"ކޮންމެ ޝެއާ ކެޕިޓަލްގެ 1 ރުފިޔާއަށް 1 ރުފިޔާ 33 ލާރީގެ ދަރަންޏެއް އެބަ އޮތް."
މިއީ ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ކުންފުނި، ފެނަކައިގެ މާލީ ހާލަތު އޮތް ގޮތް ބުނެދިނުމަށް ޓަކައި އާ ލީޑާޝިޕުން މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރެސް ބްރީފިންގައި އޭގެ ހުރި ނުރައްކާ ބުނެދޭން ފުރަތަމަ ވެސް ދައްކުވައިދިން ކުންފުނީގެ ހިސާބަކީ އެއީ އެވެ.
އޭގެ އިގުތިސޯދީ ލަފުޒަކީ "ޖިއަރިން ރޭޝިއޯ" އެވެ. އޭ ރޭޝިއޯއިން ދައްކުވައިދެނީ ކުންފުނީގެ ކޮންމެ ހިއްސާއަކަށް ލިބޭ މުދަލުގެ ނިސްބަތާއި އަޅާ ބަލާފައި، އެއިން ކޮންމެ ހިއްސާއަކަށް ދަރަނި ޖެހޭ ނިސްބަތެވެ.
ސަތޭކަ ފަންސާހަށް ވުރެ ގިނަ ރަށަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުންދާ، އެ ކުންފުނީގެ އެ ރޭޝިއޯ އޮތީ ވަރަށް ގޯސްކޮށެވެ. ކުންފުނީގެ މުދަލަށް ވުރެ ދަރަނި ބޮޑު ކަން އެ ރޭޝިއޯއިން ވަރަށް ސާފުކޮށް އެބަ ބަޔާންކޮށްދެ އެވެ.
އަޅުގަނޑުމެންގެ އޮޕަރޭޝަންތަކަށް ވެސް ބުރޫ އަރާ ހާލަތުގައި ކުންފުނި މި އޮތީ. މި ކުންފުނީގެ ހާލަތު މިހާ ދަށަށް ދާން މެދުވެރިވާން ޖެހުނު ކޮންމެ ވެސް ސަބަބުތަކެއް އެބަ ހުރި.
ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ކުންފުނީން ލޯނުގެ ގޮތުގައި ފައިސާ ނަގައި ނުދައްކައި އޮތް 871 މިލިއަން ރުފިޔާ އެބަ އޮތެވެ. އަދި އެކި ފަރާތްތަކުން ހޯދި މުދަލާއި ހިދުމަތަށް ފައިސާ ނުދީ 3.2 މިލިއަން ރުފިޔާ އެބަ އުޅެ އެވެ. އެއީ ޖުމުލަ 4.16 ބިލިއަން ރުފިޔާ އެވެ. މިވަރުގެ ދަރަންޏަކާއެކު ކުންފުނި އޮތް އިރު ކުންފުންޏަށް ލިބެން ހުރި ފައިސާގެ އަދަދު ހުރީ މާ ދަށްކޮށެވެ. ކުންފުންޏަށް ލިބެން ޖެހޭ، އަދި ނުލިބި އުޅެނީ 457 މިލިއަން ރުފިޔާ އެވެ.
