ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ސުވާލެއް ކުރެއްވިއެވެ. "ރައިސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފުވީތޯއެވެ"

އެމްޑީޕީގެ ބޮޑު ކޮންޓްރޯލެއް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކު މި ސުވާލު އުފެއްދުމަކީ ބޮޑު ކަމެކެވެ. ނަމަވެސް, އެ ސުވާލާ އެކު, އެ ސުވާލު އުފެދުނު ސަބަބެއް ޔާސިރު ވިދާޅެއް ނުވެއެވެ. އޭނާ އެ ސުވާލު ނިސްބަތްކުރީ ކޮން ކަމަކާ ވެސް ވިދާޅެއް ނުވެއެވެ. ދޫކޮށްލެއްވީ ހަމައެކަނި ސުވާލެކެވެ.

އެކަމަކު, މިއީ ސިޔާސީ މައިދާނަށް އަންނަ ވަރަށް ބޮޑު ރޯޅިއެއްގެ ފެށުމަށް ވެދާނެއެވެ.

ޔާސިރުގެ މި ސުވާލު ގުޅިފައިވަނީ "ގައުމީ" އިން ބެލި ބެލުމުން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ނުވަތަ ރަސްމާލެ މަޝްރޫއުއާ އެވެ. އެކަމަށް ބާރު ލިބޭ ގޮތަށް ބައެއް ބޭފުޅުން ގެންދަވަނީ ވާހަކަ ވެސް ދައްކަވަމުންނެވެ.

މި ސުވާލު އުފެއްދުމަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުގެ އެކްސް ޕޯސްޓެކެވެ. އޭނާ ފާގަހަ ކުރެއްވީ ފުށިދިއްގަރު މަޝްރޫއުއާ ގުޅޭ މުހިންމު ދެ ކަމެކެވެ.

ވަހީދު ލިޔުއްވިއެވެ؛

ފުށިދިއްގަރު ފަޅު ހިއްކަން ފެށިއިރު ފާހަގަކޮށްލަންޖެހޭ 2 ކަމެއް؛

  1. 2024 އަށް ފާސްކުރި ބަޖެޓުގައި ނެތް މަޝްރޫއެއްކަން.
  2. މިތަން ހިއްކައި ތަރައްޤީކުރާނެ ގޮތް ކަނޑައެޅުމުގައި މިތާ ދިރިއުޅޭން ތިބި އާއްމުންގެ އެއްވެސް ބަހެއް ހޯދާފައި ނެތްކަން.

ވަހީދުގެ މި ޕޯސްޓް, ރީ ޕޯސްޓްކޮށް އަސްލު މައްސަލަ ދެއްކެވީ ހަމަ ޑިމޮކްރެޓްސްގައި މަސައްކަތް ކުރާ އިސްމާއިލް ޒަރިޔަންދެވެ. އޭނާ ލިޔުއްވިއެވެ;

"ފުށިދިއްގަރު ފަޅު" ހިއްކުމަކީ ގާނޫނު 3/2006 ގެ 32(ރ)ގައި ބަޔާންކުރާ ގޮތަށް ބަޖެޓްގައި ކަނޑައެޅުނު ޕްރޮގްރާމެއް ނޫން، އަދި ގާނޫނުއަސާސީގެ މާއްދާ 96ން އެނގެނީ ބަޖެޓުން ޚަރަދުކުރެވޭނީ ފާސްކުރި ކަންކަމަށްކަން,

"ގާނޫނުތަކަށް ގޮންޖެހުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ދީގެން ނުވާނެ."

ޒަރިޔަންދު ފާހަގަކުރާ ގޮތުން, ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައެވެ. ގާނޫނުއަސާސީގެ ހިލާފުވި ކަމަށް ޒަރިޔަންދު ފާހަގަކުރާ 96 ވަނަ މާއްދާގައި ބުނަނީ ތިރީގައިވާ ފަދައިންނެވެ؛

ގާނޫނުއަސާސީ, 96 ވަނަ މާއްދާގެ (ނ)

ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެނެއް ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއްކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ހަރަދެއް ކުރާންވާނީ އެކަމަކަށް އެކަންޏެވެ.

