ގައްޒާ ސިޓީ, ގައްޒާ - އަހުމަދު އަލް-ސާދީ އާއި އޭނާގެ އާއިލާ އަކީ މީގެ މަހެއްހާ ދުވަސް ކުރިން އިސްރާއިލުން ގައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާމްގައި ދެމުންދާ ހަމަލާތަކުން ހަނި ގޮތަކުން ސަލާމަތްވި ބައެކެވެ. އަނިޔާވެރި ހަމަލާތަކުގައި އެ އާއިލާ ދިރިއުޅޭ މުޅި ސަރަހައްދު ފުނޑާލާފައިވާއިރު, މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 10,000 އަށްވުރެ ވަނީ މަތިވެފައެވެ.
ގެ ސުންނާފަތިކޮށްލުމުން އަލް-ސާދީގެ އާއިލާއިން ހިޔާވަހިކަން ހޯދީ އދގެ ސްކޫލެއްގައެވެ. ނަމަވެސް, އެތަނަށް ވެސް އެތައް ފަހަރެއްގެ މަތިން ވައިގެ މަގުން ބޮން އަޅާ ވަނީ ސުންނާފަތިކޮށްލާފައެވެ.
މިތަނުގައި އަހަރެމެން ތިއްބާ ބައެއް މީހުން މަރާލި. ސްކޫލްތައް ރައްކާތެރި ނޫން ނަމަ ދެން އަހަރެމެން ދާނީ ކޮންތާކަށް ހެއްޔެވެ؟ މުޅި އާބާދީއަކަށް ރައްކާތެރިކަން ހޯދާނީ ކޮންތާކުން ހެއްޔެވެ؟
އަލް-ސާދީގެ މި ސުވާލަކީ ގޮތް ހުސްވެ, މާޔޫސްވެފައިވާ ގައްޒާގެ އެތައް ރައްޔިތުންގެ ސުވާލެވެ. އެ ބިރުވެރިކަމުގައި އެމީހުން ތިބިއިރު އިސްރާއިލުން ރާވަމުން ދަނީ އެއްގަމު މަގުން ވެސް ހަމަލާދީ މުޅި ގައްޒާ އަށް ވެރިވެގަންނާށެވެ.
އިސްރާއީލުން ވަނީ ގައްޒާގެ އުތުރާއި މެދުތެރޭގެ ރައްޔިތުން ގެދޮރު ހުސްކުރުމަށް އަސްކަރީ އަމުރެއް ނެރެފައެވެ. "ވާރ ޒޯން"އެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅާ އިސްރާއިލުން ގައްޒާ ރައްޔިތުންނާއި އދ.ގެ އޮފިޝަލުންނަށް ވެސް ގެދޮރު ހުސްކޮށް ދާން ދިނީ 24 ގަޑިއިރެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އުޑުމަތިން ޕެމްޕްލެޓްތައް ބަހާ، ކުރިން ރެކޯޑްކޮށްފައިވާ ފޯނު ކޯލްތަކަކުން ވަނީ ހަމާސް އާއި ހަތިޔާރު އެޅި އެހެން ޖަމާއަތްތަކާ ގުޅުން ހުރި "ޓެރަރިސްޓް ސައިޓްތަކަށް" އަމާޒުކޮށްގެން ހަމަލާދޭނަ ކަމަށް ރައްޔިތުންނަށް އަންގާފަ އެވެ.
"ގައްޒާ ސިޓީއަށް އެނބުރި ދެވޭނީ އެކަން ހުއްދަކުރާ އެހެން އިއުލާނެއް ކުރުމުން،" އިސްރާއިލްގެ އަސްކަރިއްޔާއިން ބުންޏެވެ. “އިސްރާއީލްގެ ސެކިއުރިޓީ ފެންސް ޖަހާފައިވާ ސަރަހައްދާ ކައިރި ވެގެން ނުވާނެއެވެ”.
އދ. އިން ވަނީ އެ އަމުރު ކުށްވެރިކޮށް އެއީ ކުރަން މުސްތަހިއްލު ކަމެއް ކަމަށް ބުނެފައެވެ. އަދި އެ އަމުރުން އިސްރާއިލްގެ ހަގީގީ މޫނު ކަމަށްވާ ހަނގުރާމަވެރި, އަނިޔާވެރިކަމުގެ ސޫރަ ކަޝްފުވެގެން ގޮސްފައިވާ ކަމަށް ގައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނެފައިވެއެވެ.