ނުދައްކާ ހުރި ހަ ލޯނުގެ ތެރެއިން ހަތަރު ލޯނަކީ މިދިޔަ ދެ އަހަރު ކުންފުނިން ނަގާފައިވާ ލޯނުތަކެކެވެ؛
- 2023 - އިސްލާމިކް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނެއް: އަދި އެއްވެސް ވަރެއް ނުދައްކާ
- 2023 - އިސްލާމިކް ބޭންކުން 200 މިލިއަން ރުފިޔާގެ އެހެން ލޯނެއް: އަދި އެއްވެސް ވަރެއް ނުދައްކާ
- 2017 - އެސްޓީއޯއިން ދޫކުރި 120 މިލިއަން ރުފިޔާގެ ލޯނެއް: ބާކީ ނުދައްކާ 39 މިލިއަން ރުފިޔާ
- 2015 – ޖެނެރޭޝަން ސެޓް ގަންނަން ފިނޭންސުން ދޫކުރި 150 މިލިއަން ރުފިޔާ: ބާކީ ނުދައްކާ 88 މިލިއަން ރުފިޔާ
- 2023 – ފިނޭންސް މިނިސްޓްރީން ދޫކުރި 231 މިލިއަން ރުފިޔާގެ ލޯނެއް: އަދި އެއްވެސް ވަރެއް ނުދައްކާ
- 2022 – ސްމާޓް މީޓާ ޕްރޮޖެކްޓަށް ނެގި 132.6 މިލިއަން ރުފިޔާގެ ލޯނެއް: ބާކީ ނުދައްކާ 113.4 މިލިއަން ރުފިޔާ
އެކި ހިދުމަތަށް، ހާއްސަކޮށް ފިއުލް ފަދަ ތަކެތި ގަނެގެން ނުދައްކާ ހުރި ފައިސާ ވެސް އައީ އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންނެވެ؛
- 2019 – 768 މިލިއަން ރުފިޔާ
- 2020 – 1.05 ބިލިއަން ރުފިޔާ
- 2021 – 1.41 ބިލިއަން ރުފިޔާ
- 2022 – 2.78 ބިލިއަން ރުފިޔާ
- 2023 – 3.29 ބިލިއަން ރުފިޔާ
"ކުންފުނީގެ ހާލަތު މިހާ ދަށަށް ދިޔުމުގައި ހުރިހާ ދިމާއަކުން ވެސް ކުންފުނީގެ ތެރެއިން ގޯސްތަކެއް ހަދާފައި އެބަ ހުރި." މެނޭޖިން ޑިރެކްޓަރު މުއާޒު ވިދާޅުވި އެވެ.
މުދަލާއި ހިދުމަތް ގަތުން ގިނަ: ހަމައެއް ލަމައެއް ނެތް
ޕްރެސް ބްރީފިންގައި ކުންފުނިން ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ފަސް އަހަރު އެންމެ ބޮޑު ގޯސްތަކެއް ފާހަގަ ވާން އޮތީ، ކުންފުންޏަށް އެކި މުދަލާއި ހިދުމަތްތައް ހޯދައި ގަތުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތުމެވެ.
މެނޭޖިން ޑިރެކްޓަރު މުއާޒު ފާހަގަ ކުރެއްވި ގޮތުގައި "ވެންޑާސް" ނުވަތަ ކުންފުންޏަށް ސާމާނު ފޯރުކޮށްދޭ ފަރާތްތައް ގޮތުގައި ގިނަ އަދަދެއްގެ ވިޔަފާރިތައް ނުވަތަ އަމިއްލަ ފަރުދުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.
އޭގެ ސަބަބުން ހަރަދުތައް ބޮޑުވެގެން ދިޔަ ގޮތުގެ ތަފްސީލެއް ދެއްވީ ޑެޕުއިޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ސަޕްލަޔަރުން ނުވަތަ ވެންޑާސް ފޯރުކޮށްދީފައިވަނީ ވެސް އެއްވެސް ފެންވަރެއް ނެތް ނޫނީ ކުއާލިޓީ ދަށް ސާމާނެވެ.
ވަރަށް ގިނަ ސަޕްލަޔަރުންތަކެއް އެބަ އުޅޭ ޖެނުއިން ނޫން ސްޕެއާ ޕާޓްތަކެއް، ފޭކް ސްޕެއާތަކެއް ފޯރުކޮށްދީފައި. އޭގެ ސަބަބުން މެއިންޓެނެންސް ކޮސްޓް ބޮޑުވުމާއި ޖެނެރޭޓަރުތަކުގައި މައްސަލަ ދިމާވުމާއި ޝަޓްޑައުންވުމާއި މި ފަދަ ބައިވަރު މައްސަލަތައް އެބަ ދިމާވޭ.
ޑެޕުއިޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ
މިއިން ހަރަދުތައް ސަލާމަތް ކުރުމަށް ޓަކައި ވެންޑާސް ރަޖިސްޓްރޭޝަން އުވާލުމަށް ވަނީ ނިންމައިފަ އެވެ. ފަހުން ވެންޑާސް ރަޖިސްޓްރޭޝަނަށް ހުޅުވާލާއިރު، ފެންވަރު ނެތް ތަކެތި ދޫކޮށްދިން ފަރާތްތައް ފާހަގަކޮށް ބްލެކް ލިސްޓު ކުރުމަށް ވެސް އެ ކުންފުނިން ނިންމާފައިވެ އެވެ.
