަޒީފާގެ މަންޒިލަކަށް ވެގެން، އާމްދަނީގެ ފުރުޞަތުތައް ލިބޭ އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުޞަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މިތަނަކީ އިންކްލޫސިވް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ޕްލޭން ކުރެވިގެން ދާނީ," ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ދާއިމީ ހައްލު

ރައީސް ވިދާޅުވި ގޮތުގައި ގުޅީފަޅާއި ގިރާވަރު އަދި ހުޅުމާލެ3 ހިމެނޭ ގޮތަށް ރަސްމާލެ ތަަރައްގީ ވެގެން ދިޔުމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. 65,000 ގެދޮރު ވުޖޫދު ކުރެވޭނެއެވެ.

"65000 ހައުސިންގ ޔުނިޓް، އެއީ، ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް، މި ޑިވެލޮޕްމަންޓްގެ ތެރޭގައި ޤާއިމުކުރުމަށް ޕްލޭން ކުރެވިފައި މިވަނީ. މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ،" ރައީސް ވިދާޅުވިއެވެ.

"މިތަން ވެގެންދާނީ، ދެންމެ އަޅުގަނޑު މި ދެންނެވި ގިރާވަރުފަޅާއި، ގުޅިފަޅާއި، ހުޅުމާލެ، މި ތަންތަނާ އެކީގައި، މި ފުށިދިއްގަރު ފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން، މާލޭގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މިތަނުން. އަދި މާލޭގައި ދިރިއުޅޭ އެހެން ހުރިހާ ރައްޔިތުންނަށްވެސް ހަމަ އެ ހައްލު މިތަނުންނާއި، ދެންމެ މި ދެންނެވި ބިންތަކުންނާ އެކުއެކީގައި ހައްލުކޮށްދޭނަން. ހައްލުވެގެންދާނެ އިރާދަކުރެއްވިއްޔާ."

ރައީސް އިތުރަށް ވިދާޅުވިއެވެ;

"ގުޅިފަޅުގައި އިތުރަށް އަޅުގަނޑުމެން 85 ހެކްޓަރު ހިއްކާނަމޭ. ގިރާވަރުފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނަމޭ. އަދި އެ ސަރަޙައްދުތައް ގުޅުވާލާނަމޭ އިރާދަކުރެއްވިއްޔާ. ގުޅުވާލައި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރުފަޅު، މި ތަންތަން ވެގެންދާނީ، މިދެންނެވި ގޮތަށް ގެދޮރުގެ މައްސަލަ ހައްލުވާ ތަންތަނަށޭ,"

"އަދި ހަމަ އެއާއެކީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ތަރައްޤީކުރެވޭ ތަންތަނާ އެކީގައި ކޮންމެ ރައްޔިތަކަށް ތަފާތުކުރުމެއްނެތި، އެ ރައްޔިތަކު ބޭނުންވާ ދިމާއަކުން، ބޭނުންގޮތަކަށް، ގެދޮރުގެ މައްސަލަ އަޅުގަނޑުމެން ވަޢުދުވި ގޮތަށް ފުއްދައިދޭނަން."