ޒަރިޔަންދުގެ މި އެކްސް ޕޯސްޓަށް ފަހު, މެދު ހެންވޭރުގެ ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްކެވީ ދެން ކުރަން އޮތް ކަމެވެ. ރައީސް, މަގާމުން ވަކި ކުރުމެވެ. އޭނާ ސަމާލުކަމަށް ގެނައީ ގާނޫނުއަސާސީއާ ހިލާފުވުމަކީ ރައީސް, މަގާމުން ވަކި ކުރެވިދާނެ ކަމެއް ކަމެވެ. އޭނާ ޕޯސްޓް ކުރެއްވީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އެވެ.

އެ މާއްދާގައި އޮތީ؛

އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެއެވެ.

  1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުން.
  2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުން.
  3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން.

މިހާ ހިސާބުން މެންބަރު ޔާސިރު ދޫކޮށްލެއްވި ސުވާލާ, މިވާން އުޅޭ ގޮތް ވަށާޖެހެއެވެ. މި ސުވާލު ޔާސިރުއާ އެކު އުފެއްދެވި މެންބަރު އާޒިމް އަކީ ރައްޔިތުންގެ މަޖިލީހަށް ރައީސް މަގާމުން ވަކި ކުރުމުގެ މަރުހަލާ އަވަސް ކުރުމަށް އިސްލާހު ހުށަހެޅުއްވި މެންބަރެވެ. އެމްޑީޕީ މެންބަރުންގެ ރުހުމާއެކު އޭނާގެ އިސްލާހުތައް, މަޖިލީހުގެ ގަވައިދަށް ގެންނަން ތަޅުމުން ވަނީ ފާސް ވެސް ކޮށްފަ އެވެ.

އާޒިމް ހުށަހެޅީ؛

  • ރައީސް އާއި ނައިބު ވަކި ކުރާ ގަރާރުގެ ނޯޓިސް ދެ ދުވަސް ތެރޭ ފޮނުވުން. 
  • އިތުބާރު ނެތް މައްސަލަ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރުން
  • ރައީސް އާއި ނައިބު ވަކި ކުރުމުގެ ބަހުސް ތިން ގަޑިއިރަށް ގެންދިޔުން
  • މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ އަދަދު 11 އިން ހަތަކަށް މަދުކުރުން
  • އެ ކޮމިޓީގައި ހުރިހާ ޕާޓީއެއް ތަމްސީލް ވާން ނުޖެހޭ ގޮތް ހެދުން

ދަ ޑިމޮކްރެޓްސް މިގޮތަށް ހުށަހަޅާ އިސްލާހުތަކަކީ އެމްޑީޕީ އިން ދުވަހަކު ވެސް ބަލައިގަތް އިސްލާހުތަކެއް ނޫނެވެ. އެމްޑީޕީ އިން ވަކިވި މެންބަރުން ހުށަހަޅާ މައްސަލަތައް އެއްވެސް އުޒުރެއް ނެތި ބޭރުކޮށްލާތީ އެ ޕާޓީ އިން އެފަދަ އިސްލާހުތައް ހުށަވެސް ނާޅައެވެ.

އެމްޑީޕީއަށް މަގާމުން ވަކިކުރެވޭނެ

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައިސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހެޅުއްވި މެންބަރެވެ.

ޝިފާއު ހުށަހެޅީ؛

  • މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ގޮނޑި އަށް މެންބަރަކު އިންތިހާބު ކުރުވެންދެން މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ އެ ދާއިރާތައް ނުހިމަނާއެވެ. 
  • މަޖިލީހުގެ ދައުރެއްގައި މެންބަރުންގެ ޖުމްލަ އަދަދަށް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަން ޖެހޭނެއެވެ.

ގަވައިދު އޮންނަ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

އެހެން ނަމަވެސް ޝިފާއު ވިދާޅުވާ ގޮތުން މިހާރު ސަރުކާރުގެ ކެބިނެޓާއި ކުންފުންޏަކާ ހަވާލުވާ ހަތް މެންބަރުން ވަނީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދީފައެވެ. އެހެންވެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ގޮތުގައި އެ މެންބަރުން ހިމަނައިގެން ނުވާނެއެވެ. އެހެންވެ އެ މެންބަރުން ނުލައި ގުނާ ގޮތަށް ގަވައިދު ބަދަލު ކުރުމާއެކު ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. އޭނާގެ އިސްލާހުތައް ތަޅުމުން މިހާރު ވަނީ ފާސްކޮށްފައެވެ.