"މިހަފުތާ ތެރޭގައި އަޅުގަނޑުމެން ހުޅުވާލާނަން. އަޅުގަނޑުމެންގެ ގައިޑްލައިންތަކާ ފެތޭ ކުންފުނިތަކަށް އެކަނި، ކުންފުނީގެ ވިޔަފާރީގެ ކަންތައްތަކުގައި ދެން ކުރިއަށް ދެވޭނީ." މުއާޒު ވިދާޅުވި އެވެ.

ޕްރޮކިއުމަންޓް ތެރޭގައި ވެސް ގޯސްތައް ގިނަ އެވެ. ސާމާނާއި އެކި ވަސީލަތްތައް ހޯދާފައި ވަނީ އެމަޖެންސީ ޕްރޮކިއު ޕޮލިސީގެ ބޭނުން "ނަހަމަ" ގޮތުގައި ހިފައިގެނެވެ. މިދިޔަ އަހަރު އެކަނި އެ ގޮތަށް 1.7 ބިލިއަން ރުފިޔާގެ ވިޔަފާރި ކުންފުނިން ކޮށްފައިވެ އެވެ.
"އިންޖީނުތައް، ކޭބަލްތައް، ޖަނަރޭޓަރު މިހެން ގޮސް ވަރަށް ގިނަ ސާމާނުތައް އެބަ ހުރި ޕްރޮކިއަކޮށްފަ އެމަޖެންސީ ޕްރޮކިއަގެ ގޮތުގައި. ބޭނުން ފަރާތަކަށް، ބޭނުން އަގެއްގައި މަސައްކަތްތައް ހަވާލުކޮށް ތަކެތި ގަތުމަށް ޓަކައި އެ ކަންކަން ވެސް ކޮށްފައި ހުރީ." މުއާޒު ވިދާޅުވި އެވެ.
މިހެން މި ކަން ކުރުމުގެ ބަދަލުގައި ރަނގަޅު ރޫޓިން މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރަން ޖެހޭ ކަން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުހުރީ ފާހަގަ ކުރެއްވި އެވެ.
"އިންޖީނެއް، ޖަނަރޭޓަރެއް ހަލާކުވީމަ އޭތި ރިޕްލޭސްކޮށްލުން މި އޮންނަނީ. އެ ގޮތަށް ކަން ކުރާތީ ވަރަށް ބޮޑުހޭދައެއް ކުރަން ޖެހޭނެ. 117 މިލިއަން ރުފިޔާ މި އަހަރު ވެސް ހޭދަކޮށްފަ އެބަ ހުރި އެކި ޕަމްޕްތަކާއި ޖެނެރޭޓަރުތައް ސާވިސް ކުރަން." އޭނާ ތަފްސީލްކޮށްދެއްވި އެވެ.
ފެނަކައިން 2019 އިން 2023 އަށް، ޖެންސެޓުގެ 299 ސެޓު ގަންނަން 674.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން 261 ސެޓު ހުރީ ބޭނުން ނުކުރެވޭހާ ގޯސް ހާލަތުގައި ކަމަށް ކުންފުނިން ބުނެފައިވެ އެވެ.