އެ އަމުރުގެ ސަބަބުން ގައްޒާގެ އެތައް ހާސް ބަޔަކު ސްޓްރިޕްގެ ދެކުނާ ދިމާއަށް ދަތުރުކުރިއެވެ.
އެކަމަކު އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދެ ޓްރަކާއި ކާރަކަށް އަމާޒުކޮށްފައި ވަނީ ސަލާހުލްދީނާއި އަލްރަޝީދު މަގުގެ ތަފާތު ތިން ހިސާބަކަށް ހަމަލާތައް ދީފައެވެ. އެ އުޅަނދުތަކުގައި ތިބީ ގައްޒާގެ ދެކުނަށް ދަތުރުކުރަމުން ދިޔަ އާއިލާތަކެކެވެ.
މި ހަމަލާތަކުގައި ފަލަސްތީނުގެ 70 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީނުގެ ގިނަ ބަޔަކަށް މި ވަގުތުކޮޅު ގުގުމާލަނީ 1948 ވަނަ އަހަރު އެމީހުންގެ ކާބަފައިންގެ ތަޖުރިބާތަކެވެ. އެތައް ހާސް ބަޔަކު މަރުވެ، 750،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން އެމީހުންގެ ބިމުން ބޭރުކޮށް, ފިލަން މަޖުބޫރު ކުރި އެވެ. އެ ދުވަސްވަރަށް ފަލަސްތީނު މީހުން ކިޔަނީ ނަކްބާ ނުވަތަ ކާރިސާ އެވެ.
އޭރު ވެސް، އެއްވެސް މީހަކު ސަލާމަތް ނުވިއެވެ – އަންހެނުންނާއި ކުޑަކުދިންވެސްމެ އެވެ؛ އުމުރުން ދުވަސްވީ މީހުންނެވެ، އަދި އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވާން ދިޔަ މީހުން ވެސްމެއެވެ. 1948 ވަނަ އަހަރު ގެދޮރު ދޫކޮށް ދިޔަ މީހުންނަށް އެނބުރި އާދެވޭ ގޮތަށް ދުވަހަކު ވެސް ނުވިއެވެ. އެ ފުރުސަތެއް އިސްރާއިލުން ނުދީ އެ ސަރަހައްދަށް ވެރިވެގަނެ އިސްރާއިލޭ ކިޔާ ދައުލަތް ފުޅާކުރީއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޣަރުބާވީ އާއިލާގެ އެއް މީހަކު ބުނީ އޭނާ ދެކުނަށް ދަތުރުކުރަމުން ދިޔައީ ގާތްތިމާގެ 20 އަށް ވުރެ ގިނަ މީހުންނާއި އަބޫ އަލީ އާއިލާގެ މެމްބަރުންނާ އެކު ކަމަށެވެ.
"އެއީ ގިނައިން އަންހެނުންނާއި ކުޑަކުދިން،" އޭނާ ބުންޏެވެ. “އަހަރެން ހޭނެތިގެން ވެއްޓުނީ އިސްރާއީލުގެ ފުރަތަމަ ހަމަލާ އަމާޒުވުމާ އެވެ. އަހަރެން ހޭލައިގެން ވަށައިގެން ބަލާލިއިރު އަހަރެންގެ އަމިއްލަ އާއިލާ މަރުވެފައި ފެނުނު. އެއް އަންހެން ކުއްޖެއްގެ ސިކުނޑި ބޮލުން ފައިބަމުން ދިޔައެވެ.”
އެމްބިއުލާންސްތައް އެތަނަށް އައުމުން އަނެއްކާވެސް އިސްރާއީލުގެ ވައިގެ ހަމަލާއެއް ދިނެވެ.
“އަހަރެން ނިވާކަން ހޯދީ ފާރެއްގެ ފަހަތުން”, އެމީހާ ބުންޏެވެ. “އަހަރެން ހުވާކުރަން، ތިންވަނަ ވައިގެ ހަމަލާއެއް ދިން. ހީވީ ހުރިހާ އަންހެނުންނާއި ކުޑަކުދިން މަރާލަން ބޭނުންވެގެން ދިން ހަމަލާއެއްގެ ގޮތުގައި.”
ނަމަވެސް އެތައް ހާސް ބަޔަކު ގެތައް ދޫކޮށް ސަލާމަތްވާން ހިޖުރަކުރަމުންދާއިރު، އެހެން ގިނަ ބަޔަކު އެކަމަށް ދެކޮޅު ހަދައެވެ. އަދި އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް ހަތިޔާރު އެޅި މުޖާހިދުންނަށް ތާއިދުކުރަމުންދެއެވެ. ގައްޒާގެ އެކި ހިސާބުތަކުގައި މަގުމައްޗަށް އެއްވެ، ޝިއާރުތައް އުފުލައި، ގެތައް ދޫކޮށް ނުދާނެ ކަމަށް ގޮވިއެވެ.

ދެކުނަށް ދަތުރު މީހުންނަށް އަމާޒުކޮށް ބޮން ގޮއްވާލުމުން އެ ޝުއޫރުތައް އިތުރަށް ވަރުގަދަވި އެވެ.
“އެމީހުން ކޮންމެ ތަނެއްގައި ކޮންމެ ގޮތެއްވިޔަސް އަހަރެމެންނަށް ބޮން އަޅަމުންދާ ނަމަ ދެން ކީއްވެގެންތޯ އަހަރެމެން ގެތައް ދޫކޮށް ފުރަންވީ؟ އަހަރެމެން މިތިބީ ގޭގައި، އަހަރެމެން ބޭނުންވަނީ ގޭގައި މަރުވާން،” އަލްޖަޒީރާއަށް މައުލޫމާތު ދެމުން ގައްޒާ ސިޓީގެ ރައްޔިތެއް ކަމަށްވާ ކަރަމް އަބޫ ޤުތާ ބުންޏެވެ.
“އެމީހުން އަހަރެމެންނަށް ފެނާއި ކާނާއާއި ކަރަންޓުން ކަނޑާލާފައި، މިހާރު ގެއިން ނުކުތުމަށް ބާރުއަޅަނީ. އެމީހުން އަހަރެމެންނަށް މިހެން ކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި އަހަރެމެން ގައްޒާގައި އުޅޭ ފަލަސްތީނު މީހުން ވެގެން ހެއްޔެވެ؟” މާޔޫސްކަމުގެ ބޭއިންސާފުގެ ވާހަކަތައް ހިއްސާކުރަމުން, ގައްޒާގެ ރައްޔިތަކު ބުންޏެވެ.
“މިއީ ދެވަނަ ނަކްބާއެއް. އެކަމަކު ހިސޯރުކުރާ އިސްރާއިލުން ވިސްނަންވީ އަހަރެމެންގެ މިތީ އަހަރެމެންގެ އަމިއްލަ ބިމުގައި ގަދައަށް ބިންވަޅު ނެގިގެންކަން، މި ބިމުގެ މިނިވަންކަމާއި ސުލްހަ އާއި ރައްކާތެރިކަމަށް އަހަރެމެންނަށް ތެދުވާނެކަން,"
މި ދެ ދުވަހު ސޯޝަލް މީޑިއާ ބަލާލިޔަސް ފެންނަނީ 1948 ގައި ފެނުނު މަންޒަރުތަކެވެ. ހީލަތްތެރިކަމާ އެކު ގަދަބާރުން ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ގެދޮރުން ބޭރުކުރި މަންޒަރު ތަކުރާރުވާ ތަނެވެ. މުޅި އާއިލާ ގެއްލި, ޔަތީމްވި ކުދިން ސަލާމަތްވާން ގެދޮރު ދޫކޮށްދާ މަންޒަރެވެ. މުޅި ގެދޮރު ސުންނާފަތިވެ އުޅޭނެ ތަނެއް ނެތް މީހުން ހިޔާވަހިކަމެއް ހޯދަން ދަތުރުކުރާ ތަނެވެ.
މިއީ ހަގީގަތުގައި ވެސް ދެވަނަ ނަކްބާ އެވެ. އަހަރެމެން ތަޖުރިބާ ކުރަމުން މިދަނީ އެ އަނިޔާވެރި ކާރިސާ އެވެ.