އައިޝަތު މާހާ

މީގެ ހަފުތާއެއްވަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުالله ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ ބަހުސްގައި މަޖިލީހުގެ މެންބަރުން ވަރަށް ފޯރީގައި ދެއްކެވި ވާހަކައެއް އޮތެވެ. މަސްލަހަތު ފުށުއެރުމާއި އެފަދަ ކަންކަމުން ދުރުވާންޖެހޭ ކަމެވެ. އެއީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު, ކޮންޓްރެކްޓް އުސޫލުން މަހަކު 3,000ރ- ލިބޭ ގޮތަށް ހެލްތު މިނިސްޓްރީއަށް މަސައްކަތަށް ނުކުންނަވާތީއެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސްގެ މުސާރައިގެ 33 ޕަސެންޓް ފަސްޓްލޭޑީއަށް ލިބުމަކީ ވަރަށް ރަނގަޅު އަދަދެއް ކަމަށާއި އެއީ ގާތްގަނޑަކަށް 30,000ރ- އެވެ. އެ ފައިސާއިން ފަސްޓްލޭޑީއަށް އަމިއްލަ އޮފީހެއް ހިންގަވައި, ވަރަށް ގިނަ ކަންކަން ކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި, މަސްލަހަތު ފުށުއެރުމުގެ ވާހަކަ ހަރު އަޑުން ދެއްކެވިއެވެ.

ރަނގަޅެވެ; ފަސްޓްލޭޑީގެ އެ ވަޒީފާއާ ގުޅިގެން ސުވާލު އެބަ އޮތެވެ. ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. އެކަމަކު, މިހާރު ވެސް މިއޮތީ މަސްލަހަތުގެ ސުވާލެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ, އެމީހުން އަމިއްލައަށް ކަނޑައެޅުމަށްވުރެ ބޮޑު މަސްލަހަތެއް އެބަ ހެއްޔެވެ?

ރާއްޖޭގައި ވެސް އެބަޔަކު އަމިއްލައަށް މުސާރަ ކަނޑައަޅަން އޮންނަ ބަޔަކީ ހަމައެކަނި މަޖިލިސް މެންބަރުންނެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސް އަދި ނައިބު ރައީސްގެ މުސާރަ ވެސް ކަނޑައަޅަނީ އެ ބޭފުޅުން އަމިއްލައަކަށް ނޫނެވެ. މަޖިލީހުންނެވެ. ދައުލަތުގެ މަގާމުތަކުގެ ވެރިންގެ މުސާރަ ވެސް ކަނޑައަޅަނީ މަޖިލީހުންނެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ ކަނޑައަޅަނީ ރައީސް އެވެ. އަމިއްލަ, އަމިއްލައަށް ތިބެގެން ކަނޑައަޅާ މުސާރައެއް މަޖިލިސް މެންބަރުން ނޫން ނެތެވެ.

އެއީ ވަރަށް ސާފުކޮށް, މަސްލަހަތު ފުށުއެރުމާ ދުރުވާން އެކަން ކަނޑައަޅާފައިވާ ގޮތެވެ.

މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ,

ކުރީގެ މަޖިލިސް މެންބަރު އަދި ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު މިކުރަނީ ހަމަ އެއްގޮތަކަށްކަމެވެ. ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީކަމެވެ. މި ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން ހޮވަން ޖެހޭ ކަމެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭ. މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ!," ފާރިސް ވިދާޅުވިއެވެ.

މުސާރަ އެއްލައްކައަށް, މަހަކު 9.3 މިލިއަން ރުފިޔާ

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ މެންބަރުންނަށް 80،000ރ- ގެ މުސާރައެއް ހަމަޖައްސާށެވެ. މިއާއެކު މިހާރު ވެސް ލިބޭ ގޮތަށް ކޮމިޓީ އެލެވެންސް ލިބޭނެ ކަމަށް ކަނޑައެޅިއެވެ. ކޮމިޓީ އެލެވެންސްއަކީ މަހަކު 20,000ރ- އެވެ. އެހެންވެ ޖުމްލަ 100,000ރ- މަހެއްގެ މައްޗަށް މެންބަރަކަށް ޖެހޭނެއެވެ.

މީގެކުރިން މެންބަރެއްގެ މުސާރައަކީ ކޮމިޓީ އެލެވެންސްއާއެކު 80,000ރ- އެވެ.

މި މަޖިލީހުގެ ދައުރުގައި ތިއްބަވަނީ 87 މެންބަރުންނެވެ. ނަމަވެސް އަންނަ އޭޕްރީލް މަހު ފަށާ 20 ވަނަ މަޖިލިސް ދައުރުގައި މެންބަރުންގެ އަދަދު 93 އަކަށް ބަދާލުވާނެއެވެ. އެހެންކަމުން މެންބަރުންގެ މުސާރައަށް މަހަކު ޖުމްލަ 9.3 މިލިއަން ރުފިޔާ އަރާނެއެވެ. އެއީ އަހަރަކަށް 111,600,000ރ- އެވެ.