މި ތަކެތީގެ މެއިންޓެނެންސްއާއި މަރާމާތަށް އަދި ބޭނުންވާ އިންޖީނު ސްޕެއާތަކަށް ވެސް ކުންފުނިން ގިނަ ހަރަދުތަކެއް ކޮށްފައިވެ އެވެ؛
- 2019 – މެއިންޓެނެންސް އެންޑް ރިޕެއާ: 6.7 މިލިއަން ރުފިޔާ، އިންޖީނު ސްޕެއާ: 29.2 މިލިއަން ރުފިޔާ
- 2020 - މެއިންޓެނެންސް އެންޑް ރިޕެއާ: 6.6 މިލިއަން ރުފިޔާ، އިންޖީނު ސްޕެއާ: 40.5 މިލިއަން ރުފިޔާ
- 2021 - މެއިންޓެނެންސް އެންޑް ރިޕެއާ: 5.1 މިލިއަން ރުފިޔާ، އިންޖީނު ސްޕެއާ: 64.2 މިލިއަން ރުފިޔާ
- 2022 - މެއިންޓެނެންސް އެންޑް ރިޕެއާ: 2.3 މިލިއަން ރުފިޔާ، އިންޖީނު ސްޕެއާ: 51.7 މިލިއަން ރުފިޔާ
- 2023 - މެއިންޓެނެންސް އެންޑް ރިޕެއާ: 1.8 މިލިއަން ރުފިޔާ، އިންޖީނު ސްޕެއާ: 67.2 މިލިއަން ރުފިޔާ
ކުންފުނީގެ އާ މެނޭޖުމަންޓުން ވަނީ ސެންޓްރަލް ސާވިސް ސެންޓަރެއް ގާއިމުކޮށް، ލެބޯރެޓަރީ ސާވިސް ވެސް ކުންފުނީގެ ތެރެއިން ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.
އޭރުން މީގެ ކުރިން ޖަނަރޭޓަރާއި އިންޖީނު ސާވިސް ކުރުމަށް ހޭދަވަމުން އައި އަދަދު 35 މިލިއަން ރުފިޔާއަށް ކުޑަވާނެ ކަމަށް ކުންފުނިން އަންދާޒާ ކޮށްފައިވެ އެވެ.
ޕްރޮޖެކްޓްތަކުގައި އިސްރާފުތައް ގިނަވުން
ކުރީގެ ސަރުކާރުގައި، ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ގާއިމުކުރަން ޖެހޭ އުމްރާނީ ބިނާތަކާއި ފެނަކަ ކުންފުނީގެ އިންޖީނުގެއާއި އޮފީސް އިމާރާތްތަކުގެ ގިނަ މަޝްރޫއުތަކެއް ރަށްރަށުގައި ހުރީ ފަށައިފަ އެވެ.
އެއިން ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަނީ އިންހައުސް ޕްރޮޖެކްޓް ނުވަތަ ފެނަކަ ކުންފުނިން ބަޔަކަށް ހަވާލު ކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށް، އަމިއްލައަށް ހަރަދުކޮށްގެންނެވެ.
އާ މެނޭޖުމަންޓުން ދެކެނީ، މީގައި ވެސް ގޯސްތަކެއް ހަދައި ނަތީޖާއެއް ގޮތުން ގިނަ އިސްރާފުތަކެއް ކުންފުނިން ކޮށްފައިވާ ކަމަށެވެ.
"އިންހައުސްކޮށް ޕްރޮޖެކްޓްތައް ގެންދަން ފެށުމުގެ ނަތީޖާއަކީ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަވަމުން ދިޔުން. ބޯޑުން އެއްވެސް ގޮތަކަށް ނިންމާފައި އޮތް ތަނެއް ވެސް ނުފެނޭ." ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުއާޒު ވިދާޅުވި އެވެ.
މި ވަގުތު ވެސް އޭގެ 60 ޕްރޮޖެކްޓެއް އެބަ އޮތެވެ. އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފަ އެވެ. އެންމެ ބޮޑު ސަބަބަކީ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ތަކެތި ހޯދިފައި ނެތުމެވެ. މި ޕްރޮޖެކްޓްތަކުގެ މެޓީރިއަލް ކޮސްޓްއާއި ލޮޖިސްޓިކް ކޮސްޓްއަށް އަދި ސްޓާފް ކޮސްޓްއަށް 923 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އާ މެނޭޖުމަންޓުން ބުނި ގޮތުގައި އެހާ ބޮޑު ހަރަދެއް ހިނގަނީ އެއްވެސް ތަރުތީބެއް ނެތި ޕްރޮޖެކްޓްތައް ހިންގާތީ އެވެ.