އޭގެ މާނައަކީ އެމްޑީޕީގައި މިވަގުތު ތިބި 56 މެންބަރުންނަށް ވެސް ރައީސް އާއި ނައިބު ރައީސް ވަކި ކުރެވިދާނެއެވެ.

ފުށިދިއްގަރުފަޅު ހިއްކުން: މައުލޫމާތެއް ސަރުކާރުން ނުދޭ

މި މަޝްރޫއުއަށް ރައީސް ދެއްވާ އިސްކަމަކީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ވަނީ ހިމަނާފައެވެ. އަދި މިދިޔަ ސަރުކާރުން ތައްޔާރުކުރި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް އާ ސަރުކާރުން އިތުރުކުރީ ވެސް ފުށިދިއްގަރު ފަޅު ހިއްކަން ބޭނުންވާ 400 މިލިއަން ރުފިޔާއެވެ.

އެކަމަކު, ރައީސް މުއިއްޒުގެ ތަސްވަރާ އެއްގޮތަށް އެކަން ކުރަން އެމްޑީޕީން ހުރަސް ކުރިމަތިކުރުވިއެވެ. އިދިކޮޅުގައި އޮތް, ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް ގެންގުޅޭ އެމްޑީޕީންނެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާކުރުމަށްފަހު, ބަޖެޓް ކޮމިޓީން ވަނީ ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 ރުފިޔާ އުނިކޮށްފައެވެ. އެ ފައިސާ ބަދަލުކުރީ ކުރީގެ ސަރުކާރުން ފަށާފައިވާ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ތަރައްގީ ކުރުމުގެ މަޝްރޫއަށެވެ.

އެމްޑީޕީން ދެކޭ ގޮތުގައި, މި ވަގުތަށް މުހިންމީ ފުށިދިއްގަރެއް ނޫނެވެ.

އެހެންކަމުން, ބަޖެޓުން މަޝްރޫއު އުނިކޮށްފައިވަނިކޮށް އިއްޔެ މަޝްރޫއު ފެށި ގޮތަކާ މެދު ގިނަ ސުވާލުތަކެއް އެބަ ހުއްޓެވެ. ރައީސް, އެ މަޝްރޫއުއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް, މަޝްރޫއުގެ އަމަލީ މަސައްކަތަށް ފައިސާ ހޯދާ ގޮތެއް, ހަރަދު ކުރާނެ ގޮތެއް ވިދާޅެއް ނުވެއެވެ. ބިން ހިއްކުމުގެ މަސައްކަތް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކުރި އަގެއް, ހަވާލުކުރި ގޮތެއް ވެސް ސަރުކާރުން މިހާތަނަށް ނުބުނެއެވެ.

އެހެންވެ މިހާރު އެ މަޝްރޫއު ކުރިއަށް އެ ގެންދަނީ ކޮން ގޮތަކުން ކަމެއް ވަނީ ސާފު ނުވެފައެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއު އާއި ރައިސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފުވުމާ ގުޅިފައިމިވަނީ ވެސް އެ މައުލޫމާތު އެނގެން ނެތުމުންނެވެ. ނަމަވެސް, ރައީސް އަޒުލް ކުރެވޭނެ ހުރިހާ މަގެއް ކޮށައިގެން, ފަހިކޮށްގެން ތިބި އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށް މިއީ ފަހި ފުރުސަތެކެވެ. ސަރުކާރުން މައުލޫމާތު ހާމަ ނުކުރާހާ ހިނދަކު, މި ބޮޑު ތުހުމަތު އޮންނާނެއެވެ.

ތުހުމަތު ސާބިތުވެއްޖެނަމަ ކަމަށް މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ވެސް އެމްޑީޕީން މިހާރު ފަސް ނުޖެހޭނެއެވެ.