މަސައްކަތްތެރިންނަށްވީ ހިޔާނާތެއް

މި ބަދަލާއެކު އާންމުންގެ ގިނަ ފާޑުކިޔުންތަކެއް މެންބަރުންނަށް ދަނީ އަމާޒުވަމުންނެވެ. މެންބަރުންގެ މުސާރަ ކުޑަ ކުރަން ޖެހޭ ކަމާއި އަދަދު ވެސް މަދު ކުރަން ޖެހޭ ކަމަށް ދަނީ ބުނަމުންނެވެ. ހަމައެއާއެކު މެންބަރުންނަށް މިހާ ބޮޑު މުސާރައެއް ކަނޑައަޅާއިރު ތައުލީމީ ޝަރުތުތަކެއް ކަނޑައެޅުމަކީ ވެސް މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

"އެމްޕީންގެ މުސާރަ މިހާރު ވެސް އިންތިހާއަށް ބޮޑި. އެ މުސާރަކުޑަކުރަން ޖެހޭ ކަމަށް ދެކެން. އަަނެއްކާ މުސާރަ ބޮޑުކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ކުރަންވީ ކަމަކީ މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމާ ތަޖުރިބާ ހިމެނުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން," ޝަރުއީ ދާއިރާގެ މުވައްޒަފެއް ކަމަށްވާ އަމީން ފައިސަލް, އެކްސްގައި ލިޔެފައި އޮތެވެ.

"ނިކަމެތި މަސައްކަތްތެރީންނަށް ހައްގުވާ ލާއިގު މުސާރަތައް ލިބިދޭ މުސާރައިގެ އޮނިގަނޑުތައް ތަންފީޒުކުރަން ނުފަށައި ރައީސް، ނައިބު ރައީސް، މިނިސްޓަރުން އަދި މަޖިލިސް މެންބަރުންގެ މުސާރަތައް ބޮޑުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް," ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ހައިޝަމް އަބޫބަކުރު ބުންޏެވެ.

ސަރުކާރު މަސައްކަތްތެރީންގެ މޫނުމަތީ ޖެހި ހޫނު ތަފާލެއް! ލަދުވެތި ނިންމުމެއް!

"ދެން ހަމަ މިމީހުން އަމިއްލަޔަށް މުސާރަ ބޮޑު ކުރީމަ އެނިމުނީ، އެކަމާ ދެކޮޅަށް އާންމު މީހަކަށް ކުރެވޭނެ ކަމެއް ބުނެވޭނެ ބަހެއް ހަމަ ނެތީ؟ ސިޔާސީ މަގާމު ތަކުގައި ތިބި މީހުންނަށް ބުނަން ކެރޭނެތޯ އިތުރުކުރި ބައި ނުނަގާނަމޭ! މަޖިލީހަށް މިހާރު ކުރިމަތިލައިގެން ތިބި މީހުންނަށް ބުނަން ކެރޭނެތޯ މަޖިލީހަށް ހޮވިގެން ބޮޑު ކުރި މުސާރަތައް ކުޑަ ކުރާނަމޭ!" ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ބުންޏެވެ.

އަންނަ އަހަރު މަޖިލިސް އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަހުމަދު މުޖުތަބާ އެކްސްގައި ލިޔުނެވެ;

"ރައްޔިތުންގެ ޙައްޤުގައި ކަމެއް ނުކުރެވުނަސް ދައުރު ނިމުމުގެ ކުރީން ދެން ނެގެން އޮތް އެއްޗެއް ނެގެން އޮތް ގޮތަކަށް ނަގައި، އަމިއްލަ ޖީބު ފުރާލަން މިއުޅުއްވަނީ ހަމަ މިހާރު ލިބޭ ކުޑަކުޑަ މުސާރައިން ޢަބުރުވެރިކަމާއި ނަޒާހަތްތެރިކަންމަތީ އުޅުއްވެން ނެތުމުންތޯ؟ ހެޔޮ ނުވާނެ..."

"ތިޔަ ނަގަމުންދާ ބޮޑެތި މުސާރަތައް ކުޑަކޮށް، ދައުރު ހަމަކުރިއޭ ކިޔާފައި ދެމުން އަންނަ އިނާޔަތްތަކާއި އަދި އެނޫންވެސް ބެކާރު ޚަރަދުތައް ކުޑަކުރާންވީ. ރައްޔިތުން މިތިބަ އިނދަޖެހެނީ. ޤައުމު އޮތީ ދަރާ ހުލިވެފަ. އަދިވެސް ދައުލަތަށް ނުކަތާވަރަށް މަތިފަޑީންގެ މުސާރަތައް ތިޔަ އުފުލަނީ، އެ މުސާރަދޭނޭ ފައިސާވެސް އެބަ ޖެހެއެއްނު ހޯދަން... އަދި ބަޖެޓުގައި ތިމަންނަމެންނަށް ދޭށޭ ކިޔާފައި ޢަދަދުތަކެއް ޖެހިޔަސް ނެތް އެއްޗެއް ކިހިނަކުންތަ ދެނީ. މުސާރަދޭން ފައިސާ ޗާޕުކޮށް، ލޯނުނަގައި ހަރުމުދާ ވިއްކައިގެން ޖަހާ ސަކަރާތްތައް ހުއްޓާލަން ނުވަނީބާ އަދިވެސް,"

