"މި އާބާދީއަށް (ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުގެ އާބާދީ) ސިއްހީ އެދެވޭ ފަރުވާއެއް ހޯދާނަމަ ފުރަތަމަ ދާން ޖެހިފައިވަނީ، ލޮނު ފެން ހުރި ބަލި ހާލުގައި އަސްކަނި ދޮށުގައި ނުވަތަ ހައްލު ނުކުރެވޭ ބޮޑު އަގު ދީފަ ދަރަނިވެރި ވެގެން އުޅެން ޖެހުމުގެ އިތުރަށް ފެންވަރަން ފާހަނަކޮށްލަން ވެސް އަގު ދޭން ޖެހޭ، ރުއްގަހުގެ ފިނިވައި ރޯޅިއެއް ނުލިބޭ، ބައިގިނަ ކަމުން ދުއްވާ ތަކެތީގެ ބިރާ ހުރެ ފައި އަޅަން ނުކެރޭ ފަދަ ތަނަކަށެވެ."

މިއީ މީގެ 33 އަހަރު ކުރިން، 1990ވަނަ އަހަރު، ސަންގު ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ ތަންކޮޅެކެވެ.

33 އަހަރު ފަހުން އައި ހަމައެކަނި ބަދަލަކީ ލޮނު ފެނުގެ ބަދަލުގައި މާލޭގައި ރަނގަޅު ފެން ލިބޭނެ ނިޒާމެއް ހުރުމެވެ. ދެން އާސަންދައިން ބޭސްފަރުވާގެ ގިނަ ހިދުމަތް ހިލޭ ލިބުމެވެ. އެކަމަކު އަދިވެސް ގިނަ ފަރުވާ ލިބެނީ މާލޭން އެކަންޏެވެ. މަޑުކުރާނެ ތަނެއް ލިބޭ ކުލި، ދަނީ ދުވަހަކަށް ފަހު ބޮޑުވަމުންނެވެ. މާލޭގައި، އަދިވެސް މާލެއަށް އުފަން އެތައް ބަޔަކު ވެސް އުޅެނީ ކުއްޔަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި، 2004 ވަނަ އަހަރު، ހުޅުމާލެ އުފެއްދުމުގެ މަޝްރޫއަށް ފަހު، މިދިޔަ އަހަރުތަކުގައި ފެންނަނީ އެއް ކަމެކެވެ. މާލެ ތޮއްޖެހި ދިރިއުޅެން ދަތިވެފައިވާ ހާލަތުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި، ކޮންމެ ސަރުކާރަކު ވެސް އަމަލީ ގޮތުން ފެނުނު ހަމައެކަނި ސިޔާސަތަކީ މާލެ ކައިރީ ކޮންމެ ވެސް ފަޅެއް ހިއްކައިގެން އާ ރަށެއް ތައްޔާރު ކުރުމެވެ. މާލޭގެ އާބާދީގެ ބައެއް، އެ ރަށްރަށަށް އާބާދުވުމުން، މާލޭން ޖާގަތަކެއް ހޯދުމުގެ ވިސްނުމެކެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ގުޅީފަޅުން ނޫނީ ހުޅުމާލޭން ގޯއްޗެއް ނޫނީ ފްލެޓެއް ލިބޭ މީހަކު މާލޭގައި ހުރި ބާ ގޯތި ދޫކޮށްލަން ޖެހެ އެވެ. އެ ލިބޭ ހުސް ޖާގަތައް، ހިތްފަސޭހަ މޮޑެލްއަކަށް ތަރައްގީ ކުރަން ޕްލޭން ކަރުދާސްތަކެއް ވެސް ދެއްކި އެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވައްސަށް މީހުން ބަދަލު ކުރުމުގެ އިތުރަށް، މާލެ ދެކުނު ފަޅުން އިންޑަސްޓްރިއަލް ޒޯނެއް ހިއްކީ މާލެ ތެރޭގައި ހުރި ގުދަންތައް އެ ތަނަށް ބަދަލުކޮށްގެން އިތުރު ޖާގަތަކެއް ހޯދުމަށެވެ. ރައީސް ސޯލިހުގެ ސިޔާސަތު ވެސް މާ ތަފާތެއް ނޫނެވެ. ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައި އެ ތަނުން ގޯތި ދިނުމަށް ފަހު، ގުދަންތައް ބަދަލުކުރަން ނިންމާފައި ވަނީ ތިލަފުއްޓަށެވެ.

ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ކުރިން ވެސް ފާހަގަކުރިހެން، މާލެއަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ނަތީޖާއެއް ނެތެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ނޫން ތަނެއްގައި ބަޔަކު އަދި އާބާދު ނުވާއިރު، މާލޭން ވަކި ހުސް ޖާގަތަކެއް ނުހޯދެވެ އެވެ. މާލެއަކީ ކުރިއަށްވުރެ ވެސް ބޮޑަށް ތޮއްޖެހިފައިވާ ތަނެކެވެ. 33 އަހަރު ކުރިން ސަންގު ނޫހުގައި މާލެ ސިފަކޮށްދީފައިވާ ހާލަތަށް ބަދަލެއް ނެތެވެ. އަދިވެސް އުޅެން ދަތި "ގަނެތެޅޭ" ތަނެކެވެ. މާލެ ކައިރީ ވެސް އުފެދުނީ ހަމަ މި ކޮންސެޕްޓް ނަކަލުވެގެން އަންނަ ސަހަރުތަކެކެވެ.

މާލޭގެ ރަށްވެހިން މި ވަގުތު އިންތިޒާރު ކުރަނީ އަންނަ ހޮނިހިރު ދުވަހަށެވެ. މާލެއަށް އާ މޭޔަރަކު އިންތިހާބު ކުރުމަށެވެ. ވޯޓުލާންވީ މީހެއްގެ ބަހުސް ކުރަނީ އުންމީދު އަދި ނަގާ ނުލުމަށެވެ. އެކަމަކު އަހަރަކަށް ފަހު، ދައުރަކަށް ފަހު ދައުރެއް، އުންމީދު ކުޑަވަމުންދާ ކަމުގެ ހިތްދަތި އިހުސާސްތަކާ އެކުގަ އެވެ. ކެންޑިޑޭޓުންގެ ބަހުސްތަކާއި ޝިޔާރުތަކާއި، ވައުދުތަކުގައި ވެސް ލިޔެފައި އެ ވަނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ މީހުންގެ ބަދަލެއް ނުވި، ރާއްޖޭގެ އެތައް އިޖުތިމާއީ މައްސަލައެއް ގޮސް ހުއްޓޭ ގޮޅި އެވެ. ދިރިއުޅެވޭ ވަރުގެ، ދިރިތެޅެން ނުޖެހޭ ތަނަކަށް މާލެ ހެދުމުގެ ވާހަކަ އެވެ.

މޭޔަރު ކެންޑިޑޭޓުންގެ ތަސައްވުރަށް ބަލައިލަމާ އެވެ.

ކެންޑިޑޭޓު ނަންބަރު 1: ޝުއައިބު އަލީ

ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އަކީ އެމްޑީޕީ އުފެއްދުނީއްސުރެން އެ ޕާޓީން އެއިރު ހިންގަމުން ދިޔަ "އިސްލާހީ" ހަރަކާތުގައި އެންމެ އިސް ސަފުގައި ހުރި އެކަކެވެ.

ސިޔާސީ ހަރަކާތްތެރިކަމުގައި ހަޔާތެއް ހޭދަކުރަމުންދާ ޝުއައިބު އިސް ނަގައިގެން މި ފަހުން، "ނޯ ގޯތި، ނޯ ވޯޓު" ހަރަކާތެއް ވެސް ހިންގެވި އެވެ. އެއީ މި ނިމުނު އެމްޑީޕީގެ ސަރުކާރުން މާލެ މީހުނަށް ގޯތި ދޭން ވެފައިވާ ވައުދު ފުއްދުން ލަސްވަމުން ދިޔުމުން، މާލޭގެ އާންމު ބައެއް މީހުނާއެކު ގެންދިޔަ ހަރަކާތެކެވެ. ނަތީޖާއެއްގެ ގޮތުން، އެންމެ ފަހުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީއެއް ނުލިބި، މޭޔަރު ކަމެއް ވެސް ނުލިބެ އެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަހަނި ޝުއައިބު މި ފަހަރު ނުކުންނެވީ "ތާހިރު ތަރުތީބު މާލެ ސިޓީ" ގެ ޝިޔާރުގަ އެވެ. މައިގަނޑު ވާހަކައަކީ ހަމަ މާލެ ސަރަހައްދުން މާލެ މީހުނަށް ގޯތިދީ، ރައްޔިތު މީހާ ބޭނުންވާ ގޮތަށް ތާހިރު ތަރުތީބު ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހަމަޖެއްސުމެވެ.

މާލޭގެ ހައްލަކަށް ޝުއައިބް ވެސް ހުށަހަޅުއްވަނީ، ހުޅުމާލޭގެ ދެ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުގައި މީހުން އާބާދު ކުރުމެވެ. އަދި އެ ތަންތަނުން މާލޭ މީހުންނަށް ގޯތި ދިނުމެވެ. ދިރިއުޅެން އެކަށޭނަ ބިންތައް ދިނުމުން، އެ ބިންތަކުގައި އަސާސީ ކަންކަން ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އޭގެ ތެރޭގައި ޕާކިން ޖާގަތައް ހިމެނުން ވެސް ފާހަގަ ކުރެއްވި އެވެ.

މޭޔަރު ބަހުސް ޕްރޮގްރާމްތަކުގައި ޝުއައިބް ވަނީ މަގުތަކަށް ގެންނާނެ ބަދަލުތަކެއް ވެސް ކިޔައިދެއްވައިފަ އެވެ. އަދި މާލޭގެ ޓްރެފިކް މެނޭޖު ކުރުމާއި، ހިތްފަސޭހަކަން މާލެއަށް ގެނެވޭނެ ތަސައްވުރެއް ކިޔައިދެއްވި އެވެ.

  • ކުދިކުދި މަގުތަކުގެ ދެ ފަރާތުގައި ޕޭމަންޓް ނުބެހެއްޓުން
  • މަގުތަކުގެ ރޮނގުތައް ކުލަގަދަކޮށް ބެހެއްޓުން
  • މަޖީދީ މަގާއި އަމީނީ މަގު، އެއްކޮޅަށް ދުއްވޭ މަގުތަކަކަށް ހެދުން
  • ސްކޫލާއި އޮފީސް ގަޑިތަކުގައި ތޮއްޖެހޭ މަގުތަކުގެ ޓްރެފިކް މެނޭޖު ކުރުން
  • މާލެއަށް އެތެރެކުރެވޭ ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އަދަދު އަދި ދެ ފުރޮޅުލީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުން
  • އުމުރުން 18 އަހަރުވާ ކޮންމެ މީހަކަށް، މާލެ ސަރަހައްދުން ގޯއްޗެއް ޔަގީންކޮށްދިނުން
  • މާލޭގައި ދިރިއުޅޭ މީހުންގެ މްދަނީ، ކުލި، ދިރިއުޅުމުގެ ހަރަދުތައް، ރެކޯޑުކޮށް ބެލެހެއްޓުން

ކެންޑިޑޭޓު ނަންބަރު 2: ހުސައިން ވަހީދު

ޕޮލިސް ކޮމިޝަނަރު ކަން ކުރައްވާފައިވާ ހުސައިން ވަހީދު އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނެވި ނަމަވެސް، އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ އެންޑޯޒްމަންޓް ލިބިފައިވާ ކެންޑިޑޭޓެވެ. ކެމްޕެއިން ކުރައްވަނީ ވެސް ޔާމީންގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރަމުންދާ "ޕީޕަލްސް ނެޝަނަލް ފްރޮންޓް" ގެ ކެންޑިޑޭޓު ގޮތުގަ އެވެ. 

ގަދަ ދަނބު ކުލައެއްގެ ޕޯސްޓަރުތަކަކާއެކު، ހުސައިން ވަހީދު ނުކުމެ ހުންނެވީ "މާ ނަލަ މާލެ ސިޓީ" ގެ ޝިޔާރުގަ އެވެ. މިހާރު މާލެ ސިޓީއަށް ނައިސް އޮތް ނަލަކަން ގެންދިނުމަށް ޓަކައި ކަމަށް ވިދާޅުވެ އެވެ.

ހުސައިން ވަހީދުގެ ތަސައްވުރުގައި މައިގަނޑު ގޮތެއްގައި އޮތީ މާލޭގައި އުޅޭ މީހުންގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހަމަޖެއްސުމާއި މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ބައެއް ސިޔާސަތުތަކެކެވެ؛

  • ގާނޫނުގައި ބަޔާންކުރާ ދުއްވާ އެއްޗެހީގެ ކޯޓާ ކަނޑައެޅުން
  • މާލޭގެ ހުސްކޮށް އޮންނަ ކޮންމެ ޖާގައެއްގައި ޕާކިން ބިލްޑިން
  • އަމިއްލަ ބައެއް އިމާރާތްތަކުގެ ތިރީގައި ޕާކް ކުރެވޭނެ ގޮތްތަކެއް ހޯދައި އެ ކަން ހަމަޖެއްސުން
  • ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން
  • ވެށިފާރަވެރިން ތަމްރީނުކޮށް، މާލޭގެ އަމަން ބެލެހެއްޓުން ވަރުގަދަކުރުން
  • ބިދޭސީން ވެސް ހިމެނޭހެން މާލޭގައި އުޅޭ މީހުންގެ ދަފްތަރެއް އެކުލަވާލުން
  • ގަރާޖު ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުން
  • އާމްދަނީ ހޯދުމަށް ޒުވާނުންނަށް ވިޔަފާރި ކުރެވޭނެ ސްކީމްތަކެއް ގެނައުން

ކެންޑިޑޭޓު ނަންބަރު 3: އާޒިމާ ޝަކޫރު

އާޒިމާއަކީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓެވެ. އަބަދުވެސް ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ ހަރަކާތްތަކުގައި އުޅުއްވާ އާޒިމާއަކީ ގާނޫނީ ވަކީލެކެވެ. ބަންޑާރަ ނައިބު ކަން ވެސް ކުރައްވާފައިވާ އާޒިމާ ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އާޒިމާ ނުކުންނެވީ، މިދިޔަ ދޮޅު އަހަރު މާލޭގެ މޭޔަރަކަށް ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވާނެ "އިތުބާރު މާލިމީ" ގެ ގޮތުގަ އެވެ. އެ ޝިޔާރާއެކު ނުކުންނަވައި، އޭނާ ހުށަހަޅުއްވަނީ ރައީސް މުއިއްޒުގެ ތަސައްވުރުގައި ހުންނެވި ކަންކަން ހަގީގަތަކަށް ހެއްދެވުމުގެ ޔަގީންކަމެވެ. އިތުރު، އަމިއްލަ ހައްލުތަކުގެ ހުށަހެޅުންތަކެއް ވެސް ގެންގުޅުއްވަ އެވެ.

މޭޔަރު ބަހުސް ޕްރޮގްރާމްތަކުގައި އާޒިމާ ވަނީ މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށާއި، މާލޭގައި ހުރި އިޖުތިމާއީ އެކިއެކި މައްސަލަތަކަށް އޭނާ ގެންގުޅުއްވާނެ ބައެއް ސިޔާސަތުތައް ކިޔައިދެއްވައިފަ އެވެ.

  • ފެމިލީ ފްރެންޑްލީ މަގުތަކެއް ގާއިމުކުރުން
  • ވެހިކަލްތަކުގެ އަދަދު އަދި އޭޖު ލިމިޓު ކަނޑައަޅައި، ތަންފީޒު ކުރުން
  • އުކާލަން ޖެހޭ ވެހިކަލްތައް ފާހަގަކޮށް، ޓޯޔާޑް އެކްޓިވް ކުރުން
  • ވެހިކަލްތަކުގެ ޓޯޔާޑަށް، އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ކަނޑައެޅުން
  • މަދުވެގެން ހަތަރު ޕާކިން ބިލްޑިން އެޅުން
  • މާލޭގެ މަގުތަކުގެ ސާފޭސް ލެވެލް އެއްވަރަކަށް، މަގުތައް ހެދުން
  • މަގުތަކުގެ ޕޭމަންޓް ޑިޒައިން ވަރުދަކުރުން
  • ޒުވާނުންނަށް ޓާގެޓެޑް އެޑިއުކޭޝަން ޕްރޮގްރާމް
  • 1500 އަންހެނުންނަށް ވަޒީފާ ދިނުމަށް ޕްރޮގްރާމެއް ހިންގުން
  • ބިދޭސީންނަށް ހާއްސަ ބޯހިޔާވަހިކަން، ވަކި މުޖުތަމައެއް އުފެއްދުން
  • ވެމްކޯއާ ގުޅިގެން މާލޭގެ މަގުތައް ސާފުކުރުން ރަނގަޅު ކުރުން
  • ބުޅާ ނަޖިހުން މަގުތައް ސާފުކޮށް، ބުޅަކަށް ޝެލްޓާއެއް ދިނުން

ކެންޑިޑޭޓު ނަންބަރު 4: އާދަމް އާޒިމް

އާދަމް އާޒިމަކީ، މި ވަގުތު އެންމެ ބޮޑު މެންބާޝިޕް އޮތް ޕާޓީ ކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓެވެ. ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި އާޒިމަކީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެވެ. އާޒިމްގެ އެމްޑީ ކަމުގައި، މާލެ ސަރަހައްދަށް ބަސް އިތުރުކޮށް އެ ހިދުމަތް ފުޅާކޮށްފައިވެ އެވެ. އަދި ބަސް ދަތުރަށް އަގު ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސި އެވެ.

މި ނޫނަސް، މުޅި ރާއްޖެއަށް އެމްޓީސީސީން ގެނެސްދިން އިންގިލާބީ ބަދަލުތަކަކީ މި އިންތިހާބަށް އާޒިމް ގެންގުޅޭ އެންމެ ބޮޑު ހަތިޔާރެވެ. އެ ޓްރެކް ރެކޯޑު ދެއްކުމުގެ އިތުރަށް އާޒިމްގެ ތަސައްވުރެއް އެބަ ހުށަހަޅުއްވަ އެވެ.

ޝިޔާރަކީ "ފެހި، ތަނަވަސް މާލެ" އެވެ. ޝިޔާރު ތަފްސީލްކޮށްދެއްވުމަށް، މީޑިއާތަކަށް ދެއްވި އެކި އިންޓަވިއުތަކުގައި ވެސް އާޒިމްގެ ވާހަކަ ފައްޓަވަނީ "ދިރިތެޅެން" ޖެހިފައިވާ މާލެއަކީ "ދިރިއުޅެވޭ" ތަނަކަށް ބަދަލު ކުރާ ވާހަކަ އެވެ. ސްޕީޗުތަކުގައި އޭނާ ގެންދަވަނީ އޭނާގެ ތަސައްވުރު ހާމަކުރައްވަމުންނެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބަހުސްގައި އަދި އާޒިމް ބޭއްވެވި އެކި ކެމްޕެއިން ހަރަކާތްތަކުގައި ތަނަވަސް މާލެއެއް ގެނެވޭނެ ގޮތް ހަމަޖެއްސުމަށް އޭނާގެ ސިޔާސަތުތަކެއް ހުށަހެޅުއްވި އެވެ؛

  • ވެހިކަލްގެ އަދަދު ކަނޑައެޅުން
  • ޕާކިން ބިލްޑިންތަކެއް، ގަރާޖުތައް ޕާކިން ބިލްޑިންތަކުގެ ތެރެއަށް
  • މާލޭގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުން
  • މާލޭގައި ބިދޭސީން އުޅެވޭނެ ދަށް އަދަދެއް ކަނޑައެޅުން
  • އީދު ފަދަ މޫނަސަބަތީ ދުވަސްތަކުގައި، ކެއުން ފަދަ ހަފުލާތައް ބޭއްވޭ ގޮތަށް މަގުތަކުގެ އިންތިޒާމު ހަމަޖެއްސުން
  • ސެކިއުރިޓީއާއެކު، ޕާކްތަކަކީ ގިނަ ވަގުތު ތިބެވޭނެ ތަންތަނަށް ހެދުން
  • ބުޅާތަކެއް ޕާކު ހަދައި، ބުޅަލަށް ހާއްސަ ޑޮކްޓަރުން ބެހެއްޓުން
  • ކުދިކުދި ފްލެޓްތަކުގެ ބަދަލުގައި މާލެ މީހުނަށް ބިން ލިބޭ ޕޮލިސީ ތަންފީޒުކުރަން ބާރު އެޅުން
  • ފަންނުވެރި މަސައްކަތްތަކަށް، އާޓިސްޓުންނަށް ހިތްފަސޭހަ މަހާއުލުތަކެއް ވިލިމާލޭން ހަމަޖެއްސުން
  • މާލޭގެ މަސް މާރުކޭޓާއި، ކާބޯތަކެތީގެ މާރުކޭޓުން ވިއްކާ ތަކެތީގެ ކުއަލިޓީ ރެގިއުލޭޓް ކުރުން

ކެންޑިޑޭޓު ނަންބަރު 5: ސައިފް ފާތިހް

ސައިފު ފާތިހު ވާދަކުރައްވަނީ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓުގަ އެވެ. އެއީ މި ނިމުނު އަހަރު، އެމްޑީޕީ ދޫކޮށް ދިޔަ، ރައީސް ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޕާޓީ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގައި ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މޭޔަރު އިންތިހާބަށް ސައިފް ވިއްކަނީ "ލިވެބަލް މާލެ" ނޫނީ "އުޅެވޭ ވަރު މާލެ" ގެ ޝިޔާރެވެ. ގަލޮޅު އުތުރު ދާއިރާ ތަމްސީލްކުރައްވާ ކައުންސިލަރު، ގެންދަވަނީ މޭޔަރު އިންތިހާބަށް ތަފާތު ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.

ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި އެކި އިވެންޓްތަކާއި ސަންގުޓީވީ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބަހުސްގައި ސައިފް ވަނީ ގިނަ ސިޔާސަތުތަކެއް ހުށަހަޅުއްވައިފަ އެވެ.

  • ވިޔަފާރި އުސޫލުން ޕާކިން ސްލޮޓް ދޫކުރުމުގެ ސްކީމް އެއްކޮށް ރިވިއު ކުރުން
  • މީޓާ ޕާކިން ގާއިމު ކުރުން
  • މަގުމަތީ ޕާކު ކުރުން ވީހާވެސް ބޮޑަކަށް މަދު ކުރުން
  • ބަރު އުޅަނދުތައް މާލޭގައި ޕާކް ކުރުން ހުއްޓުވާލައި ހުޅުމާލޭގައި ޖާގަތަކެއް ހެދުން
  • މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް 10 ސަރަހައްދެއްގައި ޕާކިން ބިލްޑިން އެޅުން
  • ކުޅިވަރު ވަސީލަތްތަކާއި ޑޭކެއާ ސާވިސަސްތަކާއެކު، މަލްޓި ޕާޕަސް ޕާކިން ބިލްޑިންތަކެއް
  • ވެހިކަލްތަކުގެ ލިމިޓު ކަނޑައެޅުން
  • އުޅަނދުތައް ޓޯ ކުރުމުގެ ހިދުމަތް ސިޓީ ކައުންސިލަށް ނެގުން
  • މާލެއަށް ފެތޭ ސައިޒުގެ، ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ގެނައުން
  • ސްކޫލް ނިމޭ ގަޑިތަކަށް ދަރިވަރުންނަށް ހާއްސަކޮށް ބަސްތަކެއް ޑައިވާޓްވާ ގޮތަށް ބަސް ރޫޓު ހަމަޖެއްސުން
  • ވަކި ވަގުތެއްގައި ވެހިކަލް ދުއްވޭ މަގުތަކާއި ހަމައެކަނި ދެ ފޮރުޅުލީ ވެހިކަލް ދުއްވޭ މަގުތަކެއް ކަނޑައެޅުން
  • ސިޓީ ކައުންސިލްގެ ސްޓްރީޓް ސްކޭޕިން، މަގު ހެދުމުގެ މަޝްރޫއު އަލުން ފެށުން
  • ގެވެށި އަނިޔާ އަދި އެ ނޫން އަނިޔާގެ ޝިކާރައަށްވާ މީހުނަށް ފްރީ ލީގަލް އެއިޑް ކައުންސިލުން ދިނުން
  • އާންމު ޖާގަތަކާއި ޕާކްތަކަކީ 24 ގަޑިއިރު ސެކުއިރިޓީއާއެކު ހުޅުވިފައިވާ ތަންތަނަށް ހެދުން