"ދިއްދޫގައި އަޅަމުންދާ އިމާރާތެއް އެއީ މާކެޓު ވެލިއުއަށް ބަލާއިރުގައި 23 މިލިއަން ރުފިޔާ. މިހާރު ހަރަދުކުރަމުންދާ ޓްރެންޑްގައި އެ ޕްރޮޖެކްޓް ނިމޭއިރު 115 މިލިއަން ރުފިޔާއަށް އަރާނެ. ވާދޫގައި މޭކެޓު ވެލިއުއަށް ބަލާއިރުގައި 11.8 މިލިއަން ރުފިޔާ، ނިމޭއިރުގައި ހަރަދުވާނެ 127 މިލިއަން ރުފިޔާ. ގައްދޫގައި 19.8 މިލިއަން ރުފިޔާއަށް ނިމޭ ބިލްޑިންއެއް ނިމޭއިރުގައި 159 މިލިއަން ރުފިޔާއަށް ދާނެ." މުއާޒު ތަފްސީލްކޮށްދެއްވި އެވެ.
"އިންހައުސް ޕްރޮޖެކްޓްތައް ކުރިއިރުގައި، ނެތޭ، އެއް ގޮތަކަށް ވެސް، ކިހާ ވަރެއް ކަމެއް މި އެސްޓިމޭޓް ކުރަނީ މި ޕްރޮޖެކްޓެއް ނިމޭނީ ކިހާވަރަކަށް ކަން. ބީއޯކިއު ވެސް ހަދާފައެއް ވެސް ނެތް މިކޮޅުގައި. އެ ވަރު ވެސް ނޭނގެ."
"އެ ޕްރޮޖެކްޓަކަށް ބޭނުން އަދަދަކަށް މެޓީރިއަލް ފޮނުވަނީ. ބޭނުން އަދަދަކަށް ސްޓާފުން ނަގަނީ." މުއާޒު ފާޑުވިދާޅުވި އެވެ.
ފެނަކަ ކުންފުންޏަށް މިދިޔަ ސަރުކާރުގައި، ބައެއް ރަށްރަށުގައި އައިސް ޕްލާންޓްތައް ގާއިމު ކުރުމަށް އަދި ހިންގުމަށް ވެސް ހަވާލުކޮށްފައިވެ އެވެ. އެ ޕްރޮޖެކްޓްތަކުން ވެސް ކުންފުންޏަށް ފައިދާއެއް ނުލިބި، ގެއްލުމުގައި ހިނގާ ކަން ފާހަގަ ކުރި އެވެ.
"ކޮންސްޓްރަކްޝަން ސްޓޭޖްގަ އަދި އޮޕަރޭޝަން ސްޓޭޖްގަ ވެސް އެބަ ހުރި އައިސް ޕްލާންޓްތަކެއް އޮޕަރޭޝަން ސްޓޭޖްގަ ހުރި ޕްލާންޓްތަކުން 12 މިލިއަން ރުފިޔާ ގެއްލުން ވެފަ އޮތީ. އައިސް ޕްލާންޓްތައް ވެސް ކުރިއަށް މިދަނީ އިންހައުސް ޕްރޮޖެކްޓްތައް ގޮތުގައި، ކޮންސްޓްރަކްޝަން ސްޓޭޖްގައި ހުރި މި ޕްލާންޓްތަކުން ވެސް ބޮޑު ތަނުން ގެއްލުން ވަމުން މި ދަނީ." މުއާޒު ވިދާޅުވި އެވެ.
މުވައްޒަފުންނާއި ވަސީލަތް: އެއްވެސް ތަރުތީބެއް ނެތް
ނަތީޖާއެއްގެ ގޮތުން ކުންފުނި އޮތީ "އޯވަ ސްޓާފް" ވެފަ އެވެ. ބޭނުންވާ ވަރަށް ވުރެ ވެސް މާ ބޮޑަށް ކުންފުންޏަށް މުވައްޒަފުން ނަގައިފަ އެވެ.
2018 ވަނަ އަހަރު ނިމުނު އިރު 2700 ސްޓާފުން ތިބި ކުންފުންޏެއް ނަމަވެސް 2023 ވަނަ އަހަރު ނިމޭއިރު 8100 ސްޓާފުން ކުންފުނީގައި އެބަ ތިއްބެވެ. މީގެ މަހަކު އެވެރެޖް ގޮތައި ވޭޖް ކޮސްޓްއަށް 20 މިލިއަން ރުފިޔާ ހަރަދު ކުރަމުން ދިޔަ ކުންފުންޏަކުން މިދިޔަ ފަސް އަހަރު ތެރޭ ވަނީ މަހަކު އެވެރެޖްކޮށް 75 މިލިއަން ރުފިޔާ މުސާރަތަކަށް ހަރަދު ކުރަން ޖެހޭ ވަރުވެފަ އެވެ.
