އެންޓި ކޮރަޕްޝަން ކޮމިޝަން އިން އިއްޔެ ހާމަކުރީ ސަރުކާރަކުން ރައްޔިތުންނަށް ވެވޭނެ އެންމެ ބޮޑު އެއް ހިޔާނާތުގެ ވާހަކަ އެވެ. އޭސީސީ އިން ސީދާ އެހެން ނުބުންޏަސް އެ ކޮމިޝަނުން ހާމަ ކުރީ މުޅި ދިރިއުޅުން "ކުޑަ ގޮޅި" އެއްގައި ބޯހިޔާވެހިކަމުގެ މައްސަލަ އަށް އަވަސް ހައްލެއް ބޭނުންވެފައި ތިބި އެތައް ބަޔަކަށް ފްލެޓެއްގެ ހުވަފެން ދެއްކުމަށް ފަހު ބޭނުން ބަޔަކަށް ހިތުހުރި ގޮތަކަށް ބަހާލި ވާހަކަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 4000 ފްލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި 20,697 ފަރާތުން ފޯމް ހުށަހެޅި އެވެ. އެ ހުރިހާ އެންމެނަށް ދޭނެ ފްލެޓެއް ނެތް ކަން އެނގިތިބެ ރިޔާސީ އިންތިހާބު ބޯމަތީ އޮތުމުން އެތައް ބައެއްގެ އުންމީދާ ކުޅެލައި 18,167 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ނިންމި އެވެ.
އެ އެންމެނަކީ ވެސް ސަރުކާރުން ބޯހިޔާވެހިކަމެއް ދޭން ޖެހޭ ފަރާތެއް ކަމާއި ސަރުކާރުން އެ މީހުންނަށް ފްލެޓެއް ދޭނެ ކަމުގެ ބޮޑެތި ވައުދުތައް ވަމުން ދިޔަ އެވެ.
އެހެން ނަމަވެސް ރިޔާސީ އިންތިހާބު ނިމި އާ ސަރުކާރެއް އެކުލަވައިލުމުގެ މަގުމަތީ އޮތުމުން އެފަދަ އެއްވެސް މަސައްކަތެއް ނުކުރަން އަންގާފައި ވަނިކޮށް ކުރީގެ ހައުސިން މިނިސްޓްރީ އިން ވަނީ ފްލެޓުތައް ބަހާލައިފަ އެވެ. އަދި 18,000 މީހުންގެ ތެރެއިން 4000 މީހުން ފުރާނާލައި އޭރު ސަރުކާރަށް މަސައްކަތް ފެށިފައި އޮތް 4000 ފްލެޓު ދޭނެ ލިސްޓު އެކުލަވައިލި އެވެ.
މިއާއެކު ބާކީތިބި އެންމެން "އަރައިގަނެ" ސަރުކާރާއި އޭސީސީ އަށް ޝަކުވާތައް ބަންޑުން ކޮށްލި އެވެ.
- އޭސީސީ އަށް ހުށަހެޅުނު ޝަކުވާ – 325
- ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާ – 5115
- ދާއިމީ ލިސްޓަށް ހުށަހެޅުނު ޝަކުވާ – 12,367
އެ ޝަކުވާތައް ބެލުމަށް ފަހު އޭސީސީ އިން އިއްޔެ ހާމަކުރީ ހަގީގަތާ ހިލާފު ވާހަކަތެއް ކަމަށް ނުވަތަ މި ސަރުކާރުން ދައްކާ ސިޔާސީ ވާހަކައެއް ކަމަށް ބުނެވިދާނެ އެއްވެސް ގޮތެއް މިފަހަރަކު ނެތެވެ.
ސަބަބަކީ އެ މައްސަލަތައް ތަހުގީގު ކުރީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވައިގެން އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންނެވެ. މި ސަރުކާރުން އެއިން އެއްވެސް މެންބަރަކު މިހާތަނަށް ބަދަލެއް ނުކުރެ އެވެ. އަދި އެއިން މެންބަރަކާ ރަސްމީކޮށް ބައްދަލެއް ވެސް ނުކުރައްވަ އެވެ.
އެހެންވެ އެ ކޮމިޝަނާ މެދު އަދި ތަހުގީގާ މެދު ޝައްކެއް އުފައްދާނެ ޖާގައެއް ނެތެވެ. ރައްޔިތުން ގަނަތެޅުނު ގޮތާއި ފްލެޓުތައް ބަހާލި ގޮތް އޮތީ ހާމަވެފައި އެވެ.
ދޮގުވެރިންނާއި މުއްސަނދިންނަށް ފްލެޓު!
އޭސީސީ އިން 4000 އެއްހާ މީހުންގެ ސާމްޕަލް އެއް ނަގައިގެން ކުރި ތަހުގީގުން ހާމަވި އެންމެ ބޮޑު ކަމަކީ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ ހަގީގަތުގައި ފްލެޓު ލިބެން ޖެހޭ މީހުންނެއް ނޫނެވެ. އެއީ މުޅީ ލިސްޓުން ބަލާނަމަ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ފްލެޓު ދީފައި އޮތީ ޝަރުތު ހަމަނުވާ މީހުންނަށް ކަމަށް ބަލައި ލިސްޓު ބާތިލް ކުރެވޭ ވަރުގެ މައްސަލައެކެވެ.