ޕޭ ހާމަނައިޒޭޝަންގެ ދަށުން ކުރަންޖެހޭ ކަމެއް

މުސާރަ ބޮޑުކުރުމާއެކު އައި ފާޑުކިޔުންތަކަށް މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު, ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަރީފް ރައްދު ދެއްވިއެވެ.

އޭނާ އެކްސްގައި ލިޔުއްވި ޕޯސްޓްގައިވެއެވެ;

"2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައިލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެ. އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ. އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލިސް އަށް. އޭގެ ތެރޭގައި، ރޖ، ނ ރައީސް، މަޖިލިސް ރައީސް އަދި ނ ރަީސް، އުއްތަމަ ފަނޑިޔާރު، މަޖިލިސް މެމްބަރުން، ވަޒީރުން، ގަވަަނާރ، އޭޖީ، ޕީޖީ، ފަނޑިޔާރުން، ޤާޟީން، މެޖިސްޓްރޭޓުން، ވަޒީރުން، މޭޔަރުން، ރަށުރައީސުން، ކައުންސިލް ތަކުގެ މެމްބަރުން، މިނިވަން މުވައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުން، ނައިބުން، މެމްބަރުން، އަދިވެސް އިތުރު ބައެއް ފަރާތްތައް,"

އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމުގައި ގަބޫލުކުރަން އަދި މިއަދި މިކުރެވުނީ އެ މަސައްކަތް.

ޔާސިރު އިތުރަށް ވިދާޅުވީ;

"މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކުރެވިފައި ވާނެ. އެކިމަޤާމްތަކަށް ކުރިއެރުން ލިބިފައިވާ % އާއި މެދު ހިޔާލް ތަފާތުވުމަކީ މައްސަލައެއް ނޫން، އެކަމަށް ހިޔާލުވެސް ދެވޭނެ، ބަހުސް ހިންގޭނެ، ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ. އަދި މިއިން ކޮންމެ ނިންމުމެއްވެސް ފާސްވާނީ ތަޅުމުން. މިމަސައްކަތަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން އުޅުއްވުމަކީ ދެރަކަމެއް,"

"އެމް.ޑީ.ޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު ނޫންތޯ. ދައުރު ނިމެން ވީމައި ނޫން ދެއްތޯ؟ ޕީ.އެން.ސީއިން މަޖިލިސްއަށް އަލަށްވާދަ ކުރައްވާ ބޭފުޅުންނަށް ދަންނަވާލަން، ރައްޔިތުންގެ މަޖިލިސްއަށް މެންޑޭޓް ކުރެވިފައިވާ މަސައްކަތްތައް ރަނގަޅަށް ކުރުމަށް ނިޔަތް އޮތްނަމަ ވިސްނައިގެން ވައުދުވެލައްވާތި."

"ސަރުކަަރުން ޕޭހަަމަނައިޒޭޝަންގެ މަސައްކަތް ނިންމަވާ، ދައުލަތުގެ ދެންތިއްބެވި މުވައްޒަފުންގެ މުސަަރާތަކަށް އެބަދަލު އަވަހަށް ގެނެސްދެއްވުމަށް ގޮވާލަން."

ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާންޖެހެއެވެ. ފަރަގު ކުޑަވާން ޖެހެއެވެ. އެކަމަކު އޭގެ ދަށުން ވެސް ބޮޑުކުރާ އާދައިގެ މުވައްޒަފުން ބޮޑުވަނީ ނަމެއްގައެވެ. އޭގެން ގިނަ ފަހަރަށް ލުޔެއް މުވައްޒަފުންނަށް ނުލިބެއެވެ. ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ވެސް ދިމާވެފައިވަނީ އެކަމެވެ.

ފަރަގު އިންތިހާއަށް މިދަނީ ބޮޑުވަމުންނެވެ. މަޖިލިސް މެންބަރުންގެ މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑުވީއެވެ. މިއީ ހަމަ ގައިމު ވެސް ރައްޔިތުންގެ ރޫހާ އެއްގޮތަށް, ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއް ނޫނެވެ.

"މިފަދަ ދަނޑިވަޅެއްގައި ތިޔަކަންކަން ކޮށްގެން ނުވާނެ. ތިކަމެއް ނުކުރެވޭނެ. ވިޔަކަ ނުދޭނަން. ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލާށް!," މަޖިލީހުގެ މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.