"އަޅުގަނޑުމެން މިހާތަނަށް މި ކުރި މަސައްކަތުން އެކަނި ވެސް ފަސް މިލިއަން ރުފިޔާ ސޭވްކޮށްފަ ވާނެ. ޕޭރޯލުން އަޅުގަނޑުމެން ފަސް މިލިއަން ރުފިޔާ ސަލާމަތް ކޮށްފަ މި އޮތީ." ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓްތައް އާނުކުރީ މަޖުބޫރީ ހާލަތުގައި ކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވި އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ ވިދާޅުވި ގޮތުގައި އޭހާ ގިނަ އަދަދަށް މުވައްޒަފުން އިތުރުކޮށްފައިވީ ނަމަވެސް ޓެކްނިކަލް ސްޓާފުން މަދެވެ. ކުންފުނީގައި ތަމްރީނުތަކަށް، ފެނަކަ ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިނިން އެންޑް ރިސާޗު، ފިތުރު ކިޔާ އިންސްޓިޓިއުޓެއް އޮތް ނަމަވެސް އޭގެ ބޭނުންވެސް ކުރެވިފައި ނެތް ކަން ފާހަގަ ކުރެއްވި އެވެ.
"އެހެން ނަމަވެސް އެންމެ އެދެވޭ ގޮތަކަށް ނޫން ޓްރެއިނިން ގެންދެވިފައި ހުރީ. 157 ރަށުގައި ތިބި ސްޓާފުންނަށް ރަނގަޅު ޓެކްނިކަލް ޓްރެއިނިން ދިނުން އެއީ މިހާރު އަމާޒެއް،" ޒުހުރީ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވި ގޮތުގައި ރަށްރަށުގައި އެއްވެސް ތަރުތީބެއް ނެތި ހުރީ ސްޓާފުންގެ އަދަދު އެކަންޏެއް ނޫނެވެ. ޖެނެރޭޓަރުތަކާއި އެކި ވަސީލަތްތައް ވެސް ގާއިމުކޮށްފައި ހުރީ އެއްވެސް ޕްލޭނެއް، ތަރުތީބެއް ނެތެވެ.
"އޯވަ ކެޕޭސިޓީގެ ޖެނެރޭޓަރުތަކެއް އިންސްޓޯލް ކުރުމުން ފިއުލް ކޮސްޓްތައް ބޮޑުވެގެން އެބަ ދޭ. މި ކަމަށް އަޅުގަނޑުމެން ވިސްނާފައި އޮތް ހައްލަކީ ޖެނެރޭޓަރުތައް ސްވެޕް ކުރުން. މި ކަން ތަރުތީބު ކުރުން." ޒުހުރީ ވިދާޅުވި އެވެ.
މުޅި ފެނަކަ ކުންފުނި މިހާރު ވަނީ އޮޑިޓެއް ކުރަން ޖެހިފަ އެވެ. އާ މެނޭޖުމަންޓުން ވަނީ އެ ކަން ވެސް ނިންމައިފަ އެވެ. ސަރުކާރު ކުންފުނިތަކުގެ ސްކޯޕް ބޮޑު ކުރަމުން ގޮސް، ކުންފުންޏާއި ދައުލަތުގެ ވެސް ފައިސާ ނެތް ވަރަށް އެ ކަން ކުރާ ނަމަ އެއީ ނުރައްކަލެކެވެ. ވަރަށް ބޮޑު ގޯހެކެވެ.
އުމްރާނީ ތަރައްގީއާއި ވަޒީފާއާއި އާންމު މީހާގެ އާމްދަނީއަށް، އަދި ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ސަރުކާރުގެ ޕްލޭން އެއަށް ވުރެ ރަނގަޅު ކުރަން ނުޖެހޭ ހެއްޔެވެ؟