އޭސީސީން ބުނި ގޮތުގައި އެއް ކަމަކަށް 15 އަހަރު މާލޭގައި ދިރިއުޅެފައި ހުރި މީހަކަށް ވާން ޖެހޭއިރު އެ މުއްދަތުގައި ދިރިއުޅެފައި ހުރި މީހެއް ނޫންކަން ހައުސިންގެ ޕޯޓަލް އިން ކަނޑައެޅިގެން އެނގެން ހުރި ފޯމްތައް ވެސް ވަނީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ހެއްކެއް ގޮތުގައި ބައެއް މީހުން ކުންފުނިތަކަށް ރިފަރަންސް ދީފައިވާ އިރު އެ ކުންފުނިތައް ވުޖޫދު ނުވާއިރު ވެސް އެ ކުންފުނީގައި ވަޒީފާ އަދާކޮށްފައިވާ ކަމަށް ބުނާ ލިޔެކިޔުންތައް ހުށަހަޅާފައި ހުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފްލެޓު ދީފައި ވަނީ ގެދޮރުވެރިކަމަށް އެންމެ ބޭނުން ޖެހިފައި ހުރި ފަރާތްތަކަށް ކަމަށް ކުރީ ސަރުކާރުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް ފްލެޓު ދިނުމަށް ނިންމާފައި އޮތީ އެއާ މުޅިން ހިލާފަށެވެ.
ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން މީގެ ކުރިން ސަރުކާރުން ދޫކުރި ސޯޝަލް ހައުސިން ފްލެޓެއް ލިބިފައި ހުރި ފަރާތްތައް ވެސް ހިމެނެ އެވެ. އަދި މީހަކަށް އާމްދަނީގެ ގޮތުގައި މަހަކު 60,000 ލިބޭނަމަ ޝަރުތު ހަމަ ނުވާނެ ކަމަށް ކަނޑައެޅިގެން އުސޫލުގައި ބުނެފައިވީ ނަމަވެސް އެވަރުގެ އާމްދަނީ ލިބޭ މީހުންނަށް ވެސް ފްލެޓު ދީފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.
އޭގެ އިތުރުން ދަރިން ތިބި މީހުންނަށް އިތުރަށް ޕޮއިންޓް ލިބޭ ގޮތަށް އުސޫލު އެކުލަވާލާފައި އޮތް އިރު އެއްވެސް ދަރިއަކު ނެތް ކަން ދައުލަތުގެ އިދާރާތަކަށް ކަނޑައެޅިގެން އެނގޭއިރު ވެސް ބައެއް އެޕްލިކަންޓުގެ ދަރިން ހުރި ކަމަށް ހަދައި އިތުރަށް ޕޮއިންޓު ދީފައިވާ ކަން ވެސް ވަނީ އެ ކޮމިޝަނަށް ފާހަގަވެފަ އެވެ.
"މި ކަންކަމަށް ރިއާޔަތް ކުރާއިރު ގިނަ ފަރާތްތަކުގެ ހައްގު ގެއްލުމުގެ އިހުމާލު އޮތް ކަން ފާހަގަކުރެވޭ" އޭސީސީ އިން ބުންޏެވެ.
އޮޅުވާލައިގެން ބޭނުން ބަޔަކަށް ބަހައިލި ގޮތް!
ފްލެޓު ދިނުމުގައި މައްސަލަތައް ހުރި ކަމަށް އަމިއްލަ ޖަމިއްޔާތަކާއި އެތައް ރައްޔިތުންތަކެއް ޝަކުވާ ކުރަން ފެށުމުން އޭސީސީ އިން ފުރަތަމަ ވެސް ފްލެޓު ދޫކުރުން ހުއްޓުވި އެވެ. އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ކުރީ ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުން އެ ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރި އެވެ.
މަޖިލީހަށް ޖަވާބު ދެއްވަމުން އޭސީސީ އިން ވަނީ ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ ފިނި ކޮޓަރިތަކުގައި ތިބެގެން ރައްޔިތުންގެ ހައްގަށް އަރައިގަތް ގޮތުގެ ކުޑަ ތަފްސީލެއް ހާމަކޮށްފަ އެވެ.
އޭސީސީގެ މެންބަރުން ވިދާޅުވި ގޮތުގައި ރައްޔިތުން ޕޯޓަލް އަށް ހުރިހާ މައުލޫމާތެއް އަޅާއިރު އޭގެ އަމިއްލަ ޒާތުގައި ޕްރޮސެސް ވެގެން ޕޮއިންޓު ލިބެ އެވެ. އެހެން ނަމަވެސް ޕޯޓަލްގެ ބައެއް ހިސާބުތަކުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ އެޕްރޫވް ކުރަން ހައުސިން މިނިސްޓްރީ އިން އުފެއްދި ކޮމިޓީގެ ބޭފުޅަކު އިންނަވަ އެވެ. އަދި "މަތިން އަންގާ ގޮތަކަށް" އެ ބޭފުޅަކަށް މެނުއަލީ އެކަން ކުރެވޭ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.
