"ދިވެހި ޖުމްހޫރީ ފޭރާން މިއަދު ޖަރީވެ ޒީނަތްވެފައި މިވަނީ، މުޅިން އާ ކުލަތަކަކުން. އެއީ، މިވަގުތާއި، މި ޒަމާނާއި ޙާލަތު ގެނެސްދިން އުންމީދީ ކުލަތައް. ބަދަލުވަމުންދިޔަ ރާއްޖެ މިވަނީ ބަދަލުވެފައި. މުޅިން އާ ރިޔާސީ ބަދަލަކަށް ލާމެހި ހިމުންވެފައި"
އެއީ ދިގު 30 އަހަރުގެ ވެރިކަމަށް ފަހު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމި ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމަކަށް އެނބުރު ދުވަސްވަރެވެ. ފުރަތަމަ ފަހަރަށް ގިނަ ބަޔަކު ކުރިމަތިލައިގެން އިންތިހާބެއް ބާއްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދު ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރައްވާ ވިދާޅުވި ބަސްފުޅެކެވެ.
އެންމެ ފުރަތަމަ ވެސް މުޅި ނިޒާމާއި ވެރިކަން ބަދަލުވި ގޮތުގެ އޮމާންކަމާއި އަމާން ކަމަށްޓަކައި ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާނީ، މި ދުނިޔޭގައި މި ފަހުގައި ރައްޔިތަކު ނުވެޔޭ 30 އަހަރުގެ ދިގު ވެރިކަމެއް މިހާ އޮމާންކަމާ އެކުގައި ނިންމައި، އާ ވެރިކަމަކަށް ޤައުމު ބަދަލުކުރި ރައްޔިތެއް. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ޝުކުރާއި މުބާރަކްބާދީ މި ސަބަބަށްޓަކައި ރައްދު ކުރަން. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ހަމަ ސާބަސް ދަންނަވަން."
އެމަނިކުފާނު ރައްޔިތުންނަށް ޔަގީންކަން އެރުވި ގޮތުގައި އެމަނިކުފާނު އުފައްދާ ސަރުކާރަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި އުފައްދާ ސަރުކާރެކެވެ. ވެރިކަން ކުރަނީ، ހަމައެކަނި ވެރިކަން ކުރުމަށްޓަކައެއް ނޫނެވެ. ކުރައްވާނެ މަސައްކަތަކީ ވައުދު ފުއްދުންކަމަށް ތަކުރާރު ކުރެއްވިއެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ޙައްޤީ، މިއަދު މިއޮތް މިންވަރު ނޫންކަމަށް އަޅުގަނޑުމެން މިއައީ ތަކުރާރުކޮށް ބުނަމުން. އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރު ކުރާނީ އެ ވާހަކަ."
ރައީސް ނަޝީދު ދެން ދެއްކެވީ ނިޒާމުގެ ބަދަލުވުމާއެކު ރައްޔިތުން ވެރިކަމަކުން އުންމީދު ކުރަންވީ ބައެއް ކަންކަމުގެ ވާހަކައެވެ. އަދި އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކެވެ. އެއީ;
- ތަކެތީގެ އަގު ރައްޔިތުންނަށް އަތް ނުފޯރާފަށަށް ބޮޑުވެގެން ގޮސްގެން ނުވާނެ.
- ޤައުމެއްގެ މާލީ ނިޒާމު، އެނޫން ގޮތަކަށް ރޭވެން ޖެހޭނެ.
- އަތްފޯރާފަށުގައި ބޯހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭނެ.
- ރައްޔިތުންނަކީ ރަށުބަންދުގެ ޙާލަތުގައި އެއްތަނުން އަނެއް ތަނަށް ދަތުރު ނުކުރެވި ތިބި ބަޔަކަށް ވެގެން ނުވާނެ.
- ޒުވާނުންނަކީ ޑްރަގުގެ ޝިކާރައިގައިޖެހި ގެއްލި ނިކަމެތިވެދާ ބަޔަކަށް ވެގެން ނުވާނެ.
"އަޅުގަނޑުމެން އެތައް ވަޢުދެއް ވެއްޖައީމޭ. އަޅުގަނޑުމެންނަށް ރައްޔިތުން އަޣްލަބިއްޔަތެއް ދެއްވީ، މި ވަޢުދުތައް އަޅުގަނޑުމެން ފުއްދުމަށްޓަކައި." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޤާނޫނުއަސާސީގެ ސީދާ ހަމަ ކުލަތަކުގެ ތެރޭގައި އެވަގުތު އެމަނިކުފާނުގެ އެންމެ ބޮޑު ވާޖިބަކީ އެ ޤާނޫނުއަސާސީގެ ރޫޙާއި، އެ ޤާނޫނުއަސާސީގެ ހަމަތަކާ އެއްގޮތަށް ރާއްޖޭގައި ހެޔޮ ވެރިކަމެއް ކުރުމެވެ. އިރާދަކުރެއްވިއްޔާ އެމަނިކުފާނު އެކަން ކުރުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ދެން އިޝާރާތް ކުރެއްވީ އެމަނިކުފާނަށް އޭރު ދެން އެންމެ ބޮޑު ގޮންޖެހުން ދިމާވާން އޮތް މައްސަލައަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ލިބިވަޑައިނުގަތުމެވެ.
އެހެން ނަމަވެސް އުންމީދުތަކެއް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވުޒާރާތައް ކަނޑައެޅުމާއި، އަދި ވުޒާރާތައް ފާސްކޮށްދިނުމާއި، ވަޒީރުންނަށް ރުހުން ދެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ކަމަށާއި އެމަނިކުފާނުގެ މަސައްކަތްތައް ފެށޭނީ އެކަން ކުރެއްވުމުން ކަމަށެވެ.
އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑު ދެކެނީ، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ އަޣްލަބިއްޔަތާ އެއްގޮތަށް ސަރުކާރެއް އުފެއްދުމަށް އަޅުގަނޑަށް އެހީތެރިވެދެއްވާނެ ކަމަށް.
ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލެއްވީ އަނެއްކާވެސް ނިޒާމުގެ ވާޙަކައިންނެވެ. ރާއްޖެ، ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް، ހެޔޮ ވެރިކަމުގެ ނިޒާމެއް ބޭނުންވާކަން ދިވެހިންނަށް އެނގެމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހެޔޮ ވެރިކަން ލިބިގަތުމަށްޓަކައި ނުހަނު ގަދަ، ނުހަނު ބުރަ މަސައްކަތް ކުރަމުން އަންނަތާވެސް ކިތަންމެ ދުވަހެއް ވެއްޖެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއަދު މި ފެށެނީ، ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތަށް، ރާއްޖޭގެ ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ހަމަތަކުގެ މަތިން ހިންގޭ ހެޔޮ ވެރިކަމުގެ ނިޒާމެއް މި ރާއްޖޭގައި ހިންގުމަށް."