އާދައިގެ މަތިން ގޭތެރޭ ހަމަޖެހިލައިގެން ބޭބެ އާއި ކޮއްކޮއާ އެކު ހެނދުނުގެ ނާސްތާއަށް ތައްޔާރަވަމުންދަނިކޮށް ބޭރު މަގުމަތިން ދެ އަންހެނަކު ބާރަށް ހަޅޭލަވަމުން އަންނަ އަޑު އިވުނެވެ. ދުވެފައި ބޭރަށް ނުކުމެ ބަލާލިިއިރު އެއީ ގޮނޑުދޮށުގައި ތެލި ދޮންނަ ތިބި އަވަށްޓެރި ގެއެއްގެ ދެމީހުންނެވެ. އެމީހުން ބާރަށް ގޭތެރެއަށް ވަންނާށޭ ގޮވަމުންދިޔައެވެ. ވާނުވާ ނޭނގި, ގަބު އަރާފައި ހުއްޓާ ގޯޅި ތެރޭން ރާސްލާފައި އެ އައީ ރާޅެކެވެ.
ދެން ވެސް ހުރި ގޮތަށް ހުއްޓާ ލޮނުގަނޑު އައިސް އަރާ ހަމަކުރިއެވެ. ގޭތެރެއަށް ހޯސްލާފައި ލޮނުގަނޑު ވަނެވެ.
އޭރު ގޭ ބޭރުގައި ހަނޑޫ ހޮވަން ތިބި އަވަށްޓެރިން ދައްތަމެން ވެސް ތިބީ ސަލާމަތަށް އަހެރެންގެ ގޭތެރެއަށް ވަދެވެ. އެމީހުން އެކި ފާރުމަތިން އަރައިގެން އަމިއްލަ ގެތަކަށް އަވަސް އަވަހަށް ދިޔައެވެ. ގޭތެރެ ބާރުސްޕީޑްގައި ލޮނުގަނޑު ވަންނަމުންދިޔައިރު ގޭގައި ބޮޑު މީހަކަށް ހުރީ މަންމަ އެކަންޏެވެ.
މިވަނީ ކިހިނެއް ކަމެއް, ވާން އުޅޭ ގޮތެއް، ލޮނުގަނޑު އަރާނެ ހިސާބެއް ނޭނގެއެވެ.
ކަރުތާފެނާ ހަމައަށް ލޮނުގަނޑު އަރައިގެން ދިޔައިރު އަވަށްޓެރި އެކުގައި ކުޅެން އުޅޭ ހުރިހާ ކުދިން ތިބީ އެ ގެއެއްގެ ފާރުމައްޗަށް އަރައެވެ. ބައެއް ކުދިން އަޑުން އަޑު ނަގާ ރޮވުމުންދިޔައިރު, އެ ދުވަހު މި އެންމެންގެ ފަރާތުން ވެސް ފެނުނީ އެކުވެރިކަމެވެ. އަސަރު ބޮޑަށް ކުރަމުންދިޔަ ކުދިންގެ ގާތަށް ގޮސް ހިތްވަރު ދިނުމުގައި ވެސް އުޅުނީ ހަމަ އެކުވެރިންނެވެ.


ހެނދުނުން ފެށިގެން އެ ލޮނުގަނޑު ތެރޭ ހޭދަކުރި ކޮންމެ ވަގުތެއްގައި ވެސް ފެނުނީ އަވަށްޓެރިންގެ އެކުވެރިކަމާއި މުޅި ރަށުގެ އެއްބައިވަންތަކަމެވެ. ރަށުގައި ސުނާމީގެ އަސަރުކުރީ ހަމައެކަނި އަހަރެން ގެ ހުންނަ ސަރަހައްދަށެވެ. އެހެންވެ އެހެން ސަރަހައްދުތަކުން މީހުން އައިސް ހުރިހާ އެހީތެރިކަން ފޯރުކޮށްދެމުންދިޔައެވެ. ދޮރާށި ދޮށުގައި ވެލި ބާސްތާ ޖަހައިދޭން ދުރު ހިސާބުތަކުން ވެލި ހިފައިގެން އައެވެ.
ހުސް ބަނޑާ ތިބުމުން އިރުކޮޅަކާ ކޮންމެ ވެސް މީހަކު އައިސް ކާއެއްޗެއް ދިއްކޮށްލައެވެ. މުޅި ގޭތެރެ އޮތީ ފެނުގައެވެ. މެންދުރަށް އަޅާލިއިރު ކެޑޭޓުން އައިސް ފެންހިނދުމުގައި ވެސް އެހީވިއެވެ. މުޅިން ވެސް އަޅާލުމާއި އެކުވެރިކަމެވެ.
ރޭގަނޑަށް ގޭތެރެއިން ފެންގަނޑު ހިއްކާލެވުނުއިރު އިތުރު ބިން ހެލުންތައް އަތުވެދާނެ ކަމުގެ އިންޒާރު އޮތެވެ. އެކަކަށް ވެސް ނިދާކަށް ނުކުރެނެވެ. އެ ވަރުބަލިކަމުގައި ވެސް ހިސާބުގަނޑު ހުރިހާ ކުދިންހެން ތިބީ އެއް ތަނެއްގައެވެ. އޭރު އެހީގެ ފޮށިގަނޑުތައް ވެސް ގެއަށް ވަނީ އަންނަން ފަށާފައެވެ. ބިސްކޯދާއި ބެޑްޝީޓް ފަދަ ހުރިހާ އެއްޗެއް, އެހީގެ ގޮތުގައި ލިބުނެވެ.


މިއީ ފާހަގަކުރާ އެއްބައިވަންތަ ކަމުގެ ދުވަހެވެ. މީގެ 19 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން އެއްބައިވަންތަކަން ދެއްކި ނަމޫނާ ދުވަހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ފާހަގަ ކުރެއްވީ އެކަމެވެ. އެމަނިކުފާނު ވިދާޅުވީ ގައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތަކު ވެސް އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން ކަމަށެވެ. އެއީ އެ ދުވަހު ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފެނުނު މަންޒަރެވެ.
އެތައް ރަށެއް ހާލުގައި ޖެހި, މީހުން ރަށްރަށުން ފައިބަން ޖެހުނު ހާލުގައި އެމީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނީ އަވަށްޓެރި ރަށްރަށުގެ ރައްޔިތުންނެވެ. ދޯނިތަކުގައި އެމީހުން ބަލައި އައިސް ރަށަށް ގެންދިޔަ އެވެ. އަމިއްލަ ގޭތަކުގައި އާއިލާތައް ބަހައްޓައިގެން ކާންދީ, ހުރިހާ ކަމެއް ފުއްދައިދިނެވެ. ރަށުގެ އެންމެން އެއްތާކަށް ޖަމާވެ, ރަށަށް ގެނައި މީހުންނަށް ކައްކާ ކާންދީ ވެސް ހެދިއެވެ. އަންނައުނު ވެސް ފޯރުކޮށްދިނެވެ.


މާލޭގައި ގޮވާލީ ވޮލެންޓިއަރުންނަށެވެ. މުޅި ތަން މީހުނުން ފުރާލިއެވެ. އެހީ ފޯރުކޮށްދިނުމުގެ އޮަޕަރޭޝަން ބާރު ސްޕީޑްގައި ފަށާ ވޮލެންޓިއަރުންނާއި ސަރުކާރު މުވައްޒަފުންގެ ގަދަ ހިތްވަރުން ވީއެންމެ އަވަހަކަށް ރަށްރަށަށް އެހީ ފޮނުވިއެވެ. ކާއެއްޗެއްސާއި އަންނައުނު ގިނަކޮށް ފޮނުވިއެވެ. އެތައް ބަޔަކު އަންނައުނު ހަދިޔާ ވެސް ކުރިއެވެ. ރިލީފް ފަންޑަށް އެތައް ހާސް ރުފިޔާއެއް ޖަމާކުރިއެވެ. މިއީ ދިވެހިންނެވެ. ދިވެހިންގެ އެއްބައިވަންތަ ކަމެެވެ.
މިފަދަ ކޮންމެ ދުވަހެއްގައި ވެސް ދިވެހިންގެ ފަރާތުން މި މަންޒަރު ފެނުނެވެ. ދިވެހިންގެ ތެެރޭގައި ތަފާތުކަމެއް, ވަކިވެގަތުމެއް ނެތް ކަމެވެ. މިއީ އެކަތިގަނޑެއް އެއްބައެއް ކަމެވެ. މުޅި ދުނިޔެއަށް ދިވެހިން ދެއްކީ ނަމޫނާއެކެވެ. މި ކުޑަކުޑަ ގައުމުން ބޮޑު މުސީބާތަކުން އަރައިގަތީ މާބޮޑު ފުދުންތެރިކަމެއް އޮވެގެނެއް ނޫނެވެ. އެކަމަކު އެއްބައިވަންތަކަމާއި އެކުވެރިކަމުންނެވެ. އެހީތެރިކަމުގެ ރިވެތި ސިފައިންނެވެ.


ދިވެހިންގެ އެއްބައިވަންތަކަން
ދިވެހިންގެ ގައުމީ ރީތި ނަން
ދިވެހިންގެ ހުރި އަޚުވަންތަކަން
މުޅި ދުނިޔެއަށް ދައްކައިފިޔޭ
އެކަކަށްޓަކައި އަނެއްކަކު ވަނީ, ގުރުބާންވުމަށް ތައްޔާރުގައި. އެކަކަށްޓަކައި އަނެއްކަކު ހުރީ ހިދުމަތްކުރަން ތައްޔާރުގައި. އެކަކަށްޓަކައި އަނެއްކަކު ދެނީ ހުރިހާ އެހީ މި ޝުއޫރުގައި. މިކަމުން ލިބޭ ގައުމީ ދިރުން, މުޅި ދުނިޔެއަށް ދައްކައިފިއޭ.
ގައުމެއް ބިނާ ކޮށްލަން ކުރަން, މަޖުބޫރު ހިދުމަތްތައް ކުރަން. ގައުމީ ނަވަށް ދަތުރަށް އަރަން, ކެރިގެން ތިބީ އެންމެން ފަށަން. ގައުމަށްޓަކައި ހޭހަންކުރަން, ހުރިހާ އުފާތައް ދޫކުރަން. ގައުމުގެ ދަރިން ތައްޔާރުކަން, މުޅި ދުނިޔެއަށް ދައްކައިފިއޭ. އެކުވެރިކަމާއި ހިތްހެޔޮކަމާއި އެކުގައި އެހީތައް ދޭކަމާ. އެކަކަށްޓަކައި އަނެއްކަކު ކަމާ, ވަކިވަކިވުމެއް ނެތި ތިބިކަމާ. ދެކެފަރިތަ ރައްޓެހި މީސްކަމާ, ވަކިވަކި ޝުއޫރެއް ނެތްކަމާ.
ދިވެހިންގެ އެއްބައިވަންތަކަން
ދިވެހިންގެ ގައުމީ ރީތި ނަން
ދިވެހިންގެ ހުރި އަޚުވަންތަކަން
މުޅި ދުނިޔެއަށް ދައްކައިފިޔޭ