ފްލެޓަށް ޝަރުތު ހަމަ ނުވާ އެތައް ބަޔަކު ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ ވެސް އެގޮތަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމައެއް ނުވޭ، އެހެންވެއްޖެ އެ ސިސްޓަމްތަކުން ޝަރުތު ހަމަ ނުވާ ކަމަށް ދައްކާ. ނަމަވެސް އެޕްރޫވަލް ލެވަލް އިން ޝަރުތު ހަމަވާ ކަމަށް ބަދަލު ކޮށްފައި ހުންނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ވަނީ" އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވިދާޅުވި އެވެ.
މިސާލެއް ގޮތުން އޭނާ ވިދާޅުވީ ފޯމެއްގައި ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރްގެ ޑޭޓާތަކުން ވެސް އެކަން އެނގޭ އިރު އެޕްރޫވް ކުރަން ހުންނަ ފަރާތްތަކުން އޭނާގެ ދަރިއެއް ހުންނަ ކަމަށް ޖަހައި އިތުރަށް މާކްސް ދީފައި ހުރި އެވެ.
އޭގެ އިތުރުން ބައެއް ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ހުރި އިރު ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަން ވަރަށް ސާފުކޮށް ފެންނަން އޮންނަ ކަމަށް ސަލާމް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ވެސް ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓު ވެސް ދީފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެވެސް ދިމާލަކުން ޕޯޓަލް ތެރެއިން މާކްސްތައް އެބަ ބަދަލު ކުރާކަން. މިކަހަލަ ކަންކަން ފާހަގަވޭ." އޭނާ ވިދާޅުވި އެވެ.
އަނެއްކާވެސް އޮތީ ގަނަތެޅުން
އޭސީސީގެ ތަހުގީގުން ހާމަވި ކަންކަމާ މެދު މި ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅައި އޭގެ ފަހަތުގައި ތިބި މީހުން ހޯދައި ހައްގު އަދަބު ދިނަސް ރައްޔިތުންގެ ހާލަތަކަށް ބަދަލެއް ނާދެ އެވެ. އެއީ 20,000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެ ލިސްޓުގެ ބޮޑުބައި އޮޅުވާލައި މަކަރު ހެދި ކަމަށް ބެލެވޭ އިރު އެ ލިސްޓަށް ބަލައިގެން ފްލެޓުތައް ދިނުމަކީ ކަނޑައެޅިގެން ބޭއިންސާފެކެވެ.
އެ ލިސްޓުގެ ސައްހަކަމާ މެދު ސުވާލު އުފެދުމުން ބައެއް މީހުން އަންނަނީ ސަރުކާރުން ދާދި އެއް ގޮތަކަށް ދޫކުރި ބިންތަކާ މެދު ވެސް ސުވާލު އުފައްދަމުންނެވެ. ބިންތައް ދިނުމުގައި އޭރު ވެސް ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އާއިލާތަކާއި ސަރުކާރަށް ފައިސާ ދޭ އެތައް ބަޔަކަށް ބޮޑެތި ގޯތިތަކެއް ކައިރި ކައިރީ ދިން ކަމުގެ އެތައް ތުހުމަތެއް އޮތެވެ.
އެހެން ނަމަވެސް އެ ސަރުކާރުގެ އަތް ދަށުގައި އޮވެ މިއިން އެއްވެސް ކަމެއް އޭރު އޭސީސީގެ ރާޑަރަކަށް ނާރަ އެވެ.
މިހާރު އޮތް ލިސްޓާ މެދު އަމަލު ކުރާނެ ގޮތެއް އަދި ސަރުކާރަކުން ނުނިންމަ އެވެ. އެހެން ނަމަވެސް ކޮންމެ ގޮތަކަށް އެ ލިސްޓަށް ހެދިޔަސް ރައްޔިތުންނަށް އަނެއްކާވެސް އޮތީ ބޯހިޔާވެހިކަމުގެ ހައްލެއް ނުލިބި ގަނެތެޅުމެވެ. އެއީ އެ ލިސްޓަކީ ރިޔާސީ އިންތިހާބެއް ކުރިމަތީ އޮތުމުން ރައްޔިތުން ސްކޭމެއްގައި ޖައްސައި އެތައް ބަޔަކަށް ދިން ލަނޑެކެވެ.
ކޮންމެ ސަރުކާރެއް ވެރިކަމަށް އަރައި އެބަޔަކު ބޭނުންވާ ބަޔަކަށް ބޭނުން ގޮތަކަށް ސިޔާސީ ގޮތުން ފްލެޓުތައް ބަހާލާތީ މި މައްސަލަ ދުވަހަކު ވެސް ކޮޅުން ނުލަ